ކަށިތައް ވަރުގަދަކުރުމަށް ހިއްކި މޭވާ އާއި ސޯޔާ ވަރަށް މުހިންމު
2 އޯގަސްޓު 2026 | އާދީއްތަ 12:12ކަށި ފީވުމުގެ ބަލިން ރައްކާތެރިވުމަށްޓަކައި ކުޑައިރުން ފެށިގެން ކެލްސިއަމް އާއި ވިޓަމިން ޑީ އަދި ޕްރޮޓީން ގިނަ ކާނާ ބޭނުންކުރުމަކީ މުހިންމު ކަމެއް. މިގޮތުން ކިރުގެ ބާވަތްތަކުގެ އިތުރުން ސޯޔާ، ޗިއާ ސީޑްސް، ހިއްކި މޭވާ އަދި މަހުގެ ބާވަތްތައް ހިމެނޭހެން ހަމަހަމަ ކާނާ ބޭނުންކުރުމާއެކު ކަސްރަތު ކުރުމަކީ ކަށިތައް ވަރުގަދަކޮށް ދުޅަހެޔޮކަން ދެމެހެއްޓުމަށް އޮތް އެންމެ ރަނގަޅު މަގު

ކަކުލު ހުޅުގައި ރިއްސާ ބަލީގައި އުޅޭ މީހެއްގެ ކަކުލުގެ އެކްސް-ރޭ އެއް | ގެޓީ އިމޭޖަސް
އަޅުގަނޑުމެންގެ ކަށިތަކުގެ ދުޅަހެޔޮކަމާ މެދު ވިސްނަން ފަށަންވީ ވަގުތު މިއޮތީ ޖެހިފަ އެވެ. ގިނަ ބަޔަކު ހީކުރާ ވަރަށް ވުރެ މާ ކުރިން ކަށީގެ ވަރުގަދަކަން ނުވަތަ "ބޯން ޑެންސިޓީ" ދަށްވާން ފަށަ އެވެ. ނަމަވެސް، ވަކި ޚާއްޞަ މާއްދާތަކެއް އެކުލެވޭ ކާނާ ބޭނުންކުރުމުން ކަށިތައް ވަރުގަދަކޮށް ބެހެއްޓުމަށް އެހީތެރިވެދެ އެވެ.
ކިރު ބުއިމަކީ ކަށިތައް ވަރުގަދަކޮށްދޭ ކަމެއް ކަމަށް ބުނާ ބުނުމަކީ، އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ސިއްހީ ގޮތުން ލިބޭ ފުރަތަމަ ނަސޭހަތެވެ. ކުޑަކުދިންގެ ގޮތުގައި ތިބިއިރު، ކިރުގައި ހުންނަ ކެލްސިއަމްގެ ސަބަބުން ކަށިތައް ވަރުގަދަވެ، ހަށިގަނޑު ހެދިބޮޑުވުމަށް އެހީތެރިވެދޭނެ ކަމަށް ބުނެ ކިރު ބުއިމަށް ބާރުއެޅި އެވެ.
ކިރުގެ ބާވަތްތަކާ ގުޅޭ މި ނަސޭހަތަކީ ކުޑައިރުން ފެށިގެން ހަނދާނުގައި ހަރުލާފައި ހުންނަ ކަމެއް ނަމަވެސް، އުމުރުން ދުވަސްވުމުން ކަށިތައް ބަލިކަށިވުމުގެ މައްސަލަ ކުރިމަތިވާ މިންވަރާ މެދު މިހާރު މާބޮޑަކަށް ވާހަކައެއް ނުދެކެވެ އެވެ. ޒުވާން އުމުރުގައި ކަށިތައް ރައްކާތެރި ނުކުރެވިއްޖެ ނަމަ، ފަހުން ކަށި ބިންދައިގެން ދިއުމުގެ ނުރައްކާ ބޮޑުވެގެންދެ އެވެ.
އުފާވެރި ޚަބަރަކީ، ކޮންމެ އުމުރެއްގައި ވެސް މިކަމަށް ހައްލެއް އެބައޮތް ކަމެވެ. ހަށިގަނޑަށް ބޭނުންވާ މާއްދާތައް ހިމެނޭ ކާނާ ބޭނުންކުރުމާއެކު، ހަރަކާތްތެރިވެ އުޅުމުން ކަށިތަކުގެ ދުޅަހެޔޮކަން އިތުރުކުރެވިދާނެ އެވެ. އަދި މިއީ ހަމައެކަނި ގިނައިން ކިރު ބުއިމުން އެކަނި ކުރެވޭނެ ކަމެއް ނޫނެވެ.
ޔޫކޭގެ ޔުނިވަރސިޓީ އޮފް ސައުތުހެމްޓަންގެ މިއުސްކިއުލޯސްކެލެޓަލް ހެލްތު ޕްރޮފެސަރެއް ކަމަށްވާ ކޭޓް ވާޑް ވިދާޅުވާ ގޮތުގައި، އުމުރުން ދުވަސްވާއިރު ކަށިތައް ހުންނަ ގޮތް ބިނާވަނީ ކުޑައިރުގައާއި ޒުވާން އުމުރުގައި ކަށިތައް ވަރުގަދަވެ، އެންމެ މަތީ ދަރަޖައަށް "ޑެންސިޓީ" އިތުރުވާ މިންވަރުގެ މައްޗަށެވެ.
އެ އުމުރަށް ފަހު، އުމުރުން ދުވަސްވާ ވަރަކަށް ކަށީގެ ވަރުގަދަކަން ދަށްވާން ފަށައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 500 މިލިއަން މީހުން "އޮސްޓިއޯޕޮރޯސިސް" ނުވަތަ ކަށި ފީވުމުގެ ބަލި ތަހައްމަލު ކުރަމުންދެ އެވެ. ޔޫކޭގެ ރޯޔަލް އޮސްޓިއޯޕޮރޯސިސް ސޮސައިޓީގެ ޖޫލީ ތޮމްޕްސަން ކިޔައިދެއްވި ގޮތުގައި، މިއީ އެއްވެސް އަލާމާތެއް ނުފެނި ހުރެފައި، ކަށި ބިންދައިގެން ދިއުމުން ނޫނީ ނޭނގޭ "ހިމޭން" ބައްޔެކެވެ.
ޚާއްޞަކޮށް އުނަގަނޑުގެ ކަށި ބިންދައިގެން ދިއުމުގެ މައްސަލަ އުމުރުން 55 އަހަރުން މަތީގެ މީހުންގެ މެދުގައި އާންމެވެ. ދުނިޔޭގައި އަހަރަކު 10 މިލިއަނަށް ވުރެ ގިނަ މީހުންނަށް މި މައްސަލަ ކުރިމަތިވެ އެވެ. މީގެ ނަތީޖާ ވަރަށް ނުރައްކާތެރިވެދާނެ އެވެ. އުމުރުން 60 އަހަރުން މަތީގެ މީހުންގެ ތެރެއިން، އުނަގަނޑުގެ ކަށި ބިންދައިގެންދާ މީހުންގެ 30 އިންސައްތަ މީހުން އެއް އަހަރު ތެރޭގައި މަރުވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އަންހެނުން އުމުރުން ދުވަސްވާ ވަރަކަށް، ޚާއްޞަކޮށް އިއްދައިން ކެނޑުމުން (މެނޯޕޯޒް)، ކަށީގެ ވަރުގަދަކަން ދަށްވުމުގެ ނުރައްކާ ބޮޑެވެ. ނަމަވެސް މިއީ ހަމައެކަނި އަންހެނުންނަށް ދިމާވާ ކަމެއް ނޫނެވެ. ފިރިހެނުންނަށް ވެސް މި މައްސަލަ ކުރިމަތިވެ އެވެ.
ޓަފްޓްސް ޔުނިވަރސިޓީގެ ޕްރޮފެސަރ ބެސް ޑޯސަން-ހިއުސް ވިދާޅުވި ގޮތުގައި، ކުރިން އޮސްޓިއޯޕޮރޯސިސްއަކީ ހަމައެކަނި އަންހެނުންގެ ބައްޔެއް ކަމަށް ބެލެވުނު ނަމަވެސް، މިހާރު ފިރިހެނުންގެ އުމުރު ދިގުވުމާއެކު އެމީހުންގެ ކިބައިން ވެސް މި ބަލި ފެންނަ މިންވަރު ވަނީ އިތުރުވެފަ އެވެ.
އެހެންކަމުން، ކަށިތައް ވަރުގަދަކޮށް ބެހެއްޓުމަށްޓަކައި އަޅުގަނޑުމެން ކާންވީ ކޮން އެއްޗެއް ހެއްޔެވެ؟
ކިރު، ޗީޒް އަދި ޔޯގަޓް
ކަށީގެ ދުޅަހެޔޮކަމަށް އެންމެ މުހިންމީ ކެލްސިއަމް، ވިޓަމިން ޑީ އަދި ޕްރޮޓީން އެވެ. މީގެ އިތުރުން ވިޓަމިން ކޭ، މެގްނީޒިއަމް، ޒިންކް އަދި ފޮސްފަރަސްއަކީ ވެސް ކަށިތަކާއި މަސްތައް ވަރުގަދަކުރުމަށް މުހިންމު މާއްދާތަކެކެވެ.
ކިރުގެ ބާވަތްތަކަކީ ކެލްސިއަމް އިން މުއްސަނދި އެއްޗެހިކަން އެންމެންނަށް ވެސް އެނގެ އެވެ. 200 މިލިލީޓަރުގެ ކިރު ތަށްޓެއްގައި ގާތްގަނޑަކަށް 260 މިލިގްރާމް ކެލްސިއަމް ހުރެ އެވެ. ދާދި ފަހުން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، ކިރުގެ ބާވަތްތަކާއި ޕްރޮޓީން ގިނައިން ބޭނުންކުރި އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި، އުނަގަނޑުގެ ކަށި ބިންދައިގެން ދިއުމުގެ ނުރައްކާ 46 އިންސައްތަ ދަށްވެފައިވެ އެވެ.
ކެލްސިއަމް ބޭނުންކުރަންވީ މިންވަރު ގައުމުތަކުގައި ތަފާތެވެ. ޔޫކޭގައި ބޮޑެތި މީހުން ދުވާލަކު 700 މިލިގްރާމް ކެލްސިއަމް ބޭނުންކުރުމަށް ލަފާދޭއިރު، އޮސްޓިއޯޕޮރޯސިސްގެ ނުރައްކާ އޮތް މީހުން 1,000 މިލިގްރާމް ބޭނުންކުރަން ޖެހެ އެވެ. އެމެރިކާގައި މި މިންވަރު ހުރީ ދުވާލަކު 1,000 އާއި 1,200 މިލިގްރާމާ ދެމެދުގަ އެވެ.
ސޯޔާ
ކިރުގެ ބާވަތްތައް ނޫން އެހެން ތަކެތިން ވެސް ކެލްސިއަމް ހޯދިދާނެ އެވެ. އޭގެ ތެރޭގައި ސޯޔާ ބީންސްއިން ތައްޔާރުކުރާ "ޓޯފޫ" ފަދަ ތަކެތި ހިމެނެއެވެ. 100 ގްރާމްގެ ޓޯފޫގައި 200 މިލިގްރާމް ކެލްސިއަމް ހުރެ އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ސޯޔާގެ ބާވަތްތަކަކީ ކަށި ބިންދައިގެން ދިއުމުގެ ނުރައްކާ ކުޑަކޮށްދޭ އެއްޗެކެވެ. ސޯޔާގައި ހިމެނޭ "އައިސޯފްލޭވޯން" ނަމަކަށް ކިޔާ މާއްދާއެއްގެ ސަބަބުން، ޚާއްޞަކޮށް އިއްދައިން ކެނޑިފައިވާ އަންހެނުންގެ ކަށީގެ ވަރުގަދަކަން އިތުރުކޮށްދެ އެވެ.
ޗިއާ ސީޑްސް
ޗިއާ ސީޑްސްއަކީ ކެލްސިއަމް، މެގްނީޒިއަމް އަދި ފޮސްފަރަސް އިން މުއްސަނދި އެއްޗެކެވެ. އެންމެ ސަމުސަލެއްގެ ޗިއާ ސީޑްސްގައި 95 މިލިގްރާމް ކެލްސިއަމް ހުރެއެވެ. މީގެ އިތުރުން މީގައި ހިމެނޭ އޮމެގާ-3 ފެޓްސްގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮކަން ދަމަހައްޓައިދެ އެވެ.
ހިއްކި މޭވާ (ޕްރޫންސް އަދި ވައްތީނި)
ހިއްކި މޭވާއަކީ ކަށީގެ ދުޅަހެޔޮކަމަށް މުހިންމު އެއްޗެއް ކަމަށް ގިނަ ބަޔަކު ނުވިސްނި ނަމަވެސް، ހިއްކި ވައްތީނި (ފިގްސް) އާއި އޭޕްރިކޮޓްގައި ގިނަ އަދަދަކަށް ކެލްސިއަމް ހުރެ އެވެ. ދެ ވައްތީނީގައި ގާތްގަނޑަކަށް 100 މިލިގްރާމް ކެލްސިއަމް ހުރެ އެވެ. ދިރާސާއަކުން ދެއްކި ގޮތުގައި ދުވާލަކު 50 ގްރާމްގެ ޕްރޫންސް ކާ އަންހެނުންގެ ކަށީގެ ބާރު ދަށްވުން ކުޑަވެ އެވެ.
ލަފާދޭ ކާނާގެ ބާވަތްތައް
ކެލްސިއަމް: ކިރު، ޔޯގަޓް، ޗީޒް، ކޭލް، އަލްމަންޑް، ދަޅު މަސް (ކަށި ހިމެނޭ ސާޑިން)
ވިޓަމިން ޑީ: ސަލްމަން، މެކަރަލް، ކަނޑުމަސް، ބިހުގެ ގޮބޮޅި
މެގްނީޒިއަމް: ސްޕިނާޗް، އޯކްރާ، އަލުވި، ހިއްކި މޭބިސްކަދުރު
ވިޓަމިން ކޭ: ޕްރޫންސް، ސްޕިނާޗް، ކޭލް
ޕޮޓޭސިއަމް: ފަޅޯ، އޮރެންޖް، ދޮންކެޔޮ، ޓޮމާޓޯ
ދަޅުގައި ބަންދުކުރި މަސް
ސާޑިން ފަދަ ކުދި މަހުގެ އެންމެ ދަޅަކުން ވެސް ދުވާލަކަށް ބޭނުންވާ ކެލްސިއަމްގެ 30 އިންސައްތަ ލިބެ އެވެ. ދަޅުގައި ބަންދުކުރި ސަލްމަން މަހަކީ ވެސް ކެލްސިއަމް އާއި ޕްރޮޓީން ގިނަ އެއްޗެކެވެ. ޕްރޮފެސަރ ޑޯސަން-ހިއުސް ވިދާޅުވާ ގޮތުގައި، މަސްތަކުގެ ވަރުގަދަކަން ދެމެހެއްޓިއްޖެ ނަމަ، ވެއްޓުމުގެ ނުރައްކާ ކުޑަވެ، ކަށި ބިންދައިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެގެންދެ އެވެ.
ސަޕްލިމެންޓްތަކާ މެދު ބުނަނީ ކީކޭ؟
ކަށީގެ ދުޅަހެޔޮކަމަށް ސަޕްލިމެންޓް ބޭނުންކުރުމަކީ ސައިންސްވެރިންގެ މެދުގައި ބަހުސް ކުރެވޭ ކަމެކެވެ. ވިޓަމިން ޑީ ސަޕްލިމެންޓް މާ ގިނައިން ބޭނުންކުރުމަކީ (ދުވާލަކު 100 މައިކްރޯގްރާމަށް ވުރެ ގިނައިން) ވެއްޓުމުގެ ނުރައްކާ އިތުރުވެދާނެ ކަމެއް ކަމަށް ވެސް ބައެއް ދިރާސާތަކުން ދައްކަ އެވެ.
އާންމުކޮށް ލަފާދެނީ ކާނާގެ ތެރެއިން ބޭނުންވާ މާއްދާތައް ނުލިބޭ ނަމަ ސަޕްލިމެންޓް ބޭނުންކުރުމަށެވެ. ޚާއްޞަކޮށް ކިރާއި މަހުގެ ބާވަތްތައް ނުކާ މީހުން ކެލްސިއަމް ސަޕްލިމެންޓް ބޭނުންކުރުމަށް ސަމާލުކަން ދޭންޖެހެ އެވެ.
ޖުމްލަ ގޮތެއްގައި، ކަށިތައް ދުޅަހެޔޮކޮށް ބެހެއްޓުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ހުރިހާ މާއްދާތަކެއް އެކުލެވޭ ހަމަހަމަ ކާނާއެއް ބޭނުންކުރުމާއެކު، ކަށިތަކަށް ބާރުލިބޭ ފަދަ ކަސްރަތުތައް ކުރުމެވެ.










