އެމެރިކާގެ މަންދޫބު ޖެރެޑް ކުޝްނަރ ހަމާސްގެ ލީޑަރުންނާ ބައްދަލުކުރެއްވުން - ޣައްޒާގެ މައްސަލައިގައި ޓްރަމްޕް ގެންގުޅުއްވާ މަގުޗާޓަށް މީގެން ކުރާނީ ކޮން އަސަރެއް؟
17 އޯގަސްޓު 2026 | ހޯމަ 19:11ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން އެކުލަވާލި 15 ނުކުތާގެ މަގުޗާޓު ތަންފީޒުކުރުމަށް ހަމާސްގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށްފަހު، އެމެރިކާގެ މަންދޫބު ޖެރެޑް ކުޝްނަރ އިސްރާއީލުގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި. މި ބައްދަލުވުމަކީ ހަމާސްއަކީ ފަލަސްތީނުގެ ސިޔާސީ މަސްރަހުން އެކަހެރި ނުކުރެވޭނެ ބާރެއްކަން އެމެރިކާއިން ގަބޫލުކުރާކަން ހާމަވާ ކަމެއް ކަމަށް މާހިރުން ދެކޭ. ނަމަވެސް، އިސްރާއީލުން މި މަގުޗާޓަށް އަމަލުކުރުމަށް ދެކޮޅުހަދަމުންދާތީ، އެމެރިކާއާއި އިސްލާމީ ގައުމުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން

ހަމާސްގެ ލީޑަރު ޚަލީލް އަލް-ހައްޔާ އަދި އެމެރިކާގެ މަންދޫބު ޖެރެޑް ކުޝްނާ | އޭއެފްޕީ
ޣައްޒާގައި ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެކުލަވާލާފައިވާ މަގުޗާޓުގެ ދެވަނަ މަރުހަލާ ކުރިއަށްގެންދިއުމާ ގުޅޭގޮތުން މިސްރުގެ ގާހިރާގައި ބޭއްވި މުހިންމު މަޝްވަރާތަކަށްފަހު، އެމެރިކާގެ މަންދޫބު ޖެރެޑް ކުޝްނަރ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރެއްވުމަށް ހޯމަ ދުވަހު ތަލް އަބީބަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ބޯޑް އޮފް ޕީސްގެ ޑިރެކްޓަރ ޖެނެރަލް ނިކޮލާއި މިލަޑަނޯވް އާއި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާއާއެކު ކުޝްނަރ ވަނީ ހަމާސްގެ ވަފުދަކާ އެކު ދެ ގަޑިއިރަށްވުރެ ގިނަ އިރުވަންދެން، މީގެ ކުރިން ބާއްވާފައިނުވާ ފަދަ މުހިންމު ބައްދަލުވުމެއް ބާއްވާފަ އެވެ. ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމާސްގެ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ އެ ޖަމާއަތުގެ ލީޑަރު ޚަލީލް އަލް-ޙައްޔާ އެވެ.
މި ޑިޕްލޮމެޓިކް މަސައްކަތްތައް ބާރުގަދަވެފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބޯޑް އޮފް ޕީސް އިން ފާސްކޮށްފައިވާ 15 ނުކުތާގެ މަގުޗާޓު ތަންފީޒުކުރުމަށް ވޮޝިންޓަނުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
އެހެންނަމަވެސް، ހަމާސްގެ ހަތިޔާރު އެއްކޮށް އަތުލެވެންދެން އިސްރާއީލުގެ ސިފައިން ޣައްޒާއިން ފޭބުމަށް ނަތަންޔާހޫ ވަނީ ފާޅުގައި އިންކާރުކޮށްފަ އެވެ. އަދި އިސްރާއީލުން ދަނީ ޣައްޒާގައި އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްގެންގޮސް، ހިފާފައިވާ ހުޅަނގު އައްސޭރީގައި ގަވާއިދާ ޚިލާފަށް ވަޒަންވެރިވާ ސަރަހައްދުތައް ފުޅާކުރަމުންނެވެ.
ކުޝްނަރ ހަމާސްގެ ލީޑަރުންނާ ބައްދަލުކުރެއްވީ ކީއްވެ؟
ރަސްމީ ސިފައެއްގައި އެމެރިކާއިން ހަމާސް ސިފަކުރަނީ މަނާކޮށްފައިވާ "ޓެރަރިސްޓް" ޖަމާއަތެއްގެ ގޮތުގަ އެވެ. ނަމަވެސް ނުރަސްމީކޮށް އެމެރިކާއިން އަންނަނީ މެދުވެރިން މެދުވެރިކޮށް އެ ޖަމާއަތާ ގިނަ ދުވަސްތަކެއް ވަންދެން މުއާމަލާތް ކުރަމުންނެވެ.
ސިޔާސީ ދިރާސާވެރިން ދެކޭގޮތުގައި އެމެރިކާގެ މަންދޫބުންނާއި ހަމާސްގެ ލީޑަރުންނާ ދެމެދު ސީދާ ބައްދަލުވުންތައް ބޭއްވުމަކީ، ޣައްޒާގެ ހަގީގީ ސިޔާސީ މަސްރަހު އެމެރިކާއިން ގަބޫލުކުރަން ފެށިކަމުގެ ހެއްކެކެވެ.
ދޯހާ އިންސްޓިޓިއުޓް ފޯ ގްރެޖުއޭޓް ސްޓަޑީޒްގެ ލެކްޗަރާ އަދި މެދުއިރުމަތީގެ ސިޔާސީ މާހިރު މަހްޖޫބް ޒުވައިރީ އަލްޖަޒީރާއަށް ވިދާޅުވީ، މި ބައްދަލުވުމުން ދޭހަވަނީ "ފަލަސްތީނުގެ މުޖުތަމައުގައި ހަމާސްއަކީ އެކަހެރި ނުކުރެވޭނެ ސިޔާސީ ބާރެއްކަން އެމެރިކާއަށް ގަބޫލުކުރަން މަޖުބޫރުވެފައިވާ މިންވަރު" ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ހަމާސް އެކަހެރިކުރުމަށް އިސްރާއީލުން މަސައްކަތް ކުރި ނަމަވެސް، ދާއިމީ ހައްލެއް ހޯދުމަށް ހަމާސްއަކީ ކޮންމެހެން ބޭނުންތެރި ބައެއްކަން ވޮޝިންޓަނުން ގަބޫލުކުރެ އެވެ.
"މިއީ ނަތަންޔާހޫ ރެކެން އުޅުނު ކަމެއް،" ޒުވައިރީ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ އިސްރާއީލުގެ ބޮޑުވަޒީރަކީ އެމެރިކާގެ ސިޔާސަތުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮންޖަހަމުންދާ ބޭފުޅެއް ކަމަށެވެ.
އިސްރާއީލުގެ ކަންކަމާ ބެހޭ މާހިރު އާދިލް ޝަދީދު ވެސް ވަނީ މި ވާހަކައަށް ތާއީދުކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ގާހިރާގައި ބޭއްވި ސީދާ މަޝްވަރާތަކަކީ އިސްރާއީލުގެ ލީޑަރުން ވަރަށް ބޮޑަށް ކަންބޮޑުވާނެ ފަދަ އިސްތިރާތީޖީ ބަދަލެކެވެ.
"މިއިން އެނގެނީ ހަމާސްއާ މެދު އެމެރިކާގެ ވިސްނުން ބަދަލުވެފައިވާކަން،" ޝަދީދު އަލްޖަޒީރާއަށް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެމެރިކާގެ ވިސްނުމުގައި މިހާރު ހަމާސްއަކީ މައްސަލައެއް ނޫން ކަމަށާއި، އެއީ ހައްލުގެ ބައެއް ކަމަށް ވޮޝިންޓަނުން މިހާރު ދެކޭ ކަމަށެވެ.
ޝަދީދު ފާހަގަކުރެއްވި ގޮތުގައި މި ބަދަލަކީ "ހަމައެކަނި އަސްކަރީ ގޮތުން ނޫން، ސިޔާސީ ގޮތުން ވެސް ހަމާސް ނައްތާލުމަށް އިސްރާއީލުން ކުރާ ހަނގުރާމައިގެ އެންމެ މުހިންމު އެއް މަގުސަދާ މުޅިން ފުށުއަރާ ކަމެއް" ކަމަށެވެ.
އިސްތަންބޫލްގައި ހުންނަ ވިޜަން ސެންޓަރ ފޯ ޕޮލިޓިކަލް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ އަހުމަދު އަތައުނާ އަލްޖަޒީރާއަށް ވިދާޅުވީ، މިސްރާއި ގަތަރާއި ތުރުކީގެ މެދުވެރިންނާއެކު ފަލަސްތީނުގެ ޖަމާއަތްތަކުން މިހާރު ތިބީ މަޝްވަރާގެ މޭޒުމަތީގައި ވަރުގަދަ މަގާމެއްގައި ކަމަށެވެ.
"އަޅުގަނޑުމެންނަށް ބުނެވިދާނެ ފަލަސްތީނުގެ ޖަމާއަތްތައް މިހާރު ތިބީ، ޝަރުތުތަކަކާއެކު ނަމަވެސް، މަޝްވަރާގެ ރަނގަޅު ހާލަތެއްގައި ކަމަށް،" އަތައުނާ ވިދާޅުވި އެވެ.
ކުޝްނަރ ނަތަންޔާހޫއާ ބައްދަލުކުރައްވާއިރު އޮތީ ކޮން އެޖެންޑާއެއް؟
އިސްރާއީލުގެ ނޫހެއް ކަމަށްވާ 'ޔެދިއޮތް އަހްރޮނޮތް' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުން "ވަގުތު ދުއްވާލުމަށާއި، އާ އިއުތިރާޒުތައް ކުރިމަތިކުރުމަށާއި، މަގުޗާޓުގައިވާ ތަރުތީބު ބަދަލުކުރުމަށް" މަސައްކަތް ކުރާތީ އެމެރިކާގެ އޮފިޝަލުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ.
މަޝްވަރާތަކުގެ މައުލޫމާތު އެނގޭ މަސްދަރުތަކާ ހަވާލާދީ އެ ނޫހުން ބުނީ "އިސްރާއީލުން ކުޅިވަރު ކުޅެމުންދާ ކަމަށް" ވޮޝިންޓަނަށް އިހުސާސް ކުރެވޭ ކަމަށެވެ.
އެ ނޫހުން ބުނި ގޮތުގައި، ހޯމަ ދުވަހު ނަތަންޔާހޫއާ ބައްދަލުކުރައްވާއިރު ކުޝްނަރ އަށް ދީފައިވާ މެންޑޭޓަކީ އަލުން މަޝްވަރާތައް ހުޅުވާލުމެއް ނޫނެވެ. އެއް މަސްދަރަކުން ބުނި ގޮތުގައި އޭނާ އިސްރާއީލަށް ވަޑައިގަންނަވަނީ "ޑިޕްލޮމެޓިކް ޕިންގް ޕޮންގް" ކުޅުއްވާކަށް ނޫނެވެ، އޭގެ ބަދަލުގައި އޭނާ ވަޑައިގަންނަވަނީ މިކަން ނިންމުމަށެވެ.
އެމެރިކާ ސަރުކާރުން ނަތަންޔާހޫއަށް ބާރުއަޅާނެ ކަމަށް ބެލެވެނީ ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާލުމަށާއި، "ޔެލޯ ލައިން" އާ ހަމައަށް ސިފައިން ފަހަތަށް ޖެއްސުމަށާއި، ޣައްޒާއަށް ފޮނުވާ އިންސާނީ އެހީ ވަރަށް ބޮޑަށް އިތުރުކުރުމަށެވެ. އަދި ޣައްޒާ އަލުން އާރާސްތުކުރުމާއި މަދަނީ ގޮތުން ހިންގުމުގެ ނިޒާމުތައް ގާއިމުކުރުމަށް ފުރުސަތު ދިނުމަށް ވެސް ބާރުއަޅާނެ އެވެ.
ޓްރަމްޕަށް މިކަން މުހިންމުވަނީ ކީއްވެ؟
ބައެއް ދިރާސާވެރިން ދެކޭގޮތުގައި، ޚާރިޖީ ސިޔާސަތުގެ އެހެން ދާއިރާތަކުން ކުރިމަތިވަމުންދާ ނާކާމިޔާބީތަކާ ގުޅިގެން، ޣައްޒާގެ މައްސަލައިގައި ކާމިޔާބީއެއް ހޯދުމަށް ޓްރަމްޕް ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ.
"އީރާނުގެ ކަންކަން އޭނާ ބޭނުންވާ ގޮތަކަށް ނުދޭ، އަދި ލުބުނާނުގެ މައްސަލަ ވަކިކުރުމަށް އޭނާ ކުރި މަސައްކަތް ވެސް ކާމިޔާބެއް ނުވި،" ޒުވައިރީ އަލްޖަޒީރާއަށް ވިދާޅުވި އެވެ. "އޭނާގެ ޚާރިޖީ ސިޔާސަތުގައި ކާމިޔާބީއެއްގެ ގޮތުގައި ރެކޯޑް ކުރެވެން އޮތް ހަމައެކަނި މައްސަލައަކީ މިހާރު ޣައްޒާގެ މައްސަލަ."
ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، މިސްރު، ގަތަރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން އަދި ތުރުކީ ހިމެނޭހެން އަރަބި އަދި އިސްލާމީ އަށް ގައުމަކުން ވަނީ ގުޅިފައިވާ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި އިސްރާއީލުން މަގުޗާޓަށް އިންކާރުކުރުން ކުށްވެރިކޮށް، ޣައްޒާގައި ހިންގާ ގަތުލުއާންމު ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް އިސްރާއީލުން ހުރަސްއަޅާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
އެ ގައުމުތަކުން އިންޒާރު ދީފައިވާ ގޮތުގައި، މި އޮނިގަނޑަށް އިންކާރު ކުރުމަކީ މުޅި ޕްލޭން ތަންފީޒުކުރުމަށް ދެކޮޅު ހެދުމެވެ. އަދި މިއީ ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް ރައީސް ޓްރަމްޕް ކުރައްވަމުން ގެންދަވާ ބޮޑެތި މަސައްކަތްތަކަށް ސީދާ ގޮތުން ހުރަސްއެޅޭނެ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
15 ނުކުތާގެ ޕްލޭން: މައިގަނޑު މައްސަލައަކީ ކޮބައި؟
މައިގަނޑު މައްސަލައަކީ 15 ނުކުތާގެ ޕްލޭންގެ ދަށުން ކުރަންޖެހޭ ކަންކަން ތަރުތީބުކުރުމާ މެދު އުފެދިފައިވާ ޚިޔާލުތަފާތުވުމެވެ.
މި އޮނިގަނޑުގައި ވަނީ މަރުހަލާތަކަކަށް ބަހާލައިގެން އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލުމަށާއި، މަޑުމަޑުން ހަތިޔާރުތައް ނައްތާލައި ރައްކާކުރުމަށާއި، އިސްރާއީލު ސިފައިން ފޭބުމަށާއި، ފަލަސްތީނުގެ ޓެކްނޮކްރެޓިކް ސަރުކާރަކާއެކު މަސައްކަތް ކުރާނެ ބައިނަލްއަގުވާމީ ސަލާމަތީ ބާރެއް ގާއިމުކުރުމަށެވެ.
ގާހިރާގެ ބައްދަލުވުންތަކުގައި ހަމާސްއިން މި މަގުޗާޓު ގަބޫލުކުރާކަން ކަށަވަރުކޮށްދިން ނަމަވެސް، އެ ޖަމާއަތުން ބުނެފައިވަނީ މިއީ އިސްރާއީލުން ކުރިން ވެފައިވާ އިގުރާރުތަކަށް އަމަލުކޮށް، މިދިޔަ އޮކްޓޫބަރު މަހު ރަސްމީކޮށް އަމަލުކުރަން ފެށި "ހަމަލާ ހުއްޓާލުމުގެ" އެއްބަސްވުމާ ޚިލާފަށް ކޮންމެ ދުވަހަކު ހިންގާ އަމަލުތައް ހުއްޓާލުމުން ނޫނީ ކުރިއަށްދާނެ ކަމެއް ނޫން ކަމަށެވެ.
މި އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ވެސް، އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާއިން މަދުވެގެން 1,260 ފަލަސްތީނު މީހުން ވަނީ މަރުވެފަ އެވެ.
ހަމާސްގެ ތަރުޖަމާނު ހާޒިމް ގާސިމް ވިދާޅުވީ، ގާހިރާގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ އިސްރާއީލުން ހިންގާ އުސޫލާ ޚިލާފު އަމަލުތައް މެދުވެރިންނަށާއި ބޯޑް އޮފް ޕީސްއަށް ސާފުކޮށްދިނުމަށް ކަމަށެވެ. އަދި އެއްވެސް ކުރިއެރުމެއް ލިބޭނީ އެއްބަސްވެފައިވާ މަގުޗާޓަށް އިސްރާއީލު ބޯލަނބަން މަޖުބޫރުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މިދަނޑިވަޅުގައި، ކުޝްނަރ އާ ބައްދަލުކުރެއްވި މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް-ސީސީ ވެސް ވަނީ، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެކުލަވާލި ޝަރްމުއްޝައިޚް ސުލްހައިގެ އޮނިގަނޑުގެ ދަށުން ހުރިހާ ފަރާތްތަކުން ވެފައިވާ އިގުރާރުތަކަށް އިހުތިރާމްކުރުމުގެ މުހިންމުކަން ތަކުރާރުކުރައްވާފަ އެވެ.









