އީރާން ހަނގުރާމައާ ގުޅިގެން އެމެރިކާގައި ޑީސަލްގެ އަގު ރެކޯޑު މިންވަރަކަށް!
6 ސެޕްޓެމްބަރު 2026 | އާދީއްތަ 07:34އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާ ގުޅިގެން އެމެރިކާގައި ތެލުގެ އަގު ރެކޯޑް މިންވަރަކަށް އުފުލިފައިވާއިރު، މި މައްސަލަ ހައްލުކުރުމަށް ވެނެޒުއެލާއާއެކު ތެލުގެ އާ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި. ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރައީސް ޓްރަމްޕަށް އޮތް ތާއީދު 33 އިންސައްތައަށް ދަށަށް ގޮސްފައިވާކަމަށް ސާވޭތަކުން ދައްކާ


އެމެރިކާގެ ސިޓީއެއްގައި ޓެކްސީއެއް ދުއްވަން އިން ޑްރައިވަރަކު | ގެޓީ އިމޭޖަސް
އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ފެށި ޣައިރުގާނޫނީ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ ޖީބަށް ބޮޑު ތަކްލީފަކާ ކުރިމަތިވެ، ޑީސަލްގެ އަގު މީގެ ކުރިން ދުވަހަކު ވެސް އުފުލިފައި ނުވާ މިންވަރަށް އުފުލިއްޖެ އެވެ. އެމެރިކާގައި ޑީސަލް އާންމުކޮށް ބޭނުންކުރަނީ މުދާ އުފުލާ ލޮރީއާއި، ރޭލާއި، ކަނޑު ދަތުރުކުރާ އުޅަނދުފަހަރާއި، ބަހުގެ އިތުރުން ދަނޑުވެރިކަމާއި އިމާރާތްކުރުމުގެ ދާއިރާގައި ބޭނުންކުރާ ބޮޑެތި އުޅަނދުފަހަރުގަ އެވެ.
އެމެރިކަން އޮޓޮމޮބައިލް އެސޯސިއޭޝަނުން (އޭއޭއޭ) ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ގައުމުގައި ޑީސަލް ގެލަނެއްގެ އެވްރެޖް އަގު މިހާރު ވަނީ 5.85 އެމެރިކާ ޑޮލަރަށް އަރާފަ އެވެ. މިއީ، މީގެ އަހަރެއް ކުރިން ޑީސަލް ގެލަނެއް ހުރި 3.71 ޑޮލަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެއް ކަމަށްވާއިރު، ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މީގެ ކުރިން ތެލުގެ އަގު އެންމެ މަތީ މިންވަރަށް އުފުލުނު ރެކޯޑަށްވުރެ ވެސް މިއީ މަތީ އަދަދެއް ކަމުގައި އެ ޖަމުއިއްޔާއިން ބުނެ އެވެ.
އެއްގަމު އުޅަނދުފަހަރުގައި ބޭނުންކުރާ ތެޔޮ އުފެއްދުމަށް ބޭނުންވާ މައިގަނޑު މާއްދާއަކީ ސާފުނުކުރާ ތެޔޮ ކަމަށްވާއިރު، އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހަނި ކަނޑުއޮޅި ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. މި ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ތެޔޮ ލިބުމަށް ދަތިތަކާ ކުރިމަތިވެފައިވާއިރު، ފެބުރުވަރީ މަހުގެ ފަހުކޮޅު އީރާން ހަނގުރާމަ ފެށުނު ފަހުން ތެލުގެ ހޯލްސޭލް އަގުތައް އުފުލުމާ ގުޅިގެން ތެޔޮ ވިއްކާ އަގުތައް ވަނީ އިންތިހާއަށް މައްޗަށް ގޮސްފަ އެވެ. މީގެ އިތުރުން، އެމެރިކާގެ ރައްޔިތުންނަށް ވަނީ ޕެޓްރޯލްގެ އަގުވެސް ތާރީޚީ މިންވަރަކަށް އުފުލުމުގެ ތަކްލީފާ ކުރިމަތިލާން ޖެހިފަ އެވެ. މި ގޮތުން، ޕެޓްރޯލް ގެލަނެއްގެ އެވްރެޖް އަގު މިހާރު 4.15 ޑޮލަރަށް އަރާފައިވާއިރު، މިއީ މީގެ އަހަރެއް ކުރިން ޕެޓްރޯލް ގެލަނެއް ހުރި 3.20 ޑޮލަރާ އަޅާބަލާއިރު ބޮޑު އިތުރުވުކެވެ.
ނަމަވެސް، އެމެރިކާގެ ހުރިހާ ސަރަހައްދުތަކެއްގައި ތެލުގެ އަގު އުފުލިފައިވަނީ އެއްވަރަކަށް ނޫން ކަމަށް އޭއޭއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މި ގޮތުން، ޓެކުހުގެ ތަފާތުތަކާއި ތެޔޮ އުފައްދާ ސަރަހައްދުތަކާ ހުރި ދުރުމިނުގެ ސަބަބުން، އެމެރިކާގެ ހުޅަނގުގެ ސްޓޭޓްތަކުގައި ތެލުގެ އަގު އެހެން ސަރަހައްދުތަކަށްވުރެ މާ ބޮޑު ކަމުގައި އެ ޖަމުއިއްޔާއިން ފާހަގަކުރެ އެވެ. މިސާލަކަށް، ވޮޝިންގޓަންގައި ޑީސަލް ގެލަނެއްގެ އެވްރެޖް އަގު މިހާރު 6.81 ޑޮލަރުގައި ހުރިއިރު، މީގެ އަހަރެއް ކުރިން އެ ސިޓީގައި ޑީސަލް ގެލަނެއް ލިބެން ހުރީ 5.03 ޑޮލަރަށެވެ.
މިގޮތަށް ތެލުގެ އަގު އުފުލެމުންދާތީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ވަނީ ވެނެޒުއެލާއާއެކު ތެލުގެ އެއްބަސްވުމެއް ގާއިމުކުރައްވައި، އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ތެޔޮ ލިބޭ އަގު ބޮޑުތަނުން ހެޔޮކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި، ޓްރަމްޕް ދެއްވި ހުއްދައެއްގެ ދަށުން އެމެރިކާގެ ހާއްސަ ސިފައިން ހިންގި އޮޕަރޭޝަނެއްގައި ވެނެޒުއެލާގެ ކުރީގެ ރައީސް ނިކޮލަސް މަޑޫރޯ ވަނީ ހައްޔަރުކޮށްފަ އެވެ.
ވެނެޒުއެލާގެ ވަގުތީ ރައީސް ދެލްސީ ރޮޑްރިގޭޒް ވިދާޅުވި ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު އިއުލާންކުރި އާ އެއްބަސްވުމުގެ ދަށުން 65 ބިލިއަން ފީފާގެ ތެޔޮ ނެގުމުގެ ގާބިލުކަން ހުރި އިސްތިރާޖީ 17 ތެޔޮ ވަޅެއް ތަރައްގީކުރުމަށް ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން 100 ބިލިއަން ޑޮލަރަށްވުރެ ގިނަ އިންވެސްޓްމަންޓް ވެނެޒުއެލާއަށް ލިބި، ޓެކުހުގެ ގޮތުގައި 209 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ އެ ގައުމަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސީބީއެސް ނޫހަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ، ވެނެޒުއެލާގެ ތަޖުރިބާކާރު އަމިއްލަ ކުންފުންޏަކާ ގުޅިގެން އުފައްދާ ޖޮއިންޓް ވެންޗާގެ 55 އިންސައްތަ ކޮންޓްރޯލް އޮންނާނީ އެމެރިކާ ސަރުކާރުގެ އަތުގައި ކަމަށެވެ. ނަމަވެސް، ވެނެޒުއެލާގެ ތެލުގެ ސިނާއަތަށް އިންވެސްޓްމަންޓްތައް ހޯދުމުގައި ދިމާވެފައިވާ ދިގު މުއްދަތުގެ ހުރަސްތަކަށް މި އެއްބަސްވުމުން ހައްލެއް ލިބޭނެތޯ ސުވާލު އުފައްދައި، ބައެއް ދާރިސުން ވަނީ މި އެއްބަސްވުމާ މެދު ޝައްކު އުފައްދާފަ އެވެ.
އަންނަ ނޮވެންބަރު މަހު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މުހިންމު މިޑްޓާމް އިންތިޚާބާ ދިމާކޮށް ތެލުގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން، އެމެރިކާގެ ވޯޓުލާ ރައްޔިތުންގެ މެދުގައި ނުރުހުން ވަނީ އިތުރުވެފަ އެވެ. މި ގޮތުން، ރޮއިޓާސް/އިޕްސޮސްއިން ދާދި ފަހުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި، ރައީސް ޓްރަމްޕަށް އޮތް ތާއީދު މިހާރު ވަނީ 33 އިންސައްތައަށް ދަށަށް ގޮސްފަ އެވެ. އަދި، އީރާނާ ދެކޮޅަށް އޭނާ ފެށްޓެވި ހަނގުރާމައަށް ތާއީދުކުރަނީ އެމެރިކާގެ ރައްޔިތުންގެ ތެރެއިން އެންމެ 31 އިންސައްތަ މީހުން ކަމަށް ވެސް އެ ސާވޭއިން ދައްކަ އެވެ.
މަސްދަރު: ބީބީސީ










