އައިސީސީގެ ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުންނާ ދެކޮޅަށް އެމެރިކާ އިން އަޅާ ފިޔަވަޅުތައް އެ ކޯޓުން ކުށްވެރިކޮށްފި
19 އޯގަސްޓު 2026 | ބުދަ 06:35އައިސީސީ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކޯޓުގެ މުވައްޒަފުންނަށް ބިރު ދެއްކުމަށާއި، މަސައްކަތަށް ހުރަސް އެޅުމަށް ކުރާ މިފަދަ ކަންކަމަކީ ބައިނަލްއަޤުވާމީ ޤާނޫނީ ނިޒާމަށް ދެވޭ ހަމަލާއެއް ކަމަށް. އަދި އެމެރިކާގެ މި ނިންމުމަކީ ބައިނަލްއަޤުވާމީ އިންސާފު ޤާއިމު ކުރުމަށް ކުރާ މަސައްކަތްތަކަށް އެޅޭ ވަރަށް ބޮޑު ހުރަހެއްގެ ގޮތުގައި އެ ކޯޓުން ވަނީ ސިފަކޮށްފައި


އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގެ އިދާރާ | ރޮއިޓާސް
ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުންނަށް އަމާޒުކޮށް އެމެރިކާ އިން އަޅަމުންދާ ފިޔަވަޅުތަކަކީ ޤާނޫނީ ސިޔާދަތަށް ހުރަސް އެޅުމުގެ އަމަލެއް ކަމަށް ބުނެ، އެ ކޯޓުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
އައިސީސީ އިން މިކަން ހާމަކުރީ އެ ކޯޓުގެ ރައީސް އާއި، ސީނިއާ ޓްރަޔަލް ލޯޔަރަކާ ދެކޮޅަށް އެމެރިކާ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެވެ.
އައިސީސީ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކޯޓުގެ މުވައްޒަފުންނަށް ބިރު ދެއްކުމަށާއި، މަސައްކަތަށް ހުރަސް އެޅުމަށް ކުރާ މިފަދަ ކަންކަމަކީ ބައިނަލްއަޤުވާމީ ޤާނޫނީ ނިޒާމަށް ދެވޭ ހަމަލާއެއް ކަމަށެވެ. އަދި އެމެރިކާގެ މި ނިންމުމަކީ ބައިނަލްއަޤުވާމީ އިންސާފު ޤާއިމު ކުރުމަށް ކުރާ މަސައްކަތްތަކަށް އެޅޭ ވަރަށް ބޮޑު ހުރަހެއްގެ ގޮތުގައި އެ ކޯޓުން ވަނީ ސިފަކޮށްފައި އެވެ.
މީގެ އިތުރުން އެ ކޯޓުގެ މުވައްޒަފުންނާއި އޮފިޝަލުންނާ ދެކޮޅަށް ކުރިމަތިވާ ކޮންމެ ފިއްތުމަކާ ދެކޮޅަށް، ކޯޓުން ސާބިތުކަމާއެކު ދެމި އޮންނާނެ ކަމުގެ ޔަގީންކަން އައިސީސީ އިން ވަނީ ދީފައި އެވެ. ކޯޓުގެ މިނިވަންކަމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި، އެއްވެސް ޤައުމަކުން އަޅާ ފިޔަވަޅަކަށް ބިރުން އިންސާފު ޤާއިމު ކުރުމުގެ މަސައްކަތް ހުއްޓައި ނުލާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމެރިކާ ސަރުކާރުން އައިސީސީގެ އިސްވެރިންނަށް ފިޔަވަޅު އަޅަން ނިންމީ، އެމެރިކާގެ މަސްލަހަތު އޮތް މައްސަލަތަކާއި، އެ ޤައުމުގެ ބައެއް ބައިވެރިންނާ ގުޅޭ ހަނގުރާމައިގެ ކުށްތައް އެ ކޯޓުން ބަލަމުންދާތީ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި މުދާ ހިފެހެއްޓުމާއި، ދަތުރު ފަތުރު ކުރުން މަނާ ކުރުން ފަދަ ކަންކަން ހިމެނެ އެވެ.
މި މައްސަލައާ ގުޅިގެން ބައިނަލްއަޤުވާމީ ދުނިޔޭގެ ސަމާލުކަން ވަނީ އައިސީސީ އަށް ހުއްޓިފައި އެވެ. ގިނަ ޤައުމުތަކަކުންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ދަނީ އައިސީސީގެ މިނިވަންކަމަށް އިހުތިރާމު ކުރުމަށް އެމެރިކާ އަށް ގޮވާލަމުންނެވެ.
އައިސީސީ އަކީ ދުނިޔޭގައި ހިންގާ އެންމެ ބޮޑެތި ޖަރީމާތަކާއި، އިންސާނިއްޔަތާ ޚިލާފު އަމަލުތައް ބަލައި އިންސާފު ޤާއިމު ކުރުމަށް އުފައްދާފައިވާ މުހިންމު މުއައްސަސާ އެކެވެ.
މަސްދަރު: އަލް ޖަޒީރާ










