އުރުދުޣާނާއި ޕުޓިންގެ ބައްދަލުވުން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަނީ
2 ސެޕްޓެމްބަރު 2026 | ބުދަ 03:49ތުރުކީވިލާތާއި ރަޝިޔާ ގުޅިގެން ބިނާކުރާ އައްކުޔޫ ނިއުކްލިއާ ޕަވަރ ޕްލާންޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، މިއަހަރުގެ ތެރޭގައި އެތަނުގެ ފުރަތަމަ ޔުނިޓް ހުޅުވޭނެ ކަމަށް ރައީސް ވްލަޑިއިމާ ޕުޓިން ވިދާޅުވި. ދެ ގައުމުގެ އިގްތިސާދީ ގުޅުން ވަރުގަދަވަމުންދާކަން ފާހަގަކުރައްވައި، ހަކަތައިގެ ދާއިރާއިން އިތުރު އާ މަޝްރޫއުތައް ފެށުމަށް ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައި.


ޝަންގްހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގެ ހަވާސާގައި، ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އާއި ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން 2026 ސެޕްޓެމްބަރު 1 ވަނަ ދުވަހު ކިރިގިސްތާނުގެ ބިޝްކެކްގައި ބައްދަލުކުރައްވަނީ. | އަނަދޮލޫ
ތުރުކީވިލާތާއި ރަޝިޔާއާ ދެމެދު އޮތް ގުޅުން މިހާރު އޮތީ މީގެ ކުރިން ދުވަހަކުވެސް ބަދަހިނުވާ މިންވަރަކަށް ކުރިއަރާފައި ކަމުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ކިރްގިސްތާނުގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގެ (އެސް.ސީ.އޯ) އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއާ ބައްދަލުކުރައްވަ އެވެ. އަންގާރަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް އެއްބާރުލުން މިހާރު ހުރި ދުވެލީގައި ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އުރުދުޣާން އަލިއަޅުއްވައިލެއްވި އެވެ.
"ތުރުކީވިލާތާއި ރަޝިޔާގެ ގުޅުން މިއަދު މިވަނީ މީގެ ކުރީގެ އެއްވެސް ޒަމާނަކަށްވުރެ މާ ބޮޑަށް ކުރިއަރާފައި،" އުރުދުޣާން ވިދާޅުވި އެވެ. މި ބައްދަލުވުމަކީ މިހާރު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ ގައުމު ގުޅިގެން ކުރިއަށްގެންދާ އާ މަޝްރޫއުތައް ފެށުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ އެންމެ މުހިންމު އެއް ތަނބަކީ އައްކުޔޫ ނިއުކްލިއާ ހަކަތަ އުފައްދާ މަރުކަޒުގެ މަޝްރޫއުކަން ފާހަގަކުރައްވަމުން އުރުދުޣާން ވިދާޅުވީ، މި ތާރީޚީ މަޝްރޫއު މިހާރު އޮތީ ނިމުމުގެ މަރުހަލާގައި ކަމަށެވެ. "އައްކުޔޫ ނިއުކްލިއާ ޕަވަރ ޕްލާންޓް ހުޅުވުމާއެކު، އިތުރު އާ ޕަވަރ ޕްލާންޓްތައް ހުޅުވުމަށް ޓަކައި އަޅުގަނޑުމެން އަނެއްކާވެސް ގުޅިގެން ފިޔަވަޅުތަކެއް އަޅާނަން،" އުރުދުޣާން ވިދާޅުވި އެވެ.
މީގެ އިތުރުން ރަޝިޔާގެ ރައީސް ޕުޓިން ވިދާޅުވީ، ރަޝިޔާއާއި ތުރުކީވިލާތާ ދެމެދު އޮތް އިގްތިސާދީ އެއްބާރުލުން ވަރަށް މަތީ ފެންވަރެއްގައި ކުރިއަށްދާ ކަމަށާއި، މީގެ ކްރެޑިޓް ހައްގުވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އުރުދުޣާން ބަހައްޓަވާ ޝައުގުވެރިކަމަށް ކަމަށެވެ. އައްކުޔޫ ޕްލާންޓް ހިމެނޭހެން ދެ ގައުމު ގުޅިގެން ހިންގާ ގިނަ މަޝްރޫއުތައް ކުރިއަށްދާކަން ފާހަގަކުރައްވަމުން، އެ ޕްލާންޓްގެ ފުރަތަމަ ޔުނިޓް މިއަހަރުގެ ތެރޭގައި ހުޅުވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ޕުޓިން ވިދާޅުވި އެވެ.
މި ބައްދަލުވުމުން ހާމަވެގެންދިޔައީ އަންކަރާއާއި މޮސްކޯއާ ދެމެދު އޮތް އިގްތިސާދީ ގުޅުން ފުޅާވެފައިވާ މިންވަރު ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. އަދި ހަކަތައިގެ ދާއިރާއަކީ މި ގުޅުމުގެ އެންމެ މުހިންމު އެއް ދާއިރާގެ ގޮތުގައި ވަނީ ފާހަގަކުރެވިފަ އެވެ.
މަސްދަރު: ޓީއާރްޓީ ވޯލްޑް










