ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި 16 މީހުން މަރުވެއްޖެ
20 އޯގަސްޓު 2026 | ބުރާސްފަތި 13:48ރަޝިޔާއިން ޔޫކްރެއިންގެ ކީވްއަށް ދިން ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއްގައި ގިނަ ބަޔަކު މަރުވެ އާންމުންގެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ. މި ހަމަލާތަކުގެ އަސަރު އަވަށްޓެރި ރޫމޭނިއާ އާއި މޮލްޑޯވާއަށް ވެސް ފޯރާފައިވާއިރު، ޔޫކްރެއިންގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ބޭނުންވާ ހަތިޔާރު ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ރައީސް ޒެލެންސްކީ ވަނީ ފާހަގަކުރައްވާފައި
ޔޫކްރެއިންގެ ވެރިރަށް ކީވްއަށާއި އެ ސަރަހައްދުގެ އެކި ހިސާބުތަކަށް ރަޝިއާއިން ދިން ވަރުގަދަ ހަމަލާތަކެއްގައި 16 މީހުން މަރުވެ، 40 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ. ރަޝިއާއިން މި ހަމަލާތައް ދީފައިވަނީ ގިނަ އަދަދެއްގެ މިސައިލާއި 168 ޑްރޯން ބޭނުންކޮށްގެން | ސޯޝަލް މީޑިއާ
ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި 16 މީހުން މަރުވެ، މި ހަމަލާތަކުގެ އަސަރު ރޫމޭނިއާ އަދި މޮލްޑޯވާގެ ސަރަހައްދުތަކަށް ވެސް ފޯރައިފި އެވެ.
ބުދަ ދުވަހުގެ ރޭގަނޑުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަޝިޔާއިން ކީވްއަށާއި އެ ސިޓީގެ ވަށައިގެންވާ ސަރަހައްދުތަކަށް ދިން "ވަރުގަދަ" ހަމަލާތަކުގައި މަދުވެގެން 16 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ޔޫކްރެއިންގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވެ އެވެ.
މި ހަމަލާތަކުގެ ނުސީދާ އަސަރު ބުރާސްފަތި ދުވަހު މޮލްޑޯވާ އާއި ރޫމޭނިއާއަށް ވެސް ވަނީ ކޮށްފަ އެވެ. ރޫމޭނިއާ ސަރުކާރުން ހާމަކުރި ގޮތުގައި، ރަޝިޔާއިން ފޮނުވާލި ކަމަށް ބެލެވޭ ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯނެއް، އެ ގައުމުގެ ކަނޑުގެ ސަރަހައްދުގައި ހުރި ގޭސް އުފައްދާ މަރުކަޒަކަށް އަމާޒުކޮށްފައިވެ އެވެ.
ކީވްގެ ލޯކަލް އޮތޯރިޓީތަކުން ބުނި ގޮތުގައި، ރަޝިޔާގެ މި ހަމަލާތަކުގައި ހޮސްޕިޓަލަކަށާއި، ސްކޫލަކަށާއި، ޕްރީސްކޫލަކަށް އަދި އާންމުން ދިރިއުޅޭ އިމާރާތްތަކުގެ އިތުރުން ގުދަންތަކަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އާންމުންގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދިން މި ހަމަލާތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކުރަމުންނެވެ.
ކީވްގައި ތިބި ސީއެންއެންގެ ނޫސްވެރިންނަށް ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާއިރު، ސިޓީގެ މަތިން ދުން އަރަމުންދާ މަންޒަރު ވަނީ ފެނިފަ އެވެ. އަދި އެ ސިޓީގައި އެތައް ގަޑިއިރަކަށް ވައިގެ ހަމަލާގެ އިންޒާރުގެ ސައިރަން އަޅާފައިވެ އެވެ. ރޮއިޓާސް ނިއުސް އެޖެންސީން އާންމުކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި، ރަޝިޔާގެ ހަމަލާތަކުގެ ސަބަބުން އުފެދުނު ބޮޑެތި އަލިފާންގަނޑުތަކުން މުޅި ރޭގަނޑުގެ އުޑުމަތި އޮތީ ދިއްލިފަ އެވެ.
ރަޝިޔާއިން ފޮނުވާލާ ގިނަ އަދަދެއްގެ ޑްރޯންތައް ހުއްޓުވުމުގައި ޔޫކްރެއިން މީގެ ކުރިން ކާމިޔާބީތަކެއް ހޯދާފައިވީ ނަމަވެސް، ފަހަކަށް އައިސް ރަޝިޔާއިން ދަނީ ޔޫކްރެއިންގެ ދިފާއީ ނިޒާމުގެ ބަލިކަށިކަމުގެ ފައިދާ ނަގަމުންނެވެ. ޚާއްސަކޮށް، ބާރުމިނުގައި ދަތުރުކުރާ ބެލިސްޓިކް މިސައިލްތަކުން ސަލާމަތްވުމަށް ބޭނުންވާ "ޕޭޓްރިއަޓް" އިންޓަރސެޕްޓަރ މިސައިލްތަކުގެ ސްޓޮކް ޔޫކްރެއިންގައި ހުސްވަމުންދާތީ، ރަޝިޔާއިން ދަނީ އެ ފުރުސަތުގެ ބޭނުން ހިފަމުންނެވެ.
މި މަހުގެ ކުރީކޮޅު ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ޔޫކްރެއިންގެ ރައީސް ވުލޮޑިމީރް ޒެލެންސްކީ ވިދާޅުވީ، އެމެރިކާ އާއި އެހެނިހެން ބައިވެރިންގެ އަތުން ޔޫކްރެއިންއަށް ކޮންމެހެން ބޭނުންވާ އިންޓަރސެޕްޓަރ މިސައިލްތަކުގެ ތެރެއިން މިހާރު ލިބިފައިވަނީ އެންމެ 10 އިންސައްތަ ކަމަށެވެ.
"މިދިޔަ 2025 ވަނަ އަހަރާ އަޅާބަލާއިރު، މިއަހަރު އަޅުގަނޑުމެންގެ އަތުގައި ހުރި އިންޓަރސެޕްޓަރ މިސައިލްގެ އަދަދު ދެގުނަ ބައި މަދު. އެކަމަކު ރަޝިޔާއިން މަހެއްގެ މައްޗަށް އުފައްދާ ބެލިސްޓިކް މިސައިލްގެ އަދަދު ކުރިއަށްވުރެ ދެގުނަ އިތުރުވެއްޖެ،" ޒެލެންސްކީ ވިދާޅުވި އެވެ.
ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުރާސްފަތި ދުވަހު ޓެލެގްރާމް މެދުވެރިކޮށް ބުނީ، ކީވް ސިޓީއާއި އެ ސަރަހައްދުގެ އަސްކަރީ މަރުކަޒުތަކަށާއި، ދަތުރުފަތުރާއި ލޮޖިސްޓިކްސް ސެންޓަރުތަކުގެ އިތުރުން ގުދަންތަކަށް އަމާޒުކޮށް "ހައި-ޕްރެސިޝަން ހަތިޔާރު ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް" ދީފައިވާނެ ކަމަށެވެ.
ރައީސް ޒެލެންސްކީ ބުރާސްފަތި ދުވަހު ވިދާޅުވީ، ރަޝިޔާއިން މި ހަމަލާއަށް ވަރަށް ގިނަ ދުވަހު ތައްޔާރުވެފައިވާ ކަމަށާއި، އާންމުންގެ އުމްރާނީ ވަސީލަތްތަކަށް ވީހާވެސް ބޮޑު ގެއްލުމެއް ދިނުމަށްޓަކައި ތަފާތު ބާވަތްތަކުގެ މިސައިލާއި ޑްރޯން އެއްފަހަރާ ބޭނުންކޮށްފައިވާ ކަމަށެވެ.
ޔޫކްރެއިންގެ އިމަޖެންސީ ސާވިސަސްއިން ބުނި ގޮތުގައި، އިމާރާތްތަކުގެ ކުނިތަކުގެ ދަށުން ދެ މީހަކު ސަލާމަތްކޮށްފައިވާއިރު، ސިޓީގެ 12 އަށްވުރެ ގިނަ ތަނަށް ލިބުނު ގެއްލުންތަކުން އަރައިގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ހަމަލާތަކުގެ ސަބަބުން އުފެދުނު ބޮޑެތި އަލިފާންގަނޑުތައް ނިއްވުމަށް ފަޔަރ ފައިޓަރުން ދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ.
ކީވްގެ މޭޔަރު ވިޓާލީ ކްލިޗްކޯ ވިދާޅުވީ، ސޮލޮމިއަންސްކީ ޑިސްޓްރިކްޓްގައި ހުންނަ ކުޑަކުދިންގެ ހޮސްޕިޓަލެއްގެ ކުޑަދޮރުތައް ވެސް މި ހަމަލާތަކުގައި ތަޅައިގެން ގޮސްފައިވާ ކަމަށެވެ.
ކީވްގެ އިތުރުން، ރަޝިޔާއިން ވަނީ ޗެރްނީހިވް ސަރަހައްދުގެ ގޭސް އުމްރާނީ ވަސީލަތްތަކަށާއި، އޮޑެއްސާ ސަރަހައްދުގައި މޮލްޑޯވާއާ ގުޅޭ ބޯޑަރު ހުރަސްކުރާ ސަރަހައްދަށް ވެސް ހަމަލާދީފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.
މީގެ އިތުރުން ޒިޓޯމީރް، ހާސަން، ހާކީވް އަދި ޑޮނެޓްސްކް ސަރަހައްދުތަކަށް ވެސް ޑްރޯން އަދި ބަޑީގެ ހަމަލާތައް ވަނީ އަމާޒުވެފައެވެ. ސަރަހައްދީ އަސްކަރީ އިދާރާތަކުގެ ރިޕޯޓްތަކަށް ބަލާއިރު، ވޭތުވެދިޔަ 24 ގަޑިއިރު ނުވަނީސް މުޅި ޔޫކްރެއިންއިން މަރުވި މީހުންގެ އަދަދު ވަނީ 25 އަށް އަރާފައެވެ. އަދި މުޅި ގައުމުން 132 މީހަކު ވަނީ ޒަޚަމްވެފަ އެވެ.
ރޫމޭނިއާ އަދި މޮލްޑޯވާގެ ސަރަހައްދަށް ޑްރޯންތައް އެރުން
ޔޫކްރެއިންއަށް ދިން މި ހަމަލާތަކުގެ ތެރޭގައި، ރަޝިޔާގެ ޑްރޯނެއް ރޫމޭނިއާގެ ސަރަހައްދަށް ވެއްޓިފައިވާ ކަމަށް އެ ގައުމުގެ ދިފާއީ ވުޒާރާއިން ބުނެފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓްކުރެ އެވެ. މި ޑްރޯން ވެއްޓިފައިވަނީ ޔޫކްރެއިން ބޯޑަރު ކައިރީގައި އޮންނަ ތުލްސިއާ ކައުންޓީގެ މީހުން ދިރިނޫޅޭ ސަރަހައްދަކަށެވެ. ހަނގުރާމަ ފެށުނީއްސުރެ ރަޝިޔާގެ ޑްރޯންތައް ތަކުރާރުކޮށް ރޫމޭނިއާގެ ވައިގެ ސަރަހައްދަށް ވަންނަމުންދާކަން ފާހަގަކުރެވެ އެވެ.
ރޫމޭނިއާގެ ދިފާއީ ވުޒާރާއިން ފަހުން އިތުރުކުރި ގޮތުގައި، އެ ގައުމުގެ ކަނޑުގެ ސަރަހައްދުގައި ހުރި ގޭސް އުފައްދާ މަރުކަޒަކާ ކައިރިން ދަތުރުކުރި، ގޮވާތަކެތި ހަރުކޮށްފައިވާ ކަނޑުގެ ޑްރޯނެއް ނައްތާލުމަށްޓަކައި އެފް-16 މަރުކާގެ ދެ ފައިޓަރު ޖެޓް ވަނީ ހަރަކާތްތެރިވެފަ އެވެ.
ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ފޮން ޑަ ލޭޔަން ވިދާޅުވީ، މި ކަނޑުގެ ޑްރޯން ހަމަލާއަކީ "ހައިބްރިޑް ހަނގުރާމަ" އެއްގެ މިސާލެއް ކަމަށެވެ. އަދި މިއީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދައި، ޔޫރަޕިއަން ޔޫނިއަން ބައިބައިކުރުމަށް ހިންގާ ނުރައްކާތެރި ކެމްޕޭނެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.
މޮލްޑޯވާގެ ރައީސާ މާޔާ ސަންޑޫ ވެސް ބުރާސްފަތި ދުވަހު ވިދާޅުވީ، އެ ގައުމުގެ ވައިގެ ސަރަހައްދަށް އަނެއްކާވެސް އަރައިގަނެފައިވާ ކަމަށާއި، ޑްރޯނެއް މޮލްޑޯވާގެ ސަރަހައްދަށް ވެއްޓިފައިވާ ކަމަށެވެ. އަދި މިފަދަ އަމަލުތައް ހުއްޓުވުމަށް ރަޝިޔާއަށް ކުރިމަތިކުރާ ފިއްތުންތައް މިހާރަށްވުރެ އިތުރުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހަމަލާތަކާ ގުޅިގެން، ޕޮލެންޑުން ވެސް ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު ރައްކާތެރިކުރުމަށްޓަކައި އަސްކަރީ މަތިންދާބޯޓުތައް ތައްޔާރީ ހާލަތަކަށް ގެނެސްފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފައިވެ އެވެ.
ރަޝިޔާއިން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ޔޫކްރެއިންއަށް ހަމަލާދެމުންދާއިރު، ޔޫކްރެއިންއިން ވެސް ވަނީ ރަޝިޔާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހު ޔޫކްރެއިންއިން ވަނީ ރަޝިޔާއަށް އަމާޒުކޮށް 800 އަށްވުރެ ގިނަ ޑްރޯން ފޮނުވާލާފަ އެވެ. މިއީ މި ހަނގުރާމައިގައި ވައިގެ މަގުން ދިން އެންމެ ބޮޑު އެއް ހަމަލާ އެވެ.
ރަޝިޔާގެ ދައުލަތުގެ މީޑިއާ "ޓާސް" އިން ބުނި ގޮތުގައި، މިއީ މިއަހަރުގެ ތެރޭގައި ޔޫކްރެއިންއިން ދިން އެންމެ ވަރުގަދަ ޑްރޯން ހަމަލާ އެވެ. މީގެ ތެރެއިން ގިނަ ޑްރޯންތައް އަމާޒުކޮށްފައިވަނީ ރަޝިޔާގެ މުއްސަނދިންނާއި އިސްވެރިން ދިރިއުޅޭ މޮސްކޯ ސަރަހައްދަށެވެ.
އަންގާރަ ދުވަހު ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި، ޔޫކްރެއިންއިން ފޮނުވާލި 791 ޑްރޯން އެއްރޭ ތެރޭގައި ހުއްޓުވައި ނައްތާލާފައިވެ އެވެ. މިއީ ވެސް ޔޫކްރެއިންއިން ދިން ވަރުގަދަ ހަމަލާއެކެވެ.










