ހެގްސެތު މަޤާމުން ވަކިކުރެއްވުމަށް، ރިޕަބްލިކަން ޕާޓީގެ ސެނެޓަރަކު ޓްރަމްޕް އަށް ގޮވާލައްވައިފި
3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 06:31ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ ނޯތު ކެރޮއިލައިނާގެ ސެނެޓަރު ވިދާޅުވީ، ސިފައިންގެ ހުނަރުވެރިކަން ދަށްކުރުމުގެ ބަދަލުގައި، އެކަން ބަލަހައްޓާނެ އައު ލީޑަރަކު ޕެންޓަގަން އަށް ހޯދައި ދިނުމަށް ރައީސް ޓްރަމްޕް އަށް އިލްތިމާސްކުރައްވާ ކަމަށް


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތު | ގެޓީ އިމޭޖަސް
އީރާންއާ ދެކޮޅަށް ކުރިއަށްދާ ހަނގުރާމައިގައި އެމެރިކާގެ ސިފައިންގެ ތެރޭގައި "ވެރިކަމުގެ ހުސްކަމެއް" އުފައްދަމުން އަންނަ ކަމަށް ބުނެ، ސެކްރެޓަރީ އޮފް ފޯ ޕީޓް ހެގްސެތު ވަކިކުރުމަށް އެމެރިކާގެ ސެނެޓަރު ތޮމް ޓިލިސް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ގޮވާލައިފި އެވެ.
ބުދަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓިލިސް ވަނީ ހެގްސެތާއި، ކުރީގެ އާމީ ސެކްރެޓަރީ ޑޭން ޑްރިސްކޯލްގެ ތަފާތު ދައްކަވާފައި އެވެ. ޕެންޓަގަން ވެރިޔާ ހެގްސެތުއާ ދެކޮޅުވެރިކަން އޮތް ކަމަށް ރިޕޯޓުތައް ބުނެފައި ވަނިކޮށް، ޑްރިސްކޯލް ހޯމަ ދުވަހު އިސްތިއުފާ ދެއްވި އެވެ.
ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ ނޯތު ކެރޮއިލައިނާގެ ސެނެޓަރު ވިދާޅުވީ، ސިފައިންގެ ހުނަރުވެރިކަން ދަށްކުރުމުގެ ބަދަލުގައި، އެކަން ބަލަހައްޓާނެ އައު ލީޑަރަކު ޕެންޓަގަން އަށް ހޯދައި ދިނުމަށް ރައީސް ޓްރަމްޕް އަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ޓިލިސް އަކީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ މެންބަރަކަށް ވީ ނަމަވެސް، ފަހުގެ އަހަރުތަކުގައި އޭނާ ގެންދަވަނީ ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. ނަމަވެސް، ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމަށް ޓިލިސް ކުރިން އިއުލާން ކުރައްވާފައިވެ އެވެ.
ޓްރަމްޕްގެ ދެވަނަ ދައުރުގެ ފުރަތަމަ ދުވަސްވަރު، ހެގްސެތަށް ރުހުން ދިނުމަށް ވޯޓު ދެއްވި ސެނެޓަރުންގެ ތެރޭގައި ވެސް ޓިލިސް ހިމެނިވަޑައިގަތެވެ. ނަމަވެސް މަޤާމަށް ވަޑައިގެންނެވި ފަހުން ހެގްސެތު ވަނީ ޕެންޓަގަންގެ ތެރޭގައި ވަރަށް ގިނަ ކަންކަން ބަދަލު ކުރައްވާފައި އެވެ. އޭގެ ތެރޭގައި ޑިފެންސް ޑިޕާޓްމަންޓް އަށް ނޫސްވެރިންނަށް ލިބޭ ފުރުސަތު ހަނިކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.
މީގެ އިތުރުން ސިފައިންގެ ތެރޭގައި ތިއްބެވި އިސްވެރިން ކުއްލި ގޮތަކަށް މަޤާމުތަކުން ވަކި ކުރެއްވުމާއި، ސިފައިންގެ ޕްރޮމޯޝަންތައް ހުއްޓުވުން އަދި ސިފައިންނާ ދެކޮޅަށް މިފަދަ އެހެން ގިނަ ފިޔަވަޅުތައް ވެސް ހެގްސެތު އަޅުއްވާފައިވެ އެވެ. މިކަމާ ގުޅިގެން ސިފައިންގެ ތެރޭގައި ވެސް އޭނާއާ މެދު ނުރުހުން އޮންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ބުދަ ދުވަހު ކުރެއްވި ޕޯސްޓުގައި ޓިލިސް ވަނީ މިފަދަ މައްސަލަތައް ޙައްލު ކުރެއްވުމުގެ ބަދަލުގައި، ސަގާފީ ހަނގުރާމައިގެ މައްސަލަ ތަކަށް ހެގްސެތު ސަމާލުކަން ދެއްވާތީ އެކަމާާ ސުވާލު އުފައްދަވާފައިވެ އެވެ.
މަސްދަރު: އަލް ޖަޒީރާ










