ގުދުސްއަށް އިސްރާއީލު ސިފައިންގެ ޖަރީމާތައް ފުޅާކޮށް ފަލަސްތީނުގެ އެކަކު ޝަހީދުކޮށްލައިފި
5 ސެޕްޓެމްބަރު 2026 | ހޮނިހިރު 03:53ގުދުސްގައި އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ޒުވާނަކު ޝަހީދުކޮށްލާފައިވާއިރު، ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައި. މީގެ އިތުރުން، ހިސާރުކޮށްފައިވާ ގުސްރާ އަވަށުގެ އާއިލާތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރި އެކްޓިވިސްޓުންނަށް ހުރަސްއަޅައި، އިސްރާއީލުގެ ވަޒަންވެރިންނާއި ސިފައިން ގުޅިގެން ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ވަނީ އިތުރަށް ވަރުގަދަކޮށްފައި


އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި، އެ ގައުމުގެ ވަޒަންވެރިން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތައް އިންތިހާއަށް އިތުރުވެފައިވާތީ، އެކަމުން ރައްކާތެރިކަން ހޯދުމަށް ފަލަސްތީނުގެ ރައްޔިތުން ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމަށް އެދި ގޮވާލަނީ | އަލް ޖަޒީރާ
އިސްރާއީލުން އިސްތިއުމާރު ކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި ހިންގާ ޖަރީމާތައް ފުޅާކޮށް، ގުދުސްގައި ހަމަލާތަކެއްދީ ފަލަސްތީނުގެ ރައްޔިތަކު ޝަހީދުކޮށްލައިފި އެވެ. މީގެ އިތުރުން، އިސްރާއީލުގެ ހައްދުފަހަނައެޅި ވަޒަންވެރިން ހަފުތާތަކެއް ވަންދެން ހިސާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ އަވަށަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރި މަސައްކަތަށް ވެސް އިސްރާއީލު ސިފައިން ވަނީ ހުރަސްއަޅާފަ އެވެ.
ޤުުދުސްގެ ދިމިޝްގު ގޭޓް ކައިރިން ހުކުރު ދުވަހު އިސްރާއީލުގެ ފުލުހުން ބަޑިޖަހައި މަރާލާފައި ވަނީ، އިރުމަތީ ގުދުސްގެ ބައިތު ހަނީނާ އަވަށަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ އިބްރާހީމް އަލް-ހިންދިއްޔު ކަމަށް ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ ވަފާއިން ވަނީ ރިޕޯޓްކޮށްފަ އެވެ. މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ ސިފައިން ދިމިޝްގު ގޭޓާއި ގުދުސްގެ ބޭރުގެ ސަރަހައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށް ފަލަސްތީނުގެ މަސްދަރުތަކުން ވަނީ މީޑިއާއަށް މައުލޫމާތު ދީފަ އެވެ.
މީގެ އިތުރުން، ހުޅަނގު އައްސޭރީގެ ޤަބާތިޔާ އަވަށުން ފަލަސްތީނުގެ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް އިސްރާއީލު ސިފައިން ބުނެފައިވާއިރު، އެ މީހުން ދިޔައީ އިސްރާއީލުގެ ރައްޔިތުންނާއި ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ހަމަލާއެއް ދިނުމަށް ރާވަމުން ކަމަށް އިސްރާއީލުން ތުހުމަތުކުރެ އެވެ. މިއާއެކު، ހުޅަނގު އައްސޭރީގެ ނާބުލުސްގައި އިސްރާއީލު ސިފައިން 48 ގަޑިއިރު ވަންދެން ހިންގި އޮޕަރޭޝަނެއްގައި ފަލަސްތީނުގެ އިތުރު 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މި އޮޕަރޭޝަނުގެ ތެރޭގައި ހަތިޔާރު އުފެއްދުމަށް ބޭނުންކުރާ 30 އަށް ވުރެ ގިނަ މެޝިން އަތުލައިގެންފައިވާ ކަމަށް ވެސް އިސްރާއީލު ސިފައިން ވަނީ ބުނެފަ އެވެ.
އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި އިސްރާއީލުގެ ހައްދުފަހަނައެޅި ވަޒަންވެރިންނާއި ސިފައިން ގުޅިގެން ހަމަލާތަކެއް ދީފައިވާ ކަމަށް ވަފާ ނޫސް އޭޖެންސީން ވަނީ ރިޕޯޓްކޮށްފަ އެވެ. މި ގޮތުން، އުރުދުން ވާދީގެ އުތުރުގައި އޮންނަ ޚިރްބަތު އަލް-ހަމްރާ ސަރަހައްދަށް ވަޒަންވެރިން ވަދެގަނެ، އެ ތަނުގެ ރައްޔިތަކަށް އަނިޔާކޮށްފައިވާއިރު، ބައިތުލަހަމްގެ ދެކުނުގައިވާ ޚަލަތު އަލް-ނަހްލާ ސަރަހައްދަށް ވެސް ވަޒަންވެރިން ވަނީ ސިފައިންނާއެކު ހަމަލާދީފަ އެވެ. އަދި މި ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމަށް ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ސިފައިން ވަނީ ކަރުނަގޭހާއި ސްޓަން ގްރިނޭޑް ފަދަ ހަތިޔާރު ބޭނުުންކޮށްފަ އެވެ.
ގުސްރާގައި ހިސާރު ކޮށްފައިވާ މީހުންނަށް އެހީ ފޯރުކޮށްދޭން ހުރަސް އަޅަނީ
އިސްރާއީލުން އިސްތިއުމާރު ކޮށްފައިވާ ބިންތަކުގައި ފަލަސްތީނު ރައްޔިތުންނަށް ކުރިމަތިވަމުންދާ އަނިޔާވެރިކަމާއި ފުރައްސާރަ އިތުރުވަމުންދާއިރު، ގުސްރާ އަވަށުގައި 28 ދުވަސް ވަންދެން ހިސާރުކޮށްފައިވާ ފަލަސްތީނު ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދިނުމަށް މަސައްކަތްކުރި 100 އެއްހާ ސުލްހަވެރި އެކްޓިވިސްޓުންނަށް އިސްރާއީލު ސިފައިން ހުކުރު ދުވަހު ވަނީ ހުރަސްއަޅާފަ އެވެ. އޮގަސްޓް މަހުގެ 9 ވަނަ ދުވަހުން ފެށިގެން ހުޅަނގު އައްސޭރީގެ އުތުރުގައިވާ މި އަވަށުގެ ފަލަސްތީނު ތިން ގެއެއް އިސްރާއީލުގެ ނިރުބަވެރި ވަޒަންވެރިން ހިސާރުކޮށްފައިވާއިރު، އެ ސަރަހައްދަކީ "ބަންދުކުރެވިފައިވާ އަސްކަރީ ސަރަހައްދެއް" ކަމަށް ބުނެ، އެ އާއިލާތަކުގެ މީހުން ގެއިން ބޭރަށް ނިކުތުމާއި އެ ތަނަށް ވަނުން އިސްރާއީލު ސިފައިން ވަނީ މަނާކޮށްފަ އެވެ.
އިސްރާއީލުގެ ސިފައިން އިސްތިއުމާރު ކޮށްފައިވާ ގުދުސްގެ އުތުރުގައި އޮންނަ ގަލަންދިޔާ ރެފިއުޖީ ކޭމްޕަށް ވަދެގަނެ، ބަޑިޖަހައި އަދި ސްޓަން ގްރެނޭޑް ފަދަ ހަތިޔާރު ބޭނުންކުރަނީ
"ގުސްރާ ހިސާރުކޮށްފައި އޮންނަތާ މިއީ 28 ވަނަ ދުވަސް. ހިސާރުކޮށްފައިވާ އާއިލާތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް 100 އެއްހާ އެކްޓިވިސްޓުން އެތަނަށް ދިޔަ،" އިސްރާއީލުގެ ޕީސް ނައު ޖަމުއިއްޔާއިން ބުނެފައިވެ އެވެ. އެ ސަރަހައްދަކީ އަސްކަރީ ސަރަހައްދެއް ކަމަށް ބުނެ އިސްރާއީލުގެ ސިފައިން ފުރަތަމަ އެކްޓިވިސްޓުން ހުއްޓުވި ނަމަވެސް، ފަހުން އެ ތަނަށް ވަނުމުގެ ހުއްދަ ދިނުމަށްފަހު، އެނބުރި އައި މަގުމަތީގައި "ބަންދުކުރެވިފައިވާ އަސްކަރީ ސަރަހައްދަކަށް ވަނުމުގެ" ކުށުގައި އެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން، ރައުސް އަލް-އައިން ފަރުބަދަ މަތީގައި ތާށިވެފައިވާ ތިން އާއިލާއަކަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދިނުމަށް އިސްރާއީލު ސިފައިން ހުރަސްއަޅަމުންދާ ކަމަށް ގުސްރާގެ މޭޔަރު އަބްދުލް އަޒީމް ވާދީ ވަނީ ހާމަކުރައްވާފަ އެވެ.
އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީ، އިސްރާއީލުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ފަލަސްތީނު މީހުންނާ ދެކޮޅަށް ވަޒަންވެރިން ހިންގާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ގައުމެއްގެ ގޮތުގައި އިސްރާއީލުގެ އަބުރަށް ހުތުރުވަމުންދާ ކަމަށެވެ. އަދި އިސްރާއީލަށް މި ވަގުތު ބޭނުންވަނީ އެކުވެރިން ކަމަށާއި، އިތުރު ދުޝްމަނުން އުފެއްދުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް ވެސް އޭނާ ވަނީ އިންޒާރު ދެއްވާފަ އެވެ.
ފަލަސްތީނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިރުމަތީ ގުދުސް ހިމެނޭހެން ހުޅަނގު އައްސޭރީގައި ގާއިމުކޮށްފައިވާ 156 ޣައިރުގާނޫނީ އާބާދީއާއި 360 އައުޓްޕޯސްޓެއްގައި އިސްރާއީލުގެ 750،000 އެއްހާ ވަޒަންވެރިން ދިރިއުޅެ އެވެ. އަދި، މި މީހުން ދަނީ ފަލަސްތީނު ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުކޮށްލުމަށް ޓަކައި މެދުނުކެނޑި ހަމަލާތައް ދެމުންނެވެ.
މަސްދަރު: އަލް ޖަޒީރާ










