އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުގައި 3 މީހުން މަރު
5 ސެޕްޓެމްބަރު 2026 | ހޮނިހިރު 06:41ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިސްފައި އޮތް ނަމަވެސް، އިސްރާއީލުން ލުބުނާނުގެ ނަބަތިއްޔާ އާއި ބިގާ ވާދީގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުންނާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފި. މި ހަމަލާތަކުގައި އާންމުންގެ ގެދޮރާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެމެރިކާ މެދުވެރިވެގެން އެކުލަވާލި އެއްބަސްވުމުގެ ޝަރުތުތަކާ އެއްގޮތަށް އިސްރާއީލުން އަމަލުނުކުރާކަމަށް ބުނެ އީރާނުން ވަނީ ފާޑުކިޔާފައި

އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދިން ހަމަލާއަކަށްފަހު އެ ސަރަހައްދުން ބޯ ދުން އަރަނީ | ރޮއިޓާސް
އިސްރާއީލުން ލުބުނާނުގެ ދެކުނާއި އިރުމަތީގެ ސަރަހައްދުތަކަށް ދިން އާ ހަމަލާތަކެއްގައި މަދުވެގެން ތިން މީހުން މަރުވެ، 23 މީހުން ޒަޚަމްވެއްޖެ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިއީ މިހާތަނަށް ލިބިފައިވާ ވަގުތީ ހިސާބުތަކެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި މީހުން މަރުވެ ޒަޚަމްވެފައިވަނީ އިސްރާއީލުން ނަބަތިއްޔާ ޑިސްޓްރިކްޓާއި ބިގާ ވާދީގެ އެކި ސަރަހައްދުތަކަށް ދިން ވަރުގަދަ ބޮމުގެ ހަމަލާތަކާ ގުޅިގެންނެވެ.
މި ހަމަލާތައް ދީފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިސްފައި އޮތް ނަމަވެސް، އިސްރާއީލުން ލުބުނާނުގެ ސަރަހައްދުތަކަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައި ކުރިއަށް ގެންދާ ދަނޑިވަޅެއްގަ އެވެ.
ލުބުނާނުގެ އަލް-މަޔާދީން ނިއުސް ޗެނަލްގެ ރިޕޯޓަރަކު މައުލޫމާތު ދީފައިވާ ގޮތުގައި، އިސްރާއީލުގެ ބަޑިޖަހާ ފައުޖުތަކުންނާއި ހަނގުރާމަމަތީ ބޯޓުތަކުން ނަބަތިއްޔާ އަލް-ފައުގާ އަވަށަށް ހަމަލާދީފައިވާއިރު، އިސްރާއީލުގެ ޑްރޯން ހަމަލާއެއް ކައިރީގައި އޮތް ކަފްރު ރޫމަން އަވަށަށް ވެސް ވަނީ އަމާޒުވެފަ އެވެ.
އެ ރިޕޯޓަރު ބުނި ގޮތުގައި ކަފްރު ރޫމަން އަވަށަށް ދިން ޑްރޯން ހަމަލާގައި ދެ މީހަކު ވަނީ މަރުވެފަ އެވެ.
މީގެ އިތުރުން އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން ވަނީ ނަބަތިއްޔާ ޑިސްޓްރިކްޓްގައި ހިމެނޭ އަލް-ރަމާދިއްޔާ އަދި އަލް-ކަފޫރު އަވަށަށް ވެސް ވައިގެ ހަމަލާތަކެއް ދީފަ އެވެ.
އިސްރާއީލުގެ ސިފައިން ވަނީ ވަކިން ހިންގި އޮޕަރޭޝަންތަކެއްގައި އަލް-މަންސޫރީ އާއި ޒައުތަރު އަލް-ޝަރުގިއްޔާގެ ބޭރު ސަރަހައްދުތަކުގައި ހުރި ބައެއް އިމާރާތްތައް ގޮއްވާލައި ސުންނާފަތިކޮށްފަ އެވެ.
އިރުމަތީ ބިގާ ވާދީގައި ހިމެނޭ އައިން އަލް-ތީނާ އަވަށަށް ވެސް އިސްރާއީލުން ވަނީ ވައިގެ ހަމަލާއެއް ދީފަ އެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނީ މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ އަދަދަކީ އަދި ވަގުތީ އަދަދުތަކެއް ކަމަށާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ވަރަކަށް މި އަދަދުތައް ބަދަލުވުން އެކަށީގެންވާ ކަމަށެވެ.
ހުކުރު ދުވަހު މި ދިން ހަމަލާތަކަކީ 2024 ނޮވެމްބަރުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރި ފަހުން، އިސްރާއީލުން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ދެމުންދާ ސިލްސިލާ ހަމަލާތަކުގެ ތެރެއިން ހަމަލާތަކެކެވެ.
މި ހަމަލާތަކުގެ ތެރޭގައި ހަނގުރާމަމަތީ ބޯޓުތަކާއި ޑްރޯން ބޭނުންކޮށްގެން ދޭ ހަމަލާތަކުގެ އިތުރުން، ދަނޑުބިންތަކުގައި އަލިފާން ރޯކުރުމާއި، އާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ގޮއްވާލުން ހިމެނެ އެވެ.
މިދިޔަ ޖޫން މަހު، އެމެރިކާގެ މެދުވެރިކަމުގެ ދަށުން އިސްރާއީލާއި ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ "ފްރޭމްވޯކް އެގްރީމަންޓް" އެއްގެ ނަމުގައި އެއްބަސްވުމަކަށް އައިސްފަ އެވެ. މި އެއްބަސްވުމުގައިވާ ގޮތުން އިސްރާއީލުން ލުބުނާނުގެ ދެކުނުން ފޭބުމަށާއި، އެ ސަރަހައްދުގެ ކޮންޓްރޯލް ލުބުނާނުގެ އަސްކަރިއްޔާއާ ހަވާލުކުރުމުގެ އިތުރުން ހިޒްބުالله އިން ހަތިޔާރު ބެހެއްޓުމަށް ވަނީ ހިމަނާފަ އެވެ.
ނަމަވެސް، އިސްރާއީލު ސިފައިން އެ ސަރަހައްދުން ފައިބާފައި ނުވާތީ، ހިޒްބުالله އިން ވަނީ ހަތިޔާރު ބެހެއްޓުމަށް ގޮވާލާ ގޮވާލުމަށް ސާފުކޮށް އިންކާރުކޮށްފަ އެވެ.
ހަމަ އެއާއެކު ޖޫން މަހުގެ ތެރޭގައި، ޕާކިސްތާނު މެދުވެރިވެގެން އީރާނާއި އެމެރިކާއާ ދެމެދު ވަނީ ލުބުނާނު ހިމެނޭހެން ހުރިހާ ފަރާތްތަކަކުން ހަމަލާދިނުން ހުއްޓާލުމަށް ބާރުއަޅާ ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ.
އެހެންކަމުން، އީރާނުން ވަނީ އެމެރިކާއިން އެއްބަސްވުމުގެ ޝަރުތުތަކަށް އަމަލުނުކުރާކަމަށް ބުނެ ފާޑުކިޔައި، އިސްރާއީލުން ލުބުނާނަށް ދެމުންދާ އުދުވާނީ ހަމަލާތައް ހުއްޓުވުމަށް އެމެރިކާއިން އިސްރާއީލަށް ބާރު އެޅުމަށް ގޮވާލާފަ އެވެ.










