އީރާނަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއްދީފި، އެތައް ސަރަހައްދުތަކަކުން ބާރުގަދަ ގޮވުންތަކުގެ އަޑުވަނީ އިވިފައި
1 ސެޕްޓެމްބަރު 2026 | އަންގާރަ 18:27ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރާއި އެމެރިކާ ސިފައިންނަށް އަމާޒުކޮށް އީރާނުން ހަމަލާދޭން އުޅޭކަމަށް ބުނެ، އެމެރިކާއިން އީރާނުގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި. މި ހަމަލާތަކުގެ ރައްދުގައި އީރާނުން އުރުދުންއާއި ޔޫއޭއީގައި ތިބި އެމެރިކާ ސިފައިންނަށް މިސައިލް ހަމަލާ ދީފައިވާއިރު، އެމެރިކާގެ ރައީސް ވަނީ އީރާނަށް ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ދެއްވާފައި

އެމެރިކާގެ އެމްފިބިއަސް އެސޯލްޓް ޝިޕް، ޔޫއެސްއެސް ބޮކްސާ (އެލްއެޗްޑީ 4) އަރަބި ކަނޑުގައި ދަތުރުކުރަމުންދަނިކޮށް، އެ މަނަވަރުގެ ފްލައިޓް ޑެކުން ޔޫއެޗް-1ވައި ވެނަމް މަލްޓި-ޕާޕަސް ހެލިކޮޕްޓަރެއް އުދުއްސާލުމަށް އެމެރިކާ ކަނޑުގެ ސިފައިންގެ އޮފިސަރަކު އިރުޝާދު ދެނީ | ސެންޓްކޮމް
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ އަމާޒުތަކަށް އެމެރިކާގެ އަސްކަރިއްޔާއިން އަންގާރަ ދުވަހު ހަމަލާދޭން ފަށައިފި އެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އަލުން ފެށުނު ކުރިމަތިލުންތަކުގެ ތެރެއިން ދިން އެންމެ ފަހުގެ ހަމަލާތަކެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާތަކަކީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ މުދާ އުފުލާ ބޯޓުފަހަރަށާއި، އެ ސަރަހައްދުގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް އައި.އާރް.ޖީ.ސީ އިން ދޭން އުޅުނު ހަމަލާތަކަކާ ގުޅިގެން ދިން ރައްދު ހަމަލާތަކެއް ކަމަށެވެ.
އީރާނުގެ ގިޝްމް ރަށާއި ހުރްމުޒް ކަނޑުއޮޅި ކައިރިން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން އަންގާރަ ދުވަހުގެ ކުރީކޮޅު ވަނީ ރިޕޯޓުކޮށްފަ އެވެ.
ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގިޝްމް ރަށުގެ މެސެން އަވަށާ ކައިރިން ފަސް ގޮވުމަކަށްވުރެ ގިނަ ގޮވުންތަކުގެ އަޑު ވަނީ އިވިފަ އެވެ. މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅި އޮތް ދިމާލުން އިތުރު ހަތަރު ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ވޮޝިންގޓަނުން ބުނި ގޮތުގައި، އެމެރިކާގެ ސިފައިން ލަރަކް ރަށުގައި ހުރި އީރާނުގެ ރޮކެޓް ލޯންޗަރުތަކަށް ހަމަލާދީފައިވަނީ، ކަނޑުދަތުރުފަތުރުގެ މުހިންމު މަގުތަކުގައި އީރާނުން މައިން ވަޅުލުން ހުއްޓުވުމަށެވެ.
މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ އުރުދުންއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފަ އެވެ. އީރާނުން ބުނި ގޮތުގައި އެ ގައުމުން އަމާޒުކޮށްފައިވަނީ އެ ގައުމުތަކުގައި ތިބި އެމެރިކާގެ ސިފައިންނަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ވަގުތު ވިދާޅުވީ އީރާނަށް "ވަރުގަދަ ހަމަލާއެއް" ދޭނެ ކަމަށެވެ. ފޮކްސް ނިއުސްގެ ރިޕޯޓަރަކާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުގެ އަމަލުތަކަށް ރައްދު ދޭނެ ކަމަށެވެ.










