އެމެރިކާ-އިސްރާއީލާ ގުޅުންހުރި ޓެރަރިސްޓް ގްރޫޕެއް އީރާން ސިފައިން ހުއްޓުވައިފި
5 ސެޕްޓެމްބަރު 2026 | ހޮނިހިރު 14:49އީރާނުގެ ސިސްތާން އަދި ބަލޫޗިސްތާން ޕްރޮވިންސްގައި ޓެރަރިސްޓް ހަމަލާތަކެއް ދޭން ރޭވި، އެމެރިކާ އާއި އިސްރާއީލާ ގުޅުން އޮންނަ ގްރޫޕެއްގެ ދެ މީހަކު ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައި މަރާލައިފި. މި އޮޕަރޭޝަނަކީ އީރާނުގެ އިންޓެލިޖެންސާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށާއި، ބޯޑަރު ހުރަސްކޮށް ގައުމުގެ ސަލާމަތަށް ނުރައްކާކުރާ ކޮންމެ ފަރާތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އައި.އާރު.ޖީ.ސީން ވަނީ ބުނެފައި. މީގެ ކުރިންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވި މިފަދަ ގްރޫޕްތަކެއް އީރާނުން ވަނީ ނައްތާލާފައި

އަފްޣާނިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ އީރާނުގެ އިރުދެކުނު ސަރަހައްދެއް ކަމަށްވާ ޒާބޯލްގައި ހުންނަ ޕެޓްރޯލް ޕޯސްޓެއްގައި، އީރާނުގެ ސިފައިން ފޯރިމަރަމުންދަނީ. މި ފޮޓޯ ނަގާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު | ގެޓީ އިމޭޖަސް
އީރާނުގެ އިރުދެކުނުގައިވާ ސިސްތާން އަދި ބަލޫޗިސްތާން ޕްރޮވިންސްގައި "ޓެރަރިސްޓް ހަމަލާތަކެއް" ދިނުމަށް ރާވަމުންދިޔަ، އެމެރިކާ އާއި އިސްރާއީލާ ގުޅުން އޮންނަ ގްރޫޕެއް، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ގްރައުންޑް ފޯސްގެ ގުދުސް ބޭސްއިން ހުއްޓުވައިފި އެވެ. ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސާ އިންވެގެން އޮންނަ މި ސަރަހައްދުގައި ހަރަކާތްތެރިވި މި ގްރޫޕް އަތުލައިގަނެފައިވަނީ އީރާނުގެ ސަލާމަތީ ބާރުތަކުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގަ އެވެ.
ހޮނިހިރު ދުވަހު ހިންގި މި އޮޕަރޭޝަނަކީ އީރާނުގެ މިނިސްޓްރީ އޮފް އިންޓެލިޖެންސާއި، އައި.އާރު.ޖީ.ސީގެ އިންޓެލިޖެންސް ފޯސްތަކުގެ އިތުރުން އިސްލާމިކް ރިޕަބްލިކް އޮފް އީރާންގެ ޕޮލިސް ކޮމާންޑް (ފަރާޖާ) ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގެ ތެރޭގައި ހިނގި ކުރިމަތިލުންތަކުގައި ދެ ޓެރަރިސްޓުން މަރާލާފައިވާ ކަމަށް ސަލާމަތީ ބާރުތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ވާގޮތުން، އިސްރާއީލާ ގުޅުން އޮންނަ މި ހަނގުރާމަވެރިން ރާވަމުންދިޔައީ، އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަހަކަށް އައިސް ހިންގަމުންދާ އުދުވާނީ އަމަލުތަކާ ދިމާކޮށް، ސިސްތާން އަދި ބަލޫޗިސްތާން ޕްރޮވިންސްގައި ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކެއް ދިނުމަށެވެ.
އައި.އާރު.ޖީ.ސީގެ ގުދުސް ބޭސްއިން އިތުރަށް ފާހަގަކުރި ގޮތުގައި، އެ ޕްރޮވިންސްގެ ސަލާމަތާއި ރައްކާތެރިކަމަކީ އެއްވެސް ދޫދިނުމެއް އޮތް ކަމެއް ނޫނެވެ. އަދި އެމެރިކާ އާއި އިސްރާއީލާ ގުޅުން އޮންނަ އެއްވެސް ފަރާތަކަށް ބޯޑަރު ހުރަސްކޮށް އެ ސަރަހައްދަށް ވަނުމުގެ ފުރުސަތު ސަލާމަތީ ބާރުތަކުން ނުދޭނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އެފަދަ ކޮންމެ ފަރާތަކާ ދެކޮޅަށްވެސް ވަރަށް ހަރުކަށިކަމާއެކު ފިޔަވަޅު އަޅާނެ ކަމަށް އައި.އާރު.ޖީ.ސީން ވަނީ ބުނެފަ އެވެ. ޕާކިސްތާނާއި އަފްޣާނިސްތާނާ އިންވެގެން އޮންނަ ސިސްތާން އަދި ބަލޫޗިސްތާން ޕްރޮވިންސަކީ، ފާއިތުވި އަހަރުތަކުގައި އާންމު ރައްޔިތުންނާއި ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ޓެރަރިސްޓް ހަމަލާތަކެއް ދީފައިވާ ސަރަހައްދެކެވެ.
އީރާނުގެ އިރުދެކުނާއި ހުޅަނގު ދެކުނު ސަރަހައްދުތަކުގައި ހަމަލާތައް ދެމުންދާ ޓެރަރިސްޓް ގްރޫޕްތަކަކީ، ޕާޝިއަން ގަލްފް ސަރަހައްދުގެ ބައެއް ގައުމުތަކާ ގުޅުން އޮންނަ ގްރޫޕްތަކެއް ކަމަށް އީރާނުން ތުހުމަތުކުރެ އެވެ.
އީރާނުގެ ސަލާމަތީ ބާރުތަކުން ދަނީ ބޯޑަރު ސަރަހައްދުތައް ބެލެހެއްޓުމުގައި ވަރަށް ފާރަވެރިވަމުންނެވެ. އަދި ބޭރުގެ ބާރުތަކުގެ އެހީތެރިކަމާއެކު އީރާނާ ދެކޮޅަށް ހިންގަން ރާވާ ގިނަ ރޭވުންތަކެއް ސަލާމަތީ ބާރުތަކުން ވަނީ ކާމިޔާބުކަމާއެކު ނާކާމިޔާބުކޮށްލާފަ އެވެ.
މީގެ ކުރިން އޮގަސްޓް މަހުގެ 29 ވަނަ ދުވަހުވެސް، އައި.އާރު.ޖީ.ސީގެ ގުދުސް ބޭސްއިން ވަނީ އިސްރާއީލާއި އެމެރިކާގެ ޖާސޫސީ އިދާރާތަކާ ގުޅުން އޮންނަ ޓެރަރިސްޓް ގްރޫޕެއް ސިސްތާން އަދި ބަލޫޗިސްތާން ޕްރޮވިންސްގައި ނައްތާލާފައިވާކަން އިއުލާންކޮށްފަ އެވެ.
އެ ބޭސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެ ޓެރަރިސްޓް ގްރޫޕް ސަރަވަން ކައުންޓީއަށް ވަންނަން އުޅެނިކޮށް، މިނިސްޓްރީ އޮފް އިންޓެލިޖެންސާއި، އައި.އާރު.ޖީ.ސީ އަދި ޕްރޮވިންސްގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އެމީހުންނަށް ވަރުގަދަ ހަމަލާއެއް ދީފަ އެވެ.
އެ ގްރޫޕުންވެސް ރާވަމުންދިޔައީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ދިމާކޮށް އެ ޕްރޮވިންސްގައި ސިލްސިލާ ހަމަލާތަކެއް ދިނުމަށެވެ. ނަމަވެސް ވަގުތުން ހިންގި އޮޕަރޭޝަނެއްގައި އެކަކު މަރާލައި، އިތުރު ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.










