ޓްރަމްޕްއާ ޚާއްސަ ގުޅުމެއް އޮންނަ ކަމުގެ އަޑުތައް ފެތުރިފައިވާ ނަޓާލީ ހާޕް އަށް 45،000 ޑޮލަރުގެ ހަދިޔާއެއް ދެއްވިކަން ހާމަވުމުން ފާޑުކިޔުން ބޮޑުވެއްޖެ
10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:53ވައިޓް ހައުސްގެ ތިން މުވައްޒަފަކަށް ރައީސް ޓްރަމްޕް ދެއްވި ފައިސާގެ ހަދިޔާތަކަކީ އެމަނިކުފާނުގެ އާދަކާދައިގެ ތެރެއިން ދެއްވި އެއްޗެއް ކަމަށް ބުނެ ސަރުކާރުން ދިފާއުވި ނަމަވެސް، ގާނޫނީ މާހިރުން ދަނީ އެކަމަށް ފާޑުކިޔަމުން. މި ހަދިޔާ ލިބުނު މީހުންގެ ތެރޭގައި ޓްރަމްޕްގެ އަރިސް އެހީތެރިއެއް ކަމަށްވާ ނަޓާލީ ހާޕް ހިމެނޭއިރު، ފެޑަރަލް މުވައްޒަފުންގެ މުސާރައަށް އިތުރު ފައިސާ ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެގްޒެކެޓިވް އެސިސްޓަންޓް ނަޓާލީ ހާޕް ވޮޝިންގޓަން ޑީސީގައި ހުންނަ ވައިޓް ހައުސްގެ އޯވަލް އޮފީހުގައި | ގެޓީ އިމޭޖަސް
މާލީ ބަޔާންތަކުން ހާމަވެފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވައިޓް ހައުސްގެ އަރިސް މުވައްޒަފެއް ކަމަށްވާ ނަޓާލީ ހާޕް އާއި އިތުރު ދެ މުވައްޒަފަކަށް، ކޮންމެ މީހަކަށް 45،000 ޑޮލަރުގެ ނަގުދު ފައިސާގެ ހަދިޔާއެއް ދެއްވައިފި އެވެ.
ވައިޓް ހައުސްއިން އާންމުކުރި އެގްޒެކެޓިވް ބްރާންޗުގެ އަހަރީ މާލީ ބަޔާންތަކުގައި، ފަހަކަށް އައިސް ރައީސް ޓްރަމްޕާ އޮންނަ ގާތް ގުޅުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ހާޕް އާއި އަނެއް ދެ އަންހެން މުވައްޒަފުން ވަނީ، މި ފައިސާއަކީ "ޗުއްޓީ ހަދިޔާ" އެއްގެ ގޮތުގައި ރިޕޯޓްކޮށްފަ އެވެ.
ވައިޓް ހައުސްގެ އާންމުކޮށްފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ހާޕްގެ އިތުރުން މި ހަދިޔާ ލިބުނު އޯވަލް އޮފީސް އޮޕަރޭޝަންސްގެ ޑެޕިއުޓީ ޑައިރެކްޓަރު ޗެމްބަލިން ހެރިސް އަދި ކޮމިއުނިކޭޝަން އެޑްވައިޒަރު މާގޯ މާޓިން އަކީ އަހަރަކު 150,000 ޑޮލަރުގެ މުސާރަ ލިބޭ މުވައްޒަފުންނެވެ.
މި ތިން މުވައްޒަފުންނަށް ރައީސް ދެއްވި ފައިސާގެ ހަދިޔާއާ ގުޅޭގޮތުން ވައިޓް ހައުސްގެ ޕްރެސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޓްރަމްޕަކީ އެމަނިކުފާނުގެ އަރިސް ބޭފުޅުންނާއި، ސަރުކާރުގައާއި އަމިއްލަ ވިޔަފާރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކްރިސްމަސް ހަދިޔާ ދެއްވުމުގެ އާދަކާދަ ކުރީއްސުރެ ގެންގުޅުއްވާ ބޭފުޅެއް ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ހަދިޔާތަކަކީ އެ މުވައްޒަފުންގެ ރަސްމީ މަސައްކަތާ އެއްވެސް ގުޅުމެއް އޮތް އެއްޗެއް ނޫން ކަމަށާއި، އެހެންކަމުން ގާނޫނީ އަދި އަޚުލާގީ މިންގަނޑުތަކުގެ ތެރެއިން އެއީ ހުއްދަ ކަމެއް ކަމަށެވެ.
ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ސަރުކާރުގައި ވައިޓް ހައުސްގެ އެތިކްސް ލޯޔަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ރިޗަޑް ޕެއިންޓާ ވަނީ ޓްރަމްޕްގެ މި އަމަލަށް ފާޑުވިދާޅުވެފަ އެވެ. އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވައިޓް ހައުސްގެ މުވައްޒަފުންނަކީ ފިފްތު އެވެނިއުގެ އިމާރާތްތަކުގެ ދޮރުމަތީގައި ތިބޭ "ޑޯމަނުން" ނޫން ކަމަށެވެ.
ފެޑަރަލް މުވައްޒަފުންގެ މުސާރައަށް އިތުރު ފައިސާ އިތުރުކުރުން މަނާކުރާ ގާނޫނަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، މުސާރައަކީ ކަނޑައެޅިފައިވާ އެއްޗެއް ކަމަށާއި އެއަށްވުރެ އިތުރަށް ފައިސާ ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ކުރިން ޓީވީ ޗެނަލެއްގެ އެންކަރެއްގެ ގޮތުގައި މަސައްކަތް ކުރި 35 އަހަރުގެ ހާޕްއަށް އާންމުންގެ ސަމާލުކަން ބޮޑަށް ހުއްޓުނީ، ސެނެޓަރު ޖޯން އޮސޮފް ދެއްވި ތަގުރީރެއްގައި އޭނާގެ ނަން ފާހަގަކުރެއްވުމާ ގުޅިގެންނެވެ. ޖޯޖިއާގެ ޑިމޮކްރެޓް މެންބަރު އޮސޮފް ވަނީ، ގަތަރުގެ އަމީރު ހަދިޔާކުރެއްވި ކަމަށް ބުނާ މަތިންދާބޯޓުގައި ޓްރަމްޕާއެކު ހާޕް ދަތުރުކުރާ ކަމަށް ބުނެ ފާޑުވިދާޅުވެފަ އެވެ. މިއީ އީރާނުގެ ނުރައްކަލެއް އޮތުމުން، މިދިޔަ ޖުލައި މަހު ތުރުކީން ފުރުމަށްޓަކައި ޓްރަމްޕް ސިއްރިއްޔާތުގައި ބޭނުންކުރެއްވި ކުޑަ މަތިންދާބޯޓުގައި އޭނާއާއެކު ދަތުރުކުރި މަދު ބައެއްގެ ތެރޭގައި ހާޕް ހިމެނުމާ ގުޅިގެން ދެއްކެވި ވާހަކައެކެވެ.
2022 ވަނަ އަހަރު ޓްރަމްޕްގެ ޓީމާ ގުޅުނު ހާޕް އަކީ، ޓްރަމްޕް ވިދާޅުވާ އެއްޗެއް "ޓްރުތު ސޯޝަލް" ގައި ޕޯސްޓްކުރުމަށްޓަކައި ޓައިޕްކޮށްދޭ މީހާއެވެ. އޭނާ އަބަދުވެސް ޓްރަމްޕާއެކު ދަތުރުކޮށް، ޓްރަމްޕަށް ހިތްވަރު ލިބޭ ފަދަ ޚަބަރުތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތައް އަބަދު ފޯރުކޮށްދޭތީ، ޓްރަމްޕްގެ އަރިސް ބޭފުޅުން އޭނާއަށް "ހިއުމަން ޕްރިންޓަރު" ގެ ނަމުން މުޚާތަބު ކުރެ އެވެ.
މި ނަގުދު ފައިސާގެ ހަދިޔާތަކުގެ ޚަބަރު އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ވޮޝިންގޓަން ޕޯސްޓުންނެވެ.
ޓްރަމްޕްގެ އަރިސް އެހީތެރިއެއް ކަމަށްވާ ވޯލްޓް ނައުޓާއަށްވެސް ރައީސްގެ ފަރާތުން "ބަންދު ދުވަސްތަކުގެ ހަދިޔާ" އެއް ލިބިފައިވެ އެވެ. އޭނާގެ މާލީ ބަޔާނުގައިވާ ގޮތުން ރައީސް ވަނީ އޭނާއަށް 20,000 ޑޮލަރު ދެއްވާފަ އެވެ.
ނައުޓާއަކީ ޓްރަމްޕް ސިއްރު ލިޔެކިޔުންތަކެއް ގެންގުޅުއްވި މައްސަލައިގައި ކުރިން ދައުވާ އުފުލުނު މީހެކެވެ. ނަމަވެސް ފަހުން އެ މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ.









