ބާސެލޯނާ ދޫކޮށް، ފެރާން ޓޮރޭސް ޕީއެސްޖީ އަށް ބަދަލުވަނީ
9 އޯގަސްޓު 2026 | އާދީއްތަ 10:14މީޑިއާތަކުގައި ބުނެފައިވާ ގޮތުން ފެރާން މިހާރު ވަނީ، އޭނާ ޕީއެސްޖީ އަށް ބަދަލުވާން ބޭނުންވާކަން ބާސެލޯނާ އަށް އަންގާފައި. އަދި ބާސެލޯނާ އިން ވެސް، ފެރާން އެ ކުލަބުގައި ބަހައްޓަން ބާރު ނާޅާނެ ކަމަށް ބުނެފައިވޭ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ފެރާންއާ ގުޅޭ ގޮތުން ބާސެލޯނާ އާއި ޕީއެސްޖީ އިން މަޝްވަރާ ކުރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނޭ


ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ފެރާން ޓޮރޭސް | ރޮއިޓާސް
ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ފެރާން ޓޮރޭސް، އެ ކުލަބު ދޫކޮށް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ބަދަލުވާން ނިންމައިފި އެވެ.
އުމުރުން 26 އަހަރުގެ ފެރާން ބާސެލޯނާ އާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މިދިޔަ މަހު ނިމުނު ފީފާ ވޯލްޑް ކަޕަށް ފަހު ބާސެލޯނާ އިން އޮތީ ފެރާންގެ އެއްބަސްވުން އައުކުރަން ބޭނުންވެފައި އެވެ. ނަމަވެސް، އޭނާ ހޯދުމަށް ޕީއެސްޖީ އިން ކުރަމުން އައި މަސައްކަތުގައި ފެރާން ވަނީ އެ ކުލަބަށް ބަދަލުވާން އެއްބަސްވެފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މީޑިއާތަކުގައި ބުނެފައިވާ ގޮތުން ފެރާން މިހާރު ވަނީ، އޭނާ ޕީއެސްޖީ އަށް ބަދަލުވާން ބޭނުންވާކަން ބާސެލޯނާ އަށް އަންގައިފަ އެވެ. އަދި ބާސެލޯނާ އިން ވެސް، ފެރާން އެ ކުލަބުގައި ބަހައްޓަން ބާރު ނާޅާނެ ކަމަށް ބުނެފައިވެ އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ފެރާންއާ ގުޅޭ ގޮތުން ބާސެލޯނާ އާއި ޕީއެސްޖީ އިން މަޝްވަރާ ކުރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
މެންޗެސްޓަރ ސިޓީ ދޫކޮށްލުމަށް ފަހު ފެރާން ބާސެލޯނާ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އޭނާ ވަނީ ބާސެލޯނާ އަށް ކުޅެދިން 207 މެޗުގައި 65 ލަނޑު ޖަހައިފަ އެވެ. އެންމެ ފަހުން މިދިޔަ ސީޒަންގައި އޭނާ ވަނީ ބާސެލޯނާ އަށް 21 ލަނޑު ޖަހައިދީފައި އެވެ. ފެރާން ބާސެލޯނާގައި ބަހައްޓަން އެންމެ ބޮޑަށް ބާރު އެޅީ އެ ޓީމުގެ ކޯޗު ހަންސީ ފްލިކް އެވެ.
ނަމަވެސް ފެރާން ބާސެލޯނާ ދޫކޮށްލާކަން ކަށަވަރުވުމާ އެކު ފްލިކް ބުނެފައި ވަނީ، ކޮންމެ ކުޅުންތެރިޔަކަށް ވެސް އޭނާ ފުރިހަމަ އަށް އިޙްތިރާމް ކުރާ ކަމަށެވެ. ނަމަވެސް، ފެރާާންގެ މައްސަލައިގައި ކަންތައް ވެގެން ދިޔަ ގޮތުގެ މާ ބޮޑު ތަފްސީލެއް ނޭނގޭ ކަމަށާއި، މިވަގުތު ފޯކަސް ކުރި ޓީމަށް ކަމަށް ފްލިކް ވަނީ ބުނެފައި އެވެ.
މިއަހަރުގެ ފީފާ ވޯލްޑް ކަޕް ސްޕެއިން އިން ކާމިޔާބު ކުރީ، އާޖެންޓީނާ ކޮޅަށް ފައިނަލްގައި ފެރާން ޖެހި ލަނޑާ އެކު އެވެ. އޭނާ އަކީ ސްޕެއިންގެ ޤައުމީ ޓީމުގައި ވެސް ހިމެނޭ މުހިންމު ކުޅުންތެރިޔެކެވެ.










