އިސްރާއީލުގެ ހަމަލާތަކުގައި ތިން އަހަރު ތެރޭ ލުބުނާނުން 8,900 މީހުން ޝަހީދުކޮށްލައިފި
6 ސެޕްޓެމްބަރު 2026 | އާދީއްތަ 05:26ލުބުނާނުގެ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި 135 މީހުން ޝަހީދުވެފައިވާއިރު، އުދުވާނުގެ ސަބަބުން 360،000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައި. ސުލްހައިގެ އެއްބަސްވުންތަކާ މެދު ޚިޔާލުތަފާތުވުންތައް އުފެދިފައިވާ މި ދަނޑިވަޅުގައި، އިސްރާއީލުން ދަނީ ލުބުނާނުގެ ދެކުނުގެ ރަށްތަކަށް ދޭ ވައިގެ ހަމަލާތައް އިތުރަށް ވަރުގަދަކުރަމުން

އިސްރާއީލުގެ އަސްކަރިއްޔާއިން ލުބުނާނުގެ ދެކުނުގެ ސަރަހައްދެއްގައި ހުރި މީހުން ދިރިއުޅޭ އިމާރާތްތަކެއް އެއްކޮށް ސުންނާފަތިކޮށްލާ މަންޒަރު | އެކްސް
ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލު ސިފައިން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 8،900 އަށްވުރެ މައްޗަށް އަރައި، ޒަޚަމްކޮށްލާފައިވާ މީހުންގެ އަދަދު ގާތްގަނޑަކަށް 30،600 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ހާމަކޮށްފި އެވެ. ލުބުނާނުގެ ސިއްހަތާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން 2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް އިސްރާއީލު ސިފައިން ދިން ހަމަލާތަކުގައި 8،920 މީހުން ޝަހީދުކޮށްލައި، 30،595 މީހުން ވަނީ ޒަޚަމްކޮށްލާފައިވާ ކަމަށެވެ. މި އަދަދުތަކުގެ ތެރޭގައި މި އަހަރުގެ މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން ރެކޯޑުކުރެވުނު 4،358 ޝަހީދުންގެ މަރާއި، 12،359 މީހުންނަށް ލިބުނު އަނިޔާތައް ހިމެނެ އެވެ.
މީގެ އިތުރުން، ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުދަ ދުވަހު އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން އެމްބިއުލާންސްގައި މަސައްކަތްކުރާ ޚިދުމަތްތެރިންނަށް އަމާޒުކޮށް އިސްރާއީލުން ވަނީ 179 ހަމަލާއެއް ދީފަ އެވެ. އަދި، މި ހަމަލާތަކުގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ 135 މުވައްޒަފަކު ވަނީ ޝަހީދުވެފަ އެވެ. އިސްރާއީލުން ލުބުނާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަރުގަދަކޮށްފައި ވަނީ މާރިޗު މަހުގެ 2 ވަނަ ދުވަހު އެވެ. އެ ދުވަހު ލުބުނާނުގެ މުޖާހިދުންގެ ޖަމާއަތް، ހިޒްބުالله އިން އިސްރާއީލުގެ އުތުރުގެ ރަށްތަކަށް ފޮނުވާލި ރޮކެޓް ހަމަލާއަކާ ގުޅިގެން، އިސްރާއީލުން ބައިރޫތަށް ދިން ހަމަލާއެއްގައި 31 މީހުން ޝަހީދުކޮށްލި އެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ލުބުނާނުގެ ދެކުނުގެ ސަރަހައްދެއްގައި ހުރި މީހުން ދިރިއުޅޭ އިމާރާތްތަކެއް އެއްކޮށް ސުންނާފަތިކޮށްލާ މަންޒަރު
އދ. ގެ ރެފިއުޖީންނާ ބެހޭ އިދާރާއިން (ޔޫއެންއެޗްސީއާރް) ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ އުދުވާނުގެ ސަބަބުން އޮގަސްޓް މަހާ ހަމައަށް 360،000 މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ. އަދި، އޭގެ ތެރެއިން މަދުވެގެން 22،000 މީހުން ދިރިއުޅެމުން ދަނީ ވަގުތީ ހިޔާވަހިކަން ފޯރުކޮށްދޭ މަރުކަޒުތަކުގަ އެވެ. މި ތަފާސްހިސާބުތައް އާންމުވެފައި މިވަނީ، އެމެރިކާ މެދުވެރިވެގެން ޖޫން މަހު ސޮއިކުރި ދެ "ސުލްހައިގެ" އެއްބަސްވުމެއް އޮތް ނަމަވެސް، ލުބުނާނުގެ ދެކުނުގައި އިސްރާއީލުން ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ލުބުނާނުގެ ދެކުނުގައި "ބަފަރ ޒޯން" އެއް ގާއިމުކުރާނެކަން އިއުލާންކުރުމަށްފަހު، މާރިޗު މަހުން ފެށިގެން އިސްރާއީލުން ދަނީ އެ ސަރަހައްދު އަސްކަރީ ގޮތުން ހިސާރުކުރަމުންނެވެ. އަދި ޖޫން މަހުގެ 26 ވަނަ ދުވަހު އެކުލަވާލި އެއްބަސްވުން ހިޒްބުالله އިން ހަތިޔާރު ބެހެއްޓުމުގެ މައްޗަށް ބިނާވެފައި އޮތް ނަމަވެސް، އެ ޖަމާއަތުގެ ވެރިޔާ ނައީމް ގާސިމް ވަނީ އެއީ "ބާތިލު" އެއްބަސްވުމެއް ކަމަށް ވިދާޅުވެ، އެ ކަން ބަލައިގަތުމަށް އިންކާރު ކުރައްވާފަ އެވެ. އަދި، އެއްބަސްވުމަކަށް އައުމުގެ ކުރިން އިސްރާއީލުން ލުބުނާނުގެ ބިންތަކުން ފޭބުމަށް އޭނާ ޝަރުތު ކުރެއްވި ނަމަވެސް، އެ ކަން ކުރުމަށް އިސްރާއީލުގެ ސިފައިން ދަނީ އިންކާރު ކުރަމުންނެވެ.
މީގެ އިތުރުން، ހުކުރު ދުވަހު ލުބުނާނުގެ ދެކުނުގައިވާ ކަފްރް ރުންމާން ނަމަކަށް ކިޔާ ރަށަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ތިން މީހުން ޝަހީދުކޮށްލައި، 23 މީހުން ވަނީ ޒަޚަމްކޮށްލާފަ އެވެ. އެ ހަމަލާ އަމާޒުކުރީ އަލީ އަލް-ތާހިރު ބުރިޖު ދަށުގައި ހުރި ހިޒްބުاللهގެ މުޖާހިދުން ބޭނުންކުރާ ބިންގަރާސްތަކަށް ކަމަށް އިސްރާއީލު އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ. އަދި، ލުބުނާނުގެ ދައުލަތުގެ ނޫސް އޭޖެންސީއިން (އެންއެންއޭ) ރިޕޯޓުކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހު އިސްރާއީލުން ވަނީ ސޫރު އަދި ނަބަތިއްޔާ އަވަށުގެ ހަތް ރަށަކަށް ވައިގެ މަގުންނާއި ބަޑީގެ ހަމަލާތައް ދީފަ އެވެ. ނަމަވެސް، މި ހަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ. މީގެ އިތުރުން، އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ވެސް އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ ލުބުނާނުގެ ދެކުނުގައިވާ ޒައުތަރު އަލް-ޝަރުގިއްޔާ ސަރަހައްދަށް ބޮން އަޅާފަ އެވެ.
މަސްދަރު: އަލް ޖަޒީރާ










