އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ހިނގާ ގާނޫނެއް ނެތް!
6 ސެޕްޓެމްބަރު 2026 | އާދީއްތަ 07:29އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގާނޫނީ އިމުން ބޭރުން ބާރުގެ ބޭނުންކުރައްވައި، ކޮންގްރެސްގެ ހުއްދައާ ނުލައި ދައުލަތުގެ ބަޖެޓާއި އިމާރާތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިގޮތުން ޝަރުއީ ނިޒާމާއި މާލީ އިދާރާތަކަށް ނުފޫޒު ފޯރުވައިގެން ކުރައްވާ މިފަދަ ކަންކަމަކީ މުސްތަގުބަލުގައި އަލުން އިއާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ކަމަށް މުހައްލިލުން ދެކެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް
ފައިސާގެ ފޮތިތަކުގައި ރައީސުންގެ ފޮޓޯ ޖެހުމާ ބެހޭ ގާނޫނުތަކަށް ބަލާއިރު، ދުނިޔޭގައި ހުންނެވި ރައީސެއްގެ ސޫރަ ފައިސާގައި ބޭނުންކުރުމަކީ މަނާކަމެކެވެ. ނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ޓްރެޜަރީ ޑިޕާޓްމަންޓުން ހަނދާނީ ފައިސާއާ ބެހޭ އެހެން ގާނޫނެއްގެ ނާޖާއިޒު ފައިދާ ނަގައިގެން، ޓްރަމްޕްގެ ސޫރަ މިހާރު ވަނީ ފައިސާގެ ފޮތިތަކުގައި ހިމަނާފަ އެވެ.

މިއީ 2026 ވަނަ އަހަރު ފާހަގަކުރި އެމެރިކާގެ 250 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕްގެ ސޫރަ ހިމަނައިގެން ތައްޔާރުކޮށްފައިވާ 1 ޑޮލަރުގެ ފައިސާ ފޮތިތަކެއް ދައްކުވައިދޭ ފޮޓޯ އިލަސްޓްރޭޝަނެއް | ގެޓީ އިމޭޖަސް
ގާނޫނު ބުނާގޮތުން ކޮންގްރެސްގެ ހުއްދައާ ނުލައި 60 ދުވަހަށްވުރެ އިތުރަށް އެމެރިކާގެ އަސްކަރިއްޔާ ހަނގުރާމައެއްގެ ތެރޭގައި ބޭތިއްބުމަކީ ރައީސަށް މަނާކަމެކެވެ. އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކަށް ހަ މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ޓްރަމްޕްގެ ސަރުކާރުން ބުނަމުންދަނީ ހަނގުރާމައިގެ ތެރެއިން މެދުކެނޑުންތަކެއް ގެނެސްފައިވާ ކަމަށެވެ. މީގެ ކުރިން ދެ ޕާޓީގެ ރައީސުންވެސް މި ގާނޫނާ މެދު ސުވާލު އުފެދޭ ގޮތަށް އަމަލުކުރައްވާފައިވީ ނަމަވެސް، ޓްރަމްޕް އީރާނާ ދެކޮޅަށް ކުރައްވާ ހަނގުރާމައިގެ ދަރަޖައަށް އެއްވެސް ބޭފުޅަކު ގާނޫނާ ޚިލާފުވެފައެއް ނުވެ އެވެ.
ވައިޓް ހައުސްގެ ބައެއް ތަޅާލައި، އެތަނުގައި އާ އިމާރާތެއް އެޅުމަށް ޓްރަމްޕް ކުރައްވާ މަސައްކަތަކީ "ގާނޫނާ ޚިލާފުވުން އެކަށީގެންވާ" ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސް ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް، ޓްރަމްޕްގެ އަމިއްލަ އުފަލަށްޓަކައި ވައިޓް ހައުސްގައި ބޯލްރޫމެއް ހެދުމުގެ މަސައްކަތް މިހާރުވެސް ހުއްޓުމެއް ނެތި 24 ގަޑިއިރު ކުރިއަށް އެބަދެ އެވެ.
އާލިންގްޓަން ނޭޝަނަލް ސިމެޓްރީ ކައިރީގައި ބޮޑު ބިނާއެއް ނުވަތަ "ޓްރަޔަމްފަލް އާޗް" އެއް ބިނާކުރުމަށް ކޮންގްރެސްގެ ހުއްދަ ބޭނުންވާނެ ކަމަށް ގާނޫނުތަކުން ދޭހަވެ އެވެ. ނަމަވެސް ޓްރަމްޕްގެ ސަރުކާރުން އެ ހުއްދައަށް މަޑުކުރުމެއް ނެތި، ޑިޕާޓްމަންޓް އޮފް އިންޓީރިއާއިން މިހާރު ވަނީ އެތަން ކޮނުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފަ އެވެ.
ކުށެއްގެ ތުހުމަތު ކުރެވޭ މީހަކަށް ޝަރީއަތަކާ ނުލައި މަރުގެ އަދަބު ދިނުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ. އެހެންނަމަވެސް، ކެރީބިއަން އަދި ޕެސިފިކް ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި އުފުލާ ކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ އުޅަނދުފަހަރަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ހަމަލާދީ މީހުން މަރާލާފަ އެވެ.
ޔޫއެސްއޭއައިޑީ (USAID)، ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަން އަދި ކޮންސިއުމާ ފައިނޭންޝަލް ޕްރޮޓެކްޝަން ބިއުރޯ ފަދަ ފެޑަރަލް އިދާރާތައް އުފެއްދުމުގެ ބާރު ގާނޫނުން ދީފައިވަނީ ކޮންގްރެސްއަށެވެ. ނަމަވެސް، އެ އިދާރާތަކަށް ދޭ ބަޖެޓު ކަނޑާލައިގެން ނުވަތަ ސީދާ އުވާލައިގެން، އެތަންތަނުގެ މަސައްކަތް ހުއްޓުވުމަށް ޓްރަމްޕް ވަނީ މަސައްކަތް ކުރައްވާފަ އެވެ.
ދައުލަތުގެ ފައިސާ ޚަރަދުކުރާނެ ގޮތް ނިންމުމުގެ ބާރު ގާނޫނުން ދީފައިވަނީ ކޮންގްރެސްއަށެވެ. އެހެންނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ހިތްހަމަނުޖެހޭ ދިރާސާތަކަށް ދޭ ފަންޑާއި އެހީގެ ފައިސާ ކަނޑާލުމަށް އެކަމަކުން ހުރަހެއް ނޭޅުނެވެ.
ކޯޓު އަމުރަކާ ނުލައި މީހުންގެ ގެދޮރަށް ސަރުކާރުން ވަދެގަތުމަކީ ގާނޫނު މަނާކުރާ ކަމެކެވެ. ނަމަވެސް އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (ICE) އިން ދަނީ އެ ބާރުގެ ބޭނުން ހިފަމުންނެވެ.
ފެޑަރަލް ރިޒާވްއަކީ މިނިވަންކަމާއެކު ހިނގަންޖެހޭ ތަނެއް ކަމަށް ގާނޫނުގައި އޮތް ނަމަވެސް، އިންޓްރެސްޓް ރޭޓް ދަށްކުރުމަށް ޓްރަމްޕް ދަނީ އެ ބޭންކަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ. އެންމެ ފަހުން ޓްރަމްޕް ވަނީ އެމެރިކާއާ އެންމެ ގާތް ވިޔަފާރީގެ ބައިވެރިންނާއެކު ކުރާ މުއާމަލާތްތައް ހުއްޓާލާނެ ކަމުގެ އިންޒާރު ދީގެންވެސް އެކަމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާފަ އެވެ.
މިފަދަ ކަންކަމުގެ ލިސްޓު ދިގުވަމުންދާއިރު، ޓްރަމްޕްގެ ސަރުކާރުން ދަނީ ގާނޫނީ ގޮތުން އޮޅުންބޮޅުން ބޮޑު ބަހަނާތަކެއް ދައްކަމުންނެވެ.
ކޯޓުތަކުން ސަރުކާރާ ދެކޮޅަށް ނިންމުންތައް ނިންމި ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ދަނީ ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނުގެ މައްޗަށް ކުރިހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ކެނެޑީ ސެންޓަރުގައި ޖޯން އެފް ކެނެޑީގެ ނަމާއެކު ޓްރަމްޕްގެ ނަން ނުޖެހޭނެ ކަމަށް ފަނޑިޔާރަކު ހުކުމް ކުރެއްވި ނަމަވެސް، އެ އިމާރާތް މަރާމާތުކުރުމުގެ ޝަރަފު ޓްރަމްޕަށް ދިނުމުގެ ގޮތުން އެތަނުގައި ނަން ލިޔުމަށް ސަރުކާރުން ދަނީ ރާވަމުންނެވެ. އަދި އެ އިމާރާތުގައި ނަން ނުޖެހޭނަމަ، މުޅި އިމާރާތް ތަޅާލާނެ ކަމުގެ އިންޒާރުވެސް ސަރުކާރުން ވަނީ ދީފަ އެވެ.
ރައީސަށް ތަޅާލުމުގެ ބާރު ލިބިގެންނުވާ އިމާރާތްތައް ތަޅާލުމަކީ ޓްރަމްޕްގެ މުޅި ރިޔާސަތު ސިފަކޮށްދޭ މިސާލެކެވެ. އެއްޗެއް އެއްފަހަރު ނައްތާލުމުން، އެކަން ކުރީ ގާނޫނާ ޚިލާފަށް ކަމުގައި ވިޔަސް، އަލުން އެ އެއްޗެއް އަނބުރާ ނުލިބޭނެ އެވެ.
ޖޯން ރޮބަޓްސްގެ ކަންބޮޑުވުން
ވައިޓް ހައުސްގެ އީސްޓް ވިންގްގެ މަޝްރޫއަކީ "ގާނޫނާ ޚިލާފުވުން އެކަށީގެންވާ" ކަމެއް ކަމަށް ބުނެ، އެ މަސައްކަތް ހުއްޓުވަން ޖެހޭނެ ކަމަށް ވަކާލާތު ކުރެއްވި ލިބަރަލް ފަނޑިޔާރުންނާ އުއްތަމަ ފަނޑިޔާރު ރޮބަޓްސް ބައިވެރިވެވަޑައިގަތެވެ. އެމަނިކުފާނުގެ ރައުޔުގައި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ވިންސްޓަން ޗާޗިލް ވިދާޅުވި ބަހެއް ނަކަލު ކުރެއްވި އެވެ.
ޗާޗިލް ވިދާޅުވެފައިވަނީ "އަހަރެމެން އިމާރާތްތައް ބައްޓަން ކުރަނީ އަހަރެމެންނެވެ. އޭގެ ފަހުން އެ އިމާރާތްތަކުން އަހަރެމެން ބައްޓަންކުރެ އެވެ." ޗާޗިލް މިހެން ވިދާޅުވީ ނާޒީންގެ ބޮން އެޅުމުގެ ސަބަބުން ސުންނާފަތިވި އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސް، ކުރިން ހުރި ގޮތަށް ބިނާކުރުމަށް ވަކާލާތު ކުރައްވަމުންނެވެ. ޗާޗިލް ބޭނުންފުޅުވީ އެއީ އިނގިރޭސި ވެރިކަމުގެ ނިޒާމުގެ ރަމްޒެއްގެ ގޮތުގައި ބިނާކުރުމަށެވެ.
ނަމަވެސް ޓްރަމްޕް ވައިޓް ހައުސްގެ އީސްޓް ވިންގް ދެކެވަޑައިގަތީ ތަޅާލަންޖެހޭ ތަނެއްގެ ގޮތުގަ އެވެ. ރޮބަޓްސްގެ ނަޒަރުގައި އެއީ ގާނޫނާ ޚިލާފު ކަމެއް ނަމަވެސް، ޓްރަމްޕްގެ އަމިއްލަ ނަން ދިރުވުމަށް ބިނާކުރާ އެތައް ބިނާއެއްގެ ތެރެއިން އެއް ބިނާ މިހާރު ދަނީ ހެދެމުންނެވެ. އެތަން ތަޅާލުމަށްފަހު ނޫނީ، އެ މަޝްރޫއަށް ރައްޔިތުންގެ ޓެކްސް ފައިސާ ހޯދުމަށް ކޮންގްރެސްގައި އެދިފައެއް ނުވެ އެވެ.
ޓްރަމްޕްގެ ދެވަނަ ދައުރުގައި މިހާރު ފެންނަމުންދާ އުސޫލަކީ، ރައީސް ކަމެއް ކުރެއްވުމުން ކޮންގްރެސްއިން އެކަމާ އަޅާނުލުމާއި، ސުޕްރީމް ކޯޓުން އެކަމަކީ ގާނޫނީ ގޮތުން ސައްހަ ކަމެއްތޯ ބެލުމެއް ނެތި ކުރިއަށްދިއުމުގެ ހުއްދަ ދިނުމެވެ.
"އަތުލައިގަނެވޭނަމަ އަތުލައިގަނެބަލަ"
ރޮބަޓްސްގެ މި ތާރީޚީ ކަންބޮޑުވުމުގެ ހަފުތާއެއް ކުރިން، ލިބަރަލް ފަނޑިޔާރު ކެޓާންޖީ ބްރައުން ޖެކްސަން ވަނީ ކޯޓުގެ ކޮންޒަވޭޓިވް ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެއީ ޕޯސްޓް މެދުވެރިކޮށް ވޯޓުލުން މަދުކުރުމަށް ޓްރަމްޕް ނެރުއްވި ރިޔާސީ އަމުރު، ގާނޫނީ އުކުޅެއް ބޭނުންކޮށްގެން ކުރިއަށް ގެންދަން ކޯޓުން ހުއްދަ ދިނުމާ ގުޅިގެންނެވެ.
ޖެކްސަން ވިދާޅުވި ގޮތުގައި ވައިޓް ހައުސްއިން ގެންގުޅެނީ "އަތުލައިގަނެވޭނަމަ އަތުލައިގަނެބަލަ" (Catch-Me-If-You-Can) ފަދަ އުސޫލެކެވެ.
ޕޯސްޓަލް ވޯޓަށް ކޯޓުން ހުރަސްއެޅި މައްސަލައިގައި ޓްރަމްޕް "ބަދަލު ހިފުމުގެ" ތެރެއަށް ވެއްޓިދާނެ އެވެ. އެ ރިޔާސީ އަމުރާ ދެކޮޅަށް އަދިވެސް ދަނީ ދައުވާތައް ކުރެވެމުންނެވެ. އަދި އާ އަމުރެއްގެ ސަބަބުން މި އިންތިޚާބުގައި އެކަން ތަންފީޒުކުރުމަކީ ނުވާނެ ކަމެއް ކަމަށް މިހާރު ބެލެވެ އެވެ.
އެމެރިކާގެ ފަސްގަނޑަށް އުފަންވާ މީހުންނަށް ރައްޔިތުކަން ދިނުމުގެ މައްސަލައިގައިވެސް ޓްރަމްޕަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ. ގާނޫނުއަސާސީގެ 14 ވަނަ އިސްލާހާ ޚިލާފުވުމަށް އޭނާ ކުރި މަސައްކަތް ފަނޑިޔާރުން ވަނީ ބޭރުކޮށްލާފަ އެވެ. އަދި ޓެރިފް ނުވަތަ ޑިއުޓީ ބޮޑުކުރުމަށް ކުއްލި ނުރައްކަލުގެ ގާނޫނުތަކުގެ ބޭނުން ހިފައިގެން އިގްތިސާދަށް ބަދަލުތައް ގެނައުމަށް ކުރި މަސައްކަތަށްވެސް ކޯޓުން ވަނީ ނޫނެކޭ ބުނެފަ އެވެ.
ނަމަވެސް، އެ ނިންމުންތަކުން ރެކިގަނެވޭނެ އެހެން ގޮތްތައް އޭނާ އަދިވެސް ދަނީ ހޯދަމުންނެވެ.
އެހެން ގިނަ ކަންކަމުގައި ޓްރަމްޕްގެ ސަރުކާރުން ދަނީ އަމިއްލައަށް ބޭނުންވާ ގާނޫނުތަކަށް ތަބާވެ، ބަޖެޓް ބޭނުން ގޮތަކަށް ބަދަލުކޮށް، ކުރާ ކަންކަމުގެ މައުލޫމާތު އާންމުންނަށް ސިއްރުކުރަމުންނެވެ. ކޮންގްރެސްއިން މިކަންކަމާ އަޅާނުލާއިރު، ކޯޓުތަކަށް މި ބާރުމިނުގައި ކަންކަން ބަލައެއް ނުގަނެވެ އެވެ. އަދި ސުޕްރީމް ކޯޓުން އިސްކަންދެނީ މައްސަލަތައް ހައްލުވަންދެން ޓްރަމްޕް ބޭނުންވާ ގޮތަށް ކަންކަން ކުރަން ދޫކޮށްލުމަށެވެ.
އަންނަ އަހަރުގެ އިންތިޚާބުގައި ޑިމޮކްރެޓުންނަށް ކޮންގްރެސްގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ، މި ހާލަތު ބަދަލުވުން އެކަށީގެންވެ އެވެ. އެބޭފުޅުން މަސައްކަތް ކުރައްވާނީ ޓްރަމްޕްގެ ލަނޑުދަނޑިތަކަށް ފައިސާ ޚަރަދުކުރުން ހުއްޓުވުމަށެވެ.
ނަމަވެސް، 2029 ވަނަ އަހަރު ޓްރަމްޕްގެ ބަދަލުގައި ވައިޓް ހައުސްއަށް އަންނަން ބޭނުންވާ ޑިމޮކްރެޓުންނަށް މިއީ ބޮޑު ސުވާލެކެވެ. ޓްރަމްޕް ބިނާކުރެއްވި ބޮޑު އީސްޓް ވިންގް ތަޅާލުމަށް އަނެއްކާވެސް ރައްޔިތުންގެ ފައިސާ ޚަރަދުކުރާނީ ހެއްޔެވެ؟ އޭނާގެ ސޫރަ ޖަހާފައިވާ ފައިސާގެ ފޮތިތައް ދައުރުވުން ހުއްޓުވުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ޝަރީއަތަކާ ނުލައި ގައުމުން ބޭރުކޮށްލި މީހުން އަނބުރާ ގެނައުމަކީވެސް ކުރެވޭނެ ކަމެއް ނޫނެވެ. އަދި ޓްރަމްޕްގެ ސަރުކާރުން ކަނޑާލި ސައިންޓިފިކް އަދި މެޑިކަލް ރިސާޗް ފަންޑުތައް އަލުން އިއާދަކުރުމަކީ ގިނަ ވަގުތާއި ބޮޑު މަސައްކަތެއް ބޭނުންވާނެ ކަމެކެވެ.
ޓްރަމްޕް ކޮށްފައިވާ ގިނަ ކަންތައްތަކަކީ، އެކަންކަން އިސްލާހުކުރަން ބޭނުންވިޔަސް، އަލުން އަނބުރާ އިއާދަނުކުރެވޭނެ ފަދަ ބޮޑެތި ބަދަލުތަކެކެވެ.
މަސްދަރު: ސީއެންއެން









