ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން، ފީފާ އިން ބަންގްލަދޭޝްގެ ދެ ކުޅުންތެރިޔަކު ސަސްޕެންޑުކޮށްފި
19 އޯގަސްޓު 2026 | ބުދަ 05:01ފީފާގެ ޑިސިޕްލިނަރީ ކޮމެޓީ އިން ނިންމާފައި ވަނީ ބަންގްލަދޭޝްގެ ފޯވާޑު އަލް އަމީން 15 މެޗަށް ސަސްޕެންޑު ކުރުމަށް. އަދި އެ ޓީމުގެ މިރާޖުލް އިސްލާމް ދެ މެޗަށް ސަސްޕެންޑު ކުރުމަށް ވެސް ވަނީި ނިންމާފައި


ދިވެހިރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ބަންގްލަދޭޝްގެ ފޯވާޑް އަލް އަމީން | ސޯޝަލް މީޑިއާ
ރާއްޖޭގައި ކުރިއަށް ދިޔަ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ދިވެހި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލު ކުރި މެޗުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، ބަންގްލަދޭޝްގެ ދެ ކުޅުންތެރިޔަކު ސަސްޕެންޑު ކުރުމަށް ފީފާ އިން ނިންމައިފި އެވެ.
ފީފާގެ ޑިސިޕްލިނަރީ ކޮމެޓީ އިން ނިންމާފައި ވަނީ ބަންގްލަދޭޝްގެ ފޯވާޑު އަލް އަމީން 15 މެޗަށް ސަސްޕެންޑު ކުރުމަށެވެ. އަދި އެ ޓީމުގެ މިރާޖުލް އިސްލާމް ދެ މެޗަށް ސަސްޕެންޑު ކުރުމަށް ވެސް ވަނީި ނިންމައިފަ އެވެ.
ބަންގްލަދޭޝް ފުޓުބޯޅަ ފެޑެރޭޝަން (ބީއެފްއެފް) ގެ މީޑިއާ މެނޭޖަރު ސަދުމަން ސާގިބް ވިދާޅުވި ގޮތުގައި، މި ސަސްޕެންޝަންގެ ސަބަބުން ބަންގްލަދޭޝްގެ ސީނިއާ ޤައުމީ ޓީމު ކުޅޭ ރަސްމީ މެޗުތަކުގެ އިތުރުން، ބައިނަލްއަޤުވާމީ ފުރަތަމަ ފަންތީގެ އެކުވެރިކަމުގެ މެޗުތަކުގައި ވެސް މި ދެ ކުޅުންތެރިންނަށް ބައިވެރި ނުވެވޭނެ އެވެ.
ބަންގްލަދޭޝްގެ ސީނިއާ ޓީމަށް މީގެ ކުރިން ވެސް ކުޅެފައިވާ އަލް އަމީން އަށް ރަތް ކާޑު ދައްކާފައި ވަނީ، ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ދެ ފަހަރެއްގެ މަތިން ރެފްރީގެ ގައިގައި އަތްލައި ކޮއްޕާލުމާ ގުޅިގެންނެވެ. އަދި އެ މެޗުގައި ބަންގްލަދޭޝް އަށް ލަނޑު ކާމިޔާބު ކޮށްދިން މިރާޖުލް އަށް ރަތް ކާޑު ދެއްކީ، ބެންޗުގައި އިނދެ ރެފްރީއާ ހަޑި ހުތުރު ބަހުން ވާހަކަ ދެއްކި މައްސަލައިގައި އެވެ.
މެޗު ނިމުނުއިރު ދެ ޤައުމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ބޮޑު ކުރިމަތިލުމެއް ހިނގާފައިވާއިރު، މެޗު ނިމުމުގެ ފަހު ކަށިގަނޑާ އެކު މަސްލަހަތު އިތުރަށް ގޯސްވެ، ރެފްރީ ދަނޑުން ބާލަން ޖެހުނީ ސެކިއުރިޓީގެ އެހީތެރިކަމާއެކު އެވެ. މި ހާދިސާއާ ގުޅިގެން މީގެ ކުރިން ފީފާ އިން ވަނީ މިރާޖުލްގެ އިތުރުން ބަންގްލަދޭޝް ޓީމުގެ މެނޭޖަރު ޝާހީން ހަސަން ޖޫރިމަނާ ވެސް ކޮށްފައި އެވެ.
ފީފާގެ ފަރާތުން މި މައްސަލައިގެ ފުރަތަމަ މުއާމަލާތް ލިބުމާއެކު، ބަންގްލަދޭޝް ފުޓުބޯޅަ ފެޑެރޭޝަން އިން ވަނީ މިކަން ތަހުގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައި އެވެ. ނަމަވެސް، މި ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ އެއްވެސް ކުޅުންތެރިޔަކަށް، ނުވަތަ އޮފިޝަލަކަށް މިފަދަ ސަސްޕެންޝަނެއް އައިސްފައި ނުވެ އެވެ.
އަލް އަމީން އަށް ދީފައިވާ 15 މެޗުގެ ބޮޑު ސަސްޕެންޝަން އަކީ ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރާ ބަންގްލަދޭޝްގެ ޤައުމީ ޓީމަށް ލިބުނު ބޮޑު ހީނަރުކަމެކެވެ.










