ނަތަންޔާހޫ: ހުޅަނގު އައްސޭރީއަކީ އިސްރާއީލުގެ އަމިއްލަ ބިން
27 އޯގަސްޓު 2026 | ބުރާސްފަތި 07:32ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ފުޅާކުރުމަކީ އިސްރާއީލުގެ އިސްތިގުލާލާ ގުޅިފައިވާ ކަމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވެއްޖެ. ބައިނަލްއަގުވާމީ މުޖުތަމައުން މިކަން ކުށްވެރިކުރި ނަމަވެސް، ފަލަސްތީނުގެ ބިންތައް ވަކިކޮށްލާ "އީ-1" މަޝްރޫއު ކުރިއަށްގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައި. މި ނިންމުމުގެ ސަބަބުން ދެ ދައުލަތުގެ ހައްލަށް އޮތް ފުރުސަތު ގެއްލި، ސަރަހައްދީ ހަމަނުޖެހުން ބޮޑުވާނެ ކަމުގެ އިންޒާރު ގައުމުތަކުން ދޭ

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲ ސިޓީއާއި އިސްރާއީލު ވަކިކުރާ ފާރު ކައިރީގައި، އިރުމަތީ ގުދުސްގައި ހުންނަ ބޭނުންކުރުން ހުއްޓާލާފައިވާ އެއާޕޯޓެއްގައި ބިނާކުރާ "އަޓަރޮޓް ހެރިޓޭޖް ސެންޓަރު" ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހު ބައިވެރިވެރިވަނީ | ގެޓީ އިމޭޖަސް
ހުޅަނގު އައްސޭރިއަކީ އިސްރާއީލުގެ އަމިއްލަ ބިމެއް ކަމަށް ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
ޔަހޫދީން އިސްރާއީލަށް ހިޖުރަކުރާ "ބޮޑު ރާޅަކަށް" ތައްޔާރުވުމުގެ ގޮތުން، ހުޅަނގު އައްސޭރީގައި ގަވާއިދާ ހިލާފަށް ވަޒަންވެރިވުމަށް އިމާރާތްކުރާ އާބާދީތައް ފުޅާކުރުން އިސްރާއީލުން ކުރިއަށް ގެންދާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވިދާޅުވެފަ އެވެ. އިސްރާއީލުން އެންމެ ފަހުން އާބާދީތައް ފުޅާކުރަން ފެށި މަޝްރޫއާ ގުޅިގެން، އަވަށްޓެރި އަރަބި ގައުމުތަކާއި ހުޅަނގުގެ ބައިވެރިން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އެހެން ނަމަވެސް އެކަމަށް އިސްރާއީލުން އެއްވެސް ފަރުވާލެއް ބަހައްޓާފައެއް ނުވެ އެވެ.
އަންގާރަ ދުވަހު ގުދުސްގައި ވާހަކަދައްކަމުން ނަތަންޔާހޫ ވިދާޅުވީ، މިއީ އިސްރާއީލުގެ ބިމެއްކަން މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޔަހޫދީން ގަބޫލުކުރާ ކަމަށާއި، އެ ބިން އަބަދުވެސް އޮންނާނީ އިސްރާއީލުގެ މިލްކެއްގެ ގޮތުގައި ކަމަށެވެ. އަދި އެއީ ޔަހޫދީންގެ ބިމެއް ކަމަށް ބުނާއިރު، ކޮންމެ ޔަހޫދީ ފިރިހެނަކަށާއި އަންހެނަކަށް އެ ގައުމުގެ ދޮރުތައް ހުޅުވިފައިވާ ކަމަށާއި، ގިނަ އަދަދެއްގެ ޔަހޫދީން ހިޖުރަކުރުމަށް (އަލިޔާ) ބޭނުންވާ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނަތަންޔާހޫ މިފަދަ އުންމީދެއް ކުރި ނަމަވެސް، އޭނާ އެ ވިދާޅުވާ ފަދަ ބޮޑު ހިޖުރައެއް ހަގީގަތުގައި ފެންނާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ. 2023 ވަނަ އަހަރު ހަމާސްއިން ދިން ހަމަލާއާއި، އެއަށްފަހު ޣައްޒާގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން އިސްރާއީލު ދޫކޮށްދާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. "972 މެގަޒިން" ގެ ރިޕޯޓެއް ބުނާ ގޮތުން، 2024 އިން 2025 އަށް 150،000 އަށްވުރެ ގިނަ އިސްރާއީލު މީހުން ވަނީ ގައުމު ދޫކޮށް ގޮސްފަ އެވެ.
އިސްރާއީލުގެ ބޮޑުވަޒީރު މި ވާހަކަތައް ދެއްކެވީ ހުޅަނގު އައްސޭރީގައި ހުރި ޔަހޫދީންގެ 47 އާބާދީއެއް ބަލަހައްޓާ "ބިންޔާމިން ރީޖަނަލް ކައުންސިލް" އިން އިންތިޒާމުކުރި ހަރަކާތެއްގަ އެވެ. 1967 ވަނަ އަހަރު ކަނޑައެޅި އިސްރާއީލުގެ ބޯޑަރުން ބޭރުގައި ހުރި މި ހުރިހާ އާބާދީތަކަކީ އދ. އިން ގަބޫލުކުރާ ގޮތުގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ތަންތަނެވެ. އަދި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން (އައިސީސީ) ކަނޑައަޅާފައިވާ ގޮތުގައި، އެ ސަރަހައްދުތަކަށް އިސްރާއީލުގެ ރައްޔިތުން އާބާދުކުރުމަކީ ޖެނީވާ ކޮންވެންޝަނާ ހިލާފު އަމަލެކެވެ.
އިސްރާއީލު ސަރުކާރުން ބައެއް ފަހަރު މިފަދަ އާބާދީތައް ހެދުމުގެ ހުއްދަ ކުރިން ދިން ނަމަވެސް، އާންމުކޮށް މި ތަންތަން ފުރަތަމަ ހަދަނީ ފަލަސްތީނުގެ ބިންތަކުގައި ގަވާއިދާ ހިލާފަށް ޓެންޓު ޖަހައިގެންނެވެ. އޭގެ ފަހުން އިސްރާއީލު ސަރުކާރުން އެ ތަންތަނަކީ ގާނޫނީ ތަންތަން ކަމަށް ފަހުން ކަނޑައަޅަނީ އެވެ. އަންގާރަ ދުވަހު ދެއްކެވި ވާހަކައިގައި ނަތަންޔާހޫ ވަނީ އޭނާގެ ސަރުކާރުން މިހާތަނަށް 104 އާބާދީއަކާއި 160 ދަނޑުބިމެއް ގާއިމުކޮށް ގާނޫނީ ހައިސިއްޔަތު ދީފައިވާ ކަމަށް ބުނެ ފަހުރުވެރިވެފަ އެވެ.
"މިއީ ފަސޭހަ ކަމެއް ނޫން، ދުވަހަކުވެސް ފަސޭހައެއް ނުވާނެ،" އޭނާ އިތުރަށް ވިދާޅުވި އެވެ. "އިސްރާއީލުގެ ބިންތައް ހޯދެނީ ތަހައްމަލުކުރާ ތަދުތަކެއްގެ ތެރެއިން. ބައެއް ފަހަރު ހިނިތުންވުމާއެކު، އަނެއްބައި ފަހަރު ބަހުސްތަކުގެ ތެރެއިން، އެކަމަކު އެ ބިންތައް އަހަރެމެން މިދަނީ ހޯދަމުން. އަހަރެމެން އުންމީދު ދޫކޮށެއް ނުލާނަން، އަހަރެމެންގެ ތަސައްވުރެއް އެބައޮތް، މިއީ އަހަރެމެންގެ ބިމެއް، އަދި މިއީ އަބަދުވެސް އަހަރެމެންގެ ބިމެއްގެ ގޮތުގައި އޮންނާނެ ތަނެއް."
މިދިޔަ ހަފުތާގައި އިސްރާއީލުން ވަނީ ގުދުސްގެ އިރުމަތީގައި އޮންނަ "އީ-1" (E1) މަޝްރޫއުގެ ދަށުން 1،200 އަށްވުރެ ގިނަ ގެ އިމާރާތްކުރުމަށް ބިޑަށް ހުޅުވާލާފަ އެވެ. އިސްރާއީލުގެ ޕްލޭނިން މެޕްތަކުގައި އެ ނަމުން ނަންދެވިފައިވާ މި މަޝްރޫއުގެ ދަށުން ޖުމްލަ 3،400 އަށްވުރެ ގިނަ ގެ އިމާރާތްކުރުމަށް ނަތަންޔާހޫގެ ސަރުކާރުން މިދިޔަ އަހަރު ވަނީ ހުއްދަ ދީފަ އެވެ.
"އީ-1" މަޝްރޫއުގެ ސަބަބުން އިރުމަތީ ގުދުސްއާއި، ފަލަސްތީނުގެ ބިމުގައި ހަދާފައިވާ "މާލޭ އަދުމީމް" އާބާދީއާ ދެމެދު ބިމުގެ ގުޅުމެއް ގާއިމުވެގެންދާނެ އެވެ. މީގެ އިތުރުން، ގުދުސްގެ އުތުރާއި ދެކުނުގައި އޮންނަ ފަލަސްތީނުގެ ދެ ސިޓީ ކަމަށްވާ ރާމަﷲ އާއި ބެތުލެހެމްއާ ދެމެދު އޮންނަ މަގުތަކުގެ ގުޅުން މިކަމުގެ ސަބަބުން މެދުކެނޑިގެންދާނެ އެވެ.
މައްކާ އެއްބަސްވުމުގައި ހިމެނޭ ސައުދީ އަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީ ހިމެނޭހެން އިސްލާމީ އަށް ގައުމަކުން ވަނީ މި މަޝްރޫއު "ސީދާ ގޮތުން" ދެކޮޅު ހަދައި، މިއީ ނުރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. މީގެ އިތުރުން އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިއާ، ނިއުޒީލެންޑް، ޔޫރަޕިއަން ކޮމިޝަން އަދި ޔޫރަޕްގެ 15 ގައުމަކުންވެސް ވަނީ މިކަން ކުށްވެރިކޮށްފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެ ގައުމުތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އީ-1" އާބާދީގެ ސަބަބުން ހުޅަނގު އައްސޭރި ދެބައިވެ، ދެ ދައުލަތުގެ ހައްލަށް އޮތް ފުރުސަތު ގެއްލިގެންދާނެ ކަމަށެވެ. އަދި ހުޅަނގު އައްސޭރީގައި ހަމަނުޖެހުން ބޮޑުވެ، ފަލަސްތީނުގެ އާންމުންނަށް ޔަހޫދީން ދޭ ހަމަލާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، އަދި ފަލަސްތީނުގެ އިގްތިސާދަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ވަގުތެއްގައި މިފަދަ ނިންމުމެއް ނިންމުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.
2020 ވަނަ އަހަރު އަރަބި ގައުމުތަކާއެކު ސުލްހައިގެ އެއްބަސްވުންތަކުގައި ސޮއިކުރިއިރުވެސް، ހުޅަނގު އައްސޭރި އެއްކޮށް އިސްރާއީލުގެ ބައެއްގެ ގޮތުގައި ހެދުމުގެ ވިސްނުން ގެންގުޅޭ ކަމަށް ނަތަންޔާހޫ ދިޔައީ ބުނަމުންނެވެ. ނަތަންޔާހޫގެ ކޯލިޝަންގައި ހިމެނޭ ހަރުކަށި ފިކުރުގެ ބައިވެރިން މިކަމުގައި މާ ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަދައްކަ އެވެ. އެގޮތުން ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ވަނީ އޮކްޓޯބަރު މަހުގެ އިންތިހާބުގެ ކުރިން ހުޅަނގު އައްސޭރީގެ މައްޗަށް އިސްރާއީލުގެ ފުރިހަމަ ބާރު ހިންގުމަށް މިދިޔަ ޖޫން މަހު ބޮޑުވަޒީރަށް ގޮވާލާފަ އެވެ.










