އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ ހަތަރު މީހުން ޝަހީދުކޮށްލައިފި
1 ސެޕްޓެމްބަރު 2026 | އަންގާރަ 10:36އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި އިތުރު ބަޔަކު ޝަހީދުކޮށްލާފައިވާއިރު، މި ހަމަލާތަކުގައި މިސައިލާއި ޑްރޯން ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނޭ. ސުލްހައިގެ އެއްބަސްވުމަށްފަހުވެސް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 1,300 އަށްވުރެ މައްޗަށް އަރާފައިވާއިރު، ގިނަ ބަޔަކު ވަނީ ޒަޚަމްވެފައި.


އޮގަސްޓް 31، 2026 ގައި އިޒްރޭލުން ޣައްޒާ ސިޓީގައި ދުއްވާފައި ދިޔަ އުޅަނދަކަށް ދިން ވައިގެ ހަމަލާއަކާ ގުޅިގެން ރޯވި އަލިފާންގަނޑު ނިއްވާލުމަށް އެ ސަރަހައްދުގެ ރައްޔިތުން މަސައްކަތް ކުރަނީ. | ރޮއިޓާސް
އިސްރާއީލު ސިފައިން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މަދުވެގެން ހަތަރު މީހުން ޝަހީދުކޮށްލައި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަން ޣައްޒާގެ ސިއްހީ އޮފިޝަލުން ހާމަކޮށްފި އެވެ. އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޣައްޒާގެ އުތުރުގައި އޮންނަ ޣައްޒާ ސިޓީގެ ހުޅަނގުން އޮންނަ އަލް-ކަތީބާ އަވަށަށް އިސްރާއީލުގެ އަސްކަރީ ޑްރޯންތަކުން ދިން ހަމަލާއެއްގައި ދެ ކުޑަކުދިން ހިމެނޭހެން ތިން މީހުން ޝަހީދުވެ، އަށް މީހަކު ޒަޚަމްވެފައިވާ ކަމަށް އަލް-ޝިފާ ހޮސްޕިޓަލުގެ ސިއްހީ މަސްދަރަކުން ބުނެ އެވެ.
ޣައްޒާ ސިޓީން ރިޕޯޓުކުރަމުންދާ ނޫސްވެރިއަކު ބުނީ، ހަމަލާ ދިން ވަގުތު އެ ސަރަހައްދުގައި މަދުވެގެން 13 ޑްރޯން އުދުހެމުން ދިޔަކަން ފާހަގަ ކުރެވުނު ކަމަށެވެ. "35 މިނެޓު ވަންދެން މެދުނުކެނޑި ޑްރޯން ހަމަލާތައް ދެމުންދިޔަ. އޭގެ ތެރެއިން ތިން ޑްރޯން އުދުހެމުން ދިޔައީ ނުރައްކާތެރި މިންވަރަކަށް ތިރިން،" އޭނާ ބުންޏެވެ. "އެ ސަރަހައްދުގައި ތިބި ސަލާމަތީ ފަރާތްތަކުން ބުނީ، އިސްރާއީލުސިފައިންގެ ފައުޖެއް އެ ސަރަހައްދަށް ވަދެ، ފަލަސްތީނުގެ މުޖާހިދުންނާ ކުރިމަތިލާފައިވާ ކަމަށް. ނަމަވެސް، ވައިގެ ހަމަލާތައް ވަރުގަދަވުމުގެ ސަބަބުން އެ ސަރަހައްދު އޮތީ ހާސްކަމެއްގެ ތެރޭގައި."
ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރުލް ބަލަހަށް ވެސް އިސްރާއީލު ސިފައިން ހަމަލާދީ، މަދުވެގެން އެކަކު ޝަހީދުކޮށްލާފައިޥާ ކަމަށް އަލް-އަޤްޞާ މާޓިއާސް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ނަމަވެސް، އެ ހަމަލާއާ ގުޅޭ އިތުރު ތަފްސީލެއް އެ ހޮސްޕިޓަލުން ހާމައެއް ނުކުރެ އެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ޣައްޒާގެ އެކި އަމާޒުތަކަށް ހަމަލާދީފައި ވަނީ، އިސްރާއީލު ސިފައިންގެ ފުރާނައަށް ނުރައްކާވުމުން ކަމަށެވެ.
އިސްރާއީލުގެ ޓީވީ ޗެނަލެއް ކަމަށްވާ ޗެނަލް 12 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލު ސިފައިންގެ ހަމަލާތައް ދީފައިވާ ވަގުތު ޣައްޒާގެ އެކި ސަރަހައްދުތަކުން މެދުކެނޑުމެއް ނެތި ބާރުގަދަ ގޮވުންތަކުގެ އަޑު އިވެމުން ދިޔައެވެ. އަދި، ފަލަސްތީނުގެ ގުދުސް ނޫސް ނެޓްވޯކުން ބުނީ، މި ހަމަލާތަކުގައި މިސައިލާއި ކުއަޑްކޮޕްޓަރު ބާވަތުގެ އަސްކަރީ ޑްރޯންތައް ބޭނުންކޮށްފަވާ ކަމަށެވެ. 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާގައި "ސުލްހައިގެ އެއްބަސްވުމެއް" ގާއިމުކުރި ފަހުން، އިސްރާއީލުން ވަނީ މަދުވެގެން 1,320 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައި، 4,300 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައެވެ.
މަސްދަރު: އަލް ޖަޒީރާ










