ޕްރިމިއާ ލީގުގެ ސީއީއޯގެ ފާޑު ކިޔުން އިންފަންޓީނޯ އަށް
19 އޯގަސްޓު 2026 | ބުދަ 04:34ބީބީސީ ސްޕޯޓްސް އަށް ދެއްވި އިންޓަވިޔުއެއްގައި މާސްޓާސް ވިދާޅުވީ، އެ މައްސަލަ އަކީ ފީފާ އިން އަމިއްލަ އަށް އުފަން ކުރި މައްސަލައެއް ކަމަށް. އަދި އެއީ ފީފާ އިން އެ އިދާރާގެ އަމިއްލަ ނަފުސަށް ދިން ވަރަށް ބޮޑު ޒަޚަމެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި. ފީފާ އިން ވަނީ "ސެލްފް ޑިސްޓްރަކްޓް ބަޓަން އަށް ފިތާލާފައި" ކަމަށާއި، އެކަމުގެ ހައްލު ހޯދަން ނަތީޖާ ތަކެއް ނެރެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި


އިނގިރޭސި ޕްރިމިއާ ލީގުގެ ސީއީއޯ ރިޗާޑް މާސްޓާސް | ގެޓީ އިމޭޖަސް
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ޕްލޭން އަށް އިނގިރޭސި ޕްރިމިއާ ލީގުގެ ސީއީއޯ ރިޗާޑް މާސްޓާސް ފާޑުވިދާޅުވެއްޖެ އެވެ.
ފީފާ ވޯލްޑް ކަޕް ހިމެނޭހެން، ފީފާގެ މުބާރާތްތަކުގެ ވިޔަފާރީގެ ހައްގުތަކާއި، ޓިކެޓު ވިއްކުމުގެ ހައްގުތައް ބެލެހެއްޓުމަށް އައު ކުންފުންޏެއް އުފައްދައި، އެ ކުންފުނީގެ 21 އިންސައްތަ އަމިއްލަ އިންވެސްޓްމަންޓް ކުންފުނިތަކަށް ވިއްކާލުމަށް އިންފަންޓީނޯ ގެންގުޅުއްވި ޕްލޭންގެ ސަބަބުން، އޭނާ އަށް ވަރަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވި އެވެ.
މި މައްސަލައިގައި އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަން އިން ވަނީ އިންފަންޓީނޯ އަށް ދީފައިވާ ތާއީދު އަނބުރާ ގެނެސްފައި އެވެ. އަދި ފުޓުބޯޅަ އެކުވެރިކޮށް، ފުޓުބޯޅަ ކުރިއެރުވޭނެ ފަދަ ޤާބިލު ކެންޑިޑޭޓެއް ފީފާގެ ރައީސް ކަމަށް ބޭނުންވާ ކަމަށް ވެސް ވަނީ ބުނެފައި އެވެ.
ބީބީސީ ސްޕޯޓްސް އަށް ދެއްވި އިންޓަވިޔުއެއްގައި މާސްޓާސް ވިދާޅުވީ، އެ މައްސަލަ އަކީ ފީފާ އިން އަމިއްލަ އަށް އުފަން ކުރި މައްސަލައެއް ކަމަށެވެ. އަދި އެއީ ފީފާ އިން އެ އިދާރާގެ އަމިއްލަ ނަފުސަށް ދިން ވަރަށް ބޮޑު ޒަޚަމެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. ފީފާ އިން ވަނީ "ސެލްފް ޑިސްޓްރަކްޓް ބަޓަން އަށް ފިތާލާފައި" ކަމަށާއި، އެކަމުގެ ހައްލު ހޯދަން ނަތީޖާތަކެއް ނެރެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ވާހަކަ މާސްޓާސް ދައްކަވާފައި ވަނީ އައު ސީޒަންގެ ޕްރިމިއާ ލީގު ފެށުމުގެ ކުރިންނެވެ. އެ އިންޓަވިޔުގައި މާސްޓާސް ވިދާޅުވެފައި ވަނީ، އިންފަންޓީނޯ އަށް ދީފައިވާ ތާއީދު އަނބުރާ ގެންދިޔުމަށް އިނގިރޭސި އެފްއޭ އިން ނިންމި ނިންމުމަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި ބައިބައިވުމުގެ ބަދަލުގައި، އެއްބައިވަންތަކަން ގެނެސްދޭނެ ކެންޑިޑޭޓެއް ފީފާ އަށް ބޭނުންވާ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ،
މީގެ އިތުރުން ފީފާ ވޯލްޑް ކަޕްގެ ތެރޭގައި އެމެރިކާގެ ފަލޮރިން ބަލޮގަން އަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަން އަށް ލުއިން ދޭން ނިންމި ނިންމުމާ މެދު، ކަންބޮޑުވުން އޮތް ކަމަށް ވެސް މާސްޓާސް ވަނީ ވިދާޅުވެފައި އެވެ. އޭގެ އިތުރުން އޭނާ ވަނީ ޕްރިމިއާ ލީގު ކުރިއެރުވުމާއި، ޕްރިމިއާ ލީގުގެ ފެންވަރު ހިފެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައި އެވެ.










