އެއްބަސްވުމަށް އިހުތިރާމްކުރަން އިސްރާއީލަށް ބާރުއަޅަން ހަމާސުން ގޮވާލައިފި
2 ސެޕްޓެމްބަރު 2026 | ބުދަ 04:10ޣައްޒާގެ އަލް-ކާތިބާ ސަރަހައްދަށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކުގައި ގިނަ ބަޔަކު ޝަހީދުވުމާ ގުޅިގެން، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އިހުތިރާމުކުރުމަށް އިސްރާއީލަށް ބާރުއެޅުމަށް ހަމާސްއިން މެދުވެރިންނަށް ގޮވާލައިފި. އިސްރާއީލުން އެއްބަސްވުމާ ތަކުރާރުކޮށް ހިލާފުވަމުންދާތީ، ސަރަހައްދީ ބޮޑު ހަނގުރާމައެއް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް އެ ޖަމާއަތުން ވަނީ ބާރުއަޅާފައި.


އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ 73,462 މީހުން ޝަހީދުކޮށްލާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި މި މުއްދަތުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި 174,509 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. | އޭޕީ
ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލުހޭދުގެ ދަށުން ދެމުންދާ އުދުވާނީ ހަމަލާތައް ހުއްޓުވުމަށާއި، ސުލްހައިގެ އެއްބަސްވުމަށް އިހުތިރާމު ކުރުމަށް އިސްރާއީލަށް ބާރުއެޅުމަށް ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތް، ހަމާސުން، ބޯޑް އޮފް ޕީސްގެ ވެރިޔާ ނިކޮލާ މިލަޑެނޯފްއާއި އެއްބަސްވުމުގެ މެދުވެރިންނަށް ގޮވާލައިފި އެވެ. އަންގާރަ ދުވަހު އެ ޖަމާއަތުން ބުނި ގޮތުގައި، މި ކަމަށް ގޮވާލާފައި މި ވަނީ ޣައްޒާއަށް އިސްރާއީލު ސިފައިން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ގިނަ ބަޔަކު ޝަހީދުކޮށްލައި، އިތުރު ބަޔަކު ޒަހަމުކޮށްލުމުންނެވެ.
ހަމާސްގެ އިސްވާރުން ވަނީ އިސްރާއީލުގެ ސިފައިން ޣައްޒާއަށް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އެ ޖަމާއަތުން ބުނި ގޮތުގައި، އިސްރާއީލުގެ ސިފައިން ދެމުންދާ ހަމަލާތައް ހުއްޓުވުމަށާއި، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރުމަށް ބާރުއެޅުމުގެ ގޮތުން އިސްރާއީލާ ދެކޮޅަށް "އެންމެ މަތީ ދަރަޖައިގެ ފިއްތުންތައް" ކުރިމަތިކުރުމަށް މެދުވެރިންނާއި އެއްބަސްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ކިބައިން ވަނީ އެދިފަ އެވެ.
މީގެ އިތުރުން، އިސްރާއީލުގެ ހަމަލާތައް ކުށްވެރިކޮށް ބައިނަލްއަގުވާމީ މުޖުތަމައުން "ސާފު އަދި ވަރުގަދަ" ނިންމުމެއް ނިންމުމަށް އެ ޖަމާއަތުން ގޮވާލާފައިވާއިރު، މިފަދަ ޖަރީމާތައް ކުރިއަށް ގެންދަން ފުރުސަތު ދީފިނަމަ ނުކުމެދާނެ ނަތީޖާއަކާ މެދު އެ ޖަމާއަތުން ވަނީ އިންޒާރު ދީފަ އެވެ. ހަމާސްއިން ބުނި ގޮތުގައި އިސްރާއީލުން ހަމަލާތައް ވަރުގަދަކުރަނީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް ހުރަސްއަޅައި، އެއްބަސްވުން ތަންފީޒުކުރުމަށް ކުރާ މަސައްކަތްތައް ހުއްޓުވައި، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށެވެ.
އެ ޖަމާއަތުން ބުނި ގޮތުގައި، އިސްރާއީލުން މެދުނުކެނޑި ދެމުންދާ ހަމަލާތަކުގެ ސަބަބުން، މަސްރަހު އިތުރަށް ގޯސްވިޔަނުދީ ހުއްޓުވުމަށާއި، އަދި މުޅި ސަރަހައްދު ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވެއްޓުނު ނުދިނުމަށް ޓަކައި ފިޔަވަޅު އެޅުމުގެ ބޮޑު މަސްއޫލިއްޔަތެއް މެދުވެރިންނާއި އެއްބަސްވުމުގެ ބައިވެރިންގެ ބޮލުގައި މިހާރު ވަނީ އެޅިފަ އެވެ.
އަންގާރަ ދުވަހުގެ ކުރީކޮޅު، ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ އަލް-ކާތިބާ ސަރަހައްދަށް އިސްރާއީލު ސިފައިން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުކޮށްލައި، ކުޑަކުދިން ހިމެނޭހެން 20 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލާފަ އެވެ. މަންޒަރު ފެނުނު މީހުން ބުނި ގޮތުގައި، 30 މިނެޓަށްވުރެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި އިސްރާއީލުން 16 އަށްވުރެ ގިނަ ވައިގެ ހަމަލާ ދީފައިވާއިރު، އަސްކަރީ މަތިންދާބޯޓުތަކާއި ޑްރޯންތައް ބޭނުންކޮށްގެން ވަރުގަދަ ވައިގެ ހަމަލާތަކެއް ވެސް ވަނީ ދީފަ އެވެ.
ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް އިސްމާއިލް އަލް-ޘަވާބްތާ ވިދާޅުވި ގޮތުގައި، އިސްރާއީލު ސިފައިންގެ ހާއްސަ ފައުޖެއްގެ ޔުނިޓަކުން އެ ސިޓީއަށް ވަދެ ޖަރީމާތަކެއް ހިންގަމުންދާކަން ފަޅާއެރުމާއެކު، އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ އެ މީހުން ހިމާޔަތް ކުރުމަށް ހަމަލާދޭން ފަށާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ކުރިމަތިލުންތަކުގައި ފަލަސްތީނުގެ ބަޔަކު ޝަހީދުވެ ޒަހަމްވުމުގެ އިތުރުން، އިސްރާއީލުގެ ހާއްސަ ފައުޖުގެ ބައެއް މެންބަރުން ވެސް ވަނީ މަރުވެފައެވެ.
އަލް-ކާތިބާ ސަރަހައްދަކީ ޣައްޒާގެ ހުޅަނގުގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނު ރައްޔިތުން އެންމެ ގިނައިން ދިރިއުޅޭ އެއް ސަރަހައްދެވެ. އެ ސަރަހައްދުގައި އެމެރިކަން ހޮސްޕިޓަލާއި، ޔުނިވަރސިޓީތަކުގެ އިތުރުން ވިޔަފާރިކުރާ ތަންތަން ހުރުމުން، އާންމުންނަށް އޮތް ނުރައްކާ ބޮޑުވެ، އެ ސަރަހައްދުގެ ފޭލިގެތަކުގައި ދިރިއުޅޭ މީހުންގެ މެދުގައި ވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފަ އެވެ.
2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރި ފަހުން ވެސް، އިސްރާއީލުން ދަނީ ކޮންމެ ދުވަހަކު އެއްބަސްވުމާ ހިލާފުވަމުންނެވެ. އެ ގޮތުން މިހާތަނަށް ފަލަސްތީނުގެ 1,318 މީހުން ޝަހީދުކޮށްލައި، 4,375 މީހުން ވަނީ ޒަހަމްކޮށްލާފަ އެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމުގައި މިހާތަނަށް ފަލަސްތީނުގެ 73,462 މީހުން ޝަހީދުކޮށްލާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 174,509 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު، އިސްރާއީލުން ވަނީ ޣައްޒާގެ ބޮޑު ބައެއް ސުންނާފަތިކޮށް، އެތައް މިލިއަން ބަޔަކު މަގުމަތިކޮށްފަ އެވެ.
މަސްދަރު: ޓީއާރްޓީ ވޯލްޑް









