އެއްބަސްވުމާ ޚިލާފަށް ލުބުނާނަށް ހަމަލާދީ ހަތަރު މީހުން ޝަހީދުކޮށްލައިފި
7 ސެޕްޓެމްބަރު 2026 | ހޯމަ 04:11ލުބުނާނުގެ ދެކުނުގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ދެމުންދާ ވަރުގަދަ ވައިގެ ހަމަލާތަކުގައި އާންމުން ޝަހީދުވެ، ތާރީޚީ ބިނާތަކާއި މީހުން ދިރިއުޅޭ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ދެމުންދާ މި ހަމަލާތަކަކީ ހިޒްބުالله ގެ ޑްރޯން ހަމަލާތަކަކަށް ދިން ރައްދެއް ކަމަށް އިސްރާއީލުން ބުނާއިރު، އެ ގައުމުގެ ސިފައިން ބޯޑަރުގެ ފަހަތަށް ޖެއްސުމާ މެދު ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނޭ

އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި ހޮސްޕިޓަލެއް ސުންނާފަތިކޮށްލައި، މަދު ގަޑިއިރުތަކެއްގެ ތެރޭގައި ހަތަރު މީހަކު ބަޑިޖަހައި މަރާލައިފި | އެކްސް/ދި ކްރޭޑްލް | އެކްސް
އިސްރާއީލާއި ލުބުނާން ސަރުކާރާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ގާއިމުކޮށްފައި އޮތް ނަމަވެސް، އިސްރާއީލު ސިފައިން ލުބުނާނުގެ ދެކުނަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، މަދުވެގެން ހަތަރު މީހުން ޝަހީދުކޮށްލައި 20 މީހުން ޒަޚަމްކޮށްލައިފި އެވެ. ލުބުނާނުގެ ރަސްމީ ނޫސް އޭޖެންސީން (އެންއެންއޭ) ރިޕޯޓްކޮށްފައިވާ ގޮތުގައި، އާދީއްތަ ދުވަހުގެ ފަތިހު އިސްރާއީލުން ދޭން ފެށި މި ހަމަލާތައް އަމާޒުކޮށްފައި ވަނީ ނަބަޠިއްޔާ، އަރަބް ސާލިމް، ނަބަޠިއްޔާ އަލް-ފައުގާ އަދި ކަފްރް ރައްމާން އަށެވެ.
މި ގޮތުން، އަރަބް ސާލިމްގައި ހުރި އިމާރާތަކުން މީހުން ހުސްކުރުމަށް އިސްރާއީލު ސިފައިން އަމުރު ނެރުމަށް ފަހު ދިން ވައިގެ ހަމަލާއެއްގައި ދެ އަންހެނުން ޝަހީދުވެ، ހަ މީހަކު ޒަޚަމްވެފައިވާ ކަމަށް އެ އޭޖެންސީން ބުންޏެވެ. އަދި، ނަބަޠިއްޔާ އަލް-ފައުގާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާގައި މަދުވެގެން ދެ މީހުން ޝަހީދުވެފައިވާ ކަމަށް ލުބުނާނުގެ ސިއްހަތާބެހޭ ވުޒާރާއިން މައުލޫމާތު ދީފައި ވެ އެވެ. މީގެ އިތުރުން، ނަބަޠިއްޔާ ސިޓީއަށް ދިން ހަމަލާއެއްގައި ލުބުނާނުގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރެއްގެ ކޮއްކޮގެ މިލްކިއްޔާތުގައި އޮތް ތާރީޚީ އިމާރާތެއް ބިމާހަމަވެ، ކައިރީގައި ހުރި އެހެން އިމާރާތްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ކަފްރް ރައްމާންއަށް ދިން ހަމަލާގައި އެ ރަށުގެ ކުރީގެ މޭޔަރުގެ ގެ ސުންނާފަތިކޮށްލާފައި ވާއިރު، މި ހަމަލާތަކުގައި ޒަޚަމްވި ފަސް މީހަކަށް ނަބަޠިއްޔާގެ ހަސްފަތާލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ. މިއާ އެކު، އެ ސިޓީގައި ހުންނަ ސައްޔިދާ މަޢުޞޫމާ ބަގީޗާއަށް އޭގެ ކުރީ ދުވަހު ވެސް އިސްރާއީލުން ހަމަލާދީފައި ވަނިކޮށް، އަލުން ދިން ހަމަލާގައި އެ ބަގީޗާގެ ބާކީ ހުރި ބައިތައް ވަނީ މުޅިން ހަލާކުވެފަ އެވެ.
އިސްރާއީލުން ބުނާ ގޮތުގައި މި ހަމަލާތަކަކީ ލުބުނާނުގެ ދެކުނުގައި ތިބި އެ ގައުމުގެ ސިފައިންނަށް އަމާޒުކޮށް މުޖާހިދުންގެ ޖަމާއަތް ހިޒްބުالله އިން ދެ ޑްރޯން ހަމަލާ ފޮނުވައިލުމާ ގުޅިގެން ދިން ރައްދު ހަމަލާތަކެކެވެ. އަދި، ހިޒްބުالله ގެ މި އަމަލަކީ ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފުވުން ކަމަށް އިސްރާއީލުން ވަނީ ސިފަކޮށްފަ އެވެ. އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުގާނޫނީ ހަނގުރާމައިގެ ތެރެއިން، މިދިޔަ މާރިޗު މަހު ހިޒްބުالله އިން އިސްރާއީލަށް ހަމަލާދޭން ފެށި ފަހުން، އިސްރާއީލުން ދަނީ ލުބުނާނުގެ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާދީ، އެއްގަމު މަގުން ވެސް އަރައިގަންނަމުންނެވެ.
ލުބުނާނުން ބުނާ ގޮތުގައި އިސްރާއީލުގެ މި ހަމަލާތަކުގައި މިހާތަނަށް 4،300 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. އަދި، އިސްރާއީލު ސިފައިން އަދިވެސް ދަނީ ލުބުނާނުގެ އެތެރެއަށް 10 ކިލޯމީޓަރު އެތެރޭގައި، އެ މީހުން އަމިއްލައަށް ކަނޑައަޅާފައިވާ "ސެކިއުރިޓީ ޒޯން" އެއްގައި ހަރަކާތްތެރިވަމުންނެވެ. މިދިޔަ ޖޫން މަހު އެމެރިކާއާއި އީރާނާ ދެމެދު ވެވުނު ފަހުމުނާމާއަށް ފަހު ހަމަލާތަކުގެ އަދަދު މަދުވި ނަމަވެސް، އެ މަހުގެ ފަހުކޮޅު އިސްރާއީލާއި ލުބުނާނުން ވަނީ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެހެންނަމަވެސް، ލުބުނާނުގެ ދެކުނުގެ އަވަށްތަކާއި ރަށްތަކަށް އިސްރާއީލުން ދޭ ވައިގެ ހަމަލާތަކާއި، އާޓިލަރީ ބަޑީގެ ހަމަލާތަކުގެ އިތުރުން އާންމުން ދިރިއުޅޭ އިމާރާތްތައް ސުންނާފަތިކޮށްލުމުގެ އަމަލުތައް އަދިވެސް ހިނގަމުންދާ ކަމަށް ލުބުނާނުން ރިޕޯޓްކުރެ އެވެ.
އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި ހޮސްޕިޓަލެއް ސުންނާފަތިކޮށްލައި، މަދު ގަޑިއިރުތަކެއްގެ ތެރޭގައި ހަތަރު މީހަކު ބަޑިޖަހައި މަރާލައިފި | އެކްސް/ދި ކްރޭޑްލް
ހުކުރު ދުވަހު ވެސް ލުބުނާނުގެ ދެކުނާއި އިރުމަތީ ސަރަހައްދުތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި 18 އަހަރުގެ އަންހެނަކާ އެކު ޖުމްލަ ހަތަރު މީހުން ޝަހީދުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައި ވެ އެވެ. އިސްރާއީލުން ބުނީ އެ ހަމަލާތަކަކީ އެ ގައުމުގެ ސިފައިންނަށް އަމާޒުކޮށް ފޮނުވައިލި ޑްރޯން ހަމަލާއަކަށް ރައްދު ދިނުމުގެ ގޮތުން ހިޒްބުالله ގެ އަމާޒުތަކަށް ދިން ހަމަލާތަކެއް ކަމަށެވެ. މީގެ އިތުރުން، މި ހަފުތާގެ ކުރީކޮޅު އިސްރާއީލުން ވަނީ ނަބަޠިއްޔާ ކައިރީގައި އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު އަލީ އަލް-ތާހިރު ފަރުބަދަމަތީ ސަރަހައްދުގެ "އޮޕަރޭޝަނަލް ކޮންޓްރޯލް" އެ ގައުމުން ހޯދާފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ހިޒްބުالله އިން މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އިސްރާއީލުން ސިފައިން ފަހަތަށް ޖެއްސުމަށް ވިސްނަނީ
ލުބުނާނުގެ ބިންތަކަށް އަރާ ތިބި އިސްރާއީލު ސިފައިން، އިސްރާއީލުގެ ބޯޑަރާ ކައިރިއަށް ފަހަތަށް ޖެއްސުމާ މެދު އެ ގައުމުން ވިސްނަމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އިސްރާއީލުގެ ދައުލަތުގެ މީޑިއާއިން، އެ ގައުމުގެ ސަލާމަތީ ބާރުތަކާ ހަވާލާދީ ބުނީ، ލުބްނާނުގައި އިސްރާއީލު ސިފައިން ތިބޭ މިންވަރު މަދުކޮށް، ބޯޑަރާ ތިން ކިލޯމީޓަރާއި ހަތަރު ކިލޯމީޓަރާ ދެމެދުގެ ދުރުމިނަކަށް ފަހަތަށް ޖެހި، އައު "ގްރޭ ލައިން" އެއްގައި ފާރަވެރިވާ މަރުކަޒުތައް ބިނާކުރުމަށް އަސްކަރިއްޔާއިން ތައްޔާރުވަމުންދާ ކަމަށެވެ. މި ބަދަލާ އެކު، ލައިތާނީ ކޯރުގެ އުތުރަށް ދެމިގެންވާ "ޔެލޯ ލައިން" ގެ ބައެއް ސަރަހައްދުތަކުން އިސްރާއީލު ސިފައިން ފަހަތަށް ޖެހޭނެ އެވެ. ނަމަވެސް، މި ރޭވުމަށް އިސްރާއީލުގެ ސަރުކާރުގެ އިސްވެރިން އަދި ހުއްދަ ދީފައި ނުވާ ކަމަށާއި، އެ ސަރަހައްދުތައް ލުބުނާނުގެ އަސްކަރިއްޔާއާ ހަވާލުކުރުމުގެ ކަންކަން އަދި އޮތީ ނުނިމި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ހިޒްބުالله އިން ވަނީ އިސްރާއީލުގެ މި އަމަލުތައް ކުށްވެރިކޮށްފަ އެވެ. އެ ޖަމާއަތުން ބުނި ގޮތުގައި އިސްރާއީލުން މި ހަމަލާތައް ދެމުންދަނީ ބައިނަލްއަގުވާމީ މުޖުތަމައު ހަނު އޮވެ، އެމެރިކާގެ ފުރިހަމަ އެހީތެރިކަމާ އެކުގަ އެވެ. އަދި، އިސްރާއީލާއެކު ބައިރޫތުގެ ސަރުކާރުން ކުރަމުންދާ "ބޭކާރު މަޝްވަރާތައް" ގަބޫލުނުކުރާނެ ކަމަށް އެ ޖަމާއަތުން އަނެއްކާ ވެސް ވަނީ ބުނެފަ އެވެ. ގަތަރުގެ ޚާރިޖީ ވުޒާރާއިން ބުނީ، މަސްރަހު ފިނިކުރުމަށް ދަވްހާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން ބިން ޖާސިމް އަލް-ޘާނީ ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމްއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
މަސްދަރު: އަލް ޖަޒީރާ










