އުޅަނދުތަކަށް ދޭކަމަށް ބުނާ "އެމެރިކާގެ ހިމާޔަތަކީ ބޮޑު ދޮގޮއް": ގަވާއިދާ ޚިލާފުވި އުޅަނދުތަކަށް އީރާނުން ހަމަލާދޭ މަންޒަރުތައް އައިއާރުޖީސީން އާންމުކޮށްފި
6 ސެޕްޓެމްބަރު 2026 | އާދީއްތަ 05:15ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އީރާނަށްކަން ހާމަކުރުމަށް އައިއާރުޖީސީން އާ ވީޑިއޯތަކެއް އާންމުކޮށް، އެމެރިކާގެ ހިމާޔަތުގައި ގަވާއިދާ ހިލާފަށް ދަތުރުކުރާ އުޅަނދުތަކަށް ވަރުގަދަ އިންޒާރެއް ދީފި. އެމެރިކާއިން އެއްބަސްވުންތަކާ ހިލާފުވުމުން ކަނޑުއޮޅި ބަންދުކޮށްފައިވާކަން ފާހަގަކޮށް، އީރާނުން ބުނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި ހަމަލާތައް ހުއްޓާލުމުން ނޫނީ އެ ސަރަހައްދު އަލުން ހުޅުވައިނުލާނެ ކަމަށް
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ހުރްމުޒް ކަނޑުއޮޅީގައި ހިންގި އޮޕަރޭޝަންތަކުގެ އާ ވީޑިއޯ ފުޓޭޖްތަކެއް ވަނީ އާންމުކޮށްފައި | އައިއާރުޖީސީ
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ، ގަވާއިދާ ޚިލާފު އުޅަނދުތަކާ ދެކޮޅަށް އެޅި ހަރުދަނާ ފިޔަވަޅުތަކުގެ މީގެ ކުރިން އާންމުކޮށްފައިނުވާ މަންޒަރުތަކެއް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އާންމުކޮށްފި އެވެ. މި ވީޑިއޯތަކާއެކު، އެ ސަރަހައްދުން ގަވާއިދާ ޚިލާފަށް ދަތުރުކުރާ އުޅަނދުތަކަށް އެމެރިކާއިން ފުރިހަމަ ހިމާޔަތްދޭ ކަމަށް ބުނެ އެ ގައުމުން ކުރަމުންދާ ދައުވާތައް ވަނީ ދޮގުކޮށްފަ އެވެ.
ހޮނިހިރު ދުވަހު އައިއާރުޖީސީން އާންމުކުރި މި މަންޒަރުތަކުން ފެންނަނީ، އެ ކޯޕްސްގެ ނޭވީން އެ ކަނޑުއޮޅި "ހަރުދަނާކަމާއެކު ބަލަހައްޓަމުންދާ" މަންޒަރެވެ.
މި ވީޑިއޯ ފެށިގެން އަންނަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތް އަދި އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕާ ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ކުރު ކްލިޕްތަކަކުންނެވެ. އެ ފަރާތްތަކުން ވަނީ ހުރްމުޒް ކަނޑުއޮޅިއަކީ "ހުޅުވިފައިވާ" ތަނެއް ކަމަށާއި، އެ ސަރަހައްދުގެ "ކޮންޓްރޯލް" އޮތީ ވޮޝިންޓަނަށް ކަމަށް ބުނެފަ އެވެ. އަދި ގަވާއިދާ ޚިލާފަށް ދަތުރުކުރުން ހުއްޓުވުމަށް ވަޅުލާފައިވާ މައިންތައް އެމެރިކާ ސިފައިން ސާފުކޮށްފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް، އޭގެ ފަހުން ވީޑިއޯއިން ފެންނަނީ އައިއާރުޖީސީ ނޭވީން ގަވާއިދާ ޚިލާފުވި އުޅަނދުތައް ވަރަށް ގާތުން މޮނިޓަރކޮށް، އެކި ފަހަރު މަތިން އެ އުޅަނދުތަކާ ދެކޮޅަށް އަމާޒު ސީދާ ހަމަލާތަކެއް ދޭ މަންޒަރެވެ.
މި މަންޒަރުތައް އާންމުކުރަމުން އައިއާރުޖީސީން ވަނީ، ހުރްމުޒް ކަނޑުއޮޅިއަކީ "ހުޅުވިފައިވާ" ތަނެއް ކަމަށް ބުނެ އެމެރިކާ ދައްކާ ވާހަކަތަކަށް އިތުބާރުކޮށް، އެމެރިކާގެ ހިމާޔަތުގައި ގަވާއިދާ ޚިލާފަށް އެ ސަރަހައްދުން ދަތުރުކުރަން އުޅޭ އުޅަނދުތަކަށް ވަރުގަދަ އިންޒާރެއް ދީފަ އެވެ.
"ސަރަހައްދީ ގައުމުތަކުގެ ސަލާމަތަށާއި ކަނޑުމަތީގެ ވިޔަފާރިއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އެމެރިކާ. އެމެރިކާގެ އެހީތެރިކަމާއި ހިމާޔަތް ދިނުމުގެ އޮޕަރޭޝަންތަކަކީ ބޮޑު ދޮގެއް ފިޔަވައި އެހެން ކަމެއް ނޫން،" އައިއާރުޖީސީން އިންޒާރު ދީފައިވެ އެވެ.
މީގެ ކުރިން އައިއާރުޖީސީ ނޭވީން ވަނީ، އީރާނުގެ ތެޔޮ ޓޭންކަރުތަކަށް އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އެމެރިކާއާ ގުޅުން އޮތް ތިން އުޅަނދަކަށާއި ގަވާއިދާ ޚިލާފަށް ދަތުރުކުރި ތިން ތެޔޮ ޓޭންކަރަކަށް ހަމަލާދީފައިވާކަން އިއުލާންކޮށްފަ އެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި އުދުވާނީ ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ އެ ކަނޑުއޮޅި ބަންދުކޮށްފަ އެވެ.
އީރާނާއި އެމެރިކާއާ ދެމެދު ޖޫން މަހު ޕާކިސްތާނު މެދުވެރިވެގެން ސޮއިކުރި ފަހުމުނާމާގެ ދަށުން، 60 ދުވަހުގެ މުއްދަތަށް ކަނޑުއޮޅި ހުޅުވާލުމަށް އެއްބަސްވި އެވެ.
މި އެއްބަސްވުން ތަންފީޒުކުރުމުގެ ގޮތުން، ހުރްމުޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ގާނޫނީ އިމުގެ ތެރެއިން ދަތުރުފަތުރު ކުރުން ކަށަވަރުކުރުމަށްޓަކައި "ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީ" (ޕީޖީއެސްއޭ) ގެ ނަމުގައި އީރާނުން ނިޒާމެއް އެކުލަވާލި އެވެ. ނަމަވެސް އެމެރިކާއިން އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން، އީރާނަށް ވަނީ އަލުން އެ ސަރަހައްދު ބަންދުކުރަން މަޖުބޫރުވެފައި ކަމަށް ބުނެފަ އެވެ.
ތެހެރާނުން ބުނެފައިވަނީ ކަނޑުއޮޅި އަލުން ހުޅުވާލާނީ ވަކި ޝަރުތުތަކެއް ފުރިހަމަވުމުން ކަމަށެވެ. އޭގެ ތެރޭގައި، އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ ޣައިރު ގާނޫނީ ކަނޑުގެ އަދި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ލުބުނާނު ހިމެނޭހެން ހުރިހާ ފްރަންޓެއްގައި ދެމުންދާ ހަމަލާތައް ދާއިމީކޮށް ހުއްޓާލުމާއި، ޔަމަން ބަންދުކޮށްފައި އޮތް އޮތުމަށް ހައްލެއް ހޯދުން ހިމެނެ އެވެ.










