ސަރުކާރަށް ތާއީދުކޮށް އީރާންގައި ބޭއްވި އެއްވުމެއްގެ ތެރެއަށް ކާރެއް ވައްދާލައި، ހަތަރު މީހަކު މަރުވެއްޖެ
2 ސެޕްޓެމްބަރު 2026 | ބުދަ 06:55މި ހާދިސާއާ ގުޅިގެން ކާރު ދުއްވަން އިން މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި. މޫސާ އަބާދީ ވިދާޅުވީ، ފުލުހުން ބެލި ބެލުމުން އެ މީހާ ކާރު ދުއްވާފައި ވަނީ އާންމު ހާލަތެއްގައި ހުރެގެން ނޫންކަން ފާހަގަ ކުރެވިފައިވާ ކަމަށްް.

އީރާންގެ މަޝްހަދުގައި ކުރިއަށް ދިޔަ އެއްވުމެއްގެ ތެރެއަށް ކާރެއް ވަދެ، ހިނގި އެކްސިޑެންޓުގެ ތެރެއިން | ސޯޝަލް މީޑިއާ
އީރާންގެ އިރުއުތުރުގެ ސިޓީއެއް ކަމަށްވާ މަޝްހަދުގައި ސަރުކާރަށް ތާއީދުކޮށް ބޭއްވި އެއްވުމެއްގެ ތެރެއަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ވަދެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހުން މަރުވެ، 10 މީހަކަށް އަނިޔާވެއްޖެ އެވެ.
މި ހާދިސާ ހިނގާފައި ވަނީ އީރާންގެ ސަރުކާރާއި އެ ޤައުމުގެ ހަތިޔާރު އެޅި ބާރުތަކަށް ތާއީދުކޮށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ ތިއްބައި ރޭގަނޑުގެ ވަގުތެއްގަ އެވެ. ރަޒަވީ ޚުރާސާން ޕްރޮވިންސްގެ ޓްރެފިކް ފުލުހުންގެ ވެރިޔާ މުހްސިން މޫސާ އަބާދީއާ ހަވާލާދީ ނޫރު ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ މި ކާރު ފުރަތަމަ ޖެހުނީ އެހެން އުޅަނދެއްގަ އެވެ.
އެއަށް ފަހު، ކާރު ކޮންޓްރޯލުން ނެއްޓި، މަގުމަތީގައި ހުރި ސަލާމަތީ ހުރަސްތަކާއި ޓްރެފިކް ސާމާނުތަކުގައި ޖެހި، އެއްވެފައި ތިބި މީހުންގެ ތެރެއަށް ވަނީ ވަދެފަ އެވެ.
އީރާންގެ މަޝްހަދުގައި ކުރިއަށް ދިޔަ އެއްވުމެއްގެ ތެރެއަށް ކާރެއް ވަދެ، ހިނގި އެކްސިޑެންޓުގެ ތެރެއިން
މި ހާދިސާއާ ގުޅިގެން ކާރު ދުއްވަން އިން މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މޫސާ އަބާދީ ވިދާޅުވީ، ފުލުހުން ބެލި ބެލުމުން އެ މީހާ ކާރު ދުއްވާފައި ވަނީ އާންމު ހާލަތެއްގައި ހުރެގެން ނޫންކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އޭނާ އަކީ މަސްތުގެ ހާލަތުގައި ހުރި ކާރު ދުއްވި މީހެއް ކަމަށް ބެލެވެ އެވެ. ނަމަވެސް އޭނާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވެ އެވެ.
މި ހާދިސާ އަކީ ސިޔާސީ މަގުސަދެއްގައި ގަސްތުގައި ދީފައިވާ ހަމަލާއެއް ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައި ނުވާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނެ އެވެ. އީރާންގެ ކަމާ ބެހޭ ފަރާތްތަކުން މި ހާދިސާ ސިފަކޮށްފައިވަނީ މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓެއްގެ ގޮތުގަ އެވެ.
މި އެކްސިޑެންޓުގައި އަނިޔާވި 10 މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.
މަސްދަރު: އަލް ޖަޒީރާ










