Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ މިޑްޓާމް އިންތިޚާބު

ޓްރަމްޕް: ކޮންގްރެސްގެ އަޣުލަބިއްޔަތު ހޯދިއްޖެނަމަ ކޮންމެ ބޮޑުމީހަކަށް 5,000 ޑޮލަރު ދޭނަން

10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 06:09

އެމެރިކާގެ މިޑްޓާމް އިންތިޚާބުގެ ކެމްޕޭނުގައި ރައީސް ޓްރަމްޕް ވަނީ ކޮންގްރެސްގެ އަޣުލަބިއްޔަތު ހޯދައިދޭ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ވައުދުވެވަޑައިގަންނަވާފައި. މީގެ އިތުރުން، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގައި، ޓްރަމްޕާއި ރިޕަބްލިކަން ޕާޓީން ދަނީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މުސްލިމް އަދި ޕްރޮގްރެސިވް ކެންޑިޑޭޓުންނަށް ވަރަށް ބޮޑަށް ފާޑުކިޔައި ހަމަލާދެމުން

ނިއުސް ޓީމް
ނިއުސް ޓީމް | 10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 06:09

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޓެކްސަސްގެ ޑަލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަންގައި ވާހަކަފުޅު ދައްކަވަނީ. | އެކްސް

ނޮވެމްބަރު މަހު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މިޑްޓާމް އިންތިޚާބުގައި، ކޮންގްރެސްގެ ދެ މަޖިލިސް ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއާއި ސެނެޓުގެ އަޣުލަބިއްޔަތު ވެރިކަންކުރާ ރިޕަބްލިކަން ޕާޓީން ދަމަހައްޓައިފި ނަމަ، 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް 5،000 ޑޮލަރު ދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވައުދުވެވަޑައިގަންނަވައިފި އެވެ. ވެރިކަން ކުރާ ޕާޓީގެ ބާރު ދެމެހެއްޓުމަށް ޓަކައި ޓްރަމްޕް މި ފަދަ އާދަޔާޚިލާފު ހުށަހެޅުމެއް ހުށަހަޅުއްވާފައި މި ވަނީ ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.

ނަމަވެސް، މި ފައިސާ ދޭނީ ކޮން ގޮތަކުން ކަމާ ބެހޭ އެއްވެސް ތަފްސީލެއް ޓްރަމްޕް ހާމައެއް ނުކުރައްވަ އެވެ. އޭނާ މި ކަން ސިފަކުރެއްވީ ކުންފުނިތަކުން ހިއްސާދާރުންނަށް ބަހާ ފައިދާ ނުވަތަ 'ޑިވިޑެންޑް' ބެހުމާ އެއްފަދަ ގޮތަކަށެވެ. އަދި، މިއީ މިދިޔަ އަހަރު އޭނާގެ ސަރުކާރުން ސިފައިންނަށް ދޫކުރި 1،776 ޑޮލަރުގެ ޗެކްތަކާ އެއްފަދަ ކަމެއްގެ ގޮތުގައި ވެސް ޓްރަމްޕް ސިފަކުރެއްވި އެވެ.

"މިއީ އަޅުގަނޑުގެ ވައުދެއް: ރިޕަބްލިކަން ޕާޓީން ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއާއި ޔުނައިޓެޑް ސްޓޭޓްސް ސެނެޓް، މި ދެ މަޖިލީހުގެ ގޮނޑިތައް ކާމިޔާބުކޮށްފި ނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރުގެ ޑިވިޑެންޑެއް އަޅުގަނޑު ދޭނަން،" ޓްރަމްޕް ވައުދުވެވަޑައިގެންނެވި އެވެ.

ޓްރަމްޕް މި ފަދައިން ވައުދުވެވަޑައިގަތީ ބުދަ ދުވަހުގެ ރޭ ޓެކްސަސްގެ ޑެލެސްގައި ފެށި ރިޕަބްލިކަން ޕާޓީގެ ޚާއްސަ ކޮންވެންޝަނެއްގައި ވާހަކަފުޅު ދައްކަވަމުންނެ އެވެ. ޓްރަމްޕް މި ފަދަ ހުށަހެޅުމެއް ހުށަހެޅުއްވީ، އޭނާއަށް އޮތް ތާއީދު ދަށްވަމުންދިއުމާއި، އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ހުރަސްތަކުން އަރައިގަތުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި، އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު ދަމަހައްޓައި، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ފަށާފާނެ ތަހުގީގުތަކާއި އޭނާގެ ސިޔާސަތުތަކަށް ކުރިމަތިވާ ހުރަސްތަކުން ސަލާމަތްވެ، ވެރިކަމުގެ ފަހު ދެ އަހަރު އަމާންކަމާއެކު ކުރިއަށް ގެންދިއުމުގެ މަގްސަދުގައި ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.

މި ކޮންވެންޝަންގެ ފުރަތަމަ ރޭގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޓްރަމްޕް ވަނީ ޑިމޮކްރެޓުންނަށް މަލާމާތްކޮށް "ޑަމޮކްރެޓްސް" ގެ ނަމުން މުޚާތަބުކުރައްވައި، ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނާއި އެ ޕާޓީއަށް ތާއީދުކުރާ މީހުންނަކީ "މޮޔައިންގެ" ގޮތުގައި ސިފަކުރައްވާފަ އެވެ. މީގެ އިތުރުން، ބޯޑަރުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ކުރައްވާ މަސައްކަތްތަކަށް ތައުރީފުކުރައްވައި، އަންހެނުންގެ ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވެވޭނެ މީހުންނާމެދު އޭނާގެ ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އޮތް ތާއީދާ މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަން އޭނާ ހާމަކުރެއްވި އެވެ.

އަދި، ނޮވެންބަރު 3 އާ ހަމައަށް ރިޕަބްލިކަން ޕާޓީގެ ކެމްޕޭނުގައި ވަރަށް ފުޅާކޮށް ބައިވެރިވެވަޑައިގަންނަވާނެ ކަން އޭނާ އިއުލާނުކުރެއްވި އެވެ. "އަޅުގަނޑު އެދެނީ މި އިންތިޚާބުގެ ވޯޓު ކަރުދާހުގައި އަޅުގަނޑުގެ ނަން އޮތް ކަމަށް ތިޔަބޭފުޅުން ތަސައްވަރު ކުރެއްވުމަށް. އަޅުގަނޑުގެ ނަން އެބައޮތް. ހަމައެކަނި މިފަހަރު ވެސް،" ޓްރަމްޕް ވިދާޅުވި އެވެ.

ރިޕަބްލިކަން ކެނޑިޑޭޓުންނަށް ތައުރީފާއެކު، އިދިކޮޅު ކެނޑިޑޭޓުންނަށް މަލާމާތާއި ފުރައްސާރަ

ކޮންވެންޝަނުުގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރިޕަބްލިކަން ޕާޓީއަށް މިޑްޓާމް އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާނެ ކަށެވެ. މި ގޮތުން، ކޮންގްރެސްގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ޓަކައި، ވާދަވެރި ދާއިރާތަކުން ހައުސްއާއި ސެނެޓަށް ކުރިމަތިލާ 35 ކެންޑިޑޭޓުންނާއެކު ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަން ޓްރަމްޕް އިއުލާނު ކުރެއްވި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޓެކްސަސްގެ ޑަލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަންގައި ވާހަކަފުޅު ދައްކަވަނީ. | ސީއެންއެން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޓެކްސަސްގެ ޑަލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަންގައި ވާހަކަފުޅު ދައްކަވަނީ. | ސީއެންއެން | ސީއެންއެން

މިއީ، ވެރިކަން ކުރާ ޕާޓީއަށް މިޑްޓާމް އިންތިޚާބުތަކުގައި އާންމުކޮށް ކުރިމަތިވާ ނާކާމިޔާބީގެ ސަގާފަތް ބަދަލުކުރުމަށް ޓްރަމްޕް ކުރައްވާ މަސައްކަތެއްގެ ގޮތުގައި އޭނާއަށް ތާއީދުކުރާ މީހުން ސިފަކުރެ އެވެ. "އަޅުގަނޑުމެން މި ފަދަ ބޮޑެތި އެއްވުންތައް ބާއްވާނަން. މީހުން ފުރިފައިވާ ބޮޑެތި މާލަންތަކުގައި އަޅުގަނޑުމެންގެ ހަރަކާތްތައް ކުރިއަށްދާނެ،" ޓްރަމްޕް ވިދާޅުވި އެވެ.

އީރާން ހަނގުރާމައާއި ތެލުގެ އަގު

ޓްރަމްޕް އިސްވެ، އީރާނާ ދެކޮޅަށް ފެށި ޣައިރުގާނޫނީ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. މި ގޮތުން، މިދިޔަ ޖުލައި މަހަށްފަހު ފުރަތަމަ ފަހަރަށް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށް އުފުލިފަ އެވެ. މި ކަމުގެ އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައި ވަނީ އެމެރިކާގެ ރައްޔިތުންނެވެ. މިއީ، މިޑްޓާމް އިންތިޚާބާ ކުރިމަތިލާއިރު، ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމެވެ.

މި ދަނޑިވަޅުގައި، ތަކެތީގެ އަގު ބޮޑުވުމުގެ މައްސަލައިގައި ވެސް ޑިމޮކްރެޓުން ދަނީ ރިޕަބްލިކަން ކެންޑިޑޭޓުންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޑެލެސް ކޮންވެންޝަންގައި ރިޕަބްލިކަން ޕާޓީން ވަނީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމާ ގުޅޭ މެސެޖުތަކެއް ދިނުމަށް މަސައްކަތްކޮށްފަ އެވެ. މި ގޮތުން، ޓިޕްސްއާއި އިތުރުގަޑީގެ ފައިސާއިން ޓެކްސް ކަނޑާލުން ހިމެނޭ ގޮތަށް ޓްރަމްޕް 2025 ވަނަ އަހަރަށް އެކުލަވާލައްވާފައިވާ ޓެކްސް ގާނޫނަށް ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓުން ވަނީ ތައުރީފު ކުރައްވާފަ އެވެ.

އީރާނު ހަނގުރާމައާއި ތެލުގެ އަގާ ގުޅޭގޮތުން އެންމެ ސީދާކޮށް ވާހަކަދެއްކެވީ ޓްރަމްޕެވެ. އޭނާ ވިދާޅުވީ، އެމެރިކާއިން މި ހަނގުރާމަ ކާމިޔާބުކުރާ ހިސާބުން ފެށިގެން ތެލުގެ އަގު ދަށްވާނެ ކަމަށެވެ. އަދި، އީރާނުގެ "ހުރްމުޒް ކަނޑުއޮޅީގެ" ގެ ނަން "ޓްރަމްޕް ކަނޑުއޮޅި" އަށް ބަދަލުކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕްރޮގްރެސިވް ކެންޑިޑޭޓުންނަށް ވެސް ރިޕަބްލިކަނުންގެ ހަމަލާތައް

މިޝިގަންގެ ސެނެޓްގެ ގޮނޑިއަށް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ޢަބްދުއްރަހްމާން މުޙައްމަދު އަލް-ސައްޔިދަކީ ޑެލެސް ކޮންވެންޝަންގައި އެންމެ ގިނައިން ނަންގަނެވުނު އެއް ބޭފުޅާ އެވެ. ނޮވެންބަރުގެ އިންތިޚާބުގައި އޭނާ ގެންދަވަނީ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު، އަދި ކުރިން ކޮންގްރެސްގެ މެންބަރުކަން ފުރުއްވާފައިވާ މައިކް ރޮޖާސްއާ ދެކޮޅަށް ކެންޕޭން ކުރައްވަމުންނެވެ. މިއީ، ސެނެޓުގެ އެންމެ މުހިންމު އެއް ގޮނޑީގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެ އެވެ. އަދި، މިއީ ޑިމޮކްރެޓުންގެ އަތުން ގޮނޑިއެއް އަތުލުމަށް ރިޕަބްލިކަން ޕާޓީއަށް އޮތް އެންމެ ފަހި ފުރުސަތު ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ. ސެނެޓުގެ އަޣުލަބިއްޔަތު ހޯދުމަށް ޑިމޮކްރެޓުންނަށް އިތުރު ހަތަރު ގޮނޑި ބޭނުންވާނެ އެވެ.

"އޭނާ (ސައްޔިދު) އަމިއްލަ ސްޓޭޓްގެ ބައެއް ދެކެ ރުޅިއާދޭ. އިސްރާއީލްގެ ދައުލަތް އޮންނަންޖެހޭނެ ކަމާ މެދު އޭނާ ޝައްކުކުރޭ،" ދެކުނު ކެރޮލައިނާގެ ސެނެޓަރު ޓިމް ސްކޮޓް ވިދާޅުވި އެވެ. ސައްޔިދަކީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ގައި ހަމާސްއިން ދިން ހަމަލާއަށް ފަހު އިސްރާއީލުން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ފެށި ގަތުލުއާންމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. 

ރިޕަބްލިކަން ޕާޓީން ވަނީ ޑިމޮކްރެޓިކް ސޯޝަލިސްޓުންނާއި ސައްޔިދު ފަދަ ޕްރޮގްރެސިވް ބޭފުޅުންނަކީ އެމެރިކާގެ އަގުތަކާ ޚިލާފު، ހަރުކަށި ފިކުރުގެ، ކޮމިއުނިސްޓް އަދި ޓެރަރިސްޓުންނަށް ތާއީދުކުރާ ބައެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. މީގެ އިތުރުން، މުޅި ޑިމޮކްރެޓިކް ޕާޓީއަކީ ސައްޔިދުއާއި، ނިއު ޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ އަދި މިނެސޯޓާގެ މެންބަރު އިލްހާން އުމަރު ފަދަ ބޭފުޅުންނާ ގުޅިފައިވާ ބައެއްގެ ގޮތުގައި ދެއްކުމަށް ރިޕަބްލިކަން ޕާޓީން މަސައްކަތްކުރި އެވެ. މި ތިން ބޭފުޅުންނަކީ ވެސް މުސްލިމުންނެވެ.

"މި އިންތިޚާބަކީ ވަރަށް ސާފު އިންތިޚާބެއް. މިއީ މެދުމިނުގެ ސިޔާސަތާއި ހަރުކަށި ފިކުރާ ދެމެދު އޮތް ހަނގުރާމައެއް. އެމެރިކާއަކީ ދުވަހަކުވެސް މޮޅު ގައުމެއް ކަމަށް ގަބޫލުނުކުރާ ސިޔާސީ ހަރަކާތެއް މި ގައުމުގައި އެބައޮތް،" ޓެކްސަސްގެ މެންބަރު ބްރެންޑަން ގިލް ވިދާޅުވި އެވެ. ގިލްއަކީ މީގެ ކުރިން މުސްލިމުން އެމެރިކާއަށް ހިޖުރަކުރުން މަނާކުރަންޖެހޭނެ ކަމަށް ވިދާޅުވެފައިވާ ބޭފުޅެކެވެ. އޭނާ ވިދާޅުވީ މުސްލިމުން ބައެއް ފަހަރު އަމިއްލައަށް ސޯޝަލިސްޓުން ނުވަތަ ކޮމިއުނިސްޓުންގެ ގޮތުގައި ތައާރަފުވި ނަމަވެސް، ގިނަ މީހުންނަށް ކިޔަނީ "ޑިމޮކްރެޓުން" ކަމަށެވެ.

މަސްދަރު: ސީއެންއެން

އެމެރިކާމިޑްޓާމްޑޮނަލްޑް ޓްރަމްޕްރިޕަބްލިކަންް ޕާޓީ - އެމެރިކާ

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2026

ޓްރަމްޕް: މިޑްޓާމް އިންތިޚާބަށްފަހު އީރާން ހަނގުރާމަ "ވަގުތުން" ނިމޭނެ

10 ސެޕްޓެމްބަރު 2026
ޓްރަމްޕް: މިޑްޓާމް އިންތިޚާބަށްފަހު އީރާން ހަނގުރާމަ "ވަގުތުން" ނިމޭނެ
09 ސެޕްޓެމްބަރު 2026

އާ އެއްބަސްވުމެއް ހަދަން ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް ތެހްރާނުން އެ ކަމާ ދެކޮޅު

09 ސެޕްޓެމްބަރު 2026
އާ އެއްބަސްވުމެއް ހަދަން ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް ތެހްރާނުން އެ ކަމާ ދެކޮޅު
09 ސެޕްޓެމްބަރު 2026

ޕުޓިންއާއި ޓްރަމްޕްގެ ފޯން ކޯލް: ހަނގުރާމައާމެދު "ބިނާކުރަނިވި" މަޝްވަރާތަކެއް

09 ސެޕްޓެމްބަރު 2026
ޕުޓިންއާއި ޓްރަމްޕްގެ ފޯން ކޯލް: ހަނގުރާމައާމެދު "ބިނާކުރަނިވި" މަޝްވަރާތަކެއް
08 ސެޕްޓެމްބަރު 2026

އިސްރާއީލުގެ ޣައިރުޤާނޫނީ ވަޒަންވެރިންނާ ވިޔަފާރިކުރުން އިނގިރޭސިވިލާތުން ހުއްޓާލަނީ

08 ސެޕްޓެމްބަރު 2026
އިސްރާއީލުގެ ޣައިރުޤާނޫނީ ވަޒަންވެރިންނާ ވިޔަފާރިކުރުން އިނގިރޭސިވިލާތުން ހުއްޓާލަނީ
08 ސެޕްޓެމްބަރު 2026

މަޔާމީއަށް ވެއްޓުނު މަތިންދާބޯޓުގެ 'ކަޅު ފޮށި' ފެނިއްޖެ، މަރުވި މީހުންގެ ހަށިތައް ހޯދަނީ

08 ސެޕްޓެމްބަރު 2026
މަޔާމީއަށް ވެއްޓުނު މަތިންދާބޯޓުގެ 'ކަޅު ފޮށި' ފެނިއްޖެ، މަރުވި މީހުންގެ ހަށިތައް ހޯދަނީ
07 ސެޕްޓެމްބަރު 2026

އޮހާޔޯގެ ގަވަރުނަރު ކަމަށް ވާދަކުރައްވާ ޑިމޮކްރެޓިކް ކެނޑިޑޭޓަށް ހަމަލާދޭން އުޅެފި

07 ސެޕްޓެމްބަރު 2026
އޮހާޔޯގެ ގަވަރުނަރު ކަމަށް ވާދަކުރައްވާ ޑިމޮކްރެޓިކް ކެނޑިޑޭޓަށް ހަމަލާދޭން އުޅެފި
07 ސެޕްޓެމްބަރު 2026

އެއްބަސްވުމާ ޚިލާފަށް ލުބުނާނަށް ހަމަލާދީ ހަތަރު މީހުން ޝަހީދުކޮށްލައިފި

07 ސެޕްޓެމްބަރު 2026
އެއްބަސްވުމާ ޚިލާފަށް ލުބުނާނަށް ހަމަލާދީ ހަތަރު މީހުން ޝަހީދުކޮށްލައިފި
06 ސެޕްޓެމްބަރު 2026

އީރާން ހަނގުރާމައާ ގުޅިގެން އެމެރިކާގައި ޑީސަލްގެ އަގު ރެކޯޑު މިންވަރަކަށް!

06 ސެޕްޓެމްބަރު 2026
އީރާން ހަނގުރާމައާ ގުޅިގެން އެމެރިކާގައި ޑީސަލްގެ އަގު ރެކޯޑު މިންވަރަކަށް!
06 ސެޕްޓެމްބަރު 2026

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ހިނގާ ގާނޫނެއް ނެތް!

06 ސެޕްޓެމްބަރު 2026
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ހިނގާ ގާނޫނެއް ނެތް!
06 ސެޕްޓެމްބަރު 2026

އެމެރިކާގެ މަންދޫބުންނާއި ބައްދަލުކުރައްވައި ޕުޓިން "ބިނާކުރަނިވި" މަޝްވަރާތަކެއް ކުރައްވައިފި

06 ސެޕްޓެމްބަރު 2026
އެމެރިކާގެ މަންދޫބުންނާއި ބައްދަލުކުރައްވައި ޕުޓިން "ބިނާކުރަނިވި" މަޝްވަރާތަކެއް ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް