ދެ ދައުލަތުގެ ހައްލު "ފުނޑުފުނޑުކޮށްލާނެ" ކަމަށް ބެލެވޭ، ބައިނަލްއަގުވާމީ މުޖުތަމައުން ކުށްވެރިކޮށްފައިވާ އާބާދުވުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް އިސްރާއީލުން ނިންމައިފި
21 އޯގަސްޓު 2026 | ހުކުރު 13:09އިސްރާއީލުން ހުޅަނގު އައްސޭރީގެ އީ1 ސަރަހައްދުގައި 1،200 އަށްވުރެ ގިނަ ހައުސިން ޔުނިޓް އެޅުމަށް ބީލަމަށް ހުޅުވާލުމާ ގުޅިގެން، ބައިނަލްއަގުވާމީ މުޖުތަމައުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް އޮތް ފުރުސަތު ހަނިވާ މި މަޝްރޫއު ހުއްޓުވުމަށް އިނގިރޭސިވިލާތާއި މިސްރު ފަދަ ގައުމުތަކުން ގޮވާލާފައިވާއިރު، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލެއް ކަމަށް އދ. އިން ބުނެއެވެ.

މި ފޮޓޯއިން ފެންނަނީ، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ފަލަސްތީނު ސިޓީއެއް ކަމަށްވާ ޖެނީން ކައިރީގައި އޮންނަ ގާނިމްގައި، ގާއިމުކޮށްފައިވާ އިސްރާއީލުގެ އާބާދީގެ މަންޒަރެއް | ގެޓީ އިމޭޖަސް
އިސްރާއީލުން ދެ ދައުލަތުގެ ހައްލު "ފުނޑުފުނޑުކޮށްލާނެ" ކަމަށް ބެލެވޭ، ބައިނަލްއަގުވާމީ މުޖުތަމައުން ކުށްވެރިކޮށްފައިވާ އާބާދުވުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ. އިސްރާއީލު ސަރުކާރުން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދު ދެބައިވެ، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް އޮތް ފުރުސަތު އެއްކޮށް ނެތިގެންދާނެ ކަމަށް ބެލެވެ އެވެ.
އިސްރާއީލުގެ ހައުސިން މިނިސްޓްރީން ވަނީ ގުދުސް ކައިރީގައި އޮންނަ އީ1 (E1) ސަރަހައްދުގައި 1،200 އަށްވުރެ ގިނަ ހައުސިން ޔުނިޓް އެޅުމަށް ބީލަމަށް ހުޅުވާލާފަ އެވެ. މި މަޝްރޫއުގެ ބޭނުމަކީ އިރުމަތީ ގުދުސްއިން ފެށިގެން ހުޅަނގު އައްސޭރިއާ ހަމައަށް ޔަހޫދީން އާބާދުވެފައިވާ ސުރެންސުރެން އޮންނަ ސަރަހައްދެއް ބިނާކުރުމެވެ. މިކަމުގެ ސަބަބުން ހުޅަނގު އައްސޭރި އުތުރާއި ދެކުނަށް ބެހިގެންދާއިރު، ފަލަސްތީނުގެ ދައުލަތެއްގެ ވެރިރަށުގެ ގޮތުގައި ބެލެވޭ އިރުމަތީ ގުދުސް، ހުޅަނގު އައްސޭރީގެ އެހެން ސަރަހައްދުތަކާ މުޅިން ވަކިވެ، ގުޅިފައިވާ ފަލަސްތީނު ދައުލަތެއް އުފެއްދުމަށް ހުރަސް އެޅޭނެ އެވެ.
މި އިމާރާތްކުރުމުގެ މަޝްރޫއުގެ ބީލަންތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އިސްރާއީލުގެ އިންތިޚާބުގެ އެއް ހަފުތާ ކުރިންނެވެ.
އިސްރާއީލުގެ އާބާދުވުންތަކަށް ފާރަވެރިވާ ޖަމާއަތެއް ކަމަށްވާ "ޕީސް ނައު" އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ސަރުކާރުގެ ދައުރު ނިމެންދާއިރު ގެންގުޅޭ "ސްކޯޗްޑް-އާތް" ސިޔާސަތުގެ ދަށުން، ފަހު ވަގުތު ހިންގާ އަމަލެއް ކަމަށެވެ. އަދި މިއީ އިސްރާއީލަށް ކުރިއަށް އޮތް ގިނަ އަހަރުތަކެއްގެ ހަމަނުޖެހުމާއި ލޭއޮހޮރުވުން ކަށަވަރުކުރުމަށް ހިންގާ ކަމެއް ކަމަށްވެސް އެ ޖަމާއަތުން ސިފަކޮށްފައިވެ އެވެ.

ހުޅަނގު އައްސޭރީގައި އިސްރާއީލުން ކުރިއަށްގެންދާ "އީ1 ސެޓްލްމަންޓް މަޝްރޫއު" އާ ގުޅޭ މައުލޫމާތު ހިމެނޭ އިންފޯގްރަފިކް އެއް | ގެޓީ އިމޭޖަސް
ބައިނަލްއަގުވާމީ މުޖުތަމައުގެ ބޮޑެތި ފާޑުކިޔުންތަކާއި ފިއްތުންތަކާ ހުރެ، އީ1 ސަރަހައްދުގައި އެއްވެސް ޕްލޭނެއް ނުވަތަ އިމާރާތްކުރުމުގެ މަސައްކަތެއް ކުރުން އިސްރާއީލުން އަހަރުތަކެއް ވަންދެން މަޑުޖައްސާލާފައި އޮތެވެ. ނަމަވެސް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މިހާރުގެ ސަރުކާރުން ވަނީ ހުޅަނގު އައްސޭރީގައި އާބާދުވުންތައް ހެދުމުގެ ހުއްދަ ދިނުން ވަރަށް ބޮޑަށް އަވަސްކޮށްފަ އެވެ. މިކަން މިކުރަނީ ހުޅަނގުގެ ގައުމުތަކުން އާބާދުވުމުގެ ހަރަކާތްތަކާ ގުޅުންހުރި ފަރާތްތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅަމުންދާ ދަނޑިވަޅެއްގަ އެވެ. މިދިޔަ މޭ މަހު ކެނެޑާ، އޮސްޓްރޭލިއާ އަދި ޖަރުމަނު ހިމެނޭ ގޮތަށް ހުޅަނގުގެ ގިނަ ގައުމުތަކަކުން ވަނީ، ހުޅަނގު އައްސޭރީގެ އާބާދުވުންތަކާއި އީ1 ސަރަހައްދުގައި އިމާރާތްކުރުމުގެ މަސައްކަތުގައި ބައިވެރިވުމުން ކުރިމަތިވެދާނެ ގާނޫނީ ގެއްލުންތަކާ މެދު ކުންފުނިތަކަށް އިންޒާރު ދީފަ އެވެ.
ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީ، އިނގިރޭސިވިލާތް، ނޯވޭ އަދި ނެދަލޭންޑްސްގެ ލީޑަރުން ބުރާސްފަތި ދުވަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި އެ އިންޒާރު އަލުން ތަކުރާރުކޮށްފައިވެ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ހުޅަނގު އައްސޭރީގައި އާބާދުވާ ޔަހޫދީން އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަން އިންތިހާއަށް އިތުރުވެ، ފަލަސްތީނުގެ އިގްތިސާދަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ މި ނާޒުކު ދަނޑިވަޅުގައި، އިސްރާއީލުގެ މި ނިންމުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
އިސްރާއީލުން އީ1 މަޝްރޫއަށް މިދިޔަ އަހަރު ފަހުގެ ހުއްދަ ދީފައިވާއިރު، އެ ގައުމުގެ ހަރުކަށި ފިކުރުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ބުނެފައިވަނީ، ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ވާހަކަ ތާވަލުން ފޮހެލަމުންދަނީ ހަމައެކަނި ޝިއާރުތަކުން ނޫން ކަމަށާއި، އަމަލީ މަސައްކަތުން ކަމަށެވެ.
އިނގިރޭސި ފޮރިން ސެކްރެޓަރީ އެޑް މިލިބޭންޑް ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމި ނިންމުމަކީ "ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ހަލާކުކޮށްލަނިވި އަމަލެއް" ކަމަށް ސިފަކުރައްވާފަ އެވެ. އަދި މީގެ ރައްދުގައި ދަތިކުރުމުގެ ފިޔަވަޅުތަކާއި އެހެނިހެން ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދެއްވަމުން އޭނާ ވިދާޅުވީ، ދެ ދައުލަތުގެ ހައްލު ހަލާކުކޮށްލާތަން ބަލަން އިނގިރޭސިވިލާތުން މަޑުން ނޯންނާނެ ކަމަށެވެ. މީގެ ރައްދުގައި އިސްރާއީލުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާރް ބުރާސްފަތި ދުވަހު އެކްސްގައި ވިދާޅުވީ، ޔަހޫދީންގެ ތާރީޚީ ކުޑަކުޑަ ވަޒަނުގައި އެމީހުން ދިރިއުޅެންވީ ތަނަކާ ބެހޭގޮތުން އިނގިރޭސިވިލާތުން ނަސޭހަތް ދިނުމަކީ ބުއްދި ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.
އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހަދާފައިވާ ހުރިހާ އާބާދުވުންތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ޣައިރު ގާނޫނީ ތަންތަން ކަމަށް އދ. އާއި ބައިނަލްއަގުވާމީ މުޖުތަމައުގެ ގިނަ ގައުމުތަކުން ބަލަ އެވެ. ނަމަވެސް، ފާއިތުވި އަހަރުތަކުގައި އާބާދުވާ ޔަހޫދީން ވަނީ ހުއްދަނެތް އެތައް އައުޓްޕޯސްޓްތަކެއް ގާއިމުކޮށް، ފަހުން އިސްރާއީލު ސަރުކާރުގެ ހުއްދަ ކާމިޔާބުކަމާއެކު ހޯދާފަ އެވެ.
އދ. އަށް ފަލަސްތީނުން ކަނޑައަޅާފައި ހުންނަވާ ސަފީރު ރިޔާޒް މަންސޫރު ވިދާޅުވީ، އީ1 މަޝްރޫއު ކުރިއަށް ގެންދިއުމަށް އިސްރާއީލުން ނިންމި ނިންމުމަކީ "އިންތިހާއަށް ނުރައްކާތެރި، ޒިންމާދާރުކަން ކުޑަ އަދި ބިރުވެރި" ނިންމުމެއް ކަމަށެވެ. ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވަނީ މިކަން ހުއްޓުވަންޖެހޭ ކަމަށް ބާރުއަޅުއްވައި ވިދާޅުވެފަ އެވެ.
މިސްރު ސަރުކާރުންވެސް ވަނީ އިސްރާއީލުގެ އާ ބީލަންތައް ކުށްވެރިކޮށް، އެ މަޝްރޫއުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފަ އެވެ. މިސްރު ސަރުކާރުގެ ބަޔާނުގައި ބުނެފައިވަނީ، ޣައިރު ގާނޫނީ ގޮތެއްގައި އާބާދުވުންތައް ފުޅާކޮށް، އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ބިމުގެ ގާނޫނީ ހާލަތާއި އާބާދީގެ އޮނިގަނޑު ބަދަލުކުރުމާ އެ ގައުމުން މުޅިން ދެކޮޅު ހަދާ ކަމަށެވެ. އަދި މިއީ ދެ ދައުލަތުގެ ހައްލު ތަންފީޒުކުރުމަށް އޮތް ފުރުސަތުތަކަށް ހުރަސްއަޅާ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.










