ގަތުލުއާންމާ ގުޅިގެން މެދުކަނޑާލުމަށްފަހު ފަލަސްތީނުގައި ފުޓުބޯޅަ މުބާރާތެއް ފަށައިފި
5 ސެޕްޓެމްބަރު 2026 | ހޮނިހިރު 07:43އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި 1،000 އަށް ވުރެ ގިނަ ކުޅިވަރު އެތުލީޓުންގެ ހަނދާނުގައި 'ތައުޒަންޑް މާޓިއާސް ކަޕް' ގެ ނަމުގައި ފަލަސްތީނުން ފުޓުބޯޅަ މުބާރާތެއް ފަށައިފި. ޖުމްލަ 244 ކްލަބަކުން ބައިވެރިވާ މި މުބާރާތަކީ ގަތުލުއާންމުގެ ސަބަބުން މެދުކަނޑާލާފައިވާ ކުޅިވަރުގެ ހަރަކާތްތައް އަލުން އިއާދަކޮށް، ޝަހީދުކޮށްލާފައިވާ ފަރާތްތަކުގެ ގުރުބާނީގެ އަގުވަޒަންކުރުމަށް ބާއްވާ މުބާރާތެއް. މި މުބާރާތް ކުރިއަށްދަނީ ހުޅަނގު އައްސޭރިއާއި ޣައްޒާގެ އިތުރުން ލުބުނާނުގައި ތިބި ރެފިއުޖީންގެ މެދުގައި


އިސްރާއީލުގެ ގަތުލުއާންމާ ގުޅިގެން މެދުކަނޑާލާފައި އޮތުމަށް ފަހު ފަލަސްތީނުގެ ރައްޔިތުން ހުޅަނގު އައްސޭރިއާއި ޣައްޒާގެ އިތުރުން ލުބްނާންގައި ފުޓުބޯޅަ މުބާރާތެއްގައި ކުޅެނީ | އަނަޑޯލޫ
ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން މެދުކަނޑާލާފައި އޮތް ފަލަސްތީނުގެ ފުޓްބޯޅަ މުބާރާތްތައް، ގާތްގަނޑަކަށް ތިން އަހަރަށް ފަހު އަލުން ފަށައިފި އެވެ. އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގެ އިތުރުން ލުބުނާނުގައި ހުރި ރެފިއުޖީ ކޭމްޕުތަކުގައި މި މުބާރާތް ފަށާފައި ވާއިރު، ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމުކުރި 'ތައުޒަންޑް މާޓިއާސް ކަޕް' ނުވަތަ 'އެއް ހާސް ޝަހީދުންގެ ތައްޓަށް" ކުޅޭ ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުތައް މި ތިން ސަރަހައްދުގައި ވެސް ފަށާފައި ވަނީ އެއް ވަގުތެއްގަ އެވެ.
މި މުބާރާތުގައި ހުޅަނގު އައްސޭރިއާއި ޣައްޒާ އަދި ގައުމުން ބޭރުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ތަމްސީލުކުރާ ޖުމްލަ 244 ކްލަބަކުން ބައިވެރިވެ އެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު އެ އެސޯސިއޭޝަނުގެ އެކި ގޮފިތަކުގައި އެއް ވަގުތެއްގައި ބާއްވާފައި ވާއިރު، ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން މި މުބާރާތަށް މި ނަން ދީފައި ވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ ކުޅިވަރު ކުޅުންތެރިންގެ ހަނދާނުގަ އެވެ.
ފަލަސްތީނުގެ ސްޕޯޓްސް މީޑިއާ އެސޯސިއޭޝަނުގެ ސެކްރެޓަރީ ޖެނެރަލް މުސްތަފާ ސިޔާމް ވިދާޅުވީ، ތިން ސީޒަނަށް ވުރެ ގިނަ ދުވަހު ކުޅިވަރުގެ ހަރަކާތްތައް މެދުކަނޑާލާފައި އޮތުމަށް ފަހު، މި މުބާރާތާއެކު އަލުން ކުޅިވަރުގެ ރޫހު އާލާވެގެންދާނެ ކަމަށެވެ. އަދި، އިސްރާއީލުގެ ހަމަލާތައް ފަލަސްތީނުގެ ކުޅުންތެރިންނަށާއި ކުޅިވަރުގެ ވަސީލަތްތަކަށް ވެސް އަމާޒުކޮށްފައިވާ ކަމަށާއި، ކުޅުންތެރިންނާއި ކޯޗުން އަދި ރެފްރީން ހިމެނޭހެން 1،000 އަށް ވުރެ ގިނަ ކުޅިވަރު އެތުލީޓުން ޝަހީދުކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން މެދުކަނޑާލާފައި އޮތް ފަލަސްތީނުގެ ފުޓްބޯޅަ، ގާތްގަނޑަކަށް ތިން އަހަރަށްފަހު އަލުން ފަށައިފި
މީގެ އިތުރުން، މި މުބާރާތަކީ ކުޅިވަރުގެ ދާއިރާއިން ޝަހީދުވި ފަރާތްތަކުގެ ވަފާތެރިކަމާއި ގުރުބާނީގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށް ސިޔާމް ވިދާޅުވި އެވެ. އަދި، މި މުބާރާތް ފެށުމަކީ، ކުޅިވަަރަށް ލިބުނު ކިތަންމެ ކުޑަ ކުރިއެރުމެއް ނަމަވެސް، މިއީ ފަލަސްތީނުގެ ކުޅިވަރުގެ ހަޔާތް އަލުން އިއާދަވަމުންދާ ކަން އަންގައިދޭ މެސެޖެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އިންސާނީ ގޮތުންނާއި މާއްދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މި ދަނޑިވަޅުގައި، ޣައްޒާގައި އަލުން ފުޓުބޯޅަ މެޗުތައް ކުޅެން ފެށުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ. އަދި، ހުޅަނގު އައްސޭރީގައި ވެސް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން، ކްލަބުތަކަށާއި ކުޅުންތެރިންނަށް ފަރިތަކުރުންތަކާއި ދަތުރުފަތުރު ކުރުމުގެ އިތުރުން ގަވާއިދުން މެޗުތައް ބޭއްވުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ. މީގެ ސަބަބުން އެ ސަރަހައްދުގައި ވެސް ފާއިތުވި ތިން ސީޒަނުގައި މުބާރާތްތައް އޮތީ މެދުކަނޑާލައިފަ އެވެ.
ލުބުނާނުގައި މި މުބާރާތް އިންތިޒާމުކުރަނީ ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ މެންބަރުން ކަމަށް ވާއިރު، މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ރެފިއުޖީ ކޭމްޕުތަކުގައި ހަރަކާތްތެރިވާ ފަލަސްތީނުގެ ކްލަބުތައް ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރެ އެވެ. އަދި، މި މުބާރާތަކީ ގައުމީ ފެންވަރުގެ މުބާރާތްތައް ފިޔަވަހިތަކަކަށް ބަހާލައިގެން އަލުން ފެށުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
މަސްދަރު: އަނަދޯލް އޭޖެންސީ










