އޯއައިސީގެ ޤައުމުތަކުން ފަލަސްތީނުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރަން ޖެހޭ: އިރުތިޝާމް
28 އޯގަސްޓު 2026 | ހުކުރު 06:16ޖިއްދާގައި ބޭއްވި އޯއައިސީގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ފޭރިގަންނަ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައި. އަދި 1967 ގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ މިނިވަން ދައުލަތެއް ފަލަސްތީނުގައި ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެކަމުގެ ޔަގީންކަން ދެއްވައި، ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ މަގުޗާޓު ތަންފީޒުކުރުމަށް އެކަމަނާ ގޮވާލެއްވި


އޯއައިސީ އިން ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާ އޯޑިނަރީ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގެންނެވުން | ފޮރިން މިނިސްޓްރީ
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާއޯޑިނަރީ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގެންފި އެވެ.
މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން އޯއައިސީގެ ބައްދަލުވުމެއްގައި ވަޒީރު އިރުތިޝާމް ބައިވެރިވަޑައިންނެވި ފުރަތަމަ ފަހަރެވެ.
މި ބައްދަލުވުމުގައި އެކަމަނާ ދެއްވި ތަޤުރީރުގައި، އިސްރާއީލުން ފަލަސްތީނުގެ ބިންތަކަކީ އިސްރާއީލީ ދައުލަތުގެ މިލްކެއްކަމުގައި ނިންމައި ފަލަސްތީނުގެ ބިންތައް ހިސާރުކުރަމުންދާ މައްސަލަ ކުށްވެރިކު ރެއްވި އެވެ. އަދި އިސްރާއީލުގެ ޣައިރު ޤާނޫނީ އަމަލުތައް ހުއްޓުވައި އިސްރާއީލުގެ މައްޗަށް ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒުކުރުމަށް އެކަށޭނެ ފިޔަވަޅު އަޅާފައިނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އިސްލާމީ އުއްމަތުގެ ރިވެތި އުސޫލުތަކާ ހަމަތައް ދެމެހެއްޓުމަކީ އޯއައިސީ މެންބަރު ގައުމުތަކުގެ ޒިންމާއެއްކަން ފާހަގަކުރައްވައި، ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތް ފުޅާކުރުން މުހިންމުކަމުގައި ވަޒީރު އިރުތިޝާމް ވިދާޅުވި އެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި އެމީހުންގެ ހައްޤުތައް ހޯދައިދިނުމަށާއި 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރުމަށް ދިވެހިރާއްޖެ އިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވި އެވެ.
އަދި ދެމެހެއްޓިނިވި ސުލްހައަކަށް އޮތް މަގެއްގެ ގޮތުގައި "ކޮމްޕްރިހެންސިވް ޕްލޭން ޓު އެންޑް ދަ ޤާޒާ ކޮންފްލިކްޓް" ތަންފީޒުކުރުމަށް ވަޒީރު އިރުތިޝާމް ގޮވާލެއްވި އެވެ. އަދި މި ބައްދަލުވުމުގެ ހަވާސާގައި އޯއައިސީގެ ބައެއް މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވާ، އޯއައިސީ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމަށް އަލިއަޅުއްވާލެއްވި އެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ ފަލަސްތީނުގެ ހައްގުގައި އަބަދުވެސް ވަކާލާތުކުރަމުން އަންނަ ޖަމުއިއްޔާއެކެވެ. ދިވެހިރާއްޖެ އަކީ 1976 ގައި މި ޖަމުއިއްޔާގެ މެންބަރަކަށް ވުމަށްފަހު މި ޖަމުއިއްޔާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ގައުމެކެވެ.











