މީހުން ތޮއްޖެހިފައިވާ ޝޮޕިން ސެންޓަރަކަށް ރަޝިޔާ އިން ދިން ޑްރޯން ހަމާލާއެއްގައި ޔޫކްރެއިން އިން 14 މީހުން މަރުވެއްޖެ
21 އޯގަސްޓު 2026 | ހުކުރު 19:29ޔޫކްރެއިންގެ ރައީސްގެ އުފަން ރަށަށް ދިން މި ހަމަލާއަކީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށް ގަސްދުގައި ދިން ޓެރަރިސްޓް އަމަލެއް ކަމަށް ޒެލެންސްކީ ތުހުމަތު ކުރެއްވި. މި ހާދިސާއާ ގުޅިގެން ރަޝިޔާ ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އޭނާ ގޮވާލެއްވިއިރު، ފާއިތުވި މަސްތަކުގައި ދެފަރާތުން ބަދަލުކުރާ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި
ޔޫކްރެއިންގެ ކްރިވީ ރިހްގައި ހުންނަ ވިޔަފާރި މަރުކަޒަކަށް ރަޝިއާއިން ދިން ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، 121 މީހުން ޒަޚަމްވެފައިވާކަން ވަނީ ހާމަކޮށްފައި | ނެކްސްޓާ
ޔޫކްރެއިންގެ މެދުތެރޭގައި އޮންނަ ކްރިވީ ރިހް ސިޓީގެ ކާރޫބާރޫ ބޮޑު ޝޮޕިން ސެންޓަރަކަށް ރަޝިޔާއިން ދިން ޑްރޯން ހަމަލާތަކެއްގައި މަދުވެގެން 14 މީހުން މަރުވެ، 120 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.
ކްރިވީ ރިހް ޑިފެންސް ކައުންސިލްގެ ވެރިޔާ އޮލެކްސެންޑަރ ވިލްކުލް ޓެލެގްރާމް މެދުވެރިކޮށް ވިދާޅުވީ، ހުކުރު ދުވަހު ދިން މި ހަމަލާތައް އަމާޒުކޮށްފައިވަނީ އެ ސިޓީގެ އެންމެ ބޮޑު ޝޮޕިން ކޮމްޕްލެކްސްއަށް ކަމަށާއި، މި ހަމަލާއާ ގުޅިގެން އެތަނުގައި ބޮޑު އަލިފާންގަނޑެއް ރޯވި ކަމަށެވެ. އެ ގައުމުގެ ގަޑިން ރޭގަނޑު 8 ޖެހުމާ ހަމައަށް (ޖީއެމްޓީން 17:00) މަރުވި މީހުންގެ އަދަދު 14 އަށް އަރާފައިވާއިރު، 121 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ. މީގެ ތެރޭގައި 22 ކުޑަކުދިން ހިމެނޭއިރު، ޒަޚަމްވި މީހުންގެ ތެރެއިން 29 މީހެއްގެ ހާލު ސީރިއަސް ކަމަށް ވިލްކުލް ވިދާޅުވި އެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ އެމަނިކުފާނުގެ އުފަން ރަށަށް ދިން މި ހަމަލާއަކީ "ލަދުކުޑަ އަދި ނުލަފާ" އަމަލެއްގެ ގޮތުގައި ސިފަކުރައްވައި އެކަން ކުށްވެރިކުރައްވާފަ އެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި، ފުރަތަމަ ޑްރޯން ހަމަލާ ދިންތާ 30 މިނެޓް ފަހުން ރަޝިޔާގެ ދެވަނަ ޑްރޯން ހަމަލާއެއް އެ ޝޮޕިން ސެންޓަރަށް ވަނީ އަމާޒުކޮށްފަ އެވެ. މިއީ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށް ގަސްދުގައި ދިން ހަމަލާއެއް ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.
"މިފަދަ ހަމަލާތަކަކީ ޓެރަރިސްޓް އަމަލުތަކެއް ފިޔަވައި ދެން އެހެން ކަމެއް ނޫން،" ޓެލެގްރާމްގައި ޒެލެންސްކީ ލިޔުއްވާފައިވެ އެވެ. އަދި ރަޝިޔާ ޖަވާބުދާރީ ކުރުވުމަށް ދުނިޔޭގެ ގައުމުތަކަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.
އިތުރަށް ވާހަކަދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، އިސްތިއުމާރު ކުރާ ފަރާތަށް ހަގީގީ ފިއްތުންތައް ކުރިމަތިކުރުވައިގެން ދުނިޔެއިން މިކަމަށް އެކަށީގެންވާ ރައްދެއް ދޭންޖެހޭ ކަމަށާއި، ސުލްހަ ގާއިމްކުރެވޭނީ ރަޝިޔާއިން ކުރާ ކަންކަމަށް ހަގީގީ ޒިންމާ އުފުލަން ޖެހިގެން ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އިމާރާތުން ބޯ ދުންތައް އަރަމުންދިޔައިރު، މަގުމަތީގައި ޒަޚަމްވެފައި ތިބި މީހުންނަށް އެހީތެރިވުމަށް ރެސްކިއު މަސައްކަތްތެރިން ދިޔައީ ހަރަކާތްތެރިވަމުންނެވެ.
މީގެ އިތުރުން، މައިކޮލައިވް ސަރަހައްދަށް ރަޝިޔާއިން ދިން ވަކި ހަމަލާއެއްގައި ތިން ކުޑަކުދިން ހިމެނޭހެން ހަތަރު މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު އިވާން ވީހިވްސްކީ ވިދާޅުވި އެވެ.
'ސާފު ސީދާ ޓެރަރިޒަމްގެ އަމަލެއް'
ކީވްގައި ހުރެ ރިޕޯޓްކުރަމުން އަލްޖަޒީރާގެ ރިޕޯޓަރު ބުނީ، ކްރިވީ ރިހްގެ ދެވަނައަށް އެންމެ ބޮޑު މޯލަށް ދިން މި ހަމަލާއާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާ ކަމަށެވެ. "މިއީ ސާފު ސީދާ ޓެރަރިޒަމްގެ އަމަލެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، ޔޫކްރެއިންއިން މިކަމަށް އެކަށީގެންވާ ރައްދެއް ދޭންޖެހޭނެ ކަމަށް އެފަރާތްތަކުން ދަނީ ބުނަމުން،" އޭނާ ބުންޏެވެ.
މެކަލްޕައިން ބުނި ގޮތުގައި، އެ މޯލަކީ ހަމަލާ ދޭން ގަސްދުކުރި ތަނެއްކަން ސާފެއް ނޫނެވެ. ސަބަބަކީ ޑްރޯންތައް ވައިގެ ތެރެއިން ހުއްޓުވުމުން ބައެއް ފަހަރު ކޮންމެ ތަނަކަށްވެސް ވެއްޓިދާނެތީ އެވެ. ނަމަވެސް ވީޑިއޯ ފުޓޭޖްތަކުން ބޮޑަށް ބެލެވެނީ މިއީ ގަސްދުގައި ދީފައިވާ ހަމަލާއެއް ކަމަށެވެ.
މެކަލްޕައިން އިތުރަށް ފާހަގަކުރި ގޮތުގައި، ރަޝިޔާގެ އެންމެ ބޮޑު އޮންލައިން ރީޓެއިލާ ކަމަށްވާ 'ވައިލްޑްބެރީސް' އާ ގުޅުންހުރި ގުދަންތަކަށް ޔޫކްރެއިންއިން ފަހަކަށް އައިސް ދެމުންދާ ހަމަލާތައް ވަނީ އިތުރުކޮށްފަ އެވެ. މިއީ މޮސްކޯގެ ރުޅިވެރިކަން މިކަމަށް އަމާޒުވި ސަބަބެއް ކަމަށް ބެލެވެ އެވެ.
ހަނގުރާމައިގެ ކުރީ ސަފާ ގާތްގަނޑަކަށް 60 ކިލޯމީޓަރު (37 މޭލު) ދުރުގައި އޮންނަ ސިނާއީ ސިޓީއެއް ކަމަށްވާ ކްރިވީ ރިހްއަށް، މި ހަނގުރާމައިގެ ތެރޭގައި ރަޝިޔާއިން ތަކުރާރުކޮށް ހަމަލާތައް ދީފައިވެ އެވެ.
ފާއިތުވި މަސްތަކުގައި ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ސިޓީތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފަ އެވެ. ހަމައެއާއެކު، ޔޫކްރެއިންއިންވެސް ވަނީ ރަޝިޔާގެ ތެޔޮ ރައްކާކުރާ ތަންތަނާއި ލޮޖިސްޓިކްސް އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ހަމަލާތައް އިތުރުކޮށްފަ އެވެ. މިއީ ރަޝިޔާގެ ހަނގުރާމަ ކުރުމުގެ ގާބިލުކަން ކުޑަކުރުމަށް ކުރާ މަސައްކަތެކެވެ.
އދ. ގެ ހިއުމަން ރައިޓްސް މޮނިޓަރިން މިޝަނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖުލައި މަހު ރަޝިޔާއިން ދިން ހަމަލާތަކުގައި މަދުވެގެން 437 އާންމުން މަރުވެ، 2,610 މީހުން ޒަޚަމްވެފައިވެ އެވެ. މިއީ 2022 ވަނަ އަހަރުގެ މެއި މަހަށްފަހު އެއް މަސްދުވަހުގެ ތެރޭގައި އާންމުން އެންމެ ގިނައިން މަރުވި މަހެވެ.
ޔޫކްރެއިންގެ މިނިވަން ދުވަސް ކަމަށްވާ އަންނަ ހޯމަ ދުވަހު، ޔޫކްރެއިންއާ ގުޅިފައިވާ 34 ގައުމުގެ މައްޗަށް އެކުލެވޭ "ކޯލިޝަން އޮފް ދަ ވިލިންގް" ގެ ގައުމުތަކުން ބައްދަލުކޮށް، ކީވްއަށް ދޭ އެހީތެރިކަން ތަކުރާރުކޮށް ކަށަވަރުކޮށްދޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.










