ހިޒްބުﷲ: އިސްރާއީލާއެކު ލުބުނާނުން ކުރި މަޝްވަރާތަކުން ލިބުނީ ލަދުވެތިކަމާއި މާޔޫސްކަން
4 އޯގަސްޓު 2026 | އަންގާރަ 09:59ލުބުނާނުގެ ސަރުކާރުން އިސްރާއީލާއެކު ބާއްވަމުންދާ މަޝްވަރާތަކުން ގައުމަށް އެއްވެސް ފައިދާއެއް ނުވާކަމަށާއި، އޭގެ ބަދަލުގައި ލިބެނީ ނިކަމެތިކަމާއި ލަދުވެތިކަން ކަމަށް ހިޒްބުاللهގެ ލީޑަރު ޝައިޚް ނައީމް ގާސިމް ވިދާޅުވެއްޖެ. އިސްރާއީލުގެ އުދުވާންތަކާ ދެކޮޅަށް ސާބިތުކަމާއެކު ތިބުމަށް ގޮވާލައްވަމުން، ހިޒްބުاللهގެ އަސްކަރީ ގާބިލުކަން ނައްތާލުމަށް ދެމުންދާ ހަމަލާތަކުން އެ ޖަމާއަތް ބަލިނުކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައި

ހިޒްބުاللهގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ނައީމް ގާސިމް، ބޮޑު ސްކްރީނެއް މެދުވެރިކޮށް އާންމުންނާ މުޚާތަބު ކުރައްވަމުން ގެންދަވާއިރު، އެއްވެފައިވާ މީހުން އެކަމަށް އިޖާބަދެނީ | ގެޓީ އިމޭޖަސް
ލުބުނާނުން އިސްރާއީލާއެކު ސީދާކޮށް ބާއްވަމުންދާ މަޝްވަރާތަކުން ލިބުނުހާވެސް އެއްޗަކީ ލަދުވެތިކަމާއި، އިހާނެތިކަން ކަމަށް ހިޒްބުالله ޖަމާއަތުގެ ލީޑަރު ވިދާޅުވެއްޖެ އެވެ.
ލުބުނާނުގެ ސަރުކާރުން އިސްރާއީލާއެކު ބާއްވަމުންދާ ސީދާ މަޝްވަރާތަކާ ދެކޮޅު ހައްދަވައި، ހިޒްބުاللهގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، މި ވާހަކަތަކުގެ ސަބަބުން ލުބުނާނަށް ބޮޑެތި ދޫދިނުންތަކެއް ދޭންޖެހި، އޭގެ ނަތީޖާއެއްގެ ގޮތުން ލިބުނީ ހިތްދަތި މާޔޫސްކަމާއި ލަދުވެތިކަން ކަމަށެވެ.
ޝައިޚް ނައީމް ގާސިމް މިހެން ވިދާޅުވީ، އަންގާރަ ދުވަހު ލުބުނާނުގެ ދެކުނުގެ ބާލްބެކް ސިޓީން ދެއްވި ޓީވީ ތަގުރީރެއްގަ އެވެ.
ޝައިޚް ނައީމް ގާސިމް ވިދާޅުވީ، މިހާތަނަށް ބޭއްވި މަޝްވަރާގެ ބުރުތަކުން ލުބުނާނަށް ހާސިލުވީ ކޮން ކަމެއްތޯ ސުވާލު އުފައްދަވާފަ އެވެ. އަދި ލުބުނާނަށް އެއްވެސް ކަމެއް ހާސިލުނުވާއިރު، އިސްރާއީލުން ބޭނުންވި ހުރިހާ ކަމެއް ކާމިޔާބުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހިޒްބުاللهގެ ވެރިޔާ ވިދާޅުވީ، އިސްރާއީލާއެކު ބޭއްވި ބައްދަލުވުންތަކުގައި ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރީ ގައުމުގެ ހައްގުތަކާއި އަސާސީ ހައްގުތަކުގެ ދިފާއުގައި ސާބިތުކަމާއެކު ތިބުމުގެ ބަދަލުގައި އިސްރާއީލު ރުއްސުމަށް ކަމަށެވެ.
ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން އެމެރިކާގެ މަގްސަދުތައް ހާސިލުކޮށްދިނުމުގައި ނާކާމިޔާބުވެފައިވާތީ، މި މަޝްވަރާތަކުން ގައުމަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށް ޝައިޚް ގާސިމް ވިދާޅުވި އެވެ. އަދި އިސްރާއީލަށް ބޮޑެތި ދޫތައް ދިނުން ހުއްޓާލައި، ހިޒްބުاللهއާއެކު މަޝްވަރާކޮށް، ގައުމުގެ ހަމަޖެހުން ގާއިމުކުރުމަށާއި ގައުމީ ސިޔާދަތު ހިމާޔަތްކުރުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.
ލުބުނާނުގެ ދެކުނުގައިވާ ބޯފޯޓް ކާސަލް ކައިރީގައި ހުރި ހިޒްބުاللهގެ ބިންގަރާސްތަކަށް އަމާޒުކޮށް އިސްރާއީލު ސިފައިން 700 އެއްހާ ޓަނުގެ ގޮވާތަކެތި ބޭނުންކޮށްފައިވާ ކަމަށް ވިދާޅުވެ، އެމެރިކާއާ ދެކޮޅަށް އަޑުއުފުލުމަށާއި އިސްރާއީލުގެ އުދުވާންތައް ހުއްޓުވުމަށް އެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
ޝައިޚް ގާސިމް ވިދާޅުވީ، ލުބުނާނުގެ އޮފިޝަލުން އިސްރާއީލުގެ މަންދޫބުންނާއެކު ބައްދަލުވުންތައް ބާއްވަމުންދަނީ، އިސްރާއީލުން ދެމުންދާ ހަމަލާތަކާއި، ލިބެމުންދާ އިހާނެތިކަމާއި ލަދުވެތި ނަތީޖާތަކަށް ފަރުވާލެއް ނުބަހައްޓައި، އެކަންކަމަށް ލޯމަރާލައިގެން ތިބެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ލުބުނާނަށް ދޭން ފެށި ހަމަލާތަކުގެ މައިގަނޑު މަގްސަދަކީ ސައްޔިދު ހަސަން ނަސްރުالله ހިމެނޭހެން ހިޒްބުاللهގެ އިސްވެރިންނާއި ކޮމާންޑަރުން އަވަހާރަކޮށްލައި، އެ ޖަމާއަތް އެއްކޮށް ނައްތާލުން ކަމަށެވެ.
ޒަޔަނިސްޓު ދުޝްމަނުން (އިސްރާއީލުން) ލުބުނާނުގެ އެކި ސަރަހައްދުތަކުގައި ސައިބަރ ހަމަލާތައްދީ، މުވާސަލާތީ ވަސީލަތްތައް (ޕޭޖަރުތައް) ގޮއްވާލީ ހިޒްބުاللهގެ އަސްކަރީ ގާބިލުކަން ކުޑަކުރުމަށް ކަމަށް ޝައިޚް ގާސިމް ވިދާޅުވި އެވެ. ނަމަވެސް އެ ޖަމާއަތް ރޫޅިގެން ނުދާ ކަމަށާއި، އީމާންތެރިކަމާއި ހަނގުރާމައިގެ ތައްޔާރީތަކުގެ އެހީގައި ބާރުގެ މިނެކިރުންތައް ބަދަލުކޮށްލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހިޒްބުاللهގެ ލީޑަރު ފާހަގަކުރެއްވި ގޮތުގައި، ޖޫން 17 ވަނަ ދުވަހު ވޮޝިންޓަނާއި ތެހެރާނާ ދެމެދު ސޮއިކުރެވުނު "އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ" (އެމް.އޯ.ޔޫ) އަކީ އިސްރާއީލުން ލުބުނާނަށް ދެމުންދިޔަ ހަމަލާތައް ހުއްޓުމަކަށް އައުމުގެ މައިގަނޑު ސަބަބެވެ.
އެ އެއްބަސްވުމުގެ ފުރަތަމަ މާއްދާގައި، ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ލުބުނާނަށް އިސްރާއީލުންދޭ ހަމަލާތައް ހުއްޓާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ބަޔާންކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.










