ހަތް އަހަރު ދުވަހުގެ ތެރޭގައި ޣައްޒާގެ ހުރިހާ ފަލަސްތީނު ރައްޔިތުން އެ ސަރަހައްދުން ބޭރުކޮށް، ނަސްލު ނައްތާލުމުގެ ނުރައްކާތެރި ރޭވުމެއް ހާމަކޮށްފި
4 ސެޕްޓެމްބަރު 2026 | ހުކުރު 13:26އިސްރާއީލުގެ ހަރުކަށި މިނިސްޓަރު ބެން-ގްވީރު، ކުރިއަށް އޮތް ހަތް އަހަރު ދުވަހުގެ ތެރޭގައި ޣައްޒާގެ ހުރިހާ ފަލަސްތީނު ރައްޔިތުން އެ ސަރަހައްދުން ބޭރުކޮށް ހިޖުރަކުރުވުމުގެ ނުރައްކާތެރި މަޝްރޫއެއް ހާމަކޮށްފި. "ޑިސްއެންގޭޖްމަންޓް 710" ގެ ނަމުގައި ހިންގާ މި ރޭވުމަށް ބިލިއަނުން ޚަރަދުކުރަން ނިންމާފައިވާއިރު، މިއީ ޣައްޒާގެ މައްސަލައަށް އޮތް ހަމައެކަނި ހައްލުކަމަށް އިސްރާއީލުގެ އިސްވެރިން ދަނީ ބުނަމުން. މި މަޝްރޫއުގެ ދަށުން ފަލަސްތީނު ރައްޔިތުން އެހެން ގައުމުތަކަށް ފޮނުވާލުމަށްޓަކައި އެމެރިކާގެ ފެހި ސިގްނަލަކަށް އިސްރާއީލުން އިންތިޒާރުކުރޭ

ފަލަސްތީނުގެ ޣައްޒާ ސިޓީއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އެ ސިޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ކުރަމުންދާ ހިތްދަތި މަސައްކަތްތަކުގެ ތެރެއިން، އެ ސަރަހައްދުގައި ޖަހާފައިވާ ފޭލިގެ ކޭމްޕެއް ފެންނަ މަންޒަރު - ސެޕްޓެމްބަރު 3، 2026 | ގެޓީ އިމޭޖަސް
އިސްރާއީލުގެ ނަސްލީ ތަފާތުކުރުންތަކަށް ތާއީދުކުރާ ސެކިއުރިޓީ މިނިސްޓަރު، ކުރިއަށް އޮތް ހަތް އަހަރު ދުވަހުގެ ތެރޭގައި ޣައްޒާގެ ހުރިހާ ފަލަސްތީނު ރައްޔިތުން އެ ސަރަހައްދުން ބޭރުކޮށް، ނަސްލު ނައްތާލުމުގެ ނުރައްކާތެރި ރޭވުމެއް ހާމަކޮށްފި އެވެ. މި ރޭވުމުގެ ދަށުން ފަލަސްތީނު ރައްޔިތުން އެމީހުންގެ ވަޒަނުން މަޖުބޫރުން ބޭރުކޮށް، އެހެން ގައުމުތަކަށް ފޮނުވާލުމަށް ވަނީ ހަމަޖެހިފަ އެވެ.
އިޓަމާރ ބެން-ގްވީރު ބުރާސްފަތި ދުވަހު ހާމަކުރި "ޑިސްއެންގޭޖްމަންޓް 710" ގެ ނަން ދީފައިވާ މި މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަމުން ބުނީ، ޣައްޒާގެ ރައްޔިތުން ބަލައިގަތުމަށް "ތައްޔާރަށް" ތިބި ގައުމުތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއް ކަމެއް އޭނާ ހާމައެއް ނުކުރެ އެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި، މި ރޭވުމުގެ ދަށުން ފުރަތަމަ އަހަރު ޣައްޒާގެ 250،000 ރައްޔިތުން ބޭރުކުރުމަށް ވަނީ އަމާޒު ހިފާފަ އެވެ. އަދި ތިން އަހަރު ދުވަހުގެ ތެރޭގައި 1.11 މިލިއަން މީހުން އަދި ހަތް އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 1.86 މިލިއަން މީހުން، އިސްރާއީލުން ހިސާރުކޮށްފައިވާ ފަލަސްތީނުގެ ބިމުން ބޭރުކުރުމަށް ވަނީ ރާވާފަ އެވެ.
"ޞުލްޙައިގެ ޚިޔާލީ ފޮލާ ކެއްކުމުގެ ބަދަލުގައި، މިހާރު ބޭނުންވަނީ ހިޖުރަކުރުވުމުގެ އަމަލީ މަސައްކަތްތައް،" ހަރުކަށި ފިކުރުގެ މިނިސްޓަރު ބުންޏެވެ. "ޣައްޒާގެ މީހުން ބިންގަރާސް ކޮނުމުގެ ބަދަލުގައި، މިއީ އެމީހުން ފޮށިތަންމަތި ބަންދުކުރަންވީ ވަގުތު."
ބެން-ގްވީރު ބުނި ގޮތުގައި، އޭނާގެ ކަނާތު ފިޔައިގެ ހަރުކަށި ޕާޓީ ކަމަށްވާ "އޮޓްޒްމާ ޔެހޫދިތު" އިން، އިސްރާއީލުގެ ދެން އުފެދޭ ސަރުކާރެއްގައި "އަމިއްލައަށް އެދިގެން ހިޖުރަކުރުން" ކުރިއަށްގެންދާނެ ޚާއްސަ މިނިސްޓްރީއަކަށް އެދޭނެ އެވެ.
އޭނާ ބުނި ގޮތުގައި، ޣައްޒާއިން ބޭރުކުރާ މީހުންނަށް "އެބްޒޯޕްޝަން ޕެކޭޖް" އެއް ދެވޭނެ އެވެ. މީގެ ތެރޭގައި ދަތުރުފަތުރުގެ އެހީތެރިކަމާއި، ވަގުތީ ބޯހިޔާވަހިކަމާއި، މަސައްކަތްތެރިކަމުގެ ތަމްރީނާއި، ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން 24 މަސް ދުވަހުގެ މުއްދަތަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.
އޮޓްޒްމާ ޔެހޫދިތު ޕާޓީން ބުނާ ގޮތުގައި، ނަސްލު ނައްތާލުމުގެ މި މަޝްރޫއަށް އިސްރާއީލުން ފުރަތަމަ މަރުހަލާގައި 3 ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ޖެހޭނެ އެވެ. އަދި އޭގެ ފަހުން އިތުރު 15.2 ބިލިއަން ޑޮލަރު މި މަސައްކަތަށް ހޭދަކުރަން ޖެހޭނެ ކަމަށް ލަފާކުރެވެ އެވެ.
ބެން-ގްވީރުގެ މި ވާހަކަތަކަކީ އިސްރާއީލުގެ މިލިޓަރީ އެފެއާޒް މިނިސްޓަރު ބުދަ ދުވަހު ދެއްކި ވާހަކަތަކާ އެއްގޮތް ވާހަކަތަކެކެވެ. މިލިޓަރީ އެފެއާޒް މިނިސްޓަރު ބުނީ، ކޮންމެ ގޮތަކުން ނަމަވެސް ފަލަސްތީނު ރައްޔިތުން ޣައްޒާއިން ބޭރުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ފެހި ސިގްނަލެއް ލިބޭނެ ދުވަހަކަށް އިސްރާއީލުގެ ސަރުކާރުން އިންތިޒާރު ކުރަމުންދާ ކަމަށެވެ.
އިސްރާއީލް ކަޓްޒް އިތުރަށް ބުނި ގޮތުގައި، ޣައްޒާގެ ރައްޔިތުން އެ ސަރަހައްދުން ބޭރުކުރުމަކީ އޮތް "ހަމައެކަނި ހައްލު" ކަމުގަ އެވެ.
އޭނާ ބުނި ގޮތުގައި، 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޣައްޒާގެ ރައްޔިތުން މަޖުބޫރުން ބޭރުކުރުމުގެ ރޭވުން ފުރަތަމަ ހުށަހެޅުއްވި ޓްރަމްޕް، އެ ރޭވުން ދޫކޮށްނުލައްވަ އެވެ. ނަމަވެސް އަރަބި ގައުމުތަކުގެ ފިއްތުންތަކާ ހުރެ އެ މަޝްރޫއު މިވަގުތަށް އޮތީ "މަޑުޖައްސާލާފައި" ކަމަށް އޭނާ ބުންޏެވެ.
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދިޔަ ލާއިންސާނީ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން، ހަމާސް ޖަމާއަތުން ހިންގި ތާރީޚީ އޮޕަރޭޝަނާ ގުޅިގެން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދަނީ ޣައްޒާގައި ނަސްލު ނައްތާލުމުގެ ގަތުލުއާންމެއް ހިންގަމުންނެވެ.
އޭގެ ދެ އަހަރު ފަހުން، ހަމާސް ނައްތާލުމާއި ހައްޔަރުކޮށްފައި ތިބި މީހުން މިނިވަންކުރުމަށް ކަނޑައެޅި މަގްސަދުތައް ހާސިލުނުވުމުން، އިސްރާއީލުން ވަނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގަބޫލުކޮށްފަ އެވެ.
ނަމަވެސް، އެއްބަސްވުމާ ޚިލާފަށް އިސްރާއީލުގެ އަނިޔާވެރި ސަރުކާރުން ދަނީ މެދުނުކެނޑި ޣައްޒާއަށް ހަމަލާދެމުންނެވެ. ވޭތުވެދިޔަ ގާތްގަނޑަކަށް ތިން އަހަރު ދުވަހުގެ ތެރޭގައި، ހިސާރުކޮށްފައިވާ އެ ސަރަހައްދުން މަދުވެގެން 73,470 މީހުން މަރުވެ، 174,540 މީހުން ވަނީ ޒަޚަމްވެފަ އެވެ.










