އެމްބާޕޭ ފްރާންސްގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ!
ފްރާންސްގެ ގައުމީ ޓީމަށް 58 ލަނޑު ޖަހައިދީގެން ކީލިއަން އެމްބާޕޭ ވަނީ އެ ގައުމުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާފައި. އޮލިވިއޭ ޖިރޫގެ ރެކޯޑް ފަހަނައަޅައި ދިޔަ އުމުރުން 27 އަހަރުގެ އެމްބާޕޭއަކީ ވޯލްޑް ކަޕްގެ ތާރީޚީ ރެކޯޑްތަކާވެސް ގާތްކުރާ ކުޅުންތެރިއެއް. މާހިރުން ގަބޫލުކުރާ ގޮތުގައި އޭނާގެ ހުނަރާއި ލީޑަޝިޕާއެކު، ކެރިއަރު ނިމޭއިރު އޭނާ ވެގެންދާނީ ފްރާންސްގެ ތާރީޚުދުށް އެންމެ މޮޅު ކުޅުންތެރިޔާއަށް.

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އައި (I) ގައި، ޖޫން 16، 2026 ވީ އަންގާރަ ދުވަހު ނިއު ޖާޒީގެ އީސްޓް ރެޑަފޯޑްގައި ހުންނަ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ފްރާންސާއި ސެނެގާލް ބައްދަލުކުރި މެޗުގައި، ފްރާންސްގެ ޓީމަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދިނުމަށްފަހު އެ ޓީމުގެ ޖާޒީ ނަންބަރު 10، ކީލިއަން އެމްބާޕޭ އުފާފާޅުކުރަނީ. | ގެޓީ އިމޭޖަސް
ފާއިތުވި އަހަރުތަކުގައި ފްރާންސްގެ ގައުމީ ޓީމުން ހުނަރުވެރި ގިނަ ފޯވާޑުންތަކެއް ފެނިގެން ގޮސްފައިވެއެވެ.
ނަމަވެސް، ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސެނެގާލް ކޮޅަށް ޖެހި ލަނޑުތަކާއެކު، ލަނޑު ޖެހުމުގެ ރެކޯޑްތަކަށް ބަލާއިރު ކީލިއަން އެމްބާޕޭއަށްވުރެ ކުރީގައި އުޅޭ އެހެން ކުޅުންތެރިއަކު ނެތެވެ.
އުމުރުން އެންމެ 27 އަހަރުގެ ރެއާލް މެޑްރިޑްގެ ފޯވާޑް މިހާރު ވަނީ ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އޭނާ މި ރެކޯޑް މުގުރާލީ ގައުމީ ޓީމަށް ޖަހައިދިން 58 ވަނަ ލަނޑާއެކު، ކުރިން މި ރެކޯޑް އޮތް އޮލިވިއޭ ޖިރޫ ފަހަތަށް ޖައްސާލުމަށްފަހުއެވެ.
ބީބީސީ ވަން އާ ވާހަކަ ދައްކަމުން ފްރާންސާއި ސެނެގާލް ބައްދަލުކުރި މެޗަށްފަހު ޖިރޫ ބުނީ، އެމްބާޕޭއަށް މަރުހަބާ ކިޔާ ކަމަށާއި، އޭނާއަށްޓަކައި އުފާކުރާ ކަމަށެވެ.
ޖިރޫ އިތުރަށް ބުނީ، މިއީ ކުރިންވެސް ލަފާކުރެވުނު ކަމެއް ކަމަށާއި، އެމްބާޕޭ ހުރިހާ ރެކޯޑެއް މުގުރާލާނެ ކަމަށެވެ. އެގޮތުން ގައުމީ ޓީމަށް ކުޅޭ މެޗުތަކުގެ އަދަދާއި ޖަހާ ލަނޑުގެ އަދަދުވެސް އޭނާ އާ އުސްމިންތަކަކަށް ގެންދާނެ ކަމަށް ޖިރޫ ގަބޫލުކުރެއެވެ. "އަހަރެން ދެކޭގޮތުގައި އޭނާއަށް ފަސޭހަކަމާއެކު 100 ލަނޑު ހަމަކުރެވޭނެ. އަދި މީރޮސްލާވް ކްލޯސާގެ ވޯލްޑް ކަޕް ރެކޯޑްވެސް އޭނާ މުގުރާލާނެ ކަމަށް ބެލެވޭ. ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތަކުގައި އޭނާ ދަނީ މޮޅު ކުޅުމެއް ދައްކަމުން،" ޖިރޫ ފާހަގަކުރިއެވެ.
އެމްބާޕޭ ފްރާންސަށް 58 ލަނޑު ޖަހައިދިނީ އެންމެ 99 މެޗުންނެވެ. އަންގާރަ ދުވަހުގެ މެޗުގައި އޭނާ ޖެހި ލަނޑުތަކާއެކު، ވޯލްޑް ކަޕްގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 14 އަށް އަރާފައެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް 16 ލަނޑާއެކު އޮތް ޖަރުމަނުގެ ކްލޯސާއަށްވުރެ އެންމެ ދެ ލަނޑު މަދު އަދަދެކެވެ.
ހަގީގީ ލީޑަރެއް
ޖިރޫ ބުނިގޮތުގައި ގިނަ ކުޅުންތެރިން އޭނާގެ ގާތުގައި އެމްބާޕޭއާ ބެހޭގޮތުން ސުވާލުކުރެއެވެ. އޭނާ ދެކޭގޮތުގައި އެމްބާޕޭގެ ކާމިޔާބީގެ ސިއްރަކީ އޭނާގެ ކިބައިގައި ހުރި ވަރުގަދަ އަޒުމާއި އަމިއްލަ ނަފްސަށް އޮތް އިތުބާރެވެ.
"އޭނާ ދާން ބޭނުންވާ މަންޒިލް އޭނާއަށް އެނގޭ. އޭނާއަކީ ލީޑަރެއް. ވަރަށް ޒުވާން އުމުރުގައިވެސް އޭނާގެ ކިބައިން އެކަން ފެނުނު. އޭނާއަކީ އުމުރަށްވުރެ ހަރުދަނާ، ޓީމަށް ބޭނުންތެރި ކުޅުންތެރިއެއް. ދަނޑުމަތީގައާއި ދަނޑުން ބޭރުގައިވެސް އޭނާއަކީ ހަގީގީ ލީޑަރެއް،" ޖިރޫ ބުންޏެވެ.
ފްރާންސްގެ ފުޓްބޯޅަ މާހިރެއް ކަމަށްވާ ޖޫލިއަން ލޯރެންސް ގަބޫލުކުރާ ގޮތުގައި އެމްބާޕޭ ވެގެންދާނީ އެ ގައުމުގެ ތާރީޚުދުށް އެންމެ މޮޅު ކުޅުންތެރިޔާއަށެވެ.
ލޯރެންސް ބުނީ، އެމްބާޕޭގެ ކިބައިން އަދި މިއަށްވުރެ މޮޅު ކުޅުމެއް ފެންނާނެ ކަމަށެވެ. ނަމަވެސް މިވަގުތަށް ބަލާއިރު، ޒައިނުއްދީން ޒިދާން އާއި މިޝޭލް ޕްލެޓިނީ އަކީ އަދިވެސް ފްރާންސްގެ ތާރީޚީ އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށް އޭނާ އެއްބަސްވެއެވެ.
"އެ ދެ ކުޅުންތެރިންނަށްފަހު ދެން އޮތީ އެމްބާޕޭ. އޭނާ ވަނީ ތިއެރީ އޮންރީ، އެންޓޮއިން ގްރީޒްމަން އަދި އޮލިވިއޭ ޖިރޫ ފަދަ ކުޅުންތެރިންނަށްވުރެ ކުރި ހޯދާފައި. އެއީ ހަމައެކަނި ލަނޑު ޖަހާތީއެއް ނޫން. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމާއި، 2022 ގެ ފައިނަލްގައި ހެޓްރިކް ހެދުމުގެ އިތުރުން، މިހާރު ކެޕްޓަނެއްގެ ގޮތުގައި އޭނާ ދައްކާ ލީޑަޝިޕްގެ ސަބަބުން،" ލޯރެންސް ތަފްސީލުކޮށްދިނެވެ.
އޭނާ ލަފާކުރާ ގޮތުގައި އެމްބާޕޭގެ ކެރިއަރު ނިމޭއިރު އޭނާ ހުންނާނީ އެއްވަނައިގައެވެ. އޭނާއަށް އަދި މަދުވެގެން އެއް ވޯލްޑް ކަޕާއި ޔޫރޯ މުބާރާތްތަކެއް ކުޅުމުގެ ފުރުސަތު އޮތުމުން، ފްރާންސްގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއަށް އޭނާ ވާނެ ކަމަށް ލޯރެންސް ބުންޏެވެ.
އަދަދުތަކާއި ކާމިޔާބީތައް
މާޗް 2017 ގައި ބައިނަލްއަގުވާމީ ފުޓްބޯޅައަށް ނުކުތް އެމްބާޕޭ، ފްރާންސްގެ ގައުމީ ޓީމަށް ފުރަތަމަ ލަނޑު ޖަހައިދިނީ އޭނާ ކުޅުނު ހަތަރުވަނަ މެޗުގައެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި ނެދަލޭންޑްސް އަތުން 4-0 އިން ފްރާންސް މޮޅުވި މެޗުގައެވެ.
އެ ދުވަހުގެ ކުރީކޮޅު، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ވަނީ އޭރު އުމުރުން 18 އަހަރުގެ އެމްބާޕޭ، މޮނާކޯއިން ލޯނު އުސޫލުން ގެންދިއުމަށް އެއްބަސްވެފައެވެ. އެ އެއްބަސްވުމުގެ ދަށުން 165.7 މިލިއަން ޕައުންޑަށް އޭނާ ދާއިމީކޮށް ގަތުމުގެ އިޚްތިޔާރު ޕީއެސްޖީއަށް އޮތެވެ.
ފަހުން ޕީއެސްޖީން އެ އިޚްތިޔާރުގެ ބޭނުންކޮށް، އެމްބާޕޭ ދާއިމީކޮށް އެ ކްލަބަށް ސޮއިކުރުވިއެވެ. މިއާއެކު އޭނާ ވެގެންދިޔައީ ފުޓްބޯޅައިގެ ތާރީޚުގައިވެސް އެންމެ އަގުބޮޑު ޒުވާން ކުޅުންތެރިޔާއަށެވެ.
އެމްބާޕޭ ޕީއެސްޖީއަށް ބަދަލުވިއިރުވެސް އޭނާއަކީ ފްރާންސްގެ ގައުމީ ބަތަލެކެވެ.
2018 ވަނަ އަހަރު ފްރާންސުން ވޯލްޑް ކަޕް ކާމިޔާބުކުރިއިރު އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެ މުބާރާތުގައި އޭނާ ވެގެންދިޔައީ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފްރާންސްގެ އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އަދި ޕެލޭއަށްފަހު ވޯލްޑް ކަޕް ފައިނަލެއްގައި ލަނޑު ޖެހި ދެވަނަ ޒުވާން ކުޅުންތެރިޔާއަކީވެސް އޭނާއެވެ.
ރަޝިއާގައި ބޭއްވި އެ ވޯލްޑް ކަޕްގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ އިތުރުން، މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑްވެސް އޭނާ ހާސިލުކުރިއެވެ.
2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕާ ހަމައަށް އައިއިރު، އޭނާ ވަނީ ފްރާންސް ޓީމުގެ އެންމެ މުހިންމު ތަނބަށް ވެފައެވެ.
އޭރު އުމުރުން 23 އަހަރުގެ އެމްބާޕޭ ވަނީ، އިންގްލެންޑްގެ ޖެފް ހާސްޓަށްފަހު ވޯލްޑް ކަޕް ފައިނަލެއްގައި ހެޓްރިކް ހެދި ދެވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އެ މެޗުން ޕެނަލްޓީ ޖަހައިގެން މެސީގެ އާޖެންޓީނާ އަތުން ފްރާންސް ބަލިވި ނަމަވެސް، އެމްބާޕޭގެ ކުޅުން ފާހަގަކުރެވުނެވެ.
ޕްރޮޖެކްޓް އެމްބާޕޭ
އެމްބާޕޭ އާއި އޭނާގެ އާއިލާގެ އަބަދުވެސް އޮތް އުންމީދަކީ އޭނާ ދުނިޔޭގެ އެންމެ އުހަށް ވާސިލުވުމެވެ. މިއާއެކު "ޕްރޮޖެކްޓް އެމްބާޕޭ" ވުޖޫދަށް އައެވެ.
ބީބީސީގެ ޑޮކިއުމެންޓްރީއެއްގައި އެމްބާޕޭގެ ކުޑައިރުގެ އެކުވެރިޔާ ރަޔާން ވިޔަންގާ ބުނިގޮތުގައި، އެމްބާޕޭގެ ދިރިއުޅުމަކީ ހަމައެކަނި ސްކޫލާއި ފުޓްބޯޅައެވެ.
އޭނާ އުފަންވީ 1998 ވަނަ އަހަރު، ފްރާންސުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރިތާ އެންމެ ފަސް މަސް ފަހުން، ޕެރިހުގެ ބޮންޑީ އަވަށަށެވެ.
އެމްބާޕޭގެ އާއިލާ ދިރިއުޅުނު ފްލެޓް ހުންނަނީ އޭއެސް ބޮންޑީގެ ފުޓްބޯޅަ ދަނޑުތައް ފެންނަ ހިސާބުގައެވެ. އޭނާގެ ބައްޕަ ވިލްފްރިޑް އަކީ އެ ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި އުޅުމަށްފަހު ފަހުން ކޯޗަކަށް ބަދަލުވި މީހެކެވެ.
"އޭއެސް ބޮންޑީގައި އުޅުނު އެހެން ކުޅުންތެރިންނަށްވުރެ އެމްބާޕޭ މާ ކުރީގައި އުޅުނު. އޭނާ ބޭނުންވީ އަބަދުވެސް އެންމެ މޮޅު ކުޅުންތެރިންނާއެކު ކުޅެން،" ވިޔަންގާ ބުންޏެވެ.
ލޯރެންސް އިތުރަށް ބުނިގޮތުގައި، އެމްބާޕޭ އުމުރުން އެންމެ ތިން އަހަރުގައި ފްރާންސްގެ ގައުމީ ސަލާމް ދަސްކުރީ، ގައުމީ ޓީމަށް ކުޅެން ފުރުސަތު ލިބޭ ދުވަހަކަށް ތައްޔާރުވުމުގެ ގޮތުންނެވެ.
އެމްބާޕޭގެ މަންމަ ފައިޒާ ލަމާރީ އަކީ ކުރީގެ ޕްރޮފެޝަނަލް ހޭންޑްބޯޅަ ކުޅުންތެރިއެކެވެ. އެމްބާޕޭ އޭނާގެ ކޮޓަރީގައި އޭނާގެ ނަމޫނާ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ފޮޓޯތައް ހަރުކޮށް، ޒިދާންގެ ކުޅުން ބަލައި އުޅުނެވެ.
ނަމަވެސް އޭނާއަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވީ އޭނާގެ އެޑޮޕްޓެޑް ބޭބެ ޖިރޭސް ކެމްބޯ އެކޯކޯއެވެ. އެކޯކޯ އަކީ އެމްބާޕޭގެ ކުރިން ފްރާންސްގެ ގައުމީ އެކަޑަމީއަށް ހޮވި، ފަހުން ފްރާންސް ލީގުގައި ކުޅުނު ކުޅުންތެރިއެކެވެ.
ފްރާންސް ފުޓްބޯޅަ މާހިރު މެޓް ސްޕައިރޯ ބުނިގޮތުގައި، އެމްބާޕޭއަށް އެކަޑަމީގެ ފުރަތަމަ އަހަރު ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވިއެވެ. ނަމަވެސް ދެވަނަ އަހަރުން ފެށިގެން އޭނާގެ ހަގީގީ ހުނަރު ފެންނަން ފެށިއެވެ.
އޭނާގެ ކުރިއެރުން އަވަސްވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އުމުރުން އެންމެ 10 އަހަރުގައި ނައިކީ ފަދަ ބޮޑެތި ކުންފުނިތަކުން އޭނާއަށް ބޫޓު ހަދިޔާކުރަން ފެށިއެވެ.
ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން އޭނާއަށް ފާރަލަމުން ދަނިކޮށް، އުމުރުން 14 އަހަރުގައި އޭނާ މޮނާކޯއަށް ބަދަލުވިއެވެ. ޗެލްސީ އާއި ރެއާލް މެޑްރިޑުން ފުރުސަތު ލިބުނު ނަމަވެސް، އޭނާގެ އާއިލާއިން ބޭނުންވީ އޭނާ ފްރާންސްގައި މަޑުކުރުވާށެވެ.
އުމުރުން 16 އަހަރާއި 347 ދުވަހުގައި އޭނާ މޮނާކޯގެ ސީނިއާ ޓީމަށް ކުޅެން ފެށިއެވެ. މިއާއެކު އޭނާ ވެގެންދިޔައީ މޮނާކޯގެ ތާރީޚުގައިވެސް އެންމެ ޒުވާން އުމުރުގައި ކުޅުނު ކުޅުންތެރިޔާއަށެވެ. މި ރެކޯޑް ކުރިން އޮތީ އޮންރީ އަތުގައެވެ.
އޭގެ ތިން މަސް ފަހުން އޭނާ ވަނީ މޮނާކޯއަށް ފުރަތަމަ ލަނޑު ޖަހައިދީ، އެ ކްލަބަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑްވެސް އޮންރީ އަތުން އަތުލާފައެވެ.
މޮނާކޯއަށް ދިޔަ ދުވަސްވަރު، އެމްބާޕޭއަށް ހަވާލުކުރި މަސައްކަތެއްގެ ތެރެއިން އޭނާ ވަނީ މަޖައްލާއެއްގެ ކަވަރު ފަރުމާކޮށްފައެވެ. އޭނާ އިޚްތިޔާރުކުރީ ދުނިޔޭގެ މަޝްހޫރު "ޓައިމް" މެގަޒިންއެވެ. އޭގައި އޭނާ ޖެހި ސުރުޚީއަކީ "އެލް މައެސްޓްރޯ" ނުވަތަ "މާސްޓަރ" އެވެ.
އޭގެ އެންމެ ހަތަރު އަހަރު ފަހުން، ވޯލްޑް ކަޕް ކާމިޔާބުކޮށް، އޭނާގެ އެ ހުވަފެން ހަގީގަތަކަށްވިއެވެ. އޭނާގެ ފޮޓޯ ހަގީގަތުގައިވެސް ޓައިމް މެގަޒިންގެ ކަވަރުން ފެނިގެންދިޔައެވެ.
"ޕްރޮޖެކްޓް އެމްބާޕޭ" އަކީ އޭނާގެ އާއިލާއިން ވަރަށް ބޮޑަށް ރާވައިގެން ކުރިއަށް ގެންދިޔަ ކަމެކެވެ. 2017 ވަނަ އަހަރު ރެއާލް މެޑްރިޑް ދޫކޮށް ޕީއެސްޖީއަށް އޭނާ ބަދަލުވީވެސް މި ރޭވުމުގެ ދަށުންނެވެ. ރެއާލްއަށް އޭނާ ހޯދުމަށް އޭގެ ފަހުން ހަތް އަހަރު މަޑުކުރަން ޖެހުނެވެ.
2023 ވަނަ އަހަރު ފްރާންސްގެ ކެޕްޓަންކަން އެމްބާޕޭއަށް ދީފައިވާއިރު، އަދިވެސް އޭނާއަށް ހާސިލުނުވާ ބައެއް ކަންކަން އެބަހުއްޓެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގާއި ބެލޮންޑިއޯ އެވޯޑް ހިމެނެއެވެ.
ލޯރެންސް ބުނިގޮތުގައި، އެމްބާޕޭގެ ކެރިއަރު ނިމޭއިރު އޭނާގެ ކާމިޔާބީތައް ޒިދާން އާއި ޕްލެޓިނީއަށްވުރެ ގިނަވާނެއެވެ. އަދި އޭނާއަކީ ބެލޮންޑިއޯ އާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރާނެ ކުޅުންތެރިއެއްކަން ޔަގީންވާ ކަމަށްވެސް އޭނާ ބުންޏެވެ.






