އިސްރާއީލް އާއި ލުބުނާންއާ ދެމެދު ބާއްވާ ދެ ވަނަ ބުރުގެ މަޝްވަރާތައް އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހު އިޓަލީގައި
28 ޖުލައި 2026 | އަންގާރަ 04:50ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލް ވިދާޅުވީ، އިޓަލީގެ ވެރި ރަށް ރޯމްގައި ބާއްވާ މި ބައްދަލުވުމުގައި ޓެކްނިކަލް ގުރޫޕުތަކުން މިއަހަރުގެ ޖޫން މަހު އިސްރާއީލް އާއި ލުބުންނާއާ ދެމެދު ސޮއި ކުރި ފްރޭމްވޯކް އެއްބަސްވުމް ފުރިހަމަ އަށް ތަންފީޒު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް


އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ލުބުނާންގައި ހުންނަވާ އެމެރިކާގެ ސަފީރު މިޝެލް އީސާ އާއި އެމެރިކާގައި ހުންނަވާ ލުބުނާންގެ ސަފީރު ނަޑާ ހަމާދޭ މޮއާވާދު އަދި އެމެރިކާގައި ހުންނަވާ އިސްރާއީލްގެ ސަފީރު ޔެކިއެލް ލޭޓާ | ރޮއިޓާސް
އިސްރާއީލް އާއި ލުބުނާންއާ ދެމެދު ބާއްވާ މަޝްވަރާތަކުގެ ދެ ވަނަ ބުރުގެ ބައްދަލުވުން ކުރިއަށް އޮތް އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާާޓްމަންޓުގެ އިސް އޮފިޝަލަކު އޭއެފްޕީ އަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވަނީ، މަޝްވަރާތަކުގެ ދެ ވަނަ ބުރު ބޭއްވުމަށް ހަަމަޖެހިފައި ވަނީ، އިޓަލީގެ ވެރި ރަށް ރޯމްގައި ކަމަށެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލް ވިދާޅުވީ، އިޓަލީގެ ވެރި ރަށް ރޯމްގައި ބާއްވާ މި ބައްދަލުވުމުގައި ޓެކްނިކަލް ގުރޫޕުތަކުން މިއަހަރުގެ ޖޫން މަހު އިސްރާއީލް އާއި ލުބުންނާއާ ދެމެދު ސޮއިކުރި ފްރޭމްވޯކް އެއްބަސްވުމް ފުރިހަމަ އަށް ތަންފީޒު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
މި މަޝްވަރާތަކުގައި ޕައިލެޓް ޒޯން ޕްރޮސެސް ފުޅާކުރުމާއި، ބޯޑަރާ ގުޅޭ ހުރިހާ މައްސަލަތަކެއް ޙައްލު ކުރުމާއި، ޝާމިލު ސުލްޙަ އާއި ސަލާމަތީ އެއްބަސްވުމެއްގައި މަސައްކަތް ކުރުން ހިމެނޭ ކަމަށް ވެސް އެ ބޭފުޅާ ވިދާޅުވި އެވެ.
ފްރޭމްވޯކް އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ގޮތުގައި، ލުބުނާންގެ ސިފައިން އެ ޤައުމުގެ ހުރިހާ ސަރަހައްދެއްގައި ފުރިހަމަ އަށް ވެރިކަން ހިންގުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެ އެވެ. މި މަސައްކަތް ކުރިއަށްދާނީ ހިޒްބުﷲ ޖަމާއަތުގެ ހަތިޔާރު ނައްތާލުމުގެ މަސައްކަތް ތަސްދީގު ކުރެވިފައިވާ ހާލަތުގައި އެވެ. އެއަށް ފަހު މިގޮތަށް ކަންކަން ކުރިއަށްދާ ނަމަ، އިސްރާއީލް އިން ލުބުނާން ދޫކޮށް ފައިބައިގެން ދިޔުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެއްބަސްވުމުގައި އިސްރާއީލް އިން ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ފައިބައިގެން ދިޔުމަށް ދެ ޕައިލެޓް ޒޯން ކަނޑައަޅާފައިވެ އެވެ. މި ދެ ސަރަހައްދުގައި އިސްރާއީލް އިން ފުރަތަމަ ފިޔަވަޅުތައް އަޅައި، ލުބުނާންގެ ސިފައިން އެ ސަރަހައްދުތަކުގައި ވެރިކަން ހިންގުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ އެވެ.
އިޓަލީގައި ބާއްވާ މި މަޝްވަރާތައް މުހިންމު ވަނީ އިސްރާއީލް އާއި ލުބުނާާންއާ ދެމެދު ދިގު މުއްދަތަކަށް ދެމި އޮތް ނުތަނަވަސްކަން ޙައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއްގެ ގޮތުގައި އެވެ. މި ވާހަކަތަކުގައި ދެ ޤައުމުގެ ސަރަހައްދީ މައްސަލަތައް ޙައްލު ކުރުމާއި، ދެ ޤައުމުގެ ސަލާމަތާއި ސުލްޙަ ކަށަވަރު ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ތަޖުރިބާކާރުން ފާހަގަ ކޮށްފައިވެ އެވެ.
މަސްދަރު: އަލް ޖަޒީރާ










