ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ
17 އޯގަސްޓު 2026 | ހޯމަ 16:50ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އެމެރިކާއިން އެކުލަވައިލާފައިވާ އަސްކަރީ ރޭވުންތައް ނާކާމިޔާބުވެފައިވާކަމަށް ޕެންޓަގަންއިން ވަނީ އެއްބަސްވެފައި. މިކަމާ ގުޅިގެން ރައީސް ޓްރަމްޕް މާޔޫސްވެވަޑައިގެންފައިވާއިރު، އީރާނުގެ އައި.އާރް.ޖީ.ސީ އިން ވަނީ ގައުމުގެ އިސްތިގުލާލު ދިފާޢުކުރުމަށް ކޮންމެފަދަ އުދުވާނަކަށްވެސް ވަރުގަދަ ރައްދު ހަމަލާއެއް ދިނުމަށް ތައްޔާރަށް އޮތްކަމަށް ބުނެފައި

އޮމާންގެ މުސަންދަމް ޕެނިންސިއުލާ އާއި އީރާނުގެ އައްސޭރިފަށާ ދެމެދު އޮންނަ މި ކަނޑުއޮޅިއަކީ އިސްތިރާތީޖީ ގޮތުން ދުނިޔޭގެ އެންމެ ނާޒުކު އަދި މުހިންމު އެއް ސަރަހައްދު | އެލަމީ
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ނުވަތަ އެ ސަރަޙައްދުގެ ހަކަތައިގެ ސަޕްލައި ދެމެހެއްޓުމަށް މިހާރު އޮތް އެއްވެސް އަސްކަރީ ރޭވުމަކުން ކާމިޔާބު ނުވާނެ ކަމަށް އެމެރިކާގެ ދިފާޢީ ވުޒާރާ، ޕެންޓަގަންއިން ނިންމައިފި ކަމަށް ރިޕޯޓުކޮށްފި އެވެ.
އީރާނުގެ ރަސްމީ ޓީވީ "ޕްރެސް ޓީވީ" އަށް މަޢުލޫމާތު ދިން ސަރަޙައްދީ އިންޓެލިޖެންސް މަޞްދަރަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ އަސްކަރީ މަޝްވަރާތަކުގެ މަޢުލޫމާތު އެނގޭ އިންޓެލިޖެންސް އޮފިޝަލަކު ހިއްސާކުރި މި މައުލޫމާތުން، ޕާޝިއަން ގަލްފް ނުވަތަ ފާރިސީ ކަނޑުއޮޅީގައި ވޮޝިންޓަނަށް ކުރިމަތިވެފައިވާ އިސްތިރާޖީ ދަތިތަކުގެ ބިރުވެރި މަންޒަރު ހާމަވާ ކަމުގަ އެވެ.
ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހުރްމުޒް ކަނޑުއޮޅި ވެފައިވަނީ، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއަށް އޮތް އެންމެ ބޮޑު ނާޒުކު ސަރަޙައްދަށެވެ.
"ޕެންޓަގަންގެ ވަޒަންކުރުންތަކުން ދައްކާގޮތުގައި، ހުރްމުޒް ކަނޑުއޮޅި ހުޅުވިފައި ބެހެއްޓުމާއި، އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އަދި ހަކަތައިގެ ހަމަޖެހުން ދެމެހެއްޓުމުގެ ސިޔާސީ އަދި ސަލާމަތީ ގާބިލުކަން މިވަގުތު އޮތް އެއްވެސް އަސްކަރީ ޕްލޭނަކަށް ލިބިގެންނުވޭ،" މަޢުލޫމާތު އެނގޭ ސަރަޙައްދީ މަޞްދަރަކުން ޕްރެސް ޓީވީއަށް ކިޔައިދީފައިވެ އެވެ.
މި އިއުތިރާފް އަކީ އެމެރިކާގެ އަސްކަރީ ރޭވުންތެރިންނަށް ލިބުނު ބޮޑު ނާކާމިޔާބީއެކެވެ. އެއީ އެމެރިކާގެ ކަނޑުގެ ސިފައިން އަބަދުވެސް ފޯރިމަރަންޖެހޭ މުހިންމު ސަރަޙައްދެއްގެ ގޮތުގައި އެ ކަނޑުއޮޅި ދެކެމުން އައިސްފައިވާތީ އެވެ.
އިސްތިރާތީޖީ ގޮތުން މުހިންމު މި ކަނޑުގެ ސަރަޙައްދުގެ ކޮންޓްރޯލް ހޯދުމަށް ނުކުޅެދުމަކީ، އެ ސަރަޙައްދުގައި ވޮޝިންޓަނުން ގެންގުޅޭ އިސްތިރާތީޖީ ސިޔާސަތަށް ލިބުނު ބޮޑު ހީނަރުކަމެކެވެ. އަދި މިއީ އީރާނުގެ ވަރުގަދަވަމުންދާ އަސްކަރީ ގާބިލުކަމާ ކުރިމަތިލުމުގައި އެމެރިކާގެ އަސްކަރީ ބާރުގެ އިންތަކެއް ހުރިކަން ހާމަވެގެންދިޔަ ކަމެއް ކަމަށް ޕްރެސް ޓީވީ ރިޕޯޓުކޮށްފައިވެ އެވެ.
އިންޓެލިޖެންސް މަޞްދަރުން އިތުރަށް ހާމަކުރި ގޮތުގައި، މި މަރުތަޅު އެޅުމުގެ ސަބަބުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. އަދި މިކަމުގެ ޒިންމާ އަޅުވާނެ ބަޔަކު އަމިއްލަ ސަރުކާރުގެ ތެރެއިން އޭނާ ދަނީ ހޯދަމުންނެވެ.
"ޓްރަމްޕް ހުންނެވީ ވަރަށް ބޮޑަށް މާޔޫސްވެފައި. އޭނާ ގެންދަވަނީ އޭނާގެ ވަށައިގެން ތިބި އަސްކަރީ އަދި ސިޔާސީ ފަރާތްތަކުގެ މެދުގައި ބަދަލުހިފުމަށާއި މިކަމުގެ އިލްޒާމް އެމީހުންގެ ބޮލުގައި އެޅުވުމަށް މަސައްކަތް ކުރަމުން،" އެ މަޞްދަރުން ޕްރެސް ޓީވީއަށް ބުނެފައިވެ އެވެ.
ސަރުކާރުގެ އެތެރޭގައި އެކަކު އަނެކަކަށް އިނގިލި ދިއްކުރަމުން މިދަނީ، އީރާނުގެ އިޤްތިޞާދާ ދެކޮޅަށް "ނަފްސާނީ ހަނގުރާމައެއް" އެމެރިކާއިން ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. މިއީ އަސްކަރީ ގޮތުން ވޮޝިންޓަނަށް ހާސިލުނުކުރެވުނު އިސްތިރާތީޖީ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި، ބިރުދެއްކުމާއި އިޤްތިޞާދީ ފިއްތުންތައް ކުރިމަތިކުރުވައިގެން ހިންގާ ކެމްޕޭނެކެވެ.
އަސްކަރީ ގޮތުން ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވުމަކީ، ހަނި ކަނޑުއޮޅިތަކުގައި އީރާނަށް އޮތް އިސްތިރާތީޖީ ބާރު ގަބޫލުކުރުމެވެ. އެފަދަ ސަރަޙައްދުތަކުގެ ޖިއޮގްރަފީއަށް ބަލާއިރު، އިސްވެ ހަމަލާދޭ ފަރާތަށްވުރެ ދިފާޢުވާ ފަރާތަށް ފުރުޞަތު ބޮޑެވެ.
އީރާނުން އެ ސަރަޙައްދުގެ ފުރިހަމަ ކޮންޓްރޯލް ދަމަހައްޓަމުންދާއިރު، އެ ގައުމުން ބުނަމުންދަނީ ހުރިހާ ދިމާއަކުން އެމެރިކާއާއި އިސްރާއީލުގެ ހަނގުރާމަ ހުއްޓާލައި، އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) ގައިވާ އީރާނުގެ ގާނޫނީ ޑިމާންޑްތަކަށް ވޮޝިންޓަނުން އިޙްތިރާމް ކުރުމުން ނޫނީ އެ ސަރަޙައްދުގެ ދަތުރުފަތުރު ފުރިހަމައަށް ރައްކާތެރި ނުވާނެ ކަމަށެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ދުޝްމަންކަން ދާއިމީކޮށް ހުއްޓާލުމަށް ކުރެވޭ މަޝްވަރާތަކުން އެއްވެސް ކުރިއެރުމެއް ނުލިބި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވަމުންދާއިރު، ކޮންމެފަދަ ނުރައްކަލަކަށް ނުވަތަ އުދުވާނަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ.
އައި.އާރް.ޖީ.ސީ ގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިސްލާމީ އިންގިލާބު ހިމާޔަތްކުރުމަށާއި، އީރާނުގެ ސަރަޙައްދީ އިސްތިގުލާލާއި، މިނިވަންކަމާއި، ކަރާމާތާއި، އަދި ގައުމީ މަސްލަހަތު ދިފާޢުކުރުމަށްޓަކައި، އެ ފައުޖުގެ ހުރިހާ ގާބިލުކަމެއް ބޭނުންކުރުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމުގެ ޔަގީންކަން އީރާނުގެ ލޮބުވެތި ރައްޔިތުންނަށް އަރުވާ ކަމަށެވެ. އަދި މި މަސައްކަތުގައި ގައުމުގެ އެހެނިހެން ހަތިޔާރު އެޅި ބާރުތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.










