އީރާނުން އެމެރިކާގެ ދުރުން ކޮންޓްރޯލުކުރާ އުޅަނދަކަށް ހަމަލާދީފި
6 ސެޕްޓެމްބަރު 2026 | އާދީއްތަ 10:01ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ފުރިހަމަ ބާރު އީރާނަށް އޮތްކަން ހާމަކޮށް، އެމެރިކާގެ އުދުވާނީ ހަރަކާތްތަކަށް ހަރުކަށި ރައްދެއް ދޭނެ ކަމުގެ އިންޒާރު އައި.އާރް.ޖީ.ސީން ދީފި. އެމެރިކާއިން އެއްބަސްވުންތަކާ ޚިލާފުވުމާ ގުޅިގެން އީރާނުން މިހާރު ވަނީ އެ ކަނޑުއޮޅި ބަންދުކޮށްފައި. އަދި އެ ސަރަހައްދު އަލުން ހުޅުވޭނީ އެމެރިކާއިން އެ ގައުމުގެ ޒިންމާތައް ފުރިހަމައަށް އަދާކުރުމުން ކަމަށްވެސް އީރާނުން ބުނޭ

އީރާނުގެ ވެރިރަށް ތެހެރާނާ ގާތްގަނޑަކަށް 1،135 ކިލޯމީޓަރު (705 މޭލު) ދުރުގައި އޮންނަ ސްޓްރެއިޓް އޮފް ހުރްމުޒް ކައިރިން ޕާޝިއަން ގަލްފް ސަރަހައްދުގައި، ހަތިޔާރު އެޅި ހަލުވި ދުވެލީގެ ބޯޓެއްގައި އީރާނުގެ ކަނޑުގެ ސިފައިން ހަރަކާތްތެރިވަނީ | ގެޓީ އިމޭޖަސް
އީރާނުގެ ދެކުނު އައްސޭރިފަށުން ދަތުރުކުރި އެމެރިކާގެ "ޓެރަރިސްޓް" އަސްކަރިއްޔާއަށް ނިސްބަތްވާ، އިންސާނަކާ ނުލައި ދުރުން ކޮންޓްރޯލްކުރާ އުޅަނދަކަށް (އާރް.އޯ.ވީ) އެ ގައުމުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ހަމަލާދީފި ކަމަށް ބުނެފި އެވެ.
އައި.އާރް.ޖީ.ސީގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަމަލާދީފައިވާ އުޅަނދަކީ ހުރްމުޒް ކަނޑުއޮޅީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދަށް ވަންނަން މަސައްކަތްކުރި އުޅަނދެއް ކަމަށެވެ. އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ޣައިރު ގާނޫނީ އުދުވާންތަކާ ގުޅިގެން، އެ ސަރަހައްދު ބަލަހައްޓަމުން ގެންދަނީ އީރާނުންނެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މާތްﷲގެ ރަހުމަތްފުޅާއެކު، ދުޝްމަނުން ހިންގާ ކޮންމެ ނާއުންމީދީ ހަރަކާތެއް އައި.އާރް.ޖީ.ސީގެ ކަނޑުގެ ސިފައިން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އެފަދަ ކޮންމެ އަމަލަކަށް ވަރުގަދަ ހަމަލާއަކުން ރައްދުދޭނެ ކަމަށެވެ.
ހުރްމުޒް ކަނޑުއޮޅި އޮތީ އިސްލާމީ ޖުމްހޫރިއްޔާ އީރާނުގެ ބެލުމުގެ ދަށުގައި ކަމަށާއި، ކުޑަކުދިން މަރަމުންދާ ދުޝްމަނުންގެ ކޮންމެ ހަރަކާތަކަށް ހަރުކަށި ރައްދެއް ލިބޭނެ ކަމަށްވެސް އައި.އާރް.ޖީ.ސީން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން، އުދުވާނީ އެމެރިކާއިން މި ސަރަހައްދު ދޫކޮށް ދިއުމާއި، ހިންގަމުންދާ ފިތުނަވެރި އަމަލުތައް ހުއްޓާލުން ނޫން އެހެން އިޚްތިޔާރެއް އެ ގައުމަށް ނެތްކަން ގަބޫލުކުރަންޖެހޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ދުނިޔޭގެ ތެލުގެ ޑިމާންޑުގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރާ މުހިންމު މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުން އީރާނުން ހަނިކުރީ، ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން ފެށި ޖިނާއީ އުދުވާނީ ހަނގުރާމައާ ގުޅިގެންނެވެ. އެ ހަނގުރާމަ ހުއްޓުމަކަށް އައީ އޭޕްރީލް 8 ގައި އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކުގަ އެވެ.
ޖޫން މަހުގެ 17 ވަނަ ދުވަހު، ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ތެހެރާނާއި ވޮޝިންޓަނާ ދެމެދު ސޮއިކުރި ފަހުމުނާމާގެ 5 ވަނަ މާއްދާގައިވާ ގޮތުން، އެ ކަނޑުއޮޅި އަލުން ހުޅުވުމާއި ބެލެހެއްޓުމުގެ ފުރިހަމަ މަސްއޫލިއްޔަތު އޮތީ އީރާނުގެ އަތްމަތީގަ އެވެ.
ނަމަވެސް، އޮމާންގެ އައްސޭރިފަށާ ކައިރީގައި ރައްކާތެރި ނޫން ކޮރިޑޯއެއް ގާއިމުކޮށް، ހަކަތައިގެ މުހިންމު މި މަގުގެ މައްޗަށް އީރާނަށް ލިބިގެންވާ ސިޔާދަތީ ބާރު ކަނޑުވާލުމަށް އެމެރިކާއިން ވަނީ މަސައްކަތް ކޮށްފަ އެވެ. އަދި ހަނގުރާމަ ނިންމުމުގެ އެއްބަސްވުމާ ޚިލާފަށް، އެމެރިކާއިން ވަނީ އަލުން އީރާނަށް ވައިގެ މަގުން ހަމަލާދޭން ފަށައި، އެ ގައުމު ކަނޑުގެ މަގުން ބަންދުކޮށްފަ އެވެ.
އެމެރިކާގެ މި ޣައިރު ގާނޫނީ ފިޔަވަޅުތަކާ ގުޅިގެން، ހުރްމުޒް ކަނޑުއޮޅި ހުރިހާ ދަތުރުފަތުރަކަށް ބަންދުކޮށްފައިވާ ކަމަށް އީރާނުން ވަނީ އިއުލާނުކޮށްފަ އެވެ.
އީރާނުން ބުނެފައިވަނީ، މި މުހިންމު ކަނޑުގެ މަގު އަލުން ހުޅުވޭނީ ފަހުމުނާމާގެ ދަށުން އެމެރިކާއިން އަދާކުރަންޖެހޭ ޒިންމާތަކަށް އެ ގައުމުން ފުރިހަމައަށް އަމަލުކުރުމުން ކަމަށެވެ.










