ޓްރަމްޕް: މިޑްޓާމް އިންތިޚާބަށްފަހު އީރާން ހަނގުރާމަ "ވަގުތުން" ނިމޭނެ
10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 03:58އީރާނުގެ ނިއުކްލިއާ މައްސަލައިގައި އެމެރިކާއިން ބޭނުންވަނީ ހަމައެކަނި އެއްބަސްވުމަކަށް އައުމުގެ ބަދަލުގައި އެއަށްވުރެ ފުޅާ ދާއިރާއެއްގައި ކަންކަން އިސްލާހުކުރުމަށް. ހުރްމުޒް ކަނޑުއޮޅީގައި އެމެރިކާގެ މަނަވަރުތަކަށް ދޭ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުގެ ތެޔޮ ޓޭންކަރުތައް ނައްތާލަމުންދާނެ ކަމުގެ އިންޒާރު އެމެރިކާގެ އިސްވެރިން ވަނީ ދެއްވާފައި. މީގެ އިތުރުން، އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އީރާނަށް ދެމުންދާ ޕްރެޝަރުތައް އިތުރަށް ވަރުގަދަކުރާނެ ކަމަށްވެސް އެމެރިކާ ސަރުކާރުން ބުނޭ

ޓެކްސަސްގެ ޑަލަސްއަށް ފުރާވަޑައިގަތުމުގެ ކުރިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަދައްކަވަނީ. | އެކްސް
ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ މިޑްޓާމް އިންތިޚާބަށް ފަހު، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ޣައިރުގާނޫނީ ހަނގުރާމަ "ވަގުތުން ނިމުމަކަށް އަންނާނެ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ. ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް ޓެކްސަސްގެ ޑެލެސްއަށް ކުރައްވާ ދަތުރުފުޅުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އިންތިޚާބަށް ފަހު ވަގުތުން ހަނގުރާމަ ނިމޭނެ ކަމަށް ގަބޫލުކުރައްވަނީ އީރާނަށް އިތުރަށް ކެތްކޮށްގެން ނުތިބެވޭނެތީ ކަމަށެވެ.
އަދި، އީރާނުގެ ވެރިރަށް ތެހެރާނުން މަސައްކަތް ކުރަމުންދަނީ އެ އިންތިޚާބަށް ނުފޫޒު ފޯރުވަން ކަމަށް ތުހުމަތު ކުރައްވަމުން، ނިއުކްލިއާ މަޝްވަރާތަކަށް އެނބުރި ދިއުމަށް ވޮޝިންގޓަނުން ބޭނުންނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މަޝްވަރާ ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ މި ވަގުތު އެމެރިކާއިން ބޭނުންވާ ކަމެއް ނޫން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، އޭނާގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ ހަމައެކަނި ނިއުކްލިއާ އެއްބަސްވުމަކަށް ވުރެ މާ ފުޅާ މަސައްކަތްތަކެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި، ނިއުކްލިއާ މައްސަލައަކީ މުޅި މައްސަލައިގެ 99.9 އިންސައްތަ ކަމުގައި ވީ ނަމަވެސް، އެއަށް ވުރެ ގިނަ ކަންތައްތަކެއް މަޝްވަރާގެ މޭޒުމަތީގައި ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހަމަމިއާއެކު، ހުރްމުޒް ކަނޑުއޮޅީގައި އެމެރިކާއިން ދާދިފަހުން ދިން ހަމަލާތަކުގައި އީރާނުގެ ނުވަ ތެޔޮ ޓޭންކަރަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށާއި، މިހާތަނަށް އީރާނުގެ ނުވަ ޓޭންކަރެއް ސުންނާފަތިކޮށްލާފައިވާ އިރު، ކުރިއަށް އޮތް ތަނުގައި މިއަށް ވުރެ ގިނަ ކަންތައްތަކެއް ފެންނާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
އަނެއްކޮޅުން، އީރާނަށް ބޭރުގެ އެހީތެރިކަން ލިބެމުންދާ ކަމަށާއި އޭގެ ސަބަބުން ހަނގުރާމައިގެ މިސްރާބު ބަދަލުވަމުންދާ ކަމަށް ދެކެވޭ ވާހަކަތައް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ ދޮގުކުރައްވާފަ އެވެ. އިކުއެޑޯއަށް ކުރެއްވި ޒިޔާރަތެއްގައި، އީރާނަށް އެހީތެރިވަނީ ކޮން ބައެއްތޯއާއި އެ ކަމާ މެދު އެމެރިކާއިން އަމަލުކުރާނީ ކިހިނެއްތޯ ސުވާލުކުރުމުން، އެއީ ވަކި ބަޔަކު ސިއްރިޔާތުގައި ދައްކާ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ރޫބިއޯ ވިދާޅުވި އެވެ. އަދި، އީރާނަށް ލިބޭ އެއްވެސް އެހީއަކުން ހަނގުރާމައިގެ މަސްރަހަށް ބަދަލެއް އަންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް އީރާނުން ދޭ ހަމަލާތަކުގެ ބަދަލު އެ ގައުމުން ދައްކަންޖެހޭނެ ކަމަށް ރޫބިއޯ ވެސް ރޫބިއޯ އިންޒާރު ދެއްވި އެވެ. އަދި، އެމެރިކާގެ މަނަވަރުތަކަށް އީރާނުން ހަމަލާދޭ ކޮންމެ ފަހަރަކު، އޭގެ ބަދަލުގައި އީރާނުގެ ތެޔޮ ޓޭންކަރުތައް ނައްތާލަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
"ރޭގައި އެކަނި ވެސް އެ މީހުންގެ އިތުރު ފަސް ޓޭންކަރެއް ގެއްލިއްޖެ. އޭގެ ތެރެއިން ހަތަރު ޓޭންކަރަކަށް ގެއްލުންދީ، އެއް ޓޭންކަރު ވަނީ ފައްތާލާފައި. އެހެންކަމުން އެ މީހުން ކުރާ ކަންތައްތަކުގެ ބަދަލު ދޭންޖެހޭނެ،" ރޫބިއޯ ވިދާޅުވި އެވެ. މީގެ އިތުރުން، އީރާނާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށް ވިދާޅުވެ، އިގްތިސާދީ ގޮތުން އެ ގައުމު އިތުރަށް އިނދަޖައްސާލުމުގެ މަސައްކަތް އެމެރިކާއިން ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު ވެސް ރޫބިއޯ ވަނީ ދެއްވާފަ އެވެ.
މަސްދަރު: އަނަދޯލް އޭޖެންސީ










