އީރާނުގެ ތެޔޮ ޓޭންކަރުތަކަކަށް އެމެރިކާއިން ހަމަލާދީފި
5 ސެޕްޓެމްބަރު 2026 | ހޮނިހިރު 17:53ފާރިސީ ކަނޑުއޮޅީގައި އީރާނުގެ ތެޔޮ އުފުލާ ތިން ބޯޓަކަށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި ބޯޓުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިއީ އީރާނުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ފައިސާ ހޯދައިދޭ ނެޓްވޯކެއް ހުއްޓުވުމަށް ދިން ހަމަލާތަކެއް ކަމަށް އެމެރިކާއިން ބުނޭ
އީރާނުގެ ތިން ތެޔޮ ޓޭންކަރަކަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީފި | ސެންޓްކޮމް
ޕާޝިއަން ގަލްފް ނުވަތަ ފާރިސީ ކަނޑުއޮޅީގެ ސަރަހައްދުގައި އީރާނުގެ ތެޔޮ އުފުލާ ތިން ބޯޓަކަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީފި ކަމަށް އެ ގައުމުން ބުނެފި އެވެ. ތެހެރާނާއި ވޮޝިންޓަނާ ދެމެދު މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، އެމެރިކާގެ އަސްކަރިއްޔާއިން ބުނީ މި ހަމަލާތައް ދީފައިވަނީ ފާރިސީ ކަނޑުއޮޅިއާއި އޮމާން ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އީރާނުގެ ސާފުނުކުރާ ތެޔޮ އުފުލާ ތިން ބޯޓަކަށް ކަމަށެވެ.
ހޮނިހިރު ދުވަހު އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އާ ގުޅުން އޮތް ކަމަށް ބެލެވޭ "އެމް/ޓީ ޑައުނީ" އަދި "އެމް/ޓީ ސްޓާކް 1" ނަމަކަށް ކިޔާ ދެ ބޯޓަކަށް ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާތައް ދީފައިވަނީ އީރާނުގެ ޚާރްގް އައިލެންޑްގެ އައްސޭރިފަށުންނާއި، އިރުދެކުނު ބަނދަރެއް ކަމަށްވާ ޖާސްކް ކައިރިންނެވެ.
މި ހަމަލާތަކާ ގުޅިގެން އެ ދެ ބޯޓުވެސް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ސެންޓްކޮމްގެ ބަޔާނުގައިވެ އެވެ.
ސެންޓްކޮމްއިން އިތުރަށް ހާމަކުރި ގޮތުގައި، ތެޔޮ ހުސްކޮށް އޮތް ތިންވަނަ ބޯޓެއް ކަމަށްވާ "އެމް/ޓީ ކައިލޯ" (ނޮކްސެންގެ ނަމުންވެސް މަޝްހޫރު) އަށް ހަމަލާދީފައިވަނީ އޮމާން ކަނޑުގެ ސަރަހައްދުންނެވެ. މި ބޯޓަށް ހަމަލާދިނީ އޭގެ ފަޅުވެރިން ބޯޓު ދޫކޮށް ދިއުމަށް އެންގުމަށްފަހުގަ އެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނީ، އެ ބޯޓު އަލުން ބޭނުންނުކުރެވޭނެކަން ކަށަވަރުކުރުމުގެ ގޮތުން ބޯޓުގެ އެކި ދިމާލަށް ހަމަލާދީފައިވާ ކަމަށެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ތުހުމަތުކުރާ ގޮތުގައި، މި ތިން ބޯޓަކީވެސް އައި.އާރު.ޖީ.ސީ އާއި އެ ޖަމާއަތާ ގުޅުންހުރި ހަނގުރާމަވެރި ގްރޫޕްތަކަށް ފައިސާ ހޯދައިދިނުމަށް ބޭނުންކުރާ، ބިލިއަން ޑޮލަރުގެ އަގުހުރި "ސިއްރު ނެޓްވޯކެއްގެ" ބައެކެވެ.
މީގެ އިތުރުން، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަކަށާއި ގައިޑެޑް މިސައިލް ޑިސްޓްރޯޔަރަކަށް އީރާނުން ހަމަލާދީފައިވާ ކަމަށްވެސް ސެންޓްކޮމްއިން ބުނެފައިވެ އެވެ. ހޮނިހިރު ދުވަހުގެ ކުރީކޮޅު އީރާނުގެ މީޑިއާތަކުންވެސް ވަނީ ޚާރްގް އައިލެންޑް ކައިރީގައި އޮތް ތެޔޮ ބޯޓަކަށް އެމެރިކާގެ ސިފައިން ހަމަލާދީފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.
އެ ސަރަހައްދުގެ މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި، އީރާނުގެ ތެޔޮ ބޯޓަށް ހަތަރު ހަމަލާއެއް އަމާޒުވެފައިވަނީ އެ ރަށާ ގާތްގަނޑަކަށް ހަ ނޯޓިކަލް މޭލު ބޭރުންނެވެ.
މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާއިރު، ބޯޓުގައި ތިބި ފަޅުވެރިން ވަނީ ރައްކާތެރިކަމާއެކު ބޯޓުން ބާލާފަ އެވެ.
މި ހަމަލާތައް ދީފައިވަނީ، މަހަކަށްވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށްފަހު މި ހަފުތާގެ ކުރީކޮޅު އީރާނާއި އެމެރިކާއާ ދެމެދު ސީދާ އަސްކަރީ ކުރިމަތިލުންތަކެއް ހިނގާފައިވަނިކޮށެވެ.
ސީ.އެން.އެން އިން ދިރާސާކޮށްފައިވާ އޯޑިއޯ ރެކޯޑިންގްތަކުން އެނގޭ ގޮތުގައި، ހަމަލާދިނުމުގެ ކުރިން އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކުން ވަނީ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ރޭޑިއޯ ޗެނަލެއް މެދުވެރިކޮށް ބޯޓަށް އިންޒާރު ދީފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން، "ސްޓާކް 1" ބޯޓުގެ ފަޅުވެރިންނަށް 10 މިނެޓް ތެރޭގައި ބޯޓު ދޫކޮށް ދިއުމަށް މަތިންދާބޯޓުން އެންގި އެވެ. އަދި ބޯޓު މިހާރުވެސް އޮތީ ސުންނާފަތިވެފައި ކަމަށާއި، ހަމަލާދިނުން ހުއްޓާލުމަށް އެދި ބޯޓުގައި ހުރި މީހަކު އާދޭސްކުރާ އަޑުވެސް އެ ރެކޯޑިންގްގައި އިވެ އެވެ.
މީޑިއާ ރިޕޯޓްތަކުން ހާމަކޮށްފައިވާ ކަނޑުދަތުރުފަތުރުގެ މައުލޫމާތުތަކަށް ބަލާއިރު، 2000 ވަނަ އަހަރު ބަނދެފައިވާ "ސްޓާކް 1" ބޯޓަކީ 159,681 ޓަނުގެ މުދާ އުފުލުމުގެ ގާބިލުކަން ހުރި ބޯޓެކެވެ. މި ބޯޓު އެންމެ ފަހުން ފެނިފައިވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޚާރްގް އައިލެންޑް ކައިރިންނެވެ.
މިދިޔަ ހޯމަ ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ހުރްމުޒް ކަނޑުއޮޅީގައި އޮންނަ އީރާނުގެ ލާރަކް އައިލެންޑަށް ހަމަލާދީ ތިން މީހަކު ޝަހީދުކޮށްލާފަ އެވެ.
އަންގާރަ ދުވަހު އެމެރިކާއިން ވަނީ އީރާނުގެ ޚޫޒިސްތާން ޕްރޮވިންސްގެ އަހްވާޒް އަދި އަގަޖާރީ ކައިރީގައިވާ ތިން ތަނަކަށް މިސައިލް ހަމަލާދީފަ އެވެ. އެ ޕްރޮވިންސްގެ އޮފިޝަލުން ވިދާޅުވި ގޮތުގައި މި ހަމަލާތަކުގައި ހަތް މީހަކު ޝަހީދުވެ، އަށް މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.
ހަމަ އެ ދުވަހު، ހުރްމުޒްގާން ޕްރޮވިންސްގެ ކުހެސްތަކްގައި ކައިވެނީގެ ހަފުލާއެއް ކުރިއަށްދިޔަ ރެސިޑެންޝަލް އިމާރާތަކަށް އެމެރިކާ ސިފައިން ދިން ހަމަލާއެއްގައި، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން މަދުވެގެން ފަސް މީހަކު ޝަހީދުވެ، 68 މީހަކު ވަނީ ޒަޚަމްވެފަ އެވެ.
މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުން ވަނީ އިރާގު، އުރުދުން، ކުވެއިތު އަދި ބަހްރޭންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.










