ޓްރަމްޕްގެ އަމުރަށް އެންމެ ފަހުން ދިން ހަމަލާތަކުގައި 18 މީހުން ޝަހީދުކޮށްލައިފި
3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 03:41އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގައި އާންމުން މަރުވުމާ ގުޅިގެން މަސްލަހަތު ގޯސްވެފައިވާއިރު، ބޭނުން ކޮންމެ ވަގުތަކު ހަމަލާދީފާނެ ކަމުގެ އިންޒާރު ރައީސް ޓްރަމްޕް ވަނީ ދެއްވާފައި. މި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި އިގްތިސާދަށް ލޮޅުން އަރާފައިވާއިރު، މިއީ އިންތިޚާބާ ކުރިމަތިލާއިރު ޓްރަމްޕަށް އޮތް ސިޔާސީ ގޮންޖެހުމެއް ކަމަށް ރިޕޯޓްތައް ބުނޭ.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ބޭއްވި ހަރަކާތެއްގެ ތެރެއިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ. | އަލް- ޖަޒީރާ
އެމެރިކާއިން އީރާނަށް ދިން އެންމެ ފަހުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 18 އަށް އަރާފައިވަނިކޮށް، ބޭނުން ކޮންމެ ވަގުތަކު ވެސް އީރާނަށް ހަމަލާދީފާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ. އެމެރިކާގެ މި ހަމަލާތަކުގައި އިތުރު 108 މީހަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބުދަ ދުވަހު ޓްރަމްޕް މި އިންޒާރު ދެއްވާފައި ވަނީ، މިދިޔަ ޖުލައި މަހަށްފަހު އެމެރިކާއާއި އީރާނާ ދެމެދު ބަދަލުކުރެވުނު އެންމެ ވަރުގަދަ ހަމަލާތަކަށް ފަހުގަ އެވެ. އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ ދެކުނު އައްސޭރިފަށުގެ ރަށްތަކާއި، ބަންދުކޮށްފައިވާ ހޯރްމޫޒް ކަނޑުއޮޅި ކައިރީގައިވާ ސަރަހައްދުތަކަށް ހަމަލާދީފަ އެވެ. މީގެ ތެރޭގައި ކުހެސްތަކް ސިޓީގައި ބޭއްވި ކައިވެނި ހަފުލާއަކަށް ދިން ހަމަލާވެސް ހިމެނެ އެވެ.
އެމެރިކާގެ މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ މެދުއިރުމަތީގެ އެކި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފަ އެވެ. މީގެ ތެރޭގައި ބަހްރައިން، އިރާގު އަދި އުރުދުންގައި ހުރި މަރުކަޒުތައް ހިމެނެ އެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ރޭގެ ވަގުތެއްގައި އީރާނަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާނެ ކަމަށާއި، އެ ހަމަލާތަކުގައި ހޯރްމޫޒް ކަނޑުއޮޅި ސަރަހައްދުގައި އީރާނުން ބިނާކުރަން އުޅުނު ހުރިހާ އާ ވަސީލަތްތަކެއް ނައްތާލާފައިވާނެ ކަމަށެވެ. "ރޭ ދިނީ ވަރަށް ވަރުގަދަ ހަމަލާއެއް. އަދި އެ ފަދަ އިތުރު ހަމަލާއެއް ދޭން ވެސް އަޅުގަނޑުމެން މި ތިބީ ތައްޔާރަށް. އަދި، އެއީ އަޅުގަނޑުމެން ބޭނުން ކޮންމެ ވަގުތަކު ވެސް ދީފާނެ ހަމަލާއެއް،" ޓްރަމްޕް ވިދާޅުވިއެވެ.
އީރާނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެމެރިކާގެ ހަމަލާތަކުގައި މަދުވެގެން 18 މީހަކު ވަނީ ޝަހީދުވެފަ އެވެ. އީރާނުގެ ހެލްތު މިނިސްޓަރު މުހައްމަދު ރިޒާ ޒަފަރުޣަންދީ ވިދާޅުވި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެ އެވެ. އޭގެ ތެރެއިން އެކަކަކީ ސިރިކް ކައުންޓީގެ ކުހެސްތަކްގައި ބޭއްވި ކައިވެނި ހަފުލާއަށް ދިން ހަމަލާގައި ޝަހީދުވި ހަތަރު އަހަރުގެ ކުއްޖެކެވެ. ކުހެސްތަކްގެ ކައިވެނި ހަފުލާއަށް ދިން އެ ހަމަލާގައި އެކަނި ވެސް މަދުވެގެން ހަތަރު މީހުން ޝަހީދުވި އެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވަނީ ކުހެސްތަކްއަށް ދިން ހަމަލާއަކީ "ހަނގުރާމައިގެ ކުށެއްގެ" ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި، އާންމުންނަށް ހަމަލާނުދޭ ކަމަށް ބުނެ އެމެރިކާއިން ކުރާ ދައުވާތަކަށް އޭނާ ވަނީ ރައްދު ދެއްވާފަ އެވެ. "ހަގީގަތް އޮތީ މާ ބިރުވެރިކޮށް. އެމެރިކާގެ ޕްރޮޕަގަންޑާ މެޝިނުން ވެސް މިއަދު އެމެރިކާގެ އަސްކަރިއްޔާއިން މިކުރާ ކަހަލަ ދައުވާއެއް ކުރަން ނުކެރޭނެ. ސިރިކްއަަށް ދީފައިވާ ހަމަލާތަކުގެ ވާހަކައަކީ ހަދައިގެން އުޅޭ ވާހަކައެއް ނޫން. އެ ތަނުގެ ތިބި އާންމުންނަކީ ހަގީގީ ބައެއް. އަދި ޝަހީދުވި މީހުންނަކީ ވެސް ހަގީގަތެއް،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބަޣާއީ ލިޔުއްވާފައިވެ އެވެ.
ހަ މަސް ދުވަހަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލި، ދުނިޔޭގެ އިގްތިސާދަށް ވަނީ ލޮޅުން އަރާފަ އެވެ. މީގެ އިތުރުން، އަންނަ ނޮވެމްބަރު މަހު އެމެރިކާގައި ބާއްވާ މިޑްޓާމް އިންތިޚާބާ ކުރިމަތިލާއިރު، ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.
ރޮއިޓާސްއާއި އިޕްސޮސްއިން އޯގަސްޓް މަހު ކުރި ސާވޭއަކުން ދައްކާ ގޮތުގައި، މި ހަނގުރާމައަށް ތާއީދުކުރަނީ އެމެރިކާގެ ރައްޔިތުންގެ ތެރެއިން އެންމެ 31 އިންސައްތަ މީހުންނެވެ. އަދި 63 އިންސައްތަ މީހުން މި ހަނގުރާމައާ ދެކޮޅެވެ. ޚާއްސަކޮށް ތެލުގެ އަގު އުފުލުމާ މެދު ވޯޓުލާ މީހުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. މިދިޔަ ހަފުތާ ބަންދުގައި ހަނގުރާމަ އަލުން ވަރުގަދަވި ފަހުން، ބައިނަލްއަގުވާމީ މިންގަނޑެއް ކަމަށްވާ ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު ވަނީ 95 އެމެރިކާ ޑޮލަރަށް އުފުލިފަ އެވެ. މިއީ ހަނގުރާމަ ފެށުނުއިރާ އަޅާބަލާއިރު 30 އިންސައްތައިގެ އިތުރުވުމެކެވެ. ރޮއިޓާސްއާއި އިޕްސޮސްގެ ސާވޭއިން ދައްކާ ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން ޓްރަމްޕަށް އޮތް ތާއީދު ވެސް ވަނީ 40 އިންސައްތައިން 33 އިންސައްތައަށް ދަށަށް ގޮސްފަ އެވެ.
ބުދަ ދުވަހު ޓްރަމްޕް ވިދާޅުވީ، އަލުން ފެށި އަސްކަރީ ހަރަކާތްތައް މާ ގިނަ ދުވަހަށް ދެމިގެންދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިޚާބަކީ އޭނާގެ ސިޔާސަތަށް ނުފޫޒު ފޯރުވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. "ފުރަތަމަ ކަމަކީ، އަޅުގަނޑެއް ނޫން އިންތިޚާބުގައި ވާދަކުރަނީ. އަޅުގަނޑުގެ ޕާޓީ ވާދަކުރަނީ، އަދި އަޅުގަނޑު ޕާޓީއަށް އެހީތެރިވާނަން. އެކަމަކު އަޅުގަނޑު ގަބޫލުކުރަނީ އީރާނަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު އަޅުގަނޑުމެން ނުދޭކަން އަޅުގަނޑުގެ ޕާޓީން ބަލައިގަންނަ ކަމަށް،" އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
އީރާނުން ވަނީ ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ބުނާ ވާހަކަތައް ތަކުރާރުކޮށް ދޮގުކޮށްފަ އެވެ.
ޕާކިސްތާނު އަސްކަރިއްޔާގެ ފްރޮންޓިއާ ކޯގެ ކުރީގެ ކޮމާންޑަރު، ރިޓަޔާޑް ލެފްޓިނަންޓް ޖެނެރަލް ތާރިގް ޚާން ވިދާޅުވި ގޮތުގައި، އީރާނު ހަނގުރާމައިގައި އެމެރިކާ މިހާރު އޮތީ އިސްތިރާޖީ ގޮތުން ވަރަށް އުނދަގޫ ހާލަތެއްގަ އެވެ. "ހަނގުރާމައިގެ ކުރިން ކަނޑުގެ ސަރަހައްދުގައި އޮތް އަމާންކަން ގާއިމުކުރުމުގައި އެމެރިކާ ވަނީ ނާކާމިޔާބުވެފައި. އަދި، މިހާރު އެމެރިކާއިން އަސްކަރީ ވަސީލަތްތައް ހޭދަކުރަން ޖެހިފައި ވަނީ ހަނގުރާމައިގެ ސަބަބުން އުފެދުނު މައްސަލަތައް ހައްލުކުރުމަށް،" އީރާނުން ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
ހަނގުރާމައިގެ ކުރިން ހޯރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި އުފުލާ، މިނިވަންކަމާއެކު ދަތުރުކުރެވޭ ބައިނަލްއަގުވާމީ މަގަކެވެ. ނަމަވެސް، ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން ތެހެރާނުން ވަނީ އެ މަގު ބަންދުކޮށްފަ އެވެ. ކަނޑުއޮޅި ހުޅުވިފައިވާ ކަމަށް އެމެރިކާއިން ތަކުރާރުކޮށް ބުނި ނަމަވެސް، މިހާރު އެ ތަނުން ދަތުރުކުރަނީ ދުވާލަކު މަދު އުޅަނދެކެވެ. އަދި އެތަން ހުރަސްކުރަން އުޅޭ އުޅަނދުތަކަށް އީރާނުން ދަނީ ހަމަލާދެމުންނެވެ.
ބުދަ ދުވަހު އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސްއިން (އައިއާރްޖީސީ) ބުނީ، ހުއްދަނެތި ދަތުރުކުރަން އުޅުނު ދެ ތެޔޮ ޓޭންކަރެއް މައިންތަކެއްގައި ޖެހި ހަލާކުވެފައިވާ ކަމަށެވެ. މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ޝިޕިން ކުންފުނި 'ބަހްރީ' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަފުތާގެ ކުރީކޮޅު އެ ކުންފުނީގެ އުޅަނދަކަށް ދިން ހަމަލާއެއްގައި ފިލިޕީންސްގެ ދެ ފަޅުވެރިއަކު ވަނީ މަރުވެފަ އެވެ.
ހޯރްމޫޒް ކަނޑުއޮޅި ބެލެހެއްޓުމަށް އީރާނުން އުފައްދާފައިވާ 'ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީ' އިން (ޕީޖީއެސްއޭ) ވަނީ، ގަވާއިދާ ޚިލާފުވި ކަމަށް ބުނެ މި ހަފުތާގައި އިތުރު 11 އުޅަނދެއް ބްލެކްލިސްޓްކޮށްފަ އެވެ. މިއާއެކު، މިދިޔަ ހަފުތާގައި ބްލެކްލިސްޓްކުރި 45 އުޅަނދާއެކު ޖުމްލަ އަދަދު ވަނީ އިތުރުވެފަ އެވެ. އެ އޮތޯރިޓީން ބުނީ، ބޭނުންވާ ލިޔެކިޔުންތައް ހުށަނާޅާ ކަނޑުއޮޅި ހުރަސްކުރަން އުޅޭ އުޅަނދުތައް ޖޫރިމަނާކޮށް، ހިފަހައްޓާނެ ކަމަށެވެ.
ހަމައެއާއެކު، އެމެރިކާއިން ވަނީ އީރާނު އިގްތިސާދީ ގޮތުން އެކަހެރިކުރުމުގެ ކެމްޕޭން ވަރުގަދަކޮށްފަ އެވެ. އީރާނާއެކު ވިޔަފާރިކުރާ ގައުމުތަކަށް ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދެމުން، އެމެރިކާއިން ވެސް ދަނީ ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްގެން ހިފަހައްޓަމުންނެވެ.
ބުދަ ދުވަހު ވެސް ޓްރަމްޕް ވިދާޅުވަމުން ގެންދެވީ ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އެމެރިކާގެ އަތްދަށުގައި ކަމަށެވެ. އަދި އެމެރިކާގެ ސިފައިންގެ އެހީތެރިކަމާއެކު ކޮންމެ ދުވަހަކު މިލިއަނުން ތެޔޮ އުފުލާ ގިނަ އަދަދެއްގެ އުޅަނދުތައް ބޭރަށް ނެރެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަންގާރަ ދުވަހު ޓްރަމްޕް ދައުވާކުރެއްވި ގޮތުގައި، އެމެރިކާގެ ނޭވީން ދަނީ ކޮންމެ ދުވަހަކު 30 އެއްހާ އުޅަނދު ކަނޑުއޮޅިން ބޭރަށް ނެރުމަށް އެހީތެރިވަމުންނެވެ. ނަމަވެސް، ހަނގުރާމައިގެ ކުރިން ދުވާލަކު ގާތްގަނޑަކަށް 130 އުޅަނދު އެ ސަރަހައްދުން ދަތުރުކުރެ އެވެ.
މަސްދަރު: އަލް ޖަޒީރާ










