ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!
25 އޯގަސްޓު 2026 | އަންގާރަ 11:15ސީކްރެޓް ސަރވިސްގެ ތަރުޖަމާން ނޭޓް ހެރިންގް ވިދާޅުވީ، އެ އިދާރާ އިން ރައްކާތެރިކުރާ ފަރާތްތަކަށް ބިރު ދެއްކުމަކަށް ދެކެވިދާނެ ކޮންމެ ކަމެއް ތަހުގީގުކުރާ ކަމަށާއި އެ ވީޑިއޯގެ މައްސަލަ އެ އިދާރާ އަށް އެނގިފައިވާ ކަމަށް. އޮޕަރޭޝަނަލް ސެކިއުރިޓީގެ ކަންބޮޑުވުމުގެ ސަބަބުން ރައްކާތެރިކަމުގެ މައުލޫމާތުގެ މައްސަލަތައް ހާމަނުކުރާ ކަމަށް އޭނާ ވިދާޅުވި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ދަރިކަލުން ބެރޮން ޓްރަމްޕް | ގެޓީ އިމޭޖަސް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަލުން ބެރޮން ޓްރަމްޕްގެ ފުރާނަ އަށް ނުރައްކާ ކުރުމަށް ބިރު ދެއްކުމުގެ ގޮތުން އީރާންގެ ސަރުކާރުގެ ބްރޯޑްކާސްޓަރަކުން ނެރުނު ވީޑިއޯއެއްގެ މައްސަލަ ސީކްރެޓް ސަރވިސް އިން ބަލަން ފަށައިފި އެވެ.
ފެބުރުއަރީ މަހު އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާންއާ ދެކޮޅަށް ދޭން ފެށި ހަމަލާތަކުގައި އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ އަވަހާރަކޮށްލައިފަ އެވެ. އޭގެ ފަހުން އީރާންގެ މީޑިއާތަކުން އަދި ރައްޔިތުން އަންނަނީ ޓްރަމްޕް އާއި އޭނާގެ އާއިލާ އަށް އެކި އެކި އިންޒާރުތައް ދެމުންނެވެ.
މީގެ ކުރިން ޓްރަމްޕްގެ އަނބިކަނބަލުން އަދި އެމެރިކާާގެ ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕްގެ ފުރާނަ އަށް ނުރައްކާ ކުރުމުގެ ގޮތުން އެކިއެކި އިންޒާރުތައް ދީފައިވާއިރު، މިއީ ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާާނަ އަށް ނުރައްކާ ކުރުމުގެ ގޮތުން އިންޒާރެއް ދިން ފުރަތަމަ ފަހަރެވެ.
ސީކްރެޓް ސަރވިސްގެ ތަރުޖަމާން ނޭޓް ހެރިންގް ވިދާޅުވީ، އެ އިދާރާ އިން ރައްކާތެރިކުރާ ފަރާތްތަކަށް ބިރުދެއްކުމަކަށް ދެކެވިދާނެ ކޮންމެ ކަމެއް ތަހުގީގުކުރާ ކަމަށާއި، އެ ވީޑިއޯގެ މައްސަލަ އެ އިދާރާ އަށް އެނގިފައިވާ ކަމަށެވެ. އޮޕަރޭޝަނަލް ސެކިއުރިޓީގެ ކަންބޮޑުވުމުގެ ސަބަބުން ރައްކާތެރިކަމުގެ މައުލޫމާތުގެ މައްސަލަތައް ހާމަނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިން މިނިޓާ ގާތްކުރާ މި ވީޑިއޯގެ ފެށުމުގައި އިނގިރޭސި ބަހުން ލިޔެފައިވަނީ ބެރޮން ޓްރަމްޕް މަރާލަން ޖެހޭނީ ކޮންތާކުތޯ ބުނާ ސުވާލެކެވެ. މި ވީޑިއޯގައި ޓްރަމްޕްގެ ދަރިކަލުން ވަގުތު ހޭދަ ކުރައްވާ ކަމަށް އާންމުކޮށް އެނގޭ ތަންތަން ދައްކާލާފައިވާއިރު އޭގެ ތެރޭގައި ނިއު ޔޯކްގައި ހުންނަ ޓްރަމްޕް ޓަވަރު ވެސް ހިމެނެ އެވެ. އެ ވީޑިއޯގައި ފަހު ބައިގައި ބުނެފައި ވަނީ، މީހުން އެދި އެދި ތިބީ އެ މީހުންގެ 10 މިލިއަން އެމެރިކާ ޑޮލަރުގެ އިނާާމު ހޯދުމަށް ކަމަށެވެ.
މީގެ ކުރިން ޓްރަމްޕް ވަނީ، އީރާން އިން އޭނާ އަށް އަމާޒުކޮށް ވެސް ހަމަލާ ދިނުމަށް ރާވާފައިވާ ކަމަށް ވިދާޅުވެފައި އެވެ. އީރާން އިން ހަމަލާ ދީފާނެ ކަމުގެ ބިރު އޮތުމާ އެކު، ދާދި ފަހުން ޓްރަމްޕް ވަނީ އޭނާ ދަތުރު ކުރައްވަމުން ގެންދެވި ބޯޓު ވެސް ބަދަލު ކުރައްވައިފަ އެވެ.
މަސްދަރު: ސީއެންއެން










