އެމެރިކާގެ މަންދޫބުންނާއި ބައްދަލުކުރައްވައި ޕުޓިން "ބިނާކުރަނިވި" މަޝްވަރާތަކެއް ކުރައްވައިފި
6 ސެޕްޓެމްބަރު 2026 | އާދީއްތަ 04:51ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ މަންދޫބުން ހުށަހެޅި ޚިޔާލުތަކަށް ރަޝިޔާއިން މަޝްވަރާކޮށްފައިވާއިރު، މި މައްސަލައަށް ސިޔާސީ ހައްލެއް ހޯދުމަށް އެމެރިކާއާއެކު މަސައްކަތްކުރަން ތައްޔާރަށް އޮތްކަން ރައީސް ޕުޓިން ވަނީ ހާމަކުރައްވައިފި. ތިން ގަޑިއިރަށް ދެމިގެންދިޔަ މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަދެކެވުނުއިރު، ކުރިއަށް އޮތް ހަފުތާތަކުގައި މިކަމާ ގުޅޭ މާނަހުރި ރޭވުންތަކެއް އިއުލާނުކުރާނެ ކަމަށް ބެލެވޭ


ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން، އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އަދި ޖެރަޑް ކުޝްނާއާ މޮސްކޯގައި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވަނީ | އަނަދޮލޫ
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން، އެމެރިކާގެ ހާއްސަ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އަދި ޖެރަޑް ކުޝްނާއާއެކު ބޭއްވެވި މަޝްވަރާތަކަކީ މާނަހުރި، ބިނާކުރަނިވި އަދި ވަރަށް ފާޅުކަން ބޮޑު މަޝްވަރާތަކެއް ކަމަށް ކްރެމްލިންގެ މުޝީރު ޔޫރީ އުޝަކޯވް ވިދާޅުވެއްޖެ އެވެ.
ރަޝިޔާގެ ދައުލަތުގެ މީޑިއާއިން އުޝަކޯވްއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހު މޮސްކޯގައި ބޭއްވި މި ބައްދަލުވުން ތިން ގަޑިއިރާއި 10 މިނެޓަށް ދެމިގެންދިޔަ އެވެ. އަދި މި ބައްދަލުވުމުގައި ޔޫކްރެއިން ހަނގުރާމައިގެ އިތުރުން، ރަޝިޔާއާއި އެމެރިކާ ގުޅިގެން ކުރިއަށް ގެންދެވިދާނެ ބޮޑެތި މަޝްރޫއުތަކާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައިވެ އެވެ.
ޔޫކްރެއިންގެ މައްސަލައަށް ސިޔާސީ އަދި ޚާރިޖީ ހައްލެއް ހޯދުމަށް އެމެރިކާއާ އެކު މަސައްކަތް ކުރުމަށް ރަޝިޔާ ތައްޔާރަށް އޮތްކަން ޕުޓިން މި ބައްދަލުވުމުގައި ކަށަވަރުކޮށްދެއްވި ކަމަށް އުޝަކޯވް ވިދާޅުވި އެވެ. މީގެއިތުރުން، ހަނގުރާމަ މެދުވެރިވާން ދިމާވި "ހަގީގީ ސަބަބުތަކަށް" ހައްލު ހޯދަންޖެހޭ ކަމަށް ޕުޓިން ބާރުއެޅުއްވި ކަމަށާއި، ހަނގުރާމައިގެ މައިދާނުގައި ރަޝިޔާގެ ސިފައިން ހޯދަމުންދާ ކުރިއެރުންތަކާ އެކު، ރަޝިޔާގެ މަގްސަދުތައް ހާސިލުވާނެ ކަމުގެ ފުރިހަމަ އިތުބާރު އޮތްކަން ޕުޓިން ހާމަކުރެއްވި ކަމަށް ވެސް ކްރެމްލިންގެ މުޝީރު ވިދާޅުވި އެވެ.
އުޝަކޯވް ވިދާޅުވި ގޮތުގައި، ހަނގުރާމަ ހުއްޓާލުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން އެމެރިކާގެ މަންދޫބުން ވަނީ ބައެއް ހިޔާލުތައް ހުށަހަޅުއްވާފަ އެވެ. އަދި، ޔޫކްރެއިންގެ ވެރިރަށް ކީވްގައި ބާއްވާ ބައްދަލުވުންތަކުގައި ޕުޓިން ފާހަގަކުރެއްވި ކަންކަމަށް ރިއާޔަތްކުރާނެ ކަމުގެ ޔަގީންކަން އެ މަންދޫބުން ދެއްވި ކަމަށާއި، ޕުޓިންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުގައި އޮންނަ ގުޅުން ދަމަހައްޓަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިއާއެކު، އެމެރިކާއިން މެދުވެރިވެގެން ރަޝިއާއާއީ ޔޫކްރެއިނާ ދެމެދު ކުރަމުންދާ މަޝްވަރާތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އުޝަކޯވް ވިދާޅުވި އެވެ. މި ބައްދަލުވުމަށްފަހު ވިޓްކޮފްއާއި ކުޝްނާ މިހާރު ވަނީ މޮސްކޯއިން ފުރާވަޑައިގަންނަވާފަ އެވެ. އަދި، އާދީއްތަ ދުވަހުގެ ވަގުތެއްގައި އެ ބޭފުޅުން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އެމެރިކާ ސަރުކާރުގެ މަންދޫބުންނާ މޮސްކޯގައި ބައްދަލުކުރައްވަނީ | އެކްސް/އިންސައިޑާ ޕޭޕަރ
މި ކަމާ ގުޅޭގޮތުން ވައިޓް ހައުސްގެ އޮފިޝަލަކު "އެކްސިއޯސް" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވިޓްކޮފްއާއި ކުޝްނާ ޕުޓިންއާ ބައްދަލުކުރެއްވީ ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓްރަމްޕް ކުރައްވަމުންދާ މަސައްކަތްޕުޅުތަކުގެ ދަށުން ކަމަށެވެ. އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މަޖިލީހާއި، ޚާރިޖީ ވުޒާރާގެ އިތުރުން މާލީ ވުޒާރާގެ އިސް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވުނީ ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ ރޭވުންތަކާ ގުޅޭގޮތުން ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
ދެ ފަރާތުން ވެސް ކުރިއަށް އޮތް ފިޔަވަޅުތަކާ ގުޅޭ "މާނަހުރި ރޭވުންތަކާ" ބެހޭގޮތުން ވާހަކަދައްކާފައިވާ ކަމަށާއި، ކުރިއަށް އޮތް ހަފުތާތަކުގައި އެ ކަންކަން އިއުލާނު ކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ވައިޓް ހައުސްގެ އޮފިޝަލް ވިދާޅުވި އެވެ. އަދި ޔޫކްރެއިންގައި ބާއްވާ ބައްދަލުވުންތަކަކީ ވެސް މި ފަދަ ނަތީޖާ ނެރެވޭނެ ބައްދަލުވުންތަކަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށް އެމެރިކާގެ ވަފުދުން ވަނީ ބުނެފަ އެވެ.
މަސްދަރު: އަނަދޯލް އޭޖެންސީ










