Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއީރާން-އެމެރިކާ

އެމެރިކާއިން ބޭނުންވަނީ ހުރްމުޒް ކަނޑުއޮޅީގެ ބާރުވެރިކަން، އީރާނުން އަޒުމު ކަނޑައަޅާފައިވަނީ އެކަން އެހެން ވިޔަ ނުދޭން

5 ސެޕްޓެމްބަރު 2026 | ހޮނިހިރު 08:22

އެމެރިކާއާއި އީރާނުން އަސްކަރީ ހަމަލާތައް ބަދަލުކުރަން ފަށާފައިވާއިރު، ދެ ގައުމުގެ އިގްތިސާދަށާއި ހަތިޔާރުގެ ސްޓޮކަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުން. މަޝްވަރާގެ ބަދަލުގައި ހަމަލާތައް ވަރުގަދަކުރަން ދެ ފަރާތުންވެސް މަސައްކަތް ކުރަމުންދާތީ، މުޅި ސަރަހައްދު ފުރިހަމަ ހަނގުރާމައަކަށް ވެއްޓިދާނެކަމުގެ ބިރު ބޮޑުވެ، ރައީސް ޓްރަމްޕަށް އޮތް އާންމު ތާއީދު ވަނީ ދަށަށް ގޮސްފައި

ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2026 | ހޮނިހިރު 08:22
އޮމާންގެ މުސަންދަމް ސަރަހައްދުން، ހުރްމުޒް ކަނޑުއޮޅި ކައިރީގައި ދަތުރުކުރަމުންދާ ބައެއް އުޅަނދުފަހަރު.

އޮމާންގެ މުސަންދަމް ސަރަހައްދުން، ހުރްމުޒް ކަނޑުއޮޅި ކައިރީގައި ދަތުރުކުރަމުންދާ ބައެއް އުޅަނދުފަހަރު. | ރޮއިޓާސް

އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކަށް މަސްދުވަހަށްފަހު އައި މެދުކެނޑުމަށްފަހު، މި ހަފުތާގައި އަލުން ހަމަލާތައް ބަދަލުކުރަން ވަނީ ފަށާފަ އެވެ. މިއާއެކު މުޅި ސަރަހައްދު މިވަނީ ނުރައްކާތެރި، އަދި އަސްކަރީ ކުރިމަތިލުމެއްގެ ތެރެއަށް އަލުން ވެއްޓިފަ އެވެ.

އަންގާރަ ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން އަލުން އީރާނަށް ހަމަލާދިނުމާ ގުޅިގެން، އީރާނުން ވަނީ އުރުދުން، ބަހްރައިން އަދި ކުވެއިތަށް ހަމަލާދީފަ އެވެ. މިއީ އީރާނުން ބަދަލުހިފުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އަޅައިފިނަމަ، މިއަށްވުރެ މާ ވަރުގަދަ ހަމަލާތަކެއް އީރާނަށް އަމާޒުވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ އިންޒާރަށް ގޮންޖެހުމަށްފަހު ދިން ހަމަލާތަކެކެވެ.

މީގެ މަސްދުވަސް ކުރިން ދިން ވަރުގަދަ ހަމަލާތަކާ އަޅާބަލާއިރު، މިފަހަރު ބަދަލުކުރެވުނު ހަމަލާތައް ނިސްބަތުން މަދެވެ. މިއީ ދެ ފަރާތުންވެސް ފުރިހަމަ ހަނގުރާމައަކަށް ދާން ބޭނުންނުވާކަމުގެ ނިޝާނެއް ކަމަށް މާހިރުން ވިދާޅުވެ އެވެ.

އިސްރާއީލުގެ އަސްކަރީ ޖާސޫސީ އިދާރާގެ އީރާނާ ބެހޭ ގޮފީގެ ކުރީގެ ވެރިޔާ ޑެނީ ސިޓްރިނޯވިޗް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާތަނަށް ދެ ފަރާތުންވެސް ބޮޑަށް އަމާޒުކޮށްފައިވަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި ހަކަތަ އުފައްދާ މަރުކަޒުތަކުގެ ބަދަލުގައި އަސްކަރީ އަމާޒުތަކަށް ކަމަށެވެ. އަދި އީރާނުގެ އިސް އޮފިޝަލުން އިންޒާރު ދެއްވަމުން ގެންދެވި ނަމަވެސް، ސައުދީ އަރަބިއްޔާއާއި ޔޫއޭއީއަށް ދޭ ހަމަލާތައް އީރާނުން އަދި ފަށާފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

2026 ސެޕްޓެމްބަރު 1 ވަނަ ދުވަހު ސޯޝަލް މީޑިއާއިން ލިބިފައިވާ ވީޑިއޯއަކުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، އީރާނުގެ އަސްކަރީ އަމާޒަކަށް އެމެރިކާއިން ދިން ހަމަލާއެއްގެ ކުޑައިރުކޮޅެއް ކުރިން އެތަން އޮތް ގޮތް

2026 ސެޕްޓެމްބަރު 1 ވަނަ ދުވަހު ސޯޝަލް މީޑިއާއިން ލިބިފައިވާ ވީޑިއޯއަކުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، އީރާނުގެ އަސްކަރީ އަމާޒަކަށް އެމެރިކާއިން ދިން ހަމަލާއެއްގެ ކުޑައިރުކޮޅެއް ކުރިން އެތަން އޮތް ގޮތް | ސެންޓްކޮމް

އެހެންނަމަވެސް، މިހާރު އޮތް ހާލަތަކީ ނުރައްކާތެރި ހާލަތެކެވެ. ކުށްހީއެއްގެ މައްޗަށް ބިނާކޮށް ނިންމޭ ނިންމުމެއްގެ ސަބަބުން ދެ ފަރާތްވެސް ފުރިހަމަ ހަނގުރާމައެއްގެ ތެރެއަށް ވެއްޓުމުގެ ބިރު އެބައޮތެވެ. އިންޓަރނޭޝަނަލް ކްރައިސިސް ގްރޫޕް (އައިސީޖީ) ގެ ސީނިއާ އެނަލިސްޓް ހާމިދްރިޒާ އަޒީޒީ ސީއެންއެންއަށް ވިދާޅުވީ، އެއްވެސް ފަރާތަކުން ފުރިހަމަ ހަނގުރާމައަކަށް ދާން ބޭނުންނުވާ ކަމަށެވެ. ނަމަވެސް ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް އީރާނުން ހުރަސްއެޅުމާއި، އެމެރިކާއިން އީރާނަށް ދެމުންދާ އިގްތިސާދީ ފިއްތުންތަކަކީ ދެ ފަރާތަށްވެސް ދެން ކެތްކުރެވޭނެ ފަދަ ކަންކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ވިދާޅުވެފައިވަނީ އީރާނާއެކު މަޝްވަރާކުރަން ބޭނުންފުޅު ނުވާ ކަމަށެވެ. "އެމީހުންނަށް އެއްވެސް އަގެއް ނެތް އެއްބަސްވުމެއްގައި ސޮއިކުރިޔަސް އަހަންނަށް ވަރިހަމަ،" ޓްރަމްޕް ވިދާޅުވި އެވެ. އަދި މިހާރު އެމެރިކާ އޮތް މަގާމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ރައީސްގެ މި ވާހަކަފުޅުތަކާ ހިލާފަށް، ހަނގުރާމައިގެ ބުރަ އެމެރިކާގެ ރައްޔިތުންނަށް ދަނީ އިހުސާސް ކުރެވެމުންނެވެ. ޖުލައި މަހާ ހަމައަށް ވޮޝިންގޓަނުން މި ހަނގުރާމައަށް 40 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، އާންމު ރައްޔިތުންގެ މެދުގައި މި ހަނގުރާމައަށް އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ.

އީރާނުގައި މި ހަނގުރާމައިގެ އަސަރު މާ ބޮޑަށްވެސް ގޯހެވެ. ތެޔޮ ވިއްކުމަށް ދަތިތަކާ ކުރިމަތިވެފައިވާއިރު، އެމެރިކާއިން ދަނީ އީރާނުގެ ބަލިކަށިވެފައިވާ އިގްތިސާދު އިތުރަށް އިނދަޖައްސާލުމަށް މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އީރާނުގެ ހަތިޔާރުގެ ސްޓޮކް ހުސްވަމުންދާއިރު، ކާބޯތަކެއްޗާއި ބޭސް ފަދަ އަސާސީ ތަކެތި ހޯދުމަށް އާންމު ރައްޔިތުން ދަނީ ވަރަށް ބޮޑަށް ދަތިތައް ތަހައްމަލު ކުރަމުންނެވެ.

ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ރައްޔިތުން ކަންބޮޑުވުމެއްގެ ތެރޭގައި

ހުރްމުޒް ކަނޑުއޮޅީގައި ކާމިޔާބީތަކެއް ލިބެމުންދާ ކަމަށް ޓްރަމްޕްގެ ސަރުކާރުން ގަބޫލުކުރެ އެވެ. އަންގާރަ ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ވަނީ 18 މިލިއަން ފީފާ ތެޔޮ އުފުލާ 40 އާގުބޯޓަކަށް އެ ސަރަހައްދުން ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ހޯދައިދީފަ އެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން އެންމެ ގިނަ އަދަދަކަށް ތެޔޮ އުފުލި ފަހަރު ކަމަށް މިކަމާ ގުޅުންހުރި އޮފިޝަލުން ވިދާޅުވެ އެވެ.

ނަމަވެސް މިއަކުން މުޅި ހާލަތަކަށް ބަދަލެއް ނާދެ އެވެ. ބުރާސްފަތި ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކުޑަކޮށް ދަށަށް ދިޔަ ނަމަވެސް، އަދިވެސް އަގުތައް ހުރީ ވަރަށް މަތީގަ އެވެ.

އެމެރިކާގެ އޮޓޯމޮބައިލް އެސޯސިއޭޝަނުން ބުނާ ގޮތުގައި، މިހާރު އެމެރިކާގައި ޕެޓްރޯލް ލީޓަރެއްގެ އެވްރެޖް އަގު ހުރީ 4.14 ޑޮލަރުގަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރި 3.19 ޑޮލަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.

އީރާނުގެ ވެރިރަށް ތެހެރާންގެ މަގުމަތީގައި ހުންނަ ރެސްޓޯރެންޓެއްގައި އާއިލާތަކުން ކެއުމަށް އިންސާފުކުރަނީ

އީރާނުގެ ވެރިރަށް ތެހެރާންގެ މަގުމަތީގައި ހުންނަ ރެސްޓޯރެންޓެއްގައި އާއިލާތަކުން ކެއުމަށް އިންސާފުކުރަނީ | ގެޓީ އިމޭޖަސް

ހަމައެއާއެކު، ހަނގުރާމައިގެ ސަބަބުން ކުރާ އަސަރުތައް ކުޑަކުރުމަށްޓަކައި ޓްރަމްޕްގެ ސަރުކާރުން ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ތެޔޮ ބޭނުންކުރަމުންދާތީ، އެމެރިކާގެ ސްޓްރެޓީޖިކް ޕެޓްރޯލިއަމް ރިޒާވް ވަނީ 1983 ވަނަ އަހަރަށްފަހު އެންމެ ދަށަށް ގޮސްފަ އެވެ.

ބުރާސްފަތި ދުވަހު އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވޭންސް ވިދާޅުވީ، އީރާނާއެކު ކުރާ ހަނގުރާމަ ނިމޭނެ ތާރީޚެއް ނުވަތަ ތެލުގެ އަގު ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް ތިރިވާނެ ދުވަހެއް ވިދާޅުވާން ނޭނގޭ ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ ހަނގުރާމަ ހުއްޓާލުމުގެ އިޚްތިޔާރު އޮތީ އީރާނުގެ އަތްމަތީގައި ކަމަށެވެ.

އަސްކަރީ ގޮތުން ބަލާއިރު، އެމެރިކާއިން ދަނީ ގިނަ އަދަދެއްގެ ހަތިޔާރު ބޭނުންކޮށް، އަގުބޮޑު އަސްކަރީ ވަސީލަތްތައް ހަނގުރާމައިގައި ބޭނުންކުރަމުންނެވެ. މިދިޔަ މަހު ސީއެންއެން އިން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާގެ މިސައިލް ޑިފެންސް ސިސްޓަމްގެ އިންޓަރސެޕްޓަރުތަކުގެ 80 އިންސައްތަ ވަނީ ހުސްވެފަ އެވެ.

މިކަމާ ގުޅޭ ރިޕޯޓްތަކުން އެނގޭ ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން އެމެރިކާގެ 'ތާޑް' (THAAD) މިސައިލް އިންވެންޓްރީގެ ފަސްބައިކުޅަ ހަތަރުބައި އަދި 'ޕެޓްރިއަޓް' އިންޓަރސެޕްޓަރުތަކުގެ ދެބައިކުޅަ އެއްބައި ވަނީ ބޭނުންކޮށް ހުސްކޮށްފައެވެ.

ރައީސް ޓްރަމްޕް ފަހުން ވިދާޅުވީ އެމެރިކާގައި "ވަރަށް ގިނަ އަދަދެއްގެ" ހަތިޔާރު އެބަހުރި ކަމަށެވެ. ނަމަވެސް ބައެއް ބާވަތްތަކުގެ ހަތިޔާރު މަދުވަމުންދާކަމަށް އޭނާ އިއުތިރާފުވެވަޑައިގަތެވެ.

ފާއިތުވި މަސްތަކުގައި ރައީސް ޓްރަމްޕަށް އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި އީރާނުގެ މައްސަލަ އޭނާ ހައްލުކުރައްވަނީ ރަނގަޅަކަށް ނޫނެވެ.

ޔުނިވަރސިޓީ އޮފް މެސެޗުސެޓްސް އަމްހަރސްޓުން ހޯމަ ދުވަހު އާންމުކުރި ސާވޭއަކުން ދައްކާ ގޮތުގައި، ސާވޭގައި ބައިވެރިވި އެމެރިކާގެ ރައްޔިތުންގެ ތިންބައިކުޅަ ދެބައި މީހުން ޓްރަމްޕް ހަނގުރާމަ ކުރިއަށްގެންދާ ގޮތާ މެދު ހިތްހަމަނުޖެހެއެވެ. މި ސާވޭއިން ދައްކާ ގޮތުގައި އޭނާއަށް އޮތް އާންމު ތާއީދު ވަނީ 32 އިންސައްތައަށް ވެއްޓިފަ އެވެ.

މީގެ އިތުރުން، އީރާނާ ދެކޮޅަށް ކުރިއަށްގެންދާ ބޮޑެތި އަސްކަރީ އޮޕަރޭޝަންތައް ދިގުދެންމުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށާއި، މީގެ ސަބަބުން ދުނިޔޭގެ އެހެން ސަރަހައްދުތަކުން ކުރިމަތިވާ ނުރައްކާތަކަށް އިޖާބަދިނުމުގެ ގާބިލުކަން އެމެރިކާގެ ކިބައިން އުނިވެދާނެ ކަމަށް އަސްކަރީ އިސް ވެރިން ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތަށް ލަފާދެއްވާފައިވާ ކަމަށް ވޮޝިންގޓަން ޕޯސްޓުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އީރާނުން ހަމަލާތައް ވަރުގަދަ ކޮށްފާނެ 

އަނެއްކޮޅުން އީރާނުގެ އިގްތިސާދަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފަ އެވެ.

އީރާނުގެ ދައުލަތުގެ މީޑިއާތަކުން ބުނާ ގޮތުގައި، ތަކެތީގެ އަގު އުފުލުން ނުވަތަ އިންފްލޭޝަން ވަނީ "ބިރުގަންނަ މިންވަރަކަށް" މަތިވެފައެވެ. މީގެ ސަބަބުން އާދައިގެ އާއިލާތަކަށް އަސާސީ ކާބޯތަކެތި ގަތުމަށްވެސް ވަނީ ދަތިވެފަ އެވެ.

އީރާނުގެ ލޭބަރ ނިއުސް އެޖެންސީ (އައިއެލްއެންއޭ) އިން ބުނާ ގޮތުގައި، ޖުލައި މަހާ ހަމައަށް އޮތް 12 މަސްދުވަހުގެ ތެރޭގައި އަހަރީ އިންފްލޭޝަން ރޭޓް ހުރީ 66 އިންސައްތައިގަ އެވެ.

އެމެރިކާއެކޭ އެއްފަދައިން، އީރާނުގެ ހަތިޔާރުގެ ރަސްމާލުވެސް ދަނީ ހުސްވަމުންނެވެ.

އެމެރިކާގައި ހުންނަވާ އީރާނުގެ މާހިރެއް ކަމަށްވާ އާރަޝް އަޒީޒީ ވިދާޅުވީ، އީރާނުގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބިފައިވީ ނަމަވެސް، އެމެރިކާއަށް މުޅިން ބޯލަނބައިފިނަމަ އީރާނުގެ ވެރިކަން ވެއްޓިދާނެކަން އެ ގައުމުގެ ސަރުކާރަށް އެނގޭ ކަމަށެވެ.

އެހެންކަމުން، އިގްތިސާދީ ފިއްތުންތަކަށް މާގިނަ ދުވަހު ކެތްނުކުރެވޭނެތީ، މިހާރު އޮތް ހާލަތުން އަރައިގަތުމަށްޓަކައި އީރާނުން އެމެރިކާއާ ދެކޮޅަށް ދޭ ހަމަލާތައް ވަރުގަދަ ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

އައިސީޖީގެ ހާމިދްރިޒާ އަޒީޒީ ވިދާޅުވީ، އެމެރިކާގެ އެންމެ ފަހުގެ ހަމަލާތަކަށް އީރާނުން ދިން އަވަސް އަދި ވަރުގަދަ ރައްދުތަކުން އެނގެނީ، އީރާނުން ބޭނުންވަނީ ދޫދިނުމުގެ ބަދަލުގައި ރައްދު ހަމަލާދޭން ކަމަށެވެ.

މާހިރުން ވިދާޅުވާ ގޮތުގައި، ހުރްމުޒް ކަނޑުއޮޅީގައި ޓްރަމްޕް ގާއިމުކުރަން އުޅޭ އުސޫލުތަކަށް އީރާނަށް އެއްބަސްވެވޭކަށް ނެތެވެ.

ސިޓްރިނޯވިޗް ވިދާޅުވީ ފާއިތުވި ދުވަސްތަކުގެ ހާދިސާތަކުން އެނގެނީ، މި ކުރިމަތިލުމުގައި އެމެރިކާއާއި އީރާނުން ގެންގުޅޭ ސިޔާސަތުތަކުގައި ބޮޑެތި ތަފާތުތަކެއް ހުރި ކަމެވެ.

ވޮޝިންގޓަނުން ބޭނުންވަނީ ހަނގުރާމަ ބޮޑުވިޔަނުދީ، ހަމައެކަނި އިގްތިސާދީ ފިއްތުންތަކުގެ ތެރޭގައި މައްސަލަ ހިފެހެއްޓުމަށެވެ. ނަމަވެސް އީރާނުން ގެންގުޅެނީ މީގެ އިދިކޮޅު ސިޔާސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އީރާނުން ދާނީ ތެޔޮ ބޯޓުފަހަރުގެ ދަތުރުތަކަށް ހުރަސްއަޅައި، އެމެރިކާގެ ނުފޫޒަށް ގޮންޖަހަމުން ކަމަށްވެސް އޭނާ ލަފާކުރެއްވި އެވެ.

ޖޫން މަހު ސޮއިކުރި އެއްބަސްވުމަށް އެމެރިކާއިން އަލުން އަމަލުކުރަން ފަށައިފިނަމަ، މަޝްވަރާގެ މޭޒަށް އެނބުރި ދާން ތައްޔާރަށް އޮތް ކަމަށް އީރާނުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.

ކިރިގިސްތާނުގައި ބޭއްވި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓުގެ ހަވާސާގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ، އެމެރިކާއިން އެއްބަސްވުމަށް އަމަލުކުރަން ފަށައިފިނަމަ އީރާނުންވެސް ވަގުތުން އެގޮތަށް އަމަލުކުރާނެ ކަމަށެވެ.

ނަމަވެސް ޓްރަމްޕް ވިދާޅުވަނީ މިހާރު އޮތް ހާލަތާމެދު އޭނާ ހިތްހަމަޖެހޭ ކަމަށެވެ.

އީރާނުގެ ރައްދު ހަމަލާތަކަށްފަހު އަންގާރަ ދުވަހުގެ ރޭ ޓްރަމްޕް 'ޓްރުތް ސޯޝަލް' ގައި ލިޔުއްވާފައިވަނީ، އީރާނު މަޝްވަރާގެ މޭޒަށް ގެންނަން އޭނާ މަސައްކަތް ނުކުރައްވާ ކަމަށެވެ. "ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އަހަރެމެންނަށް އޮވެފައި، އެމީހުންގެ އިގްތިސާދު އިނދަޖެހެމުންދާ މި ހާލަތާމެދު އަހަރެން މާ ހިތްހަމަޖެހޭ،" ޓްރަމްޕް ވިދާޅުވި އެވެ.

ސިޓްރިނޯވިޗް ވިދާޅުވި ގޮތުގައި، ކޮންޓްރޯލުން ނެއްޓިގެންދާ ފަދަ ހަނގުރާމައެއްގެ ނުރައްކާ ދެ ގައުމަށްވެސް އެނގެ އެވެ. ނަމަވެސް ދެ ފަރާތުންވެސް ދަނީ ހަމަލާތައް އިތުރަށް ވަރުގަދަ ކުރަމުންނެވެ. އަދި މިހާރު އޮތް ހަމަހިފެހެއްޓުން ގިނަ ދުވަހު ދެމިއޮތުމަކީ ނާދިރު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އީރާން ހަނގުރާމައީރާން-އެމެރިކާ

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

"އިންޑިއާ އައުޓް" އިން "ޝުކުރިއްޔާ އިންޑިއާ" އަށް މުއިއްޒުގެ ބަހުރުވަ ބަދަލުވި ވާހަކަ އިންޑިއާގެ ނޫސްތަކުގެ ސުރުޚީތަކުގައި

5

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2026

އީރާނުގެ ޚާރްގް ޖަޒީރާ ކައިރިން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިއްޖެ

05 ސެޕްޓެމްބަރު 2026
އީރާނުގެ ޚާރްގް ޖަޒީރާ ކައިރިން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިއްޖެ
05 ސެޕްޓެމްބަރު 2026

ޓްރަމްޕް: އީރާނުގެ ޕިކްއެކްސް މައުންޓަންއަށް ވަރަށް އަވަހަށް ހަމަލާދޭނަން

05 ސެޕްޓެމްބަރު 2026
ޓްރަމްޕް: އީރާނުގެ ޕިކްއެކްސް މައުންޓަންއަށް ވަރަށް އަވަހަށް ހަމަލާދޭނަން
05 ސެޕްޓެމްބަރު 2026

އީރާނާ ގުޅުވައި ޗައިނާގެ ކުންފުނިތަކަށް އެމެރިކާއިން އެޅި ފިޔަވަޅުތައް އުވާލަން ޗައިނާއިން ގޮވާލައިފި

05 ސެޕްޓެމްބަރު 2026
އީރާނާ ގުޅުވައި ޗައިނާގެ ކުންފުނިތަކަށް އެމެރިކާއިން އެޅި ފިޔަވަޅުތައް އުވާލަން ޗައިނާއިން ގޮވާލައިފި
04 ސެޕްޓެމްބަރު 2026

ނުބައިކޮށް ހިސާބުޖަހައި، ހަނގުރާމައިގެ އެއްވެސް މަގްސަދެއް އެމެރިކާއަށް ހާސިލެއް ނުވި: އީރާން

04 ސެޕްޓެމްބަރު 2026
ނުބައިކޮށް ހިސާބުޖަހައި، ހަނގުރާމައިގެ އެއްވެސް މަގްސަދެއް އެމެރިކާއަށް ހާސިލެއް ނުވި: އީރާން
04 ސެޕްޓެމްބަރު 2026

އީރާނުގެ ރައްޔިތުން އެ ގައުމުގެ ވެރިން މަގާމުން ދުރުކުރުމަށް މަސައްކަތް ނުކުރަނީ ކީއްވެގެންތޯ، ރައީސް ޓްރަމްޕް އޭނާގެ ގައުމީ ސަލާމަތާ ބެހޭ ޓީމާ ތަކުރާރުކޮށް ސުވާލު ކުރައްވަނީ

04 ސެޕްޓެމްބަރު 2026
އީރާނުގެ ރައްޔިތުން އެ ގައުމުގެ ވެރިން މަގާމުން ދުރުކުރުމަށް މަސައްކަތް ނުކުރަނީ ކީއްވެގެންތޯ، ރައީސް ޓްރަމްޕް އޭނާގެ ގައުމީ ސަލާމަތާ ބެހޭ ޓީމާ ތަކުރާރުކޮށް ސުވާލު ކުރައްވަނީ
04 ސެޕްޓެމްބަރު 2026

އީރާން: އެމެރިކާގެ ކަނޑުގެ ބްލޮކޭޑާ އެކުވެސް އީރާނުން ތެޔޮ އެކްސްޕޯޓްކުރުން ހުއްޓައެއް ނުލާ

04 ސެޕްޓެމްބަރު 2026
އީރާން: އެމެރިކާގެ ކަނޑުގެ ބްލޮކޭޑާ އެކުވެސް އީރާނުން ތެޔޮ އެކްސްޕޯޓްކުރުން ހުއްޓައެއް ނުލާ
03 ސެޕްޓެމްބަރު 2026

ނަތަންޔާހޫ: އިރާނުގެ ސަރުކާރު ވަރަށް އަވަހަށް ވެއްޓިދާނެ

03 ސެޕްޓެމްބަރު 2026
ނަތަންޔާހޫ: އިރާނުގެ ސަރުކާރު ވަރަށް އަވަހަށް ވެއްޓިދާނެ
03 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅިން 86 އުޅަނދެއްގެ މިސްރާބު ބަދަލުކޮށްފި

03 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅިން 86 އުޅަނދެއްގެ މިސްރާބު ބަދަލުކޮށްފި
03 ސެޕްޓެމްބަރު 2026

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

03 ސެޕްޓެމްބަރު 2026
އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ
03 ސެޕްޓެމްބަރު 2026

އީރާން ހަނގުރާމައާ މެދު އިސްރާއީލް އިން ކަންބޮޑުވެ، ބިރު ގަންނާކަށް ނުޖެހޭނެ: ޓްރަމްޕް

03 ސެޕްޓެމްބަރު 2026
އީރާން ހަނގުރާމައާ މެދު އިސްރާއީލް އިން ކަންބޮޑުވެ، ބިރު ގަންނާކަށް ނުޖެހޭނެ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް