ސިއްރުން ޓްރަމްޕް ބޯޓު ބަދަލުކުރެއްވިއިރު، ރޫބިއޯ އާއި ބެސެންޓް "ޑެކޯ" ބޯޓެއްގައި ތިއްބެވުމުން އިތުރު ސުވާލުތަކެއް!
13 އޯގަސްޓު 2026 | ބުރާސްފަތި 10:09މި ނުރައްކާތެރި ހާލަތާ ގުޅޭ މައުލޫމާތު އެނގިވަޑައިގަންނަވާ، ނަމަވެސް ނަން ހާމަނުކުރުމަށް އެދިވަޑައިގެންނެވި އޮފިޝަލު ވިދާޅުވީ، ބޯޓު ބަދަލުކުރިކަން ރޫބިއޯ އަށް އެނގިވަޑައިގަންނަވާ ކަމަށް. ނަމަވެސް ރައީސް ބޯޓުގައި ނެތްކަން އެނގިވަޑައިގެން ހުންނަވައި، ރޫބިއޯ އެ ބޯޓުގައި މަޑުކުރެއްވި ސަބަބެއް އޮފިޝަލު ހާމަކުރައްވާފައި ނުވޭ. އަދި ބެސެންޓަށް ވެސް މިކަން އެނގިވަޑައި ގަންނަވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި


އެމެރިކާގެ ރައީސް ޓްރަމްޕް އާއި، ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯ އަދި ޓްރެޒަރީ ސެކްރެޓަރީ ބެސެންޓް | ގެޓީ އިމޭޖަސް
އީރާން އިން ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިއްރުން އެހެން ބޯޓަކަށް ބަދަލުވެ ވަޑައިގެންނެވިއިރު، އޭނާގެ ކެބިނެޓުގައި ހިމެނޭ އެންމެ އިސް ދެ މެންބަރުން ކަމަށްވާ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި، ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ތުރުކީ އިން ފުރައިވަޑައިގެންނެވީ "ޑެކޯ" ބޯޓެއްގައި ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު ތުރުކީގެ އަންކާރާގައި ބޭއްވި ނޭޓޯ ސަމިޓަށް ފަހު އެނބުރި ޤައުމަށް ވަޑައިގަތުމަށް ޓްރަމްޕް ބޭނުން ކުރެއްވި އައު ބޯޓަށް ހަމަލާއެއް އަތުވެދާނެ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބުމާ ގުޅިގެން، ޓްރަމްޕް ވަނީ ސިއްރުން އަސްކަރީ ކުޑަ ޖެޓަކަށް ބަދަލުވެވަޑައިގަންނަވާފަ އެވެ.
މި ނުރައްކާތެރި ހާލަތާ ގުޅޭ މައުލޫމާތު އެނގިވަޑައިގަންނަވާ، ނަމަވެސް ނަން ހާމަނުކުރުމަށް އެދިވަޑައިގެންނެވި އޮފިޝަލު ވިދާޅުވީ، ބޯޓު ބަދަލުކުރިކަން ރޫބިއޯ އަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ރައީސް ބޯޓުގައި ނެތްކަން އެނގިވަޑައިގެން ހުންނަވައި، ރޫބިއޯ އެ ބޯޓުގައި މަޑުކުރެއްވި ސަބަބެއް އޮފިޝަލު ހާމަ ކުރައްވާފައި ނުވެ އެވެ. އަދި ބެސެންޓަށް ވެސް މިކަން އެނގިވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ގާނޫނު އަސާސީ ބުނާ ގޮތުން، ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވުމުގެ ތަރުތީބުގައި ނައިބު ރައީސް އާއި، ކޮންގްރެސްގެ އިސްވެރިންނަށް ފަހު ދެން ތިއްބަވަނީ ސެކްރެޓަރީ އޮފް ސްޓޭޓް އާއި ޓްރެޒަަރީ ސެކްރެޓަރީ އެވެ. އެހެން ނަމަވެސް، އެތައް ފަހަރަކު އަވަހާރަ ކޮށްލަން މަސައްކަތް ކޮށްފައިވާ އެމެރިކާގެ ރައީސްގެ ސަލާމަތީ ކަންކަން ކެބިނެޓު މެންބަރުންނަށް ވުރެ ވަރުގަދަވާނެ ކަމަށް އޮފިޝަލު ފާހަގަ ކުރެއްވި އެވެ.
ޓްރަމްޕް ނޭޓޯ ސަމިޓަށް ވަޑައިގަތީ ޤަތަރުން ހަދިޔާ ކޮށްފައިވާ، ރަތް، ހުދު އަދި ނޫކުލައިގެ އައު ލަގްޒަރީ ބޯޓެއްގައި އެވެ. ނަމަވެސް، ތުރުކީ އިން ފުރާވަޑައިގަތުމުގެ ކުރިން ޓްރަމްޕް ވިދާޅުވީ، އެނބުރި ވަޑައިގަންނަވާނީ ކުރިން ބޭނުންކުރެއްވޖ ބޭބީ ބްލޫ ކުލައިގެ "އެއާ ފޯސް ވަން" ބޯޓުގައި ކަމަށެވެ.
އައު ބޯޓު ކުރިން ފޮނުވާލަނީ އިނގިރޭސިވިލާތުގައި ތިބި އެމެރިކާ ސިފައިންނަށް އެ ބޯޓު ދައްކާލުމަށް ކަމަށް އެ ވަގުތު ޓްރަމްޕް ވިދާޅުވި އެވެ. އެހެން ނަމަވެސް، ވޮޝިންޓަން ޕޯސްޓް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޓްރަމްޕް އެ ބޯޓަކަށް އަރައިވަޑައިގެންފައި ނުވެ އެވެ. އޭގެ ބަދަލުގައި އީރާންގެ ހަމަލާ އަކުން ސަލާމަތްވުމަށްޓަކައި، ކާބޯ ތަކެތި އުފުލާ ޓްރަކެއްގެ އެހީގައި އޭނާ ސިއްރުން އެހެން ޖެޓަކަށް ބަދަލުކުރީ އެވެ.
މި ރޭވުން ކުރިއަށް ގެންދިޔައިރު، ބޯޓުގައި ތިބި ނޫސްވެރިންނާއި، ވައިޓް ހައުސްގެ ބައެއް މުވައްޒަފުންނަށް ވެސް ހީވެފައި އޮތީ އެމީހުން ދަތުރު ކުރަމުން ދަނީ ރައީސް އާއެކު އެއް ބޯޓެއްގައި ކަމަށެވެ. ނިއުޔޯކް ޓައިމްސް އާއި، ސީބީއެސް ނިއުސް އިން ކުރިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިންޓެލިޖެންސް އިދާރާތަކުން ވަނީ ރައީސްގެ ބޯޓަށް ހަމަލާއެއް އަތުވެދާނެ ކަމުގެ އިންޒާރު ދީފައި އެވެ. އެހެންކަމުން ޤަތަރުން ދިން އައު ބޯޓު ބޭނުން ނުކުރުމަށް ސަލާމަތީ ބާރުތަކުން ނިންމީ އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ޖޮއިންޓް ބޭސް އެންޑްރޫސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ، ބޯޓު ބަދަލުކުރިކަން ކަށަވަރު ކޮށްދެއްވާފައި އެވެ. ޓްރަމްޕް ވިދާޅުވީ އެއީ ސީކްރެޓް ސަރވިސް އާއި އަސްކަރިއްޔާގެ ނިންމުމެއް ކަމަށާއި، އެ ބޭފުޅުން އެދިވަޑައިގެންނެވި ގޮތަށް އެހެން ބޯޓެއްގައި ދަތުރު ކުރެއްވީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ. އަދި ސަލާމަތީ ކަންކަމުގައި އެ ބޭފުޅުން އަންގަވާ ގޮތަށް އަމަލު ކުރައްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
މަސްދަރު: ދި އެސޯސިއޭޓެޑް ޕްރެސް










