އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ގެތަކެއް ތަޅާލައިފި
1 ސެޕްޓެމްބަރު 2026 | އަންގާރަ 07:54ހުޅަނގު އައްސޭރީގައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރު ތަޅާލައި ވަޒަންވެރިން ހިންގާ ލާއިންސާނީ އަމަލުތައް އދ. އިން ވަނީ ކުށްވެރިކޮށްފަ. މި އަނިޔާވެރިކަމާ ގުޅިގެން، އިސްރާއީލުން ހިފާފައިވާ ބިންތަކުގައި އުފައްދާ މުދާ ޔޫރަޕަށް އެތެރެކުރުން މަނާކުރުމަށް އަޔަލެންޑުން ދަނީ އީޔޫގެ ގައުމުތަކަށް ބާރުއަޅަމުން. މި ފިޔަވަޅުތަކާ މެދު އީޔޫގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި މިހާރު ދަނީ މަޝްވަރާކުރަމުން


އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިންއަށް، 2026 އޯގަސްޓް 28 ވަނަ ދުވަހު އިސްރާއީލު ސިފައިން ދިން ވައިގެ ހަމަލާތަކަކަށްފަހު، އެ ސިޓީގެ އިމާރާތެއްގެ ކައިރީގައި އިސްރާއީލުގެ އަސްކަރީ ފައުޖުތަކުން ހަރަކާތްތެރިވަނީ | ރޮއިޓާސް
އިސްރާއީލުގައި އޮކްޓޯބަރު މަހު އިންތިޚާބެއް ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށް، ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ފުޅާކޮށް، އިސްރާއީލު ސިފައިން ފަލަސްތީނުގެ ރައްޔިތުންގެ އިތުރު ގެތަކެއް ތަޅާލައި ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.
މީގެ އިތުރުން އިސްރާއީލުގެ ވަޒަންވެރިން ވަނީ ބުރުގާ އަވަށުގެ ރައްޔިތުންނަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. ހޯމަ ދުވަހު ހިންގި މި ލާއިންސާނީ އަމަލުތަކާ ދިމާކޮށް، އިސްރާއީލުން ޣައިރު ގާނޫނީ ގޮތުން ހިފާފައިވާ ބިންތަކުގައި އުފައްދާ މުދާ ޔޫރަޕިއަން ޔޫނިއަންއަށް (އީޔޫ) އެތެރެކުރުން މަނާކުރުމަށް ނުވަތަ ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އަޔަލެންޑުން ދަނީ މި ހަފުތާގައި ބާއްވާ އީޔޫގެ މިނިސްޓަރުންގެ ނުރަސްމީ ބައްދަލުވުމެއްގައި ބާރުއަޅަމުންނެވެ.
ރާމަﷲގެ އުތުރުގައި އޮންނަ ބިރްޒަތު އަވަށުގައި، އިމާރާތް ކުރުމުގެ ހުއްދަ ނެތް ކަމަށް ބުނެ އިސްރާއީލު ސިފައިން ދެ އިމާރާތެއް ތަޅާލާފައިވާ ކަމަށް ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ "ވަފާ" އިން ރިޕޯޓުކޮށްފައިވެ އެވެ. މީގެ އިތުރުން، ނާބުލުސްގައި އިސްރާއީލު ސިފައިން ބުލްޑޯޒަރު ބޭނުންކޮށްގެން ދެ ފަންގިފިލާގެ ގެއަކާއި، ހަދަމުންދިޔަ ތިން ފަންގިފިލާގެ އިމާރާތެއް ވަނީ ބިމާހަމަކޮށްފަ އެވެ.
ރާމަﷲގެ އިރުމަތީގައި އޮންނަ ބުރުގާ އަވަށަށް، އިސްރާއީލުގެ ވަޒަންވެރިންގެ ބޮޑު ގްރޫޕަކުން ވަދެގަނެ ފަލަސްތީނު ރައްޔިތުންނަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯތަކެއް މީޑިއާތަކުން ވަނީ ދައްކާފަ އެވެ. އެގޮތުން އެއް ވީޑިއޯއިން ފެންނަނީ ވަޒަންވެރިންނާއި ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގަމުންދާ މަންޒަރެވެ. މަންޒަރު ފެނުނު މީހުން ބުނި ގޮތުގައި، ހޯމަ ދުވަހުގެ ރޭ އެކި ދިމަދިމާލުން އަވަށަށް ވަދެގަތް އިސްރާއީލުގެ ވަޒަންވެރިން ވަނީ ރައްޔިތުންނަށް އަނިޔާކޮށް، ކާރުތަކުގައި ހުޅުޖަހަން މަސައްކަތްކޮށް، އަދި ފަލަސްތީނުގެ ރައްޔިތުންގެ ނައަމުސޫފި ފޭރިގަނެފަ އެވެ.
އިސްރާއީލުގެ ވަޒަންވެރިން ހިންގާ އަނިޔާވެރި އަމަލުތައް މިހާރު ހުރީ "މިއިން ދުވަހަކުވެސް މައްޗަށް ނުދާ މިންވަރަކަށް" މަތީގައި ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން މިދިޔަ މަހު ވަނީ ބުނެފަ އެވެ. އަދި ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ އިތުރުން މީހުން ވަޒަންވެރި ކުރުވުމަށް ހުއްދަ ދެމުންދާއިރު، އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ގުޅިގެން ފަލަސްތީނުގެ މުޖުތަމައުތަކާ ދެކޮޅަށް ހަރަކާތްތެރިވާކަން އެ އޮފީހުން ފާހަގަކުރި އެވެ. މި މައްސަލަތަކާއި، އިސްރާއީލުން ބިންތައް ފޭރުން އިތުރުކުރާ މައްސަލަ، އަންގާރަ ދުވަހު އަޔަލެންޑުގައި ފަށާ އީޔޫގެ ފޮރިން މިނިސްޓަރުންގެ ދެ ދުވަހުގެ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ ހިމަނާފަ އެވެ.
އީޔޫ ކައުންސިލްގެ ރިޔާސަތު މިވަގުތު ބަލަހައްޓަމުންދާ އަޔަލެންޑުން ވަނީ، އިސްރާއީލުން އަތްގަދަކޮށްފައިވާ ބިންތަކުގައި އުފައްދާ މުދާ އެ ގައުމަށް އެތެރެކުރުން މަނާކުރުމަށް ނިންމައި، އީޔޫގެ އެހެން ގައުމުތަކުންވެސް އެކުގައި މި ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ. ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްވަރާތަކަކީ ޖުލައި މަހު ބްރަސަލްސްގައި ބޭއްވި ބައްދަލުވުމުގެ ކުރިއެރުމެކެވެ. އެ ބައްދަލުވުމުގައި ޔޫރަޕިއަން ކޮމިޝަނުން ވަނީ ތިން ގޮތެއް ހުށަހަޅާފަ އެވެ. އެއީ އިމްޕޯޓް ލައިސަންސް ނިޒާމެއް ގާއިމުކުރުން، ބޮޑެތި ޓެރިފް ނުވަތަ ޑިއުޓީތަކެއް ނެގުން، ނުވަތަ އެއްކޮށް މަނާކުރުމެވެ.
އީޔޫގެ މިހާރުގެ ގަވާއިދުތައް ބުނާގޮތުން، ހުޅަނގު އައްސޭރީގެ ޣައިރު ގާނޫނީ ވަޒަންވެރިން އުފައްދާ މުދަލުގައި، އެއީ އިސްރާއީލުގެ އުފެއްދުމެއްގެ ބަދަލުގައި ހިފާފައިވާ ބިމެއްގެ އުފެއްދުމެއްކަން އެނގޭނޭހެން ލޭބަލް ޖަހަންޖެހެ އެވެ. ނަމަވެސް، މުޅި އީޔޫގެ ފެންވަރުގައި އެފަދަ މުދަލުގެ ވިޔަފާރި މަނާކޮށްފައި ނުވާއިރު، އެ ނިންމުން ދޫކޮށްލާފައިވަނީ ވަކިވަކި ގައުމުތަކަށެވެ. އިސްރާއީލާއި ފަލަސްތީނުގެ މައްސަލައިގައި އީޔޫގެ 27 ގައުމުގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ހުރުމުން، މިފަދަ ސިޔާސީ ނިންމުންތައް ނިންމުމަކީ އަބަދުވެސް އުނދަގޫ ކަމެކެވެ.
އަޔަލެންޑުގެ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ ނީލް ރިޗްމަންޑް ވިދާޅުވީ، އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް އަތްގަދަކުރުމާއި، ވަޒަންވެރިންގެ އަނިޔާވެރިކަން ހުއްޓުވުމަށް ނުކުޅެދިފައިވުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށެވެ. "އަޅުގަނޑުމެންނަށް މި ފެންނަނީ ޔޫރަޕްގެ ބައެއް ސިޔާސީ ބޭފުޅުން، ވަޒަންވެރިންގެ އަމަލުތަކަށް އެކަނި ނޫން، އެމީހުންނަށް އެހީތެރިވާ އިސްރާއީލު ސަރުކާރަށްވެސް ތާއީދުކުރާ މަންޒަރު،" އޭނާ ވިދާޅުވިއެވެ. "އަދި ނަސްލު ނައްތާލުމުގެ ލާއިންސާނީ އަމަލުތައް ހިންގަމުންދާ އިސްރާއީލު ސަރުކާރުގެ މި އަމަލުތަކުގައި އަޅުގަނޑުމެން ބައިވެރިވެގެން ނުވާނެ،" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަސްދަރު: އަލް ޖަޒީރާ









