އީރާނުގެ ވެރިކަން ވައްޓާލަން ފެށި ހަނގުރާމައަށް 6 މަސް - އެމެރިކާއާއި އިސްރާއީލަށް ނެރެވުނީ ކޮން ނަތީޖާއެއް؟
29 އޯގަސްޓު 2026 | ހޮނިހިރު 14:23އީރާނުގެ އިސްވެރިން އަވަހާރަކޮށްލައިގެން އެ ގައުމުގެ ނިޒާމު ފުނޑުފުނޑުކޮށްލުމަށް އެމެރިކާއާއި އިސްރާއީލުން ކުރި މަސައްކަތް ނާކާމިޔާބުވެ، ހަ މަސް ދުވަސްވީއިރުވެސް އީރާނުން ވަނީ ސާބިތުކަމާއެކު ހިފަހައްޓާފައި. މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބި، މެދުއިރުމަތީގައި އެ ގައުމަށް އޮތް ނުފޫޒާއި އިތުބާރު ކުޑަވެފައިވާކަން ފާހަގަކުރެވޭ

އީރާނުގެ ތެހެރާންގައި ފާރިސީ ބަހާއި އިނގިރޭސި ބަހުން "ބޮޑު ކާމިޔާބީ" (ގްރޭޓް ވިކްޓްރީ) މި ޝިއާރު ލިޔެފައިވާ ބޮޑު ބިލްބޯޑެއް 2026 އޮގަސްޓް 25 ވަނަ ދުވަހު ހަރުކޮށްފައިވަނިކޮށް ފެންނަ މަންޒަރު | ގެޓީ އިމޭޖަސް
އޯގަސްޓް މަހުގެ 28 އިން 29 އަށް މި ފުރިހަމަވަނީ، އެމެރިކާއާއި އިސްރާއީލުން އެއްވެސް އުސޫލެއް ނެތި އީރާނާ ދެކޮޅަށް ފެށި އަސްކަރީ ހަމަލާތަކަށް ބަރާބަރު ހަ މަސް ދުވަހެވެ. މި ހަމަލާތަކުގެ މައިގަނޑު މަގްސަދަކީ ގައުމުގެ އިސްވެރިން ނައްތާލައި، ސަރުކާރު ހުއްޓުމަކަށް ގެނެސް، ރައްޔިތުން މަގުމައްޗަށް ނެރެ "ކަލަރ ރިވޮލިއުޝަން" އެއް ނުވަތަ ސަރުކާރު ބަދަލުކުރުމުގެ އިންގިލާބެއް ގެނައުމެވެ. އިސްރާއީލުން އޭރު އުންމީދުކޮށްގެން ތިބީ މި ހަމަލާތައް ދެ ހަފުތާއަށް ވުރެ ގިނަ ދުވަހަށް ދެމިގެން ނުދާނެ ކަމަށާއި، އޭގެ ފަހުން ތެހެރާނުން އެމީހުން ބޭނުންވާ ޝަރުތުތަކަށް ބޯލަނބާނެ ކަމަށެވެ.
އީރާނުގެ މުހިންމު ޝަޚްސިއްޔަތުތައް ނައްތާލުމުގެ ފަހަތުގައި އޮތީ މި ދެންނެވި ސިޔާސަތެވެ. އެގޮތުން، މި އުދުވާން ފެށި ފުރަތަމަ ދުވަސް ކަމަށްވާ ފެބްރުއަރީ 28 ވަނަ ދުވަހުގެ ހެނދުނު، އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އާއި ސަރުކާރުގެ އިސް ބައެއް ވެރިން ވަނީ އަވަހާރަކޮށްލާފަ އެވެ. އަދި މާރިޗު މަހުގެ 17 ވަނަ ދުވަހު ތެހެރާނުގެ ބޭރު ސަރަހައްދަކަށް ދިން ހަމަލާއެއްގައި، އީރާނުގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރީޖާނީ ވަނީ އަވަހާރަކޮށްލާފަ އެވެ. ލަރީޖާނީއަކީ އީރާނުގެ ނިއުކްލިއާ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވި، އަދި ޚާމަނާއީގެ އަރިސް މުޝީރެކެވެ. އޭނާއަކީ އީރާނުގެ ސަލާމަތީ ބާރުތަކާއި ޚާރިޖީ ދާއިރާ ގުޅުވައިދޭ އެންމެ މުހިންމު އެއް ތަނބެވެ. ޚާމަނާއީ އަވަހާރަވުމަށްފަހު، ދައުލަތުގެ ކަންކަން ވިލަރެސްކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ލަރީޖާނީ އެވެ. އެމެރިކާއާއި އިސްރާއީލުން އޭނާ އަވަހާރަކޮށްލީ އީރާނުގެ ނިންމުންތައް ނިންމާ އޮނިގަނޑު މުޅިން ފުނޑުފުނޑުކޮށްލުމުގެ ބޭނުމުގަ އެވެ. ނަމަވެސް، އެއާއެކުވެސް އީރާނުގެ ދައުލަތް ހުއްޓުމަކަށް ނުގެނެވުނެވެ.

އީރާނުގެ ވެރިރަށް ތެހެރާންގައި ހުރި ތެޔޮ ގުދަންތަކަކަށް 2026 މާރިޗު 8 ވީ އާދީއްތަ ދުވަހުގެ ރޭ ދިން ވައިގެ ހަމަލާތަކާ ގުޅިގެން، އެ ސަރަހައްދުން ބޯ ދުން އަރަމުންދަނީ | ގެޓީ އިމޭޖަސް
އީރާނުގެ ލީޑަރުން ޖިސްމާނީގޮތުން ނައްތާލައިގެން ބޭނުންވި ނަތީޖާއެއް ހާސިލެއް ނުވި އެވެ. ގައުމުގެ ކޮމާންޑް އެންޑް ކޮންޓްރޯލް ނިޒާމު ރޫޅިގެން ނުދިޔައިރު، ސަލާމަތީ ބާރުތަކުން ބަޣާވާތެއް ނުކުރެ އެވެ. އަދި ގައުމު އިދިކޮޅު ފަރާތްތަކަށް އަމާނެއްވެސް ނުދިނެވެ. އޭގެ ބަދަލުގައި، ދައުލަތުގެ ބާރުތައް ވަރަށް އަވަހަށް ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ މެދުގައި ބަހާލެވުނެވެ. މީގެ ސަބަބުން އައި.އާރް.ޖީ.ސީ ވެގެންދިޔައީ އަސްކަރީ އަދި ސިޔާސީ ގޮތުން ކުރިއަށްވުރެ މާ ބާރުގަދަ މަރުކަޒަކަށެވެ. ގައުމުގެ އެންމެ އިސްވެރިން އަވަހާރަވުމުން އީރާނުގެ އެތެރޭގެ ބާރުތަކަށް ބަދަލުތަކެއް އައި ނަމަވެސް، މުޅި ނިޒާމު ފުނޑުފުނޑެއް ނުވި އެވެ.
އީރާނުގެ އެތެރެއިން ބޮޑު ހަމަނުޖެހުމެއް އުފެދޭނެ ކަމަށް ކުރި އުންމީދުތައް ވެސް ވީ ފެނަށެވެ. ތަކެތީގެ އަގުބޮޑުވުމާއި އިގްތިސާދީ ދަތިތަކާ މެދު ރައްޔިތުންގެ ޝަކުވާ ހުރި ނަމަވެސް، މި ހަމަލާތަކާ އެކު އީރާނުގެ މުޖުތަމައާއި އިސްވެރިން ފެނުނީ އެއްގަލަކަށް އަރައި ތިއްބަވަނިކޮށެވެ. ބޭރުގެ ހަމަލާތަކާ އެކު ގައުމީ އެއްބައިވަންތަކަމުގެ ރޫހެއް މުޅި ގައުމުގައި އުފެދުނެވެ. ސަރުކާރަށް ފާޑުކިޔާ މީހުން ވެސް، ބޭރުގެ ހަމަލާތަކެއްގެ އެހީގައި ސިޔާސީ ބަދަލެއް ގެނައުމަށް އިންކާރު ކުރި އެވެ. ހުޅަނގުން އުންމީދުކުރި ފަދަ އިންގިލާބެއް ނައުމުގެ ބަދަލުގައި، މި ހަނގުރާމައިގެ ސަބަބުން ބާރުގަދަވީ ހުޅަނގުގެ ގައުމުތަކަށް ދޫދިނުމުގެ ސިޔާސަތަކުން އީރާނުގެ ސަލާމަތް ނުލިބޭނެ ކަމަށް ވަކާލާތުކުރާ ފަރާތްތަކެވެ.
ހުރްމުޒް ކަނޑުއޮޅިއަކީ ތެހެރާނުގެ ގާބިލުކަން އެންމެ ސާފުކޮށް ފެނިގެންދިޔަ ސަރަހައްދެވެ. ހަނގުރާމައިގެ ކުރިން ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގެ ގާތްގަނޑަކަށް 25 އިންސައްތަ ހިއްސާކުރަނީ މި ކަނޑުއޮޅި އެވެ. އެމެރިކާގެ ކަނޑުގެ ސިފައިން މާ ބާރުގަދަ ނަމަވެސް، އީރާނުން މުޅި ކަނޑުގެ ސަރަހައްދު ކޮންޓްރޯލް ކުރާކަށް ނުޖެހެ އެވެ. އީރާނަށް ބޭނުންވަނީ ހަމައެކަނި ކަނޑުއޮޅީގެ ބައެއް ސަރަހައްދުތަކުގައި މައިން ވަޅުލުމާއި، އުޅަނދުފަހަރަށް ހަމަލާދީ އުފުލުމުގެ ޚަރަދު ބޮޑުކޮށްލުމުގެ ގާބިލުކަން ދެމެހެއްޓުމެވެ. މިހާރު ކަނޑުއޮޅީގެ ދަތުރުފަތުރުތައް އާންމު ހާލަތަކަށް ގެނައުމަކީ މަޝްވަރާގެ މޭޒަށް އައިސްފައިވާ މައުޟޫއެކެވެ. އަދި އެ މަޝްވަރާތަކުގައި ތެހެރާނުން ދަނީ އަމިއްލަ ޝަރުތުތައް ކުރިމަތިކުރަމުންނެވެ. އީރާނުގެ ބާރު ކަނޑުވާލާނެ ކަމަށް ވޮޝިންޓަނުން ވީ ވައުދާ ޚިލާފަށް، މިއަދު އެމެރިކާއަށް މަޖުބޫރުވެފައިވަނީ ކަނޑުއޮޅިން ދަތުރުކުރުމުގެ އުސޫލުތަކާ މެދު އީރާނާއެކު މަޝްވަރާ ކުރާށެވެ.
މީގެ އިތުރުން، މުޅި ސަރަހައްދުގައި ތިބި އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކުގެ އެހީތެރިކަން ވެސް ތެހެރާނަށް އެބައޮތެވެ. "އެކްސިސް އޮފް ރެސިސްޓެންސް" އަށް ގެއްލުންތަކެއް ލިބުނު ނަމަވެސް، އެ ޖަމާއަތްތައް ނެތިގެންނެއް ނުދެ އެވެ. ޔަމަނުގެ ހޫޘީންނާއި، އިރާގުގެ ކަތާއިބު ހިޒްބުالله ފަދަ ޖަމާއަތްތަކުގެ އަތުގައި އަދިވެސް މިސައިލާއި ޑްރޯން އެބަހުއްޓެވެ. މިދިޔަ ހޫނު މޫސުމުގައި ހޫޘީން ވަނީ އިރާގުގެ ޖަމާއަތްތަކާ ގުޅިގެން ސައުދީ އަރަބިއްޔާގެ ތެލުގެ ވަސީލަތްތަކަށް ހަމަލާދީފަ އެވެ. ކަތާއިބު ހިޒްބުالله އަކީ އަދިވެސް އިރާގުގައި އޮތް އެންމެ ބާރުގަދަ ފެކްޝަނެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ޕާޝިއަން ގަލްފުން ފެށިގެން ރަތްކަނޑާ ހަމައަށް ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ބަނދަރުތައް ދިފާއުކުރުމަށް އެމެރިކާއަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފަ އެވެ.
އިސްރާއީލުގެ ޖާސޫސީ އަދި ޓެކްނޮލޮޖީގެ ކުރިއެރުން ބޭނުންކޮށްގެން ސިޔާސީ ކާމިޔާބީއެއް ހޯދޭނެ ކަމަށް ކުރި އުންމީދުތައް ވަނީ ބިލާހަކަށް ވެފަ އެވެ. އީރާނުގެ މުހިންމު ބިނާތަކަށާއި އިސްވެރިންނަށް ހަމަލާދިނުމުން، އެ ގައުމުގެ ދައުލަތް ރޫޅާލެވޭނެ ކަމަށް ހީކުރެވުނު ނަމަވެސް، އީރާނަކީ 90 މިލިއަން މީހުންގެ އާބާދީއެއް އޮތް، ވަރުގަދަ އިދާރީ ނިޒާމަކާއި ސަލާމަތީ ބާރުތަކެއް އޮތް، އަދި އެތައް އަހަރެއް ވަންދެން ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައި އުޅެ ތަޖުރިބާ ލިބިފައިވާ ގައުމެކެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް މި ހަނގުރާމަ އަވަހަށް ނިންމައެއް ނުލެވުނެވެ. އޭގެ ބަދަލުގައި އޭނާ ވަނީ އަމިއްލައަށް މަޅިއެއްގައި ބެދި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ނިމުމެއް ނެތް ހަނގުރާމައެއްގެ ތެރެއަށް ދަމައިގަނެފަ އެވެ. ދެ ހަފުތާއިން ނިންމާލަން ރޭވި ހަމަލާތައް މިހާރު ވަނީ ނިމުމެއްނެތް ދަންތުރައަކަށް ބަދަލުވެފަ އެވެ.
ވިސްނުމެއްނެތި ފެށި މި ހަނގުރާމައިގެ އަސަރު އެމެރިކާގެ އެތެރެއިން މިހާރު ދަނީ ފެންނަމުންނެވެ. އޯގަސްޓް މަހު އެމެރިކާގެ ދައުލަތުގެ ދަރަނި ފުރަތަމަ ފަހަރަށް 40 ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ދަރަނި ދެއްކުމަށް އެކަނި އަހަރަކު އެއް ޓްރިލިއަން ޑޮލަރު ހޭދަވެ އެވެ. އީރާނު ހަނގުރާމައަށް މިހާތަނަށް އެތައް ބިލިއަން ޑޮލަރެއް ހޭދަވެ، ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ. ރޮއިޓާސްއިން އޯގަސްޓް މަހު ނެގި ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި، ޓްރަމްޕްގެ މަސައްކަތްތަކަށް ތާއީދުކުރަނީ އެމެރިކާގެ އެންމެ 33 އިންސައްތަ މީހުންނެވެ. އަދި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ތާއީދުކުރަނީ އެންމެ 31 އިންސައްތަ މީހުންނެވެ. ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ މެދުގައި ވެސް މި ހަނގުރާމައަށް އޮތް ތާއީދު ވަނީ މާރިޗު މަހު އޮތް 77 އިންސައްތައިން 69 އިންސައްތައަށް ދަށްވެފަ އެވެ. މިއީ "ނިމުމެއް ނެތް ހަނގުރާމަތައް" ހުއްޓުވާނެ ކަމަށް ވައުދުވި ރައީސަކަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ.
ހަނގުރާމައިގެ މައިދާނުގައި އީރާނު ކަކޫޖެއްސުމަށް ނުކުޅެދުމުން، ވޮޝިންޓަނުން މިހާރު ވަނީ އިގްތިސާދީ ގޮތުން ފިއްތުންތައް ކުރިމަތިކުރަން ފަށާފަ އެވެ. އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ބެސެންޓް އިއުލާންކުރެއްވި "އޮޕަރޭޝަން އިކޮނޮމިކް ޕަރިއާ" ގެ ދަށުން އެތައް ކުންފުންޏަކާއި އުޅަނދަކަށް ވަނީ އާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. ނަމަވެސް، އީރާނަކީ މިފަދަ ފިޔަވަޅުތަކުގެ ތެރޭގައި ދިރިއުޅެން ދަސްކޮށްފައިވާ ގައުމެކެވެ. ސިއްރުން މުދާ އުފުލާ އުޅަނދުފަހަރާއި، މެދުވެރިން މެދުވެރިކޮށް ކުރާ މުއާމަލާތްތަކާއި، ޔޫ.އޭ.އީ އާއި އޭޝިއާ މެދުވެރިކޮށް ހިންގާ ވިޔަފާރީގެ އިތުރުން، ޗައިނާގެ ބޮޑު ޑިމާންޑުގެ ސަބަބުން އެމެރިކާގެ "މެކްސިމަމް ޕްރެޝަރު" ނުވަތަ އެންމެ މަތީ ދަރަޖައިގެ ފިއްތުންތަކުގެ ބާރު ދަނީ ކެނޑެމުންނެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިގްތިސާދީ ހާލަތު ގޯސްވި ނަމަވެސް، އޭގެ ސަބަބުން ތެހެރާނުން އަމާންދޭނެ ކަމަކަށް ނުބެލެވެ އެވެ. ޗައިނާއާއި ޔޫ.އޭ.އީގެ އެންމެ ބޮޑެތި މާލީ އިދާރާތަކަށް ފިޔަވަޅު އެޅުމަށް ވޮޝިންޓަނުން އަދިވެސް ފަސްޖެހެ އެވެ. ސަބަބަކީ އެފަދަ ފިޔަވަޅެއްގެ ސަބަބުން އެމެރިކާގެ އިގްތިސާދަށާއި ބައިނަލްއަގުވާމީ ގުޅުންތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބޭނެތީ އެވެ. މީގެ މާނައަކީ އީރާނުގެ އިގްތިސާދަށް އަސަރެއް ނުކުރެއެކޭ ނޫނެވެ. ނަމަވެސް، މި ފިޔަވަޅުތައް އެޅުމުގައި އެމެރިކާ އުންމީދުކުރަނީ އީރާނުގެ ބައިވެރިން އަމިއްލައަށް އެ ގައުމާ ގުޅުން ކަނޑާލާނެ ކަމަށެވެ.

2026 އޮގަސްޓް 24 ވަނަ ދުވަހު ތެހެރާންގެ މާރުކޭޓު ސަރަހައްދެއްގައި ހުރި ފިހާރަތަކެއްގެ ކައިރިން މީހުން ހިނގާފައި ދަނީ. އެމެރިކާއިން މިހާތަނަށް ކުރިމަތިކުރާނެ "އެންމެ ވަރުގަދަ މާލީ ހަމަލާ" ދޭނެ ކަމަށް ބުނެ އިންޒާރު ދިނުމާ ގުޅިގެން، އޮގަސްޓް 24 ވަނަ ދުވަހު އީރާނުން ވަނީ އެކަމަށް ގޮންޖަހައި ރައްދު ދީފައި | ގެޓީ އިމޭޖަސް
ރައީސް ޓްރަމްޕް އަމިއްލަފުޅަށް ބައެއް ގައުމުތަކުގެ ވެރިންނަށް ގުޅުއްވައި، އީރާނާއެކު އޮތް ގުޅުންތައް ކަނޑާލުމަށް އާދޭސްކުރެއްވިކަން ބެސެންޓް ވަނީ ހާމަކުރައްވާފަ އެވެ. މިއީ ދުނިޔޭގެ ސިޔާސީ މަސްރަހުގައި އެމެރިކާގެ ނުފޫޒު ކުޑަވަމުންދާކަމުގެ ހެއްކެކެވެ. 2000 ގެ އަހަރުތަކުގެ ކުރީކޮޅު މިފަދަ ހާލަތެއް އަތުވެދާނެ ކަމަކީ އޭރު ތަސައްވަރުވެސް ކުރެވޭނެ ކަމެއް ނޫނެވެ.
އެމެރިކާއިން ދޭ ސަލާމަތީ ކަށަވަރުކަމާމެދު ގަލްފުގެ ގައުމުތަކުގެ މެދުގައި އޮތް އިތުބާރު ވެސް ދަނީ ކުޑަވަމުންނެވެ. އެމެރިކާގެ އަސްކަރީ މަރުކަޒުތަކުން އެ ސަރަހައްދު ހަނގުރާމައިން ސަލާމަތެއް ނުކޮށްދިނެވެ. އޭގެ ބަދަލުގައި އެ މަރުކަޒުތައް ހުރި ގައުމުތައް ވެގެންދިޔައީ ހަމަލާގެ އަމާޒުފަތްގަނޑުތަކަކަށެވެ. ރިޔާޟާއި، ދޯހާ އަދި އަބޫދާބީން މިހާރު ދަނީ ސަލާމަތީ ކަންކަމުގައި އެހެން ގޮތްތައް ހޯދައި، ތެހެރާނާއެކު އޮތް ގުޅުން ދަމަހައްޓަމުންނެވެ. އެމެރިކާގެ ސިފައިން އެ ސަރަހައްދުގައި ތިބި ނަމަވެސް، މުޅި ސަރަހައްދުގެ ނިޒާމު އެމެރިކާއަށް އެކަނި ބެލެހެއްޓޭނެ ކަމުގެ އިތުބާރު މިހާރު ވަނީ ގެއްލިފަ އެވެ.
ތުރުކީއާއި، ސައުދީ އަރަބިއްޔާ އަދި ޕާކިސްތާނުން އޯގަސްޓް މަހުގެ ކުރީކޮޅު ސޮއިކުރި "މައްކާ އެގްރީމަންޓް" އަކީ މި ބަދަލުގެ ސާފު މިސާލެކެވެ. މެދުއިރުމަތި މިހާރު މިސްރާބު ޖަހާފައިވަނީ އެއް ގައުމަކަށް ވުރެ ގިނަ ގައުމުތަކުން ބާރު ހިންގާ ނިޒާމަކަށެވެ. މިއީ އެމެރިކާއަށް ހުއްޓުވޭނެ ކަމެއް ނޫނެވެ. މީގެ މާނައަކީ އެމެރިކާގެ ބާރު މުޅިން ކެނޑުނީއެކޭ ނޫނެވެ. ނަމަވެސް، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ނުފޫޒަށް ބޮޑު ލޮޅުމެއް އަރައި، އެ ސަރަހައްދުގައި އޮތް ބާރުވެރިކަން ކުޑަވެފައިވާކަމާމެދު ޝައްކެއް ނެތެވެ.
ހަ މަސް ދުވަހުގެ ހަނގުރާމައިން ސާބިތުވީ، އީރާނަށް ބޮޑެތި ގެއްލުންތަކެއް ދެވިދާނެ ކަމެވެ. ނަމަވެސް އެ ގައުމު ކަކޫޖައްސައި އަމާންދޭން މަޖުބޫރު ނުކުރެވޭނެ ކަމެވެ. އެމެރިކާއާއި އިސްރާއީލުން މި ހަނގުރާމަ ފެށީ އެމީހުންގެ ބާރުވެރިކަން ދައްކާލުމަށެވެ. ނަމަވެސް ހަ މަސް ފަހުން ފެންނަނީ އެއްވެސް ކާމިޔާބީއެއް ނެތް ތަނެވެ. ހަނގުރާމައިން އަރައިގަންނާނެ ސާފު ރޭވުމެއް ނެތްއިރު، ކުރިން އޮތް އިތުބާރު ވެސް ވަނީ ގެއްލިފަ އެވެ. އީރާނުން ބަލިނުވެ ހިފަހައްޓާލިއިރު، އެމެރިކާއަށް އަނެއްކާވެސް މިވަނީ ހަނގުރާމައެއް ފެށުމަކީ ފަސޭހަ ކަމެއް ނަމަވެސް، އެ ހަނގުރާމައަކުން މޮޅުވުމަކީ މާ އުނދަގޫ ކަމެއްކަން ސާބިތުވެފަ އެވެ.









