އީރާނުން ބުނީ އެމެރިކާއިން ހަދަނީ ދޮގު ކަމަށާއި، ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ އަދި ނިހާއީ ކޮންޓްރޯލް އެބައޮތް ކަމަށް
29 އޯގަސްޓު 2026 | ހޮނިހިރު 05:47ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އީރާނުގެ ސިފައިންގެ ދަށަށް ގެނެސް، އެ ގައުމުގެ ހުއްދައާ ނުލައި އުޅަނދުފަހަރު ދަތުރުކުރުން ވަނީ މަނާކޮށްފައި. މި ނިންމުން ނިންމާފައިވަނީ އެމެރިކާއިން އެއްބަސްވުންތަކާ ޚިލާފުވެ، އީރާނާ ދެކޮޅަށް އުދުވާނުތައް ހިންގަމުންދާތީ ކަމަށް އެ ގައުމުން ބުނޭ. އީރާނުން ޝަރުތުކުރަނީ ކަނޑުއޮޅި އަލުން ހުޅުވާލާނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ސަރަހައްދީ ހަމަލާތައް ހުއްޓާލުމުން ކަމަށް

އީރާނުގެ ކަނޑުގެ ސިފައިން ފާރިސީ ކަނޑުއޮޅީގައި ބޭއްވި އަސްކަރީ ޕެރޭޑެއްގައި ބައިވެރިވަނީ | ގެޓީ އިމޭޖަސް
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ނޭވީން ބުނި ގޮތުގައި، އިސްތިރާތީޖީ ގޮތުން މުހިންމު ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އީރާނުގެ ސިފައިންގެ އަތްދަށުގަ އެވެ. އައި.އާރް.ޖީ.ސީ އިން މިހެން ބުނެފައިވަނީ އެ ކަނޑުއޮޅި އަދިވެސް އޮތީ ހުޅުވާލެވިފައި ކަމަށް އެމެރިކާގެ އޮފިޝަލުން ބުނަމުންދާ ވާހަކަތަކަށް ރައްދުދެމުންނެވެ.
އައި.އާރް.ޖީ.ސީ ގެ ނޭވީން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްތިރާތީޖީ ގޮތުން މުހިންމު ހުރްމުޒް ކަނޑުއޮޅީގެ މައްޗަށް އިސްލާމީ ޖުމްހޫރިއްޔާގެ ސިފައިން ހިންގާ ކޮންޓްރޯލަކީ ފުރިހަމަ އަދި ނިހާއީ ކޮންޓްރޯލެއް ކަމަށެވެ.
ހުރްމުޒް ކަނޑުއޮޅި ހުޅުވާލެވިފައިވާ ކަމަށް ބުނެ އެމެރިކާގެ އޮފިޝަލުން ދައްކާ ވާހަކަތަކަކީ ކަނޑައެޅިގެން ހަދާ ދޮގެއްގެ ގޮތުގައި އެ ބަޔާނުގައި ސިފަކޮށްފައިވެ އެވެ. އަދި އެފަދަ ވާހަކަތައް ދައްކަނީ ހަމައެކަނި ތެލުގެ އަގު ކޮންޓްރޯލް ކުރުމަށާއި، އެމެރިކާއަށް ކުރިމަތިވަމުންދާ ނާކާމިޔާބީތައް ފޮރުވުމަށް ކަމަށްވެސް އައި.އާރް.ޖީ.ސީ އިން ބުނެފައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އިސްލާމީ ޖުމްހޫރިއްޔާއާ ކުރިން ވިލަރެސްކުރުމެއް ނެތި އެ ސަރަހައްދުން ދަތުރުކުރަން އުޅޭ އުޅަނދުފަހަރަށް އެ ކަނޑުއޮޅި މިހާރު އޮތީ ބަންދުކޮށްފައި ކަމަށެވެ.
އައި.އާރް.ޖީ.ސީ ގެ ނޭވީން ބުނި ގޮތުގައި، މި ނިންމުން ދެމިއޮންނާނީ އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް އެމެރިކާގެ "ޓެރަރިސްޓް ސިފައިން" ހިންގާ އުދުވާނުތައް ނިމުމަކަށް އައިސް، އެއްބަސްވެފައިވާ ކަންކަން ފުރިހަމައަށް ތަންފީޒު ކުރެވެންދެނެވެ.
އީރާނުން މި މުހިންމު ކަނޑުއޮޅި ބަންދުކުރީ، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އެ ގައުމާ ދެކޮޅަށް ފެށި އުދުވާނުތަކާ ގުޅިގެންނެވެ.
ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ޖޫން މަހު ވެވުނު ފަހުމުނާމާއެއްގެ ދަށުން، 60 ދުވަހުގެ މުއްދަތަށް ކަނޑުއޮޅި ހުޅުވާލުމަށް އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވި އެވެ. ނަމަވެސް އެމެރިކާއިން އެ އެއްބަސްވުމާ ޚިލާފުވުމާ ގުޅިގެން، ތެހެރާނުން ވަނީ އަލުން އެ ސަރަހައްދު ބަންދުކޮށްފަ އެވެ.
ތެހެރާނުން ބުނާ ގޮތުގައި އެ ކަނޑުއޮޅި އަލުން ހުޅުވާލާނީ ވަކި ޝަރުތުތަކެއް ފުރިހަމަވުމުންނެވެ. އޭގެ ތެރޭގައި ސަރަހައްދީ ކަނޑުގެ ދަތުރުފަތުރަށް އެމެރިކާއިން ނުފޫޒު ފޯރުވުން ހުއްޓާލުން ހިމެނެ އެވެ.
އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ފޯރ ލީގަލް އެންޑް އިންޓަނޭޝަނަލް އެފެއާޒް އަންގާރަ ދުވަހު ވިދާޅުވީ، އީރާނުގެ ޝަރުތުތަކުގެ ތެރޭގައި އެ ގައުމާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ޣައިރު ގާނޫނީ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ލުބުނާން ހިމެނޭހެން ހުރިހާ ދިމާލަކުން ދެމުންދާ ހަމަލާތައް ހުއްޓާލުމާއި، ޔަމަނަށް އަޅާފައިވާ ބަންދާ މެދު ސާފު ގޮތްތަކެއް ކަނޑައެޅުން ހިމެނޭ ކަމަށެވެ.
ޣަރީބްއާބާދީ ވިދާޅުވި ގޮތުގައި، އީރާނުގެ ނަޒަރުގައި ހުރްމުޒްކަނޑުއޮޅީގެ މުހިންމުކަން ކުރިއަށްވުރެ ބޮޑުވެގެންދިޔައީ އެމެރިކާ އާއި އިސްރާއީލުން ފެށި އުދުވާނުތަކާ ގުޅިގެންނެވެ. އަދި 40 ދުވަހުގެ ހަނގުރާމައަށްފަހު، ހުރްމުޒް ކަނޑުއޮޅިއަކީ މިހާރު އީރާނުގެ ގައުމީ ސަލާމަތާ ގުޅިފައިވާ މުހިންމު މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ މި އިޝާރާތް ކުރެއްވީ، އީރާނާ ދެކޮޅު ފަރާތްތަކުން އެ ގައުމަށް ހަމަލާދެމުންދާ ދަނޑިވަޅެއްގައި، އެ ފަރާތްތަކުގެ އަސްކަރީ އަދި އިގްތިސާދީ ބޭނުންތަކަށް އެ ކަނޑުއޮޅި ބޭނުންކުރަމުންދާ ދިއުމަށް ކަމަށް ބެލެވެ އެވެ.










