ނަތަންޔާހޫގެ އަނބިކަނބަލުން ސާރާއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރާނެ ކަމަށް، އެ ޤައުމުގެ އިދިކޮޅު ލީޑަރު ވިދާޅުވެއްޖެ
1 ސެޕްޓެމްބަރު 2026 | އަންގާރަ 10:27އިސްރާއީލްގެ އަރމީ ރޭޑިއޯ އަށް ދެއްވި ބަސްދީގަތުމެއްގައި ގޯލާން ވިދާޅުވީ، ސާރާ ނަތަންޔާހޫ ދެއްކެވި ވާހަކަ ތަކަކީ ފިތުނަ އުފެއްދުމަށް ދެއްކެވި ވާހަކަ ތަކެއް ކަމަށާއި، އެކަމާ ގުޅިގެން ޤާނޫނީ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންދާ ކަމަށް.


އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ އަނބިކަނބަލުން ސާރާ ނަތަންޔާހޫ | ގެޓީ އިމޭޖަސް
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ނަތަންޔާހޫ އާއި ދެކޮޅަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް އެ ޤައުމުގެ އިދިކޮޅު ޑިމޮކްރެޓްސް ޕާޓީގެ ލީޑަރު ޔައީރު ގޯލާން ވިދާޅުވެއްޖެ އެވެ.
ގޯލާން މިހެން ވިދާޅުވީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލް އަށް ދިން ހަމަލާގެ މައުލޫމާތު އޭނާ އަށް ކުރިން އެނގިވަޑައިގަންނަވާ ކަމަށް ބުނެ، ސާރާ ނަތަންޔާހޫ ކުރެއްވި ތުހުމަތުތަކާ ގުޅިގެންނެވެ.
އިސްރާއީލްގެ އަރމީ ރޭޑިއޯ އަށް ދެއްވި ބަސްދީގަތުމެއްގައި ގޯލާން ވިދާޅުވީ، ސާރާ ނަތަންޔާހޫ ދެއްކެވި ވާހަކަ ތަކަކީ ފިތުނަ އުފެއްދުމަށް ދެއްކެވި ވާހަކަ ތަކެއް ކަމަށާއި، އެކަމާ ގުޅިގެން ޤާނޫނީ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މި މައްސަލައިގައި ކޯޓަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ޔައީރު ގޯލާން އަކީ އިސްރާއީލްގެ އަސްކަރިއްޔާގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފްގެ މަޤާމު ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ. އޮކްޓޫބަރު ހަތެއްގެ ހަމަލާ ދިން ދުވަހުގެ ހެނދުނު، ގޯލާން ވަނީ ހަމަލާ ދިން ނޯވާ މިއުޒިކް ފެސްޓިވަލް އޮތް ސަރަހައްދަށް ވަޑައިގެން، އެތަނުގައި ތިބި ގިނަ ބަޔަކު ސަލާމަތް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފައެވެ.
އިސްރާއީލްގެ ސިޔާސީ މަސްރަހު މިހާރު ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، ބޮޑު ވަޒީރުގެ އަނބިކަނބަލުންނާ ދެކޮޅަށް އިދިކޮޅު ލީޑަރަކު މިފަދަ ދައުވާއެއް ކުރައްވަން ނިންމެވުމަކީ ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ މެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެގެންދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތް ތަކުން ބުނެ އެވެ.
މި ތުހުމަތުތަކާ ގުޅިގެން ނަތަންޔާހޫގެ އޮފީހުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނުވެ އެވެ.










