ހުރްމުޒް ކަނޑުއޮޅިން 86 އުޅަނދެއްގެ މިސްރާބު ބަދަލުކޮށްފި
3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 08:01އަންގާރަ ދުވަހާ ހަމައަށް މިސްރާބު ބަދަލު ކޮށްފައި ވަނީ 84 އުޅަނދެއްގެ ކަމަށް ވީ ނަމަވެސް، ބުދަ ދުވަހުގެ ނިޔަލަށް އެ އަދަދު މިހާރު 86 އަށް އަރާފައިވާ ކަމަށް އެ އިދާރާ އިން މައުލޫމާތު ދީފައިވޭ

އެމެރިކާގެ ސެންޓްކޮމް އިން އާންމުކޮށްފައިވާ ވީޑިއޯގެ މަންޒަރުތައް | ސޯޝަލް މީޑިއާ
އީރާންއާ ދެކޮޅަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ހުރަސް އެޅުމުގެ ސިޔާސަތު ތަންފީޒު ކުރުމުގެ މަސައްކަތުގެ ތެރެއިން، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި 86 އުޅަނދެއްގެ މިސްރާބު ބަދަލު ކޮށްލާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކޮށްފި އެވެ.
އެމެރިކާގެ ސެންޓްކޮމް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެމެރިކާގެ ނޭވީ އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ އޮޕަރޭޝަންތައް ހުއްޓުމެއް ނެތް ގޮތެއްގައި ކުރިއަށްދާ ކަމަށެވެ. މިގޮތުން އަންގާރަ ދުވަހާ ހަމައަށް މިސްރާބު ބަދަލު ކޮށްފައި ވަނީ 84 އުޅަނދެއްގެ ކަމަށް ވީ ނަމަވެސް، ބުދަ ދުވަހުގެ ނިޔަލަށް އެ އަދަދު މިހާރު 86 އަށް އަރާފައިވާ ކަމަށް އެ އިދާރާ އިން މައުލޫމާތު ދީފައިވެ އެވެ.
މީގެ އިތުރުން ސެންޓްކޮމް އިން ބުނީ، ކަނޑުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލު ތަކަށް އަމަލުކުރޭތޯ ބެލުމަށްޓަކައި ތިން އުޅަނދެއްގެ އިންޖީނު ނުވަތަ މަސައްކަތް ހުއްޓުވާލާފައިވާ ކަމަށެވެ. އަދި ދެ އުޅަނދަކަށް ސިފައިން އަރާ ބަލައި ފާސް ކޮށްފައިވާ ކަމަށް ވެސް އެމެރިކާގެ އަސްކަރިއްޔާ އިން ވަނީ ބުނެފައި އެވެ.
މި އޮޕަރޭޝަން އަކީ އީރާންއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި، ކަނޑުގެ ސަރަހައްދުގައި ހިންގާ ނުރައްކާތެރި ހަރަކާތްތައް ހުއްޓުވުމަށް އެމެރިކާ ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ބައެއް ކަމަށް ސެންޓްކޮމް އިން ފާހަގަކުރެ އެވެ. ހުރްމުޒް ކަނޑުއޮޅި އަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު އެއް ސަރަހައްދު ކަމަށްވާއިރު، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެމެރިކާގެ އަސްކަރިއްޔާ އިން އަންނަނީ އިސް ދައުރެއް އަދާ ކުރަމުން ކަމަށް ވެސް ބުނެފައިވެ އެވެ.
ސެންޓްކޮމް އިން އިތުރަށް ބުނެފައިވަނީ، ބައިނަލްއަޤުވާމީ ކަނޑުގެ ޤާނޫނުތަކާއި، އުސޫލުތަކާ އެއްގޮތަށް ދަތުރުފަތުރު ކުރުން ކަށަވަރު ކުރުމަށްޓަކައި ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް އެމެރިކާގެ ނޭވީ އިން ކުރިއަށް ގެންދާނެ ކަމަށެވެ. މި އޮޕަރޭޝަންތަކާ ގުޅިގެން އީރާން އިން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައި ނުވެ އެވެ.
މަސްދަރު: އަލް ޖަޒީރާ










