ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި
25 އޯގަސްޓު 2026 | އަންގާރަ 11:09މިކަމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ، އެމެރިކާގެ އަސްކަރީ ބޯޓެއް މޮސްކޯ އަށް އައިކަމުގެ އެއްވެސް މައުލޫމާތެއް ރަޝިޔާ ސަރުކާރަށް ލިބިފައި ނުވާ ކަމަށް. އަދި އެއީ ކޮން ބޭނުމަކު ކުރި ދަތުރެއްކަން ނުވަތަ އެ ބޯޓުގައި ތިބީ ކޮން ބައެއްކަން ވެސް އެނގިވަޑައި ނުގަންނަވާ ކަމަށް އޭނާ ވިދާޅުވި


އެމެރިކާގެ އެއާ ފޯސްގެ ބޯޓެއް ނައްޓާލާ މަންޒަރު | ރޮއިޓާސް
އެމެރިކާގެ އެއަރ ފޯސްގެ ބޯޓެއް ރަޝިޔާގެ ހުއްދަ ހޯދުމެއް ނެތި، އެ ޤައުމުގެ ވެރި ރަށް މޮސްކޯގައި ޖައްސައިފި އެވެ.
ދުނިޔޭގެ ވައިގެ ދަތުރުފަތުރުތައް މޮނިޓާކުރާ ފްލައިޓްރޭޑަރ24 އިން ހާމަކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު، އެމެރިކާގެ އެއަރ ފޯސްގެ މުދާ އުފުލާ މަތިންދާ ބޯޓެއް އަންގާރަ ދުވަހު ވަނީ ރަޝިޔާގެ ވެރި ރަށް މޮސްކޯގެ ވްނޫކޯވޯ އެއާޕޯޓަށް ޖައްސާފައި އެވެ. ނަމަވެސް، މި ދަތުރާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިން އިން ވަނީ ބުނެފައި އެވެ.
ފްލައިޓް ޓްރެކިން ޑޭޓާތަކުން ދައްކާ ގޮތުގައި އެމެރިކާގެ އަސްކަރިއްޔާގެ މި މަތިންދާ ބޯޓު މޮސްކޯ އަށް ޖެއްސީ އަންގާރަ ދުވަހުގެ ވަގުތެއްގައި އެވެ. މިއީ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެމެރިކާ އާއި ރަޝިޔާގެ ގުޅުން އިންތިހާ އަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި ހިނގި ކަމަކަށް ވާތީ، ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފައި އެވެ.
މިކަމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ، އެމެރިކާގެ އަސްކަރީ ބޯޓެއް މޮސްކޯ އަށް އައިކަމުގެ އެއްވެސް މައުލޫމާތެއް ރަޝިޔާ ސަރުކާރަށް ލިބިފައި ނުވާ ކަމަށެވެ. އަދި އެއީ ކޮން ބޭނުމަކު ކުރި ދަތުރެއްކަން ނުވަތަ އެ ބޯޓުގައި ތިބީ ކޮން ބައެއްކަން ވެސް އެނގިވަޑައި ނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އާންމު ގޮތެއްގައި އެމެރިކާ އާއި ރަޝިޔާއާ ދެމެދު ސީދާ ވައިގެ ދަތުރު ފަތުރުތައް މިހާރު އޮންނަނީ މެދުކަނޑާލާފައި އެވެ. އެހެންކަމުން އެމެރިކާގެ އަސްކަރީ ބޯޓެއް ރަޝިޔާގެ އެއާޕޯޓަކަށް ޖެއްސުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ. މީގެ ކުރިން ބައެއް ފަހަރު ގައިދީން ބަދަލު ކުރުމުގެ މުއާމަލާތްތަކާ ގުޅިގެން މިފަދަ ދަތުރުތައް ކޮށްފައިވީ ނަމަވެސް، މިފަހަރުގެ ދަތުރާ ގުޅޭ ގޮތުން އެމެރިކާގެ ދިފާއީ ވުޒާރާއިން ވެސް އަދި ރަޝިޔާގެ ކަމާ ބެހޭ އިދާރާތަކުން ވެސް ރަސްމީ ބަހެއް ބުނެފައި ނުވެ އެވެ.
މި ހާދިސާ ހިނގާފައި މިވަނީ ދެ ޤައުމުގެ މެދުގައި އޮތް ނުތަނަވަސްކަން ބޮޑުވެ، އެކި ދާއިރާތަކުން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ވަގުތެއްގަ އެވެ. ވްނޫކޯވޯ އެއާޕޯޓަކީ އާންމުކޮށް ރަޝިޔާގެ ސަރުކާރުގެ އިސްވެރިންނާއި ބޭރުގެ ވަފުދުތައް ބޭނުންކުރާ އެއާޕޯޓެއްކަން ފާހަގަކުރެވެ އެވެ.
މަސްދަރު: އަލް ޖަޒީރާ










