ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕޯސްޓުތައް ވިއްކުން ހުއްޓުވުމަށް މީޑިއާ ގުރޫޕުތަކުން ކޯޓަށް ގޮސްފި
13 އޯގަސްޓު 2026 | ބުރާސްފަތި 05:58ބުދަ ދުވަހު ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ބުނެފައި ވަނީ، ސަބްސްކްރިޕްޝަން އުސޫލުން ފައިސާ ދައްކައިގެން މައުލޫމާތު ލިބޭ ގޮތަށް އޮތުމަކީ އާންމު މަސްލަހަތާ ގުޅުންހުރި ކަންކަމަށް އޮންނަ ފުރުސަތު ހަނިވެގެންދާނެ ކަމެއް ކަމަށް. އަދި މިއީ ވަރަށް ބޮޑު ކޮރަޕްޝަނެއްގެ ގޮތުގައި ސިފަކޮށް، އެ ޤައުމުގެ ރައީސްގެ އަމިއްލަފުޅު ކުންފުންޏަށް ފައިސާ ދައްކާ ފަރާތްތަކަށް، އިޤްތިޞާދަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ފަދަ ސަރުކާރުގެ މައުލޫމާތުތައް ދެއްވައިގެން މާލީ މަންފާ ހޯދަމުންގެންދަވާ ކަމަށް ދައުވާގައި ބުނެފައިވޭ


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމިއްލަފުޅު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރުތު ސޯޝަލްގައި ކުރައްވާފައިވާ ޕޯސްޓެއް | ގެޓީ އިމޭޖަސް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕޯސްޓުތައް އަވަހަށް ބަލާލުމުގެ ފުރުސަތު ފައިސާ ދައްކާ ފަރާތްތަކަށް ވިއްކަމުންދާ މައްސަލައިގައި، އެކަން ހުއްޓުވުމަށް އެދި މީޑިއާ ގުރޫޕުތަކަކުން ޓްރަމްޕްއާ ދެކޮޅަށް ފެޑަރަލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ "ދަ އިންޓަރސެޕްޓް" ނޫހާއި، "ފްރީޑަމް އޮފް ދަ ޕްރެސް ފައުންޑޭޝަން" އިން ގުޅިގެންނެވެ.
ބުދަ ދުވަހު ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ބުނެފައި ވަނީ، ސަބްސްކްރިޕްޝަން އުސޫލުން ފައިސާ ދައްކައިގެން މައުލޫމާތު ލިބޭ ގޮތަށް އޮތުމަކީ އާންމު މަސްލަހަތާ ގުޅުންހުރި ކަންކަމަށް އޮންނަ ފުރުސަތު ހަނިވެގެންދާނެ ކަމެއް ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ކޮރަޕްޝަނެއްގެ ގޮތުގައި ސިފަކޮށް، އެ ޤައުމުގެ ރައީސްގެ އަމިއްލަފުޅު ކުންފުންޏަށް ފައިސާ ދައްކާ ފަރާތްތަކަށް، އިޤްތިސާދަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ފަދަ ސަރުކާރުގެ މައުލޫމާތުތައް ދެއްވައިގެން، މާލީ މަންފާ ހޯދަމުން ގެންދަވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
މި މައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައި ވަނީ، އެމެރިކާގެ ގާނޫނު އަސާސީ އިން ކަށަވަރު ކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަމާއި، ރައީސްގެ އިއުލާންތަކަށް ހަމަހަމަކަމާ އެކު ވާސިލުވުމަށް އޮންނަ ހައްގަށް މިކަމުގެ ސަބަބުން އުނިކަން އަންނަ ކަމަށެވެ. މީގެ އިތުރުން، ސަރުކާރުގެ މައުލޫމާތު ހޯދުމަށް ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަކީ ގާނޫނު އަސާސީގެ ފަސް ވަނަ އިސްލާހާ ޚިލާފު ކަމެއް ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.
މި މައްސަލައިގައި ޓްރަމްޕްގެ އިތުރުން، ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ އެއިޑް ނަޓާލީ ހާޕް އަދި ޑެޕިއުޓީ ޗީފް އޮފް ސްޓާފް ޑެނިއަލް ސްކަވީނޯގެ ނަން ވެސް ވަނީ ހިމަނާފައި އެވެ.
މި މައްސަލަ ބިނާވެފައި ވަނީ ޖުލައި މަހު އިއުލާންކޮށް، އޮގަސްޓް އެއް ވަނަ ދުވަހު އަމަލުކުރަން ފެށި "ޓްރޫތް އޭޕީއައި" ޚިދުމަތުގެ މައްޗަށެވެ. ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީ ގުރޫޕް އިން ހިންގާ މި ޚިދުމަތުގެ ދަށުން، ޓްރަމްޕް އާއި އެހެނިހެން މުހިންމު އެކައުންޓުތަކުގެ ޕޯސްޓުތައް ވަގުތުން ބަލާލުމަށް މަހަކު 60،000 (ފަސްދޮޅަސް ހާސް) އާއި 100،000 (އެއް ލައްކަ) އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދެއް ދައްކަންޖެހެ އެވެ. އޮގަސްޓް 10 ވަނަ ދުވަހާ ހަމައަށް، 10 އަށް ވުރެ ގިނަ ފަރާތުން މި ޚިދުމަތް ހޯދަން ފަށާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ޓްރަމްޕް އޭނާގެ "ޓްރޫތް ސޯޝަލް" އެކައުންޓު މެދުވެރިކޮށް ޤައުމީ ސިޔާސަތުތަކަށް އަންނަ ބަދަލުތައް އިއުލާން ކުރައްވާއިރު، އެކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ބޮޑެތި ލޮޅުންތައް އަރަ އެވެ. މިސާލަކަށް، އީރާން އާއި އިސްރާއީލްގެ ހަނގުރާމައާ ގުޅޭ ގޮތުން އޭނާ ކުރެއްވި ޕޯސްޓުތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެ އެވެ.
ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީ ގުރޫޕުގެ އެންމެ ބޮޑު ހިއްސާދާރަކީ ޓްރަމްޕް އެވެ. 2025 ވަނަ އަހަރުގެ ކުރީކޮޅު މި ހިއްސާގެ އަގު ހަތަރު ބިލިއަން އެމެރިކާ ޑޮލަރުގައި ހުރި ނަމަވެސް، މިހާރު އެ އަގު ވަނީ އެއް ބިލިއަން ޑޮލަރަށް ދަށްވެފައި އެވެ. ދަ އިންޓަރސެޕްޓްގެ އެޑިޓަރ އިން ޗީފް ބެން މުއެސިގް ވިދާޅުވީ، ޓްރަމްޕް މަސައްކަތް ކުރައްވަނީ ސަރުކާރުގެ މައުލޫމާތު އަމިއްލަ އެއްޗަކަށް ހައްދަވައިގެން މުއްސަނދިކަން ހޯއްދަވަން ކަމަށާއި، އެ ފުރުސަތު ނުދޭނެ ކަމަށެވެ.
މިކަމާ ގުޅިގެން ޓްރަމްޕް މީޑިއާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރައީސްގެ މުއާމަލާތްތައް މިހާރު ވެސް ތަފާތު އެކި މީޑިއާތަކާއި، ޕްލެޓްފޯމްތަކުން ފެންނަން ހުންނަ ކަމަށާއި، އޭގެ ތެރެއިން ގިނަ ތަންތަނަކީ ފައިސާ ދައްކައިގެން އޭޕީއައި ޚިދުމަތް ހޯދާ ތަންތަން ކަމަށެވެ. މި މައްސަލައިގައި ވައިޓް ހައުސް އިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ.
މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށްދާނީ ނިއު ޔޯކްގެ ސަަދަން ޑިސްޓްރިކްޓްގެ ފެޑަރަލް ކޯޓުގައި އެވެ.










