އީރާނުގެ ކަނޑުގެ ސިފައިންގެ ފައުޖަކީ "ދިރިހުރި، ވަރުގަދަ" ފައުޖެއް ކަމަށް ކަނޑުގެ ސިފައިންގެ ކޮމާންޑަރު ވިދާޅުވެއްޖެ
30 އޯގަސްޓު 2026 | އާދީއްތަ 17:43އީރާނުގެ ކަނޑުގެ ސިފައިންނަކީ ގައުމީ ސަލާމަތާއި ދިފާއުގައި ސާބިތުކަމާއެކު ދެމިއޮތް ވަރުގަދަ ފައުޖެއް ކަމަށް އެ ގައުމުގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރު ރިއަރ އެޑްމިރަލް ޝަހްރާމް އީރާނީ ވިދާޅުވެއްޖެ. ދުޝްމަނުންގެ ހަމަލާތަކުން ސިފައިންގެ މަސްއޫލިއްޔަތަށް ހުރަސްނޭޅޭނެކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ އީރާނުގެ އަސްކަރީ ގާބިލުކަން ވަޒަންކުރުމުގައި ދުޝްމަނުންނަށް ހެދިފައިވަނީ ނުބައި ހިސާބެއް ކަމަށް

އީރާނުގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރު ރިއަރ އެޑްމިރަލް ޝަހްރާމް އިރާނީ | ގެޓީ އިމޭޖަސް
އީރާނުގެ ހުރިހާ މަނަވަރުތަކެއް ނައްތާލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައި، އެ ގައުމުގެ ކަނޑުގެ ސިފައިންގެ ފައުޖަކީ "ދިރިހުރި، ވަރުގަދަ" ފައުޖެއް ކަމަށް ކަނޑުގެ ސިފައިންގެ ކޮމާންޑަރު ޝަހްރާމް އިރާނީ ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވި ކަމަށް ރިޕޯޓުކޮށްފައިވަނީ އީރާނުގެ ދައުލަތުގެ މީޑިއާ، އައި.އާރު.އައި.ބީ އިންނެވެ.
އީރާނުގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރު ރިއަރ އެޑްމިރަލް ޝަހްރާމް އީރާނީ ވިދާޅުވީ، ގައުމު ދިފާއުކުރުމާއި ގައުމީ ސަލާމަތް ރައްކާތެރިކުރުމުގައި އެ ފައުޖު ދެމިއޮންނާނެ ކަމަށެވެ.
އާދީއްތަ ދުވަހު އީރާނުގެ އުތުރުގެ ސިޓީއެއް ކަމަށްވާ ރަޝްތުގައި ކަނޑުގެ ސިފައިންގެ މުވައްޒަފުންނާ މުޚާތަބު ކުރައްވައި ވާހަކަދައްކަވަމުން އިރާނީ ވިދާޅުވީ، ކަނޑުގެ ސިފައިންގެ މެންބަރުންނަށް އަމާޒުކޮށް ހަމަލާދިނުމުން އެ ފައުޖުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސް އެޅޭނެ ކަމަށް ދުޝްމަނުން ގަބޫލުކުރާ ނަމަ، އެއީ އެ ފަރާތްތަކަށް ކުރެވޭ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ގައުމަށްޓަކައި ގުރުބާންވި ޝަހީދުން ދެއްކި މަގުން "ސާބިތުކަމާއެކު" ކުރިއަށް ދިއުމަކީ ކަނޑުގެ ސިފައިންގެ ވާޖިބެއް ކަމަށެވެ. އަދި އެ ފަރާތްތަކުގެ ލެއިން އުފުލި ދިދަ އަބަދުވެސް އުފުލިފައި ހުންނާނެކަން ކަނޑުގެ ސިފައިން ކަށަވަރު ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އީރާނުގެ ރައްޔިތުންނާއި އިސްލާމީ ޖުމްހޫރިއްޔާގެ ހަތިޔާރު އެޅި ސިފައިންގެ ރޫހާއި ސާބިތުކަން ވަޒަންކުރުމުގައި ދުޝްމަނުންނަށް ވަނީ ނުބައި ހިސާބުތަކެއް ޖެހިފައި،" އިރާނީ ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، ގައުމަށްޓަކައި ޝަހީދުވި ފަރާތްތަކުން ދޫކުރި ތަރިކަ، އިއްޒަތާއި ގަދަރާއެކު ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ކޮމާންޑަރު އަލިއަޅުއްވާލެއްވި އެވެ. އީރާނުގެ މިނިވަންކަމާއި ގަދަރުވެރިކަމުގެ މަގުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކަނޑުގެ ސިފައިންގެ ކޮމާންޑަރު ވަނީ އެ ފައުޖަކީ ދިރިހުރި، ހަރަކާތްތެރި އަދި ބާރުގަދަ ފައުޖެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.










