ފެރާންގެ ހެޓްރިކާ އެކު ޗެމްޕިއަން ޕީއެސްޖީ އަށް ހަ ލަނޑުގެ މޮޅެއް
10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 04:22މޮޅާ އެކު ޕީއެސްޖީ އިން ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅު ކޮށްފައިވާއިރު، ޗެމްޕިއަންސް ލީގުގައި ދެން އެ ޓީމަށް އޮންނަނީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗު. ޕީއެސްޖީ އަކީ ފާއިތުވި ދެ ސީޒަންގެ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްފައިވާ ޓީމު


މެެޗުގައި ލަނޑު ޖެހުމަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ | ރޮއިޓާސް
އައު ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ސްލޮވަން ބްރަޓިސްލާވާ ދެކޮޅަށް ކުޅުނު މެޗުން، އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ބޮޑު މޮޅެއް ހޯދައިފި އެވެ.
ބުދަ ދުވަހުގެ ދަންވަރު ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 6-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީ އިން ތިން ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗު ފަށައިގެން 17 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ އޮސްމާން ޑެމްބެލޭ އެވެ. އެއީ ނޫނޯ މެންޑޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ހަ މިނެޓު ފަހުން ޑެމްބެލޭ ވަނީ ޕީއެސްޖީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާާފު ނިމުމުގެ ކުރިން ޕީއެސްޖީގެ ތިން ވަނަ ލަނޑު ޖެހީ ފެރާން ޓޮރޭސް އެވެ.
އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު ވެސް ޖެހީ ފެރާން އެވެ. އޭގެ ދިހަ މިނެޓު ފަހުން ފެރާން ވަނީ އިތުރު ލަނޑެއް ޖަހައި މެެޗުގައި އޭނާގެ ހެޓްރިކް ހަމަކޮށްފަ އެވެ. މެޗުގައި ސްލޮވަންގެ ހަމައެކަނި ލަނޑު 59 ވަނަ މިނެޓުގައި ޖެހީ ސުލައިމަން ކަމަރާ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، ޕީއެސްޖީގެ ހަ ވަނަ ލަނޑު ޖެހީ ފަބިއަން ރުއީޒް އެވެ.
މޮޅާ އެކު ޕީއެސްޖީ އިން ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅު ކޮށްފައިވާއިރު، ޗެމްޕިއަންސް ލީގުގައި ދެން އެ ޓީމަށް އޮންނަނީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. ޕީއެސްޖީ އަކީ ފާއިތުވި ދެ ސީޒަންގެ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްފައިވާ ޓީމެވެ.










